ޖަމްޢިއްޔަތުއްްސަލަފުގެ ދަޢުވަތަކަށް މައްކާގެ އުއްމުލް ޤުރާ ޔުނިވާސިޓީގެ ޕްރޮފެސަރެއްކަމަށްވާ ލުޠުފުﷲ ޚައުޖާ ރާއްޖެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ޕްރޮފެސަރު ލުޠުފުﷲ ޚައުޖާ ރާއްޖެވަޑައިގަންނަވާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މިމަހު 14 އިން 17 އަށް ދީނީ ބައެއް ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ މިދަތުރުގައި މިބޭފުޅާގެ އެކިއެކި ދީނީ އިރުޝާދުތަކާއި ދަރުސްތައް ރޭވިފައިވާ ވެއެވެ. އޭގެތެރޭގައި ރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލު ކުރުމާއި، ޝަރުޢީ ޢިލްމު އުނގެނެމުންދާ ބައެއް ދަރިވަރުންނަށް ލެކްޗާތައް ދިނުމަށް ހަމަޖެހިފައެވެ.
“ދަރުސްތައް ބޮޑަށް އަމާޒު ކުރެވިފައިވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް. އަދި ޝަރުޢީ ޢިލްމު އުނގެނެމުންދާ ބައެއް ދަރިވަރުންނަށް ލެކްޗާތައް ދިނުމަށްވަނީ ހަމަޖެހިފަ. އަދި ޒަމާނީ މައްސަލަތަކާއި ގުޅޭގޮތުން ދީނިީ ޢިލްމުވެރިން ސަމާލުވާން ޖެހޭ ކަންކަމުގައި ލަފާ އެރުވުމަށް ވަނީ ހަމަޖެހިފަ” ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެފައިވެއެވެ.