Categories
ދީނީ ލިޔުން

ޢަރަފާތްދުވަހުގެ މާތްކަން

ޢަރަފާތު ދުވަހަކީ ކޮންމެ އަހަރަކުވެސް ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ.


1. ޢަރަފާތް ދުވަހަކީ ކޮބާ ހެއްޔެވެ؟ އެދުވަސް މާތްވީ ކީއްވެގެން ހެއްޔެވެ؟


* ޢަރަފާތު ދުވަހަކީ ކޮންމެ އަހަރަކުވެސް ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ.

* އެދުވަހަކީ ވަރަށް ގިނަ ހެޔޮކަން ޖަމާވެފައިވާ ދުވަހެކެވެ.


އެދުވަހުގެ މާތްކަމުގެ ތެރޭގައީ:


1-  އެދުވަހަކީ ދީން ފުރިހަމަކުރެއްވި ދުވަހެވެ.


ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

أَنَّ رَجُلًا، مِنَ اليَهُودِ قَالَ لَهُ: يَا أَمِيرَ المُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا، لَوْ عَلَيْنَا مَعْشَرَ اليَهُودِ نَزَلَتْ، لاَتَّخَذْنَا ذَلِكَ اليَوْمَ عِيدًا.

قَالَ: أَيُّ آيَةٍ؟

قَالَ: {اليَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا} [المائدة: 3]

قَالَ عُمَرُ: «قَدْ عَرَفْنَا ذَلِكَ اليَوْمَ، وَالمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ» [رواه البخاري في صحيحه برقم: (45)]

މާނައީ: ހަމަކަށަވަރުން ޔަހޫދީންގެ މީހަކު ޢުމަރުގެފާނަށް ދެންނެވިއެވެ. “އޭ މުއުމިނުންގެ އަމީރެވެ. ތިޔަބޭކަލުންގެ ފޮތުން (އެބަހީ: ޤުރުއާނުން) ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތް ތިމަންމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެ އާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދުދުވަހެއްކަމުގައި އަހަރުމެން ހެދީމުއެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ. “އެއީ ކޮން އާޔަތެއް ހެއްޔެވެ؟”

އޭނާ ދެންނެވިއެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)

މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމުދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަނާއި، ދުވަސް ތިމަން ބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުބިމުގައި ހުންނަވަނިކޮށް ބާވައިލެއްވުނު އާޔަތެކެވެ.”


2- އެދުވަހުގައި ކުރާ ދުޢާއަކީ އެންމެ ހެޔޮ ދުޢާއެވެ.


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 «خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ» [رواه الترمذي برقم: (3585) وحسنه الألباني في صحيح الترغيب والترهيب برقم: (1536)]

މާނައީ: “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ.”


3- ޢަރަފާތު ދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ.


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الْحَجُّ عَرَفَةُ» [رواه الترمذي برقم: (883)، والنسائي (3044)]

މާނައީ: “ޙައްޖަކީ ޢަރަފާތެވެ.”


4- އެދުވަހަކީ އެންމެ ގިނަ މީހުން ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. އަދި އެދުވަހުގައި ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނާ ކުއްތަންވެވޮޑިގަންނަވާނެއެވެ.


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ، مِنْ يَوْمِ عَرَفَةَ، وَإِنَّهُ لَيَدْنُو، ثُمَّ يُبَاهِي بِهِمِ الْمَلَائِكَةَ، فَيَقُولُ: مَا أَرَادَ هَؤُلَاءِ؟ ” [رواه مسلم في صحيحه برقم: 436 – (1348)]

މާނައީ: “ޢަރަފާތް ދުވަހަކީ ﷲ ތަޢާލާގެ އަޅުތަކުންކުރެ އެންމެ ގިނަ މީސްތަކުން އެދުވަހެއްގައި ނަރައިން މުއްތި ކުރައްވާނެ ދުވަހެވެ. އަދި ހަމަކަށަވަރުން އެދުވަހުގައި އެއިލާހު ކުއްތަންވެވޮޑިގަންނަވާނެއެވެ. އަދި މަލާއިކަތުންގެ އަރިހުގައި ފަޚުރުވެރިވެވޮޑިގަންނަވާފައި ވަޙީކުރައްވާނެއެވެ. މިބައިމީހުން އެދެނީ ކޮންކަމެއް ހެއްޔެވެ؟”



2. އެދުވަހުގެ ރޯދައިން ލިބޭ ޘަވާބަކީ ކޮބާ ހެއްޔެވެ؟


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ» [رواه مسلم في صحيحه برقم: 196 –  (1162)]

މާނައީ: ”ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

ޙައްޖުވެރިން ފިޔަވައި އެހެނިހެން މުސްލިމުން އެދުވަހުގައި ރޯދަ ހިފުމަކީ ސުންނަތެކެވެ.



3. ޢަރަފާތްދުވަސް ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ ހަމައެކަނި އެދުވަހު ރޯދައަށް ހުރެވިދާނެ ހެއްޔެވެ؟


ހޮނިހިރު ދުވަހު ރޯދަހިފުމުގެ 5 ޙާލަތެއްވެއެވެ. [1]


ފުރަތަމަ ޙާލަތު: ފަރުޟު ރޯދަ ހިފުން


މިސާލަކަށް ރަމަޟާންމަހުގެ ރޯދަ އަދާއަށް ނުވަތަ ޤަޟާއަށް ހިފުން ނުވަތަ ކައްފާރާ ރޯދައެއް ހިފުން ނުވަތަ (ޙައްޖުގައި) ކަތިލާނެ ހަދްޔު ނުލިބިގެން ރޯދަ ހިފުމެވެ. ފަހެ އެދުވަހު ފަރުޟު ރޯދަ ހިފުމުގައި ޚާއްޞަކަމެއް ނެތްކަމަށް އިޢުތިޤާދުކުރާ ޙާލު އެދުވަހު މިފަދައިން ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ.


ދެވަނަ ޙާލަތު: ހުކުރުދުވަހުގައި ރޯދަ ހިފާފައި ދެން ހޮނިހިރު ދުވަހު ރޯދަ ހިފުން


މިފަދައިން ރޯދަހިފުމަކީވެސް މައްސަލައެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم، އެކަލޭގެފާނުގެ އަނބިކަނބަލެއް ހުކުރު ދުވަހު ރޯދަ ހިއްޕެވުމުން ޙަދީޘްކުރެއްވިއެވެ. “އިއްޔެ (އެބަހީ: ބުރާސްފަތި ދުވަހު) ރޯދައަށް ހުންނެވިން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. ނޫނެކެވެ. ދެން ޙަދީޘްކުރެއްވިއެވެ. “މާދަމާ (އެބަހީ: ހޮނިހިރު ދުވަހު) ރޯދައަށް ހުންނަވާނަން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(މިއަދުގެ) ރޯދަ ދޫކޮށްލައްވާށެވެ.” [2]

“މާދަމާ (އެބަހީ: ހޮނިހިރު ދުވަހު) ރޯދައަށް ހުންނަވާނަން ހެއްޔެވެ؟” މިފަދައިން އެކަލޭގެފާނު ޙަދީޘްކުރެއްވުމުން ދަލީލު ލިބެނީ ހުކުރު ދުވަހާއެކު ހޮނިހިރު ދުވަހު ރޯދަ ހިފިދާނެކަމެވެ.


ތިންވަނަ ޙާލަތު: ޝަރުޢުކުރައްވާފައިވާ ރޯދަތަކެއް ހޮނިހިރު ދުވަހުގައި ހިފުން


މިސާލަކަށް ހަނދުމަހުން ތިންދުވަހު ހިފާ ރޯދައާއި ޢަރަފާތްދުވަހުގެ ރޯދައާއި ޢާޝޫރާ ދުވަހުގެ ރޯދައާއި ރަމަޟާންމަހުގެ ރޯދަ ހިފި މީހަކު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމާ އަދި ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމެވެ. ފަހެ އެފަދައިން ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެފަދަ މީހަކު ރޯދަ އެހިފަނީ އެއީ ހޮނިހިރު ދުވަހަށްވުމުންނެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެފަދަ މީހަކު ރޯދަ އެހިފަނީ އެދުވަސްތަކަކީ ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަސްތަކަކަށްވާތީއެވެ.


ހަތަރުވަނަ ޙާލަތު: ޢާދަކޮށް ހިފަމުން ދިޔަ ރޯދައަކާ ހޮނިހިރު ދުވަސް ދިމާވުން


މިސާލަކަށް ދެދުވަހުން އެއްދުވަހު ރޯދަހިފަމުންދާ މީހަކާ ހޮނިހިރު ދުވަސް ދިމާވެއްޖެނަމަ ފަހެ އެދުވަހުގައި ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އެހެނީ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ރޯދަ ހިފުން ނަހީކުރައްވަމުން ނަބިއްޔާ صلى الله عليه وسلم އެކަމުން އިސްތިޘްނާކުރައްވާފައިވަނީ އާދައިގެ މަތިން ރޯދަ ހިފަމުންދާ މީހުންނެވެ. އެފަދަ މީހަކަށް އެފަދަ ދުވަހެއްގައިވެސް ރޯދަ ހިފިދާނެއެވެ. މިއީވެސް ހަމަ އެފަދަ ކަމެކެވެ.


ފަސްވަނަ ޙާލަތު: (އެއްވެސް ސަބަބަކާ ނުލައި) ހަމައެކަނި ސުންނަތް ރޯދައެއް އެދުވަހު ހިފުން


މިކަމުގައި އައިސްފައިވާ ޙަދީޘް ޞައްޙަނަމަ މިއީ ނަހީކުރައްވާފައިވާ ކަމެކެވެ.

މިކަމުގައި ވާރިދުވެފައިވާ ޙަދީޘަކީ އަންނަނިވި ޙަދީޘެވެ.

«لَا تَصُومُوا يَوْمَ السَّبْتِ إِلَّا فِيمَا افْتُرِضَ عَلَيْكُمْ» [أخرجه أبو داود برقم: (1726) وصححه الألباني في صحيح أبي داود برقم: (2092) وأخرجه غيره أيضا]

މާނައީ: “ފަރުޟު ރޯދައެއް ފިޔަވައި ހޮނިހިރު ދުވަހު ނުހިފާށެވެ.”

މިޙަދީޘަށް ބުރަވެވަޑައިގެން ޝައިޚު ނާޞިރުއްދީން އަލްއަލްބާނީ رحمه الله ދެކެވަޑައިގަންނަވަނީ ފަރުޟުރޯދަތައް ފިޔަވައި އެހެން ރޯދައެއް އެދުވަހުގައި ނުހިފުމަށެވެ. [3]

އެހެނަސް ފަރުޟު ރޯދަތައް ފިޔަވައި އެހެން ރޯދަތައްވެސް އެކި ޙާލަތްތަކުގައި ހޮނިހިރު ދުވަހު ހިފިދާނެކަމަށް އެހެނިހެން ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ. މިގޮތަށް ބުރަވެވަޑައިގަންނަވާ ބައެއް ޢިލްމުވެރިންގެ ތެރޭގައި އަބޫ ޖަޢުފަރު އައްޠަޙާވީއާއި [4] އިބްނު ޤުދާމާއާއި [5] އައްނަވަވީއާއި [6] އިބްނުލް ޤައްޔިމު [7] رحمهم الله ހިމެނިވަޑައިގަންނަވައެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝައިޚު ޢުޘައިމީން رحمه الله ވެސް އިޚްތިޔާރުކުރައްވާފައިވަނީ މިބަސްފުޅެވެ. [8]



4. ރަމަޟާންމަހުގެ ޤަޟާ ރޯދައެއް އެދުވަހު ހިފައިފިއްޔާ ޢަރަފާތު ދުވަހުގެ ރޯދައިގެ ޘަވާބު ލިބޭނެ ހެއްޔެވެ؟


ޤަޟާ ރޯދަ ހިފުމުން ޢަރަފާތް ދުވަހުގެ ރޯދައިގެ ޘަވާބު ލިބޭނެކަމަށް އުންމީދުކުރެވެއެވެ. [9]



5. ޢަރަފާތު ދުވަހު ކުރުމަށް އެންމެ ރަނގަޅީ ކޮން ދުޢާއެއް ހެއްޔެވެ؟


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» [رواه الترمذي برقم: (3585) وحسنه الألباني في صحيح الترغيب والترهيب برقم: (1536)]

މާނައީ: “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި  ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންވެސް އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ المُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިދުޢާއެވެ.”

ޙައްޖުވެރިން އެދުވަހުގައި ގިނައިން ދުޢާކުރުމަށް ސަމާލުކަންދޭން ވާނެއެވެ. އަދި އެހެނިހެން މުސްލިމުންވެސް އެދުވަހު ދުޢާކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުން އެދެވިގެންވެއެވެ. [10]



[1] ބައްލަވާ: مجموع فتاوى ورسائل للعثيمين (20/57 – 58).

[2] ބައްލަވާ: صحيح البخاري، رقم الحديث: (1986)

[3] ބައްލަވާ: تمام المنة للألباني (ص: 406).

[4] ބައްލަވާ: شرح معاني الآثار للطحاوي (2/80).

[5] ބައްލަވާ: المغني لابن قدامة (3/171).

[6 ބައްލަވާ: المجموع للنووي (6/440).

[7] ބައްލަވާ: زاد المعاد لابن القيم (2/76).

[8] ބައްލަވާ: مجموع فتاوى ورسائل للعثيمين (20/57 – 58).

[9] ބައްލަވާ: مجموع فتاوى ورسائل للعثيمين (20/48).

[10] ބައްލަވާ: المغني لابن قدامة (2/296).

Leave a Reply

Your email address will not be published. Required fields are marked *