Categories
ދީނީ ލިޔުން

“އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.”

ތަމްހީދު:


ﷲ ތަޢާލާ ޚަބަރުދެއްވާފައިވާ ގޮތުގައި، ސުވަރުގެއަކީ ނަފްސުތައް އެދޭ އެދުންތައް އެތަނުގައި ލައްވާފައިވާ ތަނެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَفِيهَا مَا تَشْتَهِيهِ الْأَنفُسُ﴾ [سورة الزخرف ٧١]

“އަދި އެތަނުގައި ނަފްސުތައް އެދޭ ހުރިހާ އެއްޗެއް ވެއެވެ.”

އަދި ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޚަބަރުދެއްވަނީ ސުވަރުގެވަންތަވެރިން ކުރެ މީހަކު އެތަނުގައި ދަނޑު ގޮވާންކުރަން ބޭނުންވާނެކަމުގައެވެ. އޭނާ އެތަނުގައި އޮށެއް އިންދާއިރަށް ދަނޑުގޮވާންކުރުމުގެ ހުރިހާ މަރުޙަލާއެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމިގެން ދާނެއެވެ.  



ޙަދީޘްގެ ނައްޞު:


އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުގައި، ރަށްފުށު ހިސާބެއްގެ މީހަކު އިންނަވަނިކޮށް ޙަދީޘްކުރެއްވިއެވެ.  

((أَنَّ رَجُلًا مِنْ أَهْلِ الجَنَّةِ اسْتَأْذَنَ رَبَّهُ فِي الزَّرْعِ، فَقَالَ لَهُ: أَوَلَسْتَ فِيمَا شِئْتَ؟ قَالَ: بَلَى، وَلَكِنِّي أُحِبُّ أَنْ أَزْرَعَ، فَأَسْرَعَ وَبَذَرَ، فَتَبَادَرَ الطَّرْفَ نَبَاتُهُ وَاسْتِوَاؤُهُ وَاسْتِحْصَادُهُ وَتَكْوِيرُهُ أَمْثَالَ الجِبَالِ، فَيَقُولُ اللَّهُ تَعَالَى: دُونَكَ يَا ابْنَ آدَمَ، فَإِنَّهُ لاَ يُشْبِعُكَ شَيْءٌ))

މާނައީ: “ހަމަކަށަވަރުން ސުވަރުގޭގެ އަހުލުވެރިންކުރެ މީހަކު ދަނޑު ގޮވާންކުރުމުގެ ހުއްދައަށް އޭނާގެ ރައްބުގެ ޙަޟްރަތުން އެދިއްޖެއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ. ތިބާ ބޭނުންވިހާ އެއްޗެއް ނުލިބޭ ހެއްޔެވެ؟ އެމީހާ ދަންނަވައިފިއެވެ. ނޫނެކެވެ. އެހެނަސް ތިމަން ވަރަށް ދަނޑުހައްދާ ހިތްވެއެވެ. (ދެން އެމީހާއަށް އެކަންކުރުމަށް އިޛުނަދެއްވުމުން) އޭނާ އެތަނުގައި އަވަސްއަވަހަށް އޮށްތައް އުކައިފިއެވެ. ފަހެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް އެސްފިޔަވެސް ޖަހާނުލެވެނީސް އެގަސްތައް ކުރިފަޅައި، ބޮޑުވުމުން، އެކަނޑައި ފަރުބަދަތަކެއްހާ ގިނަ ތަކެތި އެއިން ޖަމާވެއްޖެއެވެ. ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.”

އެތަނުގައި އިން ރަށްފުށު ހިސާބުމީހާ ދަންނަވައިފިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ތިޔަ ވާނީ ޤުރައިޝުން ނުވަތަ އަންޞާރުން ކުރެ ބޭކަލަކަށެވެ. އެހެނީ އެއީ ދަނޑުވެރި ބޭކަލުންތަކެކެވެ. ފަހެ ތިމަން ބޭކަލުންނާމެދު ދަންނައެވެ. ތިމަން ބޭކަލުން ދަނޑު ހައްދާ ނޫޅުއްވަމެވެ.”

ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަމާ ހިނިވަރުނަކުރެއްވިއެވެ.



ޙަދީޘްގެ ތަޚްރީޖު:


އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރެއްވިއެވެ.

كتاب التوحيد، باب كلام الرب مع أهل الجنة، ورقمه: 7519. وانظره في كتاب المزارعة ورقمه: 2348.



ޙަދީޘްގެ ބައެއް ލަފްޒުތަކުގެ މާނަ:


بَذَرَ (އޮށްތައް އުކައިފިއެވެ.) : ބިންމައްޗަށް އޮށްތައް އުކައިފިއެވެ.

فَتَبَادَرَ الطَّرْفَ (ފަހެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް އެސްފިޔަވެސް ޖަހާނުލެވެނީސް) :  އެ ބޮޑުވެ، އޭނާއަށް އެ ކަނޑާ މަރުޙަލާތައް ރަނގަޅަށް ނުވެސް ފެންނަނީސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަން ނިމިއްޖެއެވެ.

دُونَكَ (އޭގައި ހިފާށެވެ.)



ޙަދީޘްގެ ޝަރަޙަ:


އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުގައި ރަށްފުށު ހިސާބެއްގެ މީހަކު އިންނަވަނިކޮށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.  

ހަމަކަށަވަރުން ސުވަރުގޭގެ އަހުލުވެރިންކުރެ މީހަކު ދަނޑު ގޮވާންކުރުމުގެ ހުއްދައަކަށް އޭނާގެ ރައްބުގެ ޙަޟްރަތުން އެދިއްޖެއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ. ތިބާ ބޭނުންވިހާ އެއްޗެއް ނުލިބޭ ހެއްޔެވެ؟ ތިބާ ބޭނުންވާހާ އެއްޗެއް އަދި އެދޭހާ އެއްޗެއް ކުރިމަތީގައި ނުވޭ ހެއްޔެވެ. އެމީހާ އެކަމަށް އިޤުރާރުވިއެވެ. އެހެނަސް އެއާއެކުވެސް އޭނާ ހަމަ ދަނޑުހައްދާ ހިތްވަނީ އެވެ.  

އެމީހާއަކީ ދުނިޔަވީ ޙަޔާތުގައި ދަނޑު ހެއްދުމުގައި އުޅުނު މީހަކަށް ވުމުން އެކަންކުރާ ހިތްވީ ކަމުގައިވެދާނެއެވެ. އެހެނީ ވަރަށް ގިނަމީހުން އެމީހުން ކުޑައިރުއްސުރެ ކުރާކަމެއް ނުވަތަ ޒުވާން ދުވަސްވަރު ކުރާ ކަންތައްތައް ކުރާހިތް ވެދާނެއެވެ.

ދެން އެމީހާއަށް އެކަންކުރުމަށް އިޛުނަދެއްވުމުން، ފަހެ އޭނާ ސުވަރުގޭގެ ބިމުގައި އޮށް އިންދައިފިއެވެ. އިސާހިތަކު އެއޮށްތަކުން ގަސްފަޅައިފިއެވެ. އަދި ގަސްގަނޑު ނުކުމެ ދޮންވެ ފައްކާވެއްޖެއެވެ. އަދި ގޮވާންކެނޑޭވަރު ވެއްޖެއެވެ. އަދި އެކަނޑައި ފަރުބަތަކެއްހާ ގިނަ ތަކެތި އެއިން ޖަމާވެއްޖެއެވެ.

ދުނިޔޭގެ ދަނޑުތައް ހެއްދުމަށް ވަރަށް ގިނަ މަރުޙަލާތަކާއި ވަގުތު ބޭނުންވެއެވެ. އެހެނަސް ސުވަރުގޭގައި އެފަދަ ބުރައެއް އުފުލާކަށް ނުޖެހޭނެއެވެ.

ދެން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.”

ފަހެ އެތަނުގައި އިން ރަށްފުށު ހިސާބުމީހާއަށް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެއިވުނު ވާހަކަތަކާމެދު ދަންނަވައިފިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިޔަ ވާނީ ޤުރައިޝުން ނުވަތަ އަންޞާރުން ކުރެ ބޭކަލަކަށެވެ. އެހެނީ އެއީ ދަނޑުވެރި ބޭކަލުންތަކެކެވެ. އެބޭކަލުން ވަރަށް އެކަން ކުރާ ހިތްވާނެއެވެ. އެހެނަސް އެ ރަށްފުށު ހިސާބުމީހާއާއި އޭނާގެ ޤައުމުގެ މީހުންނަކީ ދަނޑު ހައްދާ ބައެއް ނޫނެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަމާ ހިނިވަރުނަކުރެއްވިއެވެ.

ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ މަޖިލީހުގައި އެކިޔައިދެއްވި ވާހަކައަކީ އެމަޖިލީހަށް އުފާވެރި ޖައްވެއް ގެނެސްދިން ވާހަކައެކެވެ. ފަހެ އެއީ ވަރަށް ހެއްވާ އަދި މަޖާވެސް ވާހަކައެކެވެ. އަދި އެ ރަށްފުށު މީހާ އެވާހަކައަށް އިތުރުކޮށްލި ތަންކޮޅަކީ އެކަމާމެދު ރަސޫލާ  صلى الله عليه وسلم ވެސް ހިނިވަރުނަކުރެއްވިކަމެކެވެ. އަދި އެކަމާ މެދު އެކަލޭގެފާނުގެ އުފާވެރިކަންވެސް އިތުރުވެގެން ދިޔައެވެ.



ޙަދީޘްގައިވާ ޢިބުރަތްތަކާއި ފައިދާތަކާއި ޙުކުމްތައް:


1- ސުވަރުގޭގައި އަޅާގެ ހިތާއި ނަފްސު އެދޭ ހުރިހާކަމެއް ވެއެވެ. ފަހެ އެމީހާ ސުވަރުގޭގައި އެދުނީ ދަނޑުގޮވާން ކުރާށެވެ. ފަހެ އެމީހާގެ އެދުމަށް ﷲ ތަޢާލާ އިޖާބަދެއްވާ އޭނާއަށް އެކަން ދެއްވިއެވެ.  

2- ހެޔޮކަން އިތުރުކުރުމީ ފިޠުރީ ގޮތުންވެސް ނަފްސުތަކުގައިވާ ޞިފައެކެވެ. ސުވަރުގޭގައިވެސް އެކަން ހިނގާނެއެވެ. އެމީހާ އެހުރި ހެޔޮކަމާއެކުވެސް އެމީހާ ބޭނުންވާނީ ދަނޑުގޮވާންކުރާށެވެ.

3- ސުވަރުގޭގައި ދަނޑު ހެއްދުމަށް ދުނިޔޭގައި ބޭނުންވާ ފަދައިން މާ ގިނަ އިރުތަކެއް ނުވެއެވެ. އަދި އެތަނުގައިވާ ގަސްތަކުގެ މޭވާވެސް އެފަދައެވެ. ފަހެ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއިން މޭވާ ކެނޑުމުން އެގަސްތަކުގެ ގޮފީގައި ކުރިން ހުރި މޭވާ ފަދައިން ވަގުތުން މޭވާ އަޅައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ هَـٰذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ﴾ [سورة ص ٥٤]

މާނައީ: “ހަމަކަށަވަރުން މިއީ ތިމަންއިލާހު ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއް ނުވެއެވެ.”   

4- ސުވަރުގޭގެ އަހުލުވެރިންގެ ޙަޔާތުގައި ވަރަށް އުފާ އަދި މަޖާ ކަންތައްތައް ހިނގާނެއެވެ. އަދި އެވާހަކަތައް އަޑުއަހާ މީހަކަށްވެސް އެކަމުން އުފާވެރިކަން ލިބިގެންދާނެއެވެ.

5- ރަސޫލާ صلى الله عليه وسلم ގެ މަޖްލިސްތަކަކީ އެކިއެކި އުފާވެރި ވާހަކަތައް ދެކެވުނު މަޖިލިސްތަކެކެވެ. އަޑުއަހާ މީހުންނަށްވެސް އެއިން އުފާވެރިކަން ލިބިގެންދެއެވެ. އެކަލޭގެފާނު އެމަޖްލިސްތަކުގައި ހިނިވަރުނަކޮށް އުޅުއްވިއެވެ.

6- ބައެއް ފަލްސަފާވެރިންނާއި ނަޞާރާއިން ދަޢުވާ ކުރާ ގޮތުގައި ސުވަރުގޭގެ ޙަޔާތަކީ މާއްދީ ހުރިހާ ކަމަކުން ދުރުވެގެންވާ ރޫޙާނީ ޙަޔާތެކެވެ. އެހެނަސް އެއީ ތެދުވާހަކައެއް ނޫނެވެ. ސުވަރުގޭގެ އަހުލުވެރިން ކައިބޮއި ހަދާނެއެވެ.

7- ސުވަރުގޭގައި ﷲ ތަޢާލާގެ އަޅުތަކުން އެއިލާހާ ވާހަކަ ދައްކާނެއެވެ. އަދި އެއިލާހުވެސް އެބައިމީހުންނަށް ބަސްވަޙީކުރައްވާނެއެވެ. އެއީ މިޙާދިޘާގައި ދަނޑުގޮވާންކުރަން އެދުނުމީހާ ވާހަކަދެއްކި ފަދައިންނެވެ.


މަޞްދަރު: قصص الغيب في صحيح الحديث النبوي

Categories
ދީނީ ލިޔުން

ހެޔޮ ޢަމަލުތައް ޤަބޫލުވެވޭ ސަބަބުތަކާއި ބާޠިލުވާ ސަބަބުތައް

إنَّ الحمدَ للَّهِ، نحمَدُه ونَستعينُه ونَستغفرُه، ونعوذُ باللَّه من شُرورِ أنفُسِنا، ومن سيِّئات أعمالِنا، من يهدِه اللَّهُ فلا مُضِلَّ له، ومن يُضلِلْ فلا هاديَ له، وأشهدُ ألَّا إله إلَّا اللَّهُ وحده لا شريك له، وأشهدُ أنَّ مُحمَّداً عبدُه ورسولُه، صلَّى اللَّهُ عليه وعلى آله وأصحابه وسلَّم تسليماً كثيراً.

މަޚްލޫޤުން ޚަލްޤުކުރެއްވުމުގެ އެންމެ މަތިވެރި މަޤްޞަދަކީ ﷲ ތަޢާލާ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންކުރުމެވެ. އޭގެ ސަބަބުން ބިން އާރާސްތުވެގެންދެއެވެ. އަދި މީސްތަކުންނަށް ބާއްޖަވެރިކަން ލިބިގެންދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [سورة النحل 97]

މާނައީ: “މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިހު ޢަމަލެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންއިލާހު ޖަޒާދެއްވާ ހުށީމެވެ.”

އަޅުތަކުންގެ ކިބައިން ހެޔޮކަމެއް މެނުވީ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވައެވެ. ހެޔޮޢަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަދި އެއިލާހު ޤަބޫލުފުޅު ކުރައްވާކަމެކެވެ.

ޢަމަލުތައް ޤަބޫލުވުމުގައި ބަލާ މައިގަނޑު އަސާސަކީ ﷲ އަށް އީމާންވުމާއި އެއިލާހުގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَنْ أَرَادَ الْآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُمْ مَشْكُورًا﴾ [سورة الإسراء 19]

މާނައި: “މުއުމިނަކު ކަމުގައިވާ ޙާލު، އާޚިރަތަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް ޤަބޫލުވެވިގެންވާ މީހުންނެވެ.”

ކާފިރުންގެ ޢަމަލުތައް އާޚިރަތްދުވަހުގައި ޤަބޫލު ނުވެވޭނެއެވެ. އެއީ ކިތަންމެ ބޮޑު ޢަމަލެއް އެބައިމީހުންކުރިކަމުގައި ވިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا﴾ [سورة الفرقان 23]

މާނައި: “އަދި ޢަމަލުގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންއިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.”

އޭނާ ކުރި ހެޔޮކަންކަމުގެ ޖަޒާ ދުނިޔޭގައި ދެއްވޭނެއެވެ. ނަމަވެސް އާޚިރަތުގައި އޭނާއަށް އެކަމުން ފައިދާއެއް ނުކުރާނެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

((يَا رَسُولَ اللهِ، ابْنُ جُدْعَانَ كَانَ فِي الْجَاهِلِيَّةِ يَصِلُ الرَّحِمَ، وَيُطْعِمُ الْمِسْكِينَ، فَهَلْ ذَاكَ نَافِعُهُ؟ قَالَ: لَا يَنْفَعُهُ، إِنَّهُ لَمْ يَقُلْ يَوْمًا: رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ)) [رواه مسلم]

މާނައީ: “އޭ ﷲގެ ރަސޫލާއެވެ! އިބްނު ޖުދްޢާނަކީ ޖާހިލިއްޔަ ޒަމާނުގައި ރަޙިމުގެ ގުޅުން ޤާއިމުކޮށް މިސްކީނުންނަށް ކާންދީ އުޅުނު މީހެކެވެ. އޭނާއަށް އޭގެ ސަބަބުން (އާޚިރަތުގައި ފައިދާ ކުރާނެ ހެއްޔެވެ.) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާއަށް ފައިދާއެއް ނުކުރާނެއެވެ. އެހެނީ އޭނާ ދުވަހަކުވެސް މިފަދައިން ބުނެފައި ނުވެއެވެ. “އަޅުގެ ރައްބެވެ! ޤިޔާމަތްދުވަހު މިއަޅާގެ ފާފަ ފުއްސަވާނދޭވެ!”

އަދި އިސްލާމްކަން ފާޅުކޮށްފައި އެއާ ޚިލާފުކަމެއް (އެބަހީ: ނިފާޤުކަން) ވަންހަނާކޮށްފި މީހަކަށްވެސް އެމީހަކު އެ ފާޅުކުރިކަމަކުން ފައިދާއެއް ނުކުރާނެއެވެ. އަދި އެމީހެއްގެ ޢަމަލުތައް ޤަބޫލު ނުކުރައްވާނެއެވެ. މުނާފިޤުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ أَنْفِقُوا طَوْعًا أَوْ كَرْهًا لَنْ يُتَقَبَّلَ مِنْكُمْ إِنَّكُمْ كُنْتُمْ قَوْمًا فَاسِقِينَ * وَمَا مَنَعَهُمْ أَنْ تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَارِهُونَ﴾ [سورة التوبة 53-54]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުހުމުގައި، ނުވަތަ ނުރުހުމުގައި ހޭދަކުރިޔަސް، ތިޔަބައިމީހުންގެ ކިބައިން އެކަން ޤަބޫލު ނުކުރައްވާ ހުށްޓެވެ. އެހެނީ ހަމަކަށަވަރުން، ތިޔަބައިމީހުންވީ، ފާސިޤު ބަޔަކު ކަމުގައެވެ. [53] އަދި ހަމަކަށަވަރުން އެއުރެން ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށް ކާފިރުވިކަމާއި، އެއުރެން ކަންނެތް ޙާލުގައި މެނުވީ، ނަމާދަށް ނާންނަކަމާއި، ނުރުހިތިބި ބަޔަކު ކަމުގައިވާ ޙާލުގައި މެނުވީ ހޭދަނުކުރާކަމާއި، މިކަންކަން ފިޔަވައި އެއުރެންގެ ހޭދަތައް އެއުރެންގެ ކިބައިން ޤަބޫލުކުރެއްވުން މަނާކުރާކަމެއް ނެތެވެ. [54]”

އަޅުކަންތައް ބިނާވަނީ ނިޔަތާއި ޢަމަލުގެ މައްޗަށެވެ. އެކަންކަން ޤަބޫލުވެވެނީ ޤަޞްދުކުރުމުގައި އިޚްލާޞްތެރިވުމާއި ޢަމަލުގައި އިޙްސާންތެރިވުމުންނެވެ. އިޚްލާޞްތެރިވުމުން ނިޔަތް ރަނގަޅުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމުން ޢަމަލު ރަނގަޅުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ [سورة الكهف 110]

މާނައީ: “ފަހެ، އެމީހެއްގެ ރައްބާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ރައްބަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާހުށިކަމެވެ!”

އިސްލާމްދީން ބިނާވެގެންވަނީ މައިގަނޑު ދެ އަޞްލެއްގެ މައްޗަށެވެ. އެއީ ﷲ ތަޢާލާ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންކުރުމާއި އެއިލާހު ޝަރުޢުކުރެއްވިގޮތަށް އެއިލާހަށް އަޅުކަންކުރުމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެންނެވި ގޮތެވެ. ޝަހާދަތުގެ ދެކަލިމައިގެ ޙަޤީޤަތަކީ މިއީއެވެ. ﷲ ތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ އެބައިމީހުން އިޚްލާޞްތެރިވާ މިންވަރާއި ނަބިއްޔާ صلى الله عليه وسلم އަށް ތަބާވާ މިންވަރު އިމްތިޙާނުކުރެއްވުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ * الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا﴾ [سورة الملك 1-2]

މާނައީ: “އެއިލާހުގެ އަތްޕުޅުގައި އެންމެހާ ވެރިކަމެއްވާ އިލާހު، ހެޔޮކަން އިތުރުވެ މަތިވެރިވެގެންވެއެވެ. އެއިލާހީ އެންމެހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. [1] އެއީ ޢަމަލުގައި އެންމެ ހެޔޮވެގެންވަނީ ތިޔަބައިމީހުންކުރެ ކާކުތޯ އިމްތިޙާނު ކުރެއްވުމަށް މަރާއި ދިރުން ޚަލްޤުކުރެއްވި އިލާހެވެ. [2]”

އެބަހީ: އެންމެ ޚާލިޞްކޮށް އަދި އެންމެ ރަނގަޅަށް ޢަމަލުކުރަނީ ކޮންބައެއްކަން އިމްތިޙާނުކުރެއްވުމަށެވެ.

ފުޟައިލު ބުން ޢިޔާޟް رحمه الله ވިދާޅުވިއެވެ.

“އިޚްލާޞްތެރިކަމާއެކު ޢަމަލު ކުރިޔަސް ނުރަނގަޅު ޢަމަލެއް ކޮށްފިނަމަ އެޢަމަލެއް ޤަބޫލު ނުވެވޭނެއެވެ. އަދި ރަނގަޅު ޢަމަލެއް ކުރިޔަސް އިޚްލާޞްތެރި ނުވެއްޖެނަމަ އެޢަމަލެއް ޤަބޫލު ނުވެވޭނެއެވެ. އިޚްލާޞްތެރިކަމާއެކު ރަނގަޅު ޢަމަލެއް ކޮށްފުމަށް ދާންދެން ޢަމަލު ޤަބޫލު ނުވެވޭ ހުއްޓެވެ.”

އިޚްލާޞްތެރިވުމަކީ: ﷲއަށްޓަކައި އެކަމެއް ކުރުމެވެ.

ރަނގަޅު ޢަމަލަކީ: ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އެކަމެއް އައިސްފައިވާ ގޮތަށް އެކަމެއް ކުރުމެވެ.

އިޚްލާޞްތެރިކަމުގެ ޙަޤީޤަތަކީ: ﷲއަށް ކިޔަމަންގަނެ، ޢަމަލެއްކުރާއިރު އެއިލާހުގެ ވަޖުހުފުޅު އަދައިގެން އެކަމެއް ކުރުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ﴾ [سورة الزمر 2]

މާނައީ: “اللَّه އަށް ޢަމަލުތައް ޚާލިޞްކުރާ ޙާލު ކަލޭގެފާނު އެއިލާހަށް އަޅުކަން ކުރައްވާށެވެ!”

މުސްލިމު އަޅާ ﷲއަށް ކިޔަމަންގަނެ ކުރާ ހުރިހާ ޢަމަލެއްގައިވެސް އެއިލާހަށް އިޚްލާޞްތެރިވެ ޢަމަލުކުރުމަށް އަމުރުވެވިގެންވެއެވެ. އަދި އެކަމަށްޓަކައި އެއްވެސް މަޚްލޫޤެއްގެ ކިބައިން ޝުކުރަކަށް އަދި ޖަޒާއަކަށް އެދުމެއް ނުވެއެވެ.

ޢަމަލު ޤަބޫލުވެވުމުގެ އަސާސަކީ ހިތް ރަނގަޅުވުމެވެ. އަދި ޢަމަލުތައް ރަނގަޅުވަނީ ނިޔަތް ރަނގަޅުވެގެންނެވެ. ޢަމަލުކޮށްގެން ނުދެވޭ ހިސާބަށް ނިޔަތުގެ ސަބަބުން ދެވިދާނެއެވެ. ކުޑަ ޢަމަލެއްވެސް ނިޔަތުގެ ސަބަބުން މަތިވެރިވެއެވެ. އަދި ބޮޑު ޢަމަލެއްވެސް ނިޔަތުގެ ސަބަބުން ކުޑަވެއެވެ.

ޔަޙްޔާ ބުން އަބީ ކަޘީރު رحمه الله ވިދާޅުވިއެވެ.

“ތިޔަބައިމީހުން (ހެޔޮ) ނިޔަތް ދެނެގަންނާށެވެ. ޢަމަލަށްވުރެ ދުރަށް އެ ފޯރައެވެ.”

އިޚްލާޞްތެރިކަމެއް ނެތި ކުރާ ކޮންމެ އަޅުކަމަކީ އަޅުކަމެއްގެ ގޮތުގައި ބަލައިގަނެވޭނެ އަޅުކަމެއް ނޫނެވެ. އަޅުކަމެއް އިޚްލާޞްތެރިކަމާއެކު ކުރާއިރު އެއާއެކު އެއް ހިތެއްގައި ޖަމާ ނުވާނެ ކަންތައްތަކެއްވެއެވެ. އެއަޅުކަމުގެ ސަބަބުން މީސްތަކުންގެ މަދަޙަ ޘަނާ ލިބުމަށް ލޯބިކުރުމާއި އެބައިމީހުންގެ އަތުގައިވާ އެއްޗެއް ލިބުމަށް އެދޭނަމަ އެއީ އެއް ހިތެއްގައި އިޚްލާޞްތެރިކަމާއެކު ޖަމާވާނޭ ކަންކަމެއް ނޫނެވެ.

ﷲ އަށް ކިޔަމަން ގަތުމުގެ ގޮތުން ކުރާ ޢަމަލެއްގައި ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމަކީ އެކަން ޤަބޫލުވުމުގެ ޝަރުޠެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا؛ فَهُوَ رَدٌّ» [رواه مسلم]

މާނައީ: “ތިމަންމެންގެ މިދީނުގައި ނެތް ޢަމަލެއްކޮށްފިމީހާ ދަންނައެވެ. ފަހެ އެކަމެއްވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ.”

ސަޢީދު ބުން ޖުބައިރު رحمه الله ވިދާޅުވިއެވެ.

“އެއްވެސް ބަހެއް އަދި ޢަމަލެއް (ރަނގަޅު) ނިޔަތަކާ ނުލައި ޤަބޫލު ނުވެވޭނެއެވެ. އަދި ސުންނަތާ އެއްގޮތަށް ކޮށްގެން މެނުވީ އެއްވެސް ބަހެއް، ޢަމަލެއް (ރަނގަޅު) ނިޔަތެއް ޤަބޫލު ނުވެވޭނެއެވެ.”

ޢަމަލުކުރުމުގައި ތަޤްވާވެރިވުމަކީ ޢަމަލު ޤަބޫލުވުމުގެ ސަބަބެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.  

﴿إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ﴾ [سورة المائدة 27]

މާނައީ: “اللَّه ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ.”

މުސްލިމު އަޅާގެ ކިބައިން ޢަމަލުތައް ޤަބޫލު ނުވެދާނެތީ އޭނާ އެކަމަށް ނުހަނު ބިރުވެތިވާނެއެވެ. ކުރިއަރައި ދިޔަ ބޭކަލުންގެ ގޮތަކީވެސް އެއީއެވެ.

އަބުއް ދަރްދާ رضي الله عنه ވިދާޅުވިއެވެ.

“މިދުނިޔެއާއި މިދުނިޔޭގައި ވާހާ އެއްޗެއް ލިބުމަށްވުރެ މިއަޅާގެ އެންމެ ނަމާދެއް ﷲ ތަޢާލާ ޤަބޫލުކުރެއްވިކަމުގެ ޔަޤީންކަން ލިބުން މިއަޅާއަށް މާ ލޮބުވެތިކަން ބޮޑެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ﴾ (މާނައީ:”اللَّه ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ.”) “

ޢަމަލުތައް ﷲއަށް ޚާލިޞްކޮށް، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވެ، ﷲއަށް ތަޤުވާވެރިވާ ޙާލު ޢަމަލުކުރާ މީހެއްގެ ޢަމަލު ދީލަތިވަންތަ ރައްބުގެ ޙަޟްރަތުގައި ޤަބޫލުވެވުން ގާތްކަން ބޮޑެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޢަމަލުކުރުމުގައި ﷲ ތަޢާލާއަށް ތަޤުވާވެރިވެ، އެއިލާހަށް ޚާލިޞްކޮށް އެކަންކޮށް، އެއިލާހު އަމުރުކުރެއްވި ގޮތަށް އެކަން އަދާކޮށްފި މީހެއްގެ ކިބައިން އެއެއިލާހު ޤަބޫލުކުރައްވާނެއެވެ.”

އަލްޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ.

“ހަމަކަށަވަރުން ހެޔޮކަމެއްކުރުމުގެ ޖަޒާއަކީ އޭގެ ފަހުގައި ހެޔޮކަމެއް ކުރެވުމެވެ. އަދި ނުބައިކަމުގެ ޢުޤޫބާތަކީ އޭގެ ފަހުންވެސް ނުބައިކަމެއް ކުރެވުމެވެ.”

ނުބައިކަމަކާ ވިދިގެން ހެޔޮކަމެއް ކުރުމަށް ވުރެ ރަނގަޅުކަމެއް ނުވެއެވެ. އެހެނީ އެނުބައިކަން އޭގެ ސަބަބުން ފޮހެވިގެން ދާނެއެވެ. ހެޔޮކަންތައް އިތުރު ނުކުރާމީހާވާނީ ހެޔޮކަމުގައި އުނިވަމުންދާ މީހަކަށެވެ.

އަޅުކަންތައް އަދާކުރުމަށް ފަސޭހަވުމާއި ހެޔޮކަމަށް ހިތްޖެހުމަކީ މިދުނިޔެ މަތީގައި އެމީހަކަށް ދެއްވިގެންވާ އުފާވެރިކަމުގެ ޚަބަރެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَأَمَّا مَنْ أَعْطَى وَاتَّقَى * وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى﴾ [سورة الليل 5-7]

މާނައީ: “ފަހެ މުދަލުން ހޭދަކޮށް އަދި ތަޤުވާވެރިމީހާ ދަންނައެވެ. [5] އަދި އޭނާ އެންމެ ހެޔޮބަސްފުޅު ތެދުކުރެއެވެ. [6] ފަހެ ތިމަން އިލާހު ފަސޭހަކަންހުރި މަގަށް އޭނާއަށް ފަހި ކުރައްވާހުށީމެވެ. [7]”

ޢަމަލުގައި ޘާބިތުވުމާއި ކިޔަމަންގަތުމުގައި ދާއިމުވުމަކީ، ހެޔޮކަމާއި ތައުފީޤު ދެއްވިގެންވާކަމުގެ ދަލީލެކެވެ. އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.

“ކަރީމުވަންތަ ﷲ ގެ އާދައަކީ މީހަކު، ކަމެއްގެ މަތީގައި ދިރިއުޅެއްޖެއްޔާ އެކަމެއްގެ މަތީގައި އެމީހާ މަރުގެންނެވުމެވެ. އަދި ކަމެއްގެ މަތީ މަރުވެއްޖެމީހާ އެކަމުގެ މަތީ ޤިޔާމަތް ދުވަހުން އަލުން ދިރުއްވޭނެއެވެ.”

ނަބިއްޔާ صلى الله عليه وسلَّم ގެ ހިދާޔަތަކީ ޢަމަލުކުރުމުގައި ދާއިމުވުމެވެ. އެކަލޭގެފާނު ޢަމަލެއްކުރައްވާނަމަ އެކަމުގައި ޘާބިތުވެވަޑައިގަންނަވައެވެ. އަދި ޙަދީޘްކުރެއްވިއެވެ.

((أَحَبُّ الأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ)) [متفق عليه]

މާނައީ: “ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ކިތަންމެ މަދުން ކުރިޔަސް ދާއިމަށް ކުރެވޭ ޢަމަލުތަކެވެ.”

ގުނަވަންތައް ހެޔޮވެ ރަނގަޅުވުމަކީ ކިޔަމަންގަތުމުގެ ޢަމަލުތައް ޤަބޫލުވުމުގެ މޭވާއެވެ. އަދި އެކަމުގެ އަހުލުވެރިޔާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާކަމުގެ ޢަލާމާތެކެވެ. ޤުދުސިއްޔަ ޙަދީޘެއްގައި އެއިލާހު ވަޙީކުރެއްވިއެވެ.

((وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا ٱفْتَرَضْتُهُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَإِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنِ ٱسْتَعَاذَنِي لَأُعِيذَنَّهُ)) [رواه البخاري]

މާނައީ: “އަދި ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުއްތަންވުމަށްޓަކައި ކުރާ ޢަމަލުތަކުގެ ތެރެއިން، ތިމަންއިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އޭނާގެ މައްޗަށް ތިމަންއިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ތިމަންއިލާހާ ކުއްތަންވުމުގެ ގޮތުން ސުންނަތްތައް އަދާކުރުމުގެ މަތީ އެއަޅާ ދެމިހުރިހާ ހިނދަކު، އެއަޅާދެކެ ތިމަންއިލާހު ލޯބިވެވޮޑިގަންނަވަމެވެ. ފަހެ ތިމަންއިލާހުގެ ލޯބިވެވޮޑިގަތުން އެއަޅާއަށް ލިބިއްޖެނަމަ، އެ އަޅާ އަޑުއަހައި އުޅޭ އިވުން ކަމުގައި، އަދި ބަލާ އުޅޭ ބެލުން ކަމުގައި، އަދި ހިފާ އުޅޭ އަތް ކަމުގައި، އަދި ހިނގައި އުޅޭ ފައި ކަމުގައި ތިމަންއިލާހު ވެވޮޑިގަންނަވާނަމެވެ. (އެބަހީ: އެގުނަވަންތަކުން އެއަޅާކުރާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތަކެވެ.) އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެ އަޅާ ކަމަކަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް އެކަމެއް ކޮށްދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެއަޅާ ރައްކާތެރިކަމަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް ރައްކާތެރިކަން ދެއްވާހުށީމެވެ.”

މުއުމިނެއްގެ ސިފައަކަށް ވާންޖެހޭނީ އަޅުކަމުގައި ބުރަކޮށް މަސައްކަތްކުރުމަށް ފަހު ދެން އެކުރެވުނީ މާ ބޮޑުކަމެއްކަމުގައި ހީ ނުކުރުމެވެ. އަދި ކިޔަމަންގަތުމުގެ ޢަމަލެއް ނިންމުމަށް ފަހުގައި އަނެއްކާވެސް އެއާ ވިދިގެން އެހެން ހެޔޮ ޢަމަލެއް ކުރުމެވެ.

ރައްބުވަންތަކަމުގެ ޙަޤީޤަތް އެނގޭ، އަޅުކަމުގެ މާނަ ދަންނަ، އެމީހެއްގެ ރައްބު މަޢުރިފާކުރާ މީހާ ދަންނައެވެ. އެމީހެއްގެ ޢަމަލުތަކަށް ޖަޒާދެއްވޭނެކަން އޭނާއަށް އެނގޭނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހަމައެކަނި އެމީހެއްގެ ޢަމަލުތަކުގެ ޛަރީޢާއިން ސުވަރުގެއަށް ނުވަންނާނެއެވެ. އެހެނަސް ސުވަރުގެއަށް ވަންނާނީ ﷲ ތަޢާލާގެ ފަޟްލުވަންތަކަމާއި ދީލަތިކަމާއި ރަޙްމަތުންނެވެ.

ކިޔަމަންގަތުމުގެ ޢަމަލަކަށް ފަހު ފާފަފުއްސެވުމަށް އެދި ދަންނަވައި އަދި ފަރުވާކުޑަކުރެވިފައިވާކަމަށް އިޢުތިރާފުވުމަކީ ﷲ ތަޢާލާގެ އިޚްލާޞްތެރި އަޅުންގެ ގޮތެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾ [سورة الذاريات 17- 18]

މާނައީ: “އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. [17] އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދި ދުޢާ ކުރެތެވެ. [18] “

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ތިބާގެ ޢަމަލުތައް ޤަބޫލުވެގެންވާކަމުގެ ޢަލާމާތަކީ: އެއީ މާބޮޑު އަދި މާ ގިނަ ކަންތައްތަކެއްކަމަށް ހީނުވުމެވެ. ﷲ ތަޢާލާ މަޢުރިފާކޮށް އެނގޭ މީހަކު އެއިލާހަށް ކިޔަމަން ގަތުމަށް ފަހުގައިވެސް ފާފަފުއްސެވުމަށް އެދި ދަންނަވާނެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ނަމާދުކޮށް ނިމުމުން، އެކަލޭގެފާނު ﷲ ތަޢާލާގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވައެވެ. އަދި ޙައްޖުކުރުމަށްފަހު ފާފަފުއްސެވުމަށް އެދި ދެންނެވުމަށް ﷲ ތަޢާލާވަނީ އަމުރުކުރައްވާފައެވެ. އަދި ރޭ އަޅުކަމަށް ފަހު ފާފަފުއްސެވުމަށް އެދި ދަންނަވާ މީހުންނަށް އެއިލާހުވަނީ މަދަޙައިގެ ބަސް ވަޙީކުރައްވާފައެވެ. ޠަހާރަތަށް ފަހުގައި ނަބިއްޔާ صلى الله عليه وسلم ވަނީ ތައުބާވެ ފާފަފުއްސެވުމަށް އެދި ދަންނަވާފައެވެ. ﷲ ތަޢާލާ ލައްވާފައިވާ ވާޖިބުތައް އެނގޭ މީހަކަށް، އެމީހަކަށް ޢަމަލުކުރެވޭ ވަރާ އަދި އެމީހެއްގެ ނަފްސުގެ ޢައިބުތައް އެނގިއްޖެނަމަ އޭނާގެ ރައްބުގެ ޙަޟްރަތުން ފާފަފުއްސަވައިދެއްވުން އެދި ދެންނެވުން ފިޔަވައި އިތުރު ގޮތެއް ނުފެންނާނެއެވެ. އަދި އޭނާގެ ޢަމަލުތަކުގެ މަދުކަން ފެނިގެންދާނެއެވެ.”

ﷲ ތަޢާލާވަނީ އެއިލާހުގެ އަޅުތަކުންނާމެދު ޘަނާގެ ބަސްވަޙީކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَى رَبِّهِمْ رَاجِعُونَ﴾ [سورة المؤمنين 60]

މާނައީ: “އަދި އެއުރެންނީ އެއުރެންގެ ރައްބުގެ ޙަޟްރަތަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލު (ޞަދަޤާތުގެ ގޮތުން) އެއުރެން ދޭ އެއްޗެއް ދޭމީހުންނެވެ.”

މިއާޔަތާ ބެހޭގޮތުން ޢާއިޝާ رضي الله عنها ސުވާލުދެންނެވިއެވެ.

((يَا رَسُولَ اللَّهِ! أَهُمُ الَّذِينَ يَشْرَبُون الخَمْرَ وَيَسْرِقُونَ؟ قَالَ: لَا، يَا بِنْتَ الصِّدِّيقِ، وَلَكِنَّهُمُ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ، وَهُمْ يَخَافُونَ أَلَّا يُتَقَبَّلَ مِنْهُمْ ﴿أُولَئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ﴾)) [رواه الترمذي]

މާނައީ: “އޭ ﷲ ގެ ރަސޫލާއެވެ! އެއީ ރާބޯމީހުންނާއި ވައްކަންކުރާ މީހުންގެ ވާހަކަ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ޞިއްދީޤުގެ ދަރިކަނބަލުންނޭވެ! ނޫނެކެވެ. އެހެނަސް އެބައިމީހުންނީ ރޯދަހިފައި ނަމާދުކޮށް ޞަދަޤާތްކޮށް އުޅޭ މީހުންނެވެ. އެއާއެކުވެސް އެބައިމީހުންގެ ކިބައިން ޤަބޫލު ނުވެދާނެތީ އެބައިމީހުން އެކަމާ ބިރުގަންނަނީއެވެ.

﴿أُولَئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ﴾

މާނައީ: “އެއުރެންނީ ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ.”

މުއުމިނު އަޅާ އިޙްސާންތެރިކަމާއި ބިރުގަތުން އޭނާގެ ކިބައިގައި ޖަމާކުރެއެވެ.

ޢަބްދުލް ޢަޒީޒް ބުން އަބީ ރައްވާދު رحمه الله ވިދާޅުވިއެވެ.

“ތާބިޢީ ބޭކަލުންނާ ތިމަންކަލޭގެފާނާ ބައްދަލުވިއެވެ. ޞާލިޙު ޢަމަލުކުރެއްވުމުގައި އެބޭކަލުން ބުރަކޮށް މަސައްކަތްކުރައްވައެވެ. ފަހެ އެކަމެއްކުރުމަށް ފަހުގައި އެކަމެއް ޤަބޫލުވެވޭނެކަމާމެދު އެބޭކަލުން ކަންބޮޑުވެވަޑައިގަންނަވައެވެ.”

ޢަމަލުތައް ޤަބޫލުވެވުމުގެ އެންމެ ބޮޑު އެއްސަބަބަކީ އެކަމަށް އެދި ދުޢާކުރުމެވެ. ފަހެ އިބްރާހީމް އަދި އިސްމާޢީލު عليهما السلام ގެފުޅުގެ ބިންގާ އުފުއްލަވުން ދިޔަ ހިނދު ދުޢާކުރެއްވިއެވެ.

﴿رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ﴾ [سورة البقرة 127]

މާނައީ: “އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ރައްބެވެ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލު ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

އަދި ޢިމްރާނުގެފާނުގެ އަނބިކަނބަލުން، އެކަމަނާގެ ބަނޑުގައިވާ ދަރިފުޅު މަސްޖިދުލް އަޤްޞާއަށް ޚިދުމަތްކުރައްވާނެކަމަށް ނަދުރުބުނި ހިނދުގައި ދުޢާކުރެއްވިއެވެ.

﴿رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ﴾ [سورة آل عمران 35]

މާނައީ: “އަޅުގެ ރައްބެވެ. އަޅުގެ ބަނޑުގައި އޮތް ދަރި (ބައިތުލް މަޤްދިސްގެ ޚިދުމަތަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބައިލާހުގެ ޙަޟްރަތަށް ޚާލިޞުކުރުމަށް ހަމަކަށަވަރުން ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

އުޟްޙިޔާ ކަތިލައްވަމުން ނަބިއްޔާ صلى الله عليه وسلم ވިދާޅުވެއެވެ.

((اللَّهُمَّ تَقَبَّلْ مِنْ مُحَمَّدٍ، وَآلِ مُحَمَّدٍ، وَمِنْ أُمَّةِ مُحَمَّدٍ)) [رواه مسلم]

މާނައީ: “އޭﷲ! މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ ކިބައިންނާ އަދި މުޙައްމަދުގެފާނުގެ އުންމަތުގެ ކިބައިން (މިކަން) ޤަބޫލުކުރައްވާނދޭވެ!”

އަދި ޝުކުރުކުރުމަކީވެސް ޤަބޫލުވެވުމުގެ މަގެކެވެ. އަދި އެއީ ނިޢުމަތްތައް އިތުރުވުމުގެ ދޮރެއްވެސްމެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ﴾ [سورة إبراهيم 7]

މާނައީ: “އަދި ތިޔަބައިމީހުންގެ ރައްބު އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ތިމަންއިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ.”

ﷲ ތަޢާލާގެ ޞާލިޙު އަޅުތަކުން މިފަދައިން ދުޢާކުރެއެވެ.

﴿رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ﴾ [الأحقاف 15]

މާނައީ: “އަޅުގެ ރައްބެވެ! އިބައިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރުކުރުމަށާއި، އިބައިލާހު ރުހިވޮޑިގެންވާ ޞާލިޙު ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމު ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާހު ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، މިއަޅާ އިބައިލާހަށް ތައުބާވެއްޖައީމެވެ. ހަމަކަށަވަރުން، މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ.”

އަދި ﷲ ތަޢާލާވަނީ އެބައިމީހުންނަށް އަންނަނިވި ވަޢުދުން ވަޢުދުވެވޮޑިގެންނެވެ.

﴿أُولَئِكَ الَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا وَنَتَجَاوَزُ عَنْ سَيِّئَاتِهِمْ فِي أَصْحَابِ الْجَنَّةِ﴾ [سورة الأحقاف 16]

މާނައީ: “އެއުރެންނީ، އެއުރެން ކުޅަ އެންމެ ހެޔޮކަން ބޮޑު ޢަމަލުތައް އެއުރެންގެ ކިބައިން ތިމަންއިލާހު ޤަބޫލު ކުރައްވައި، އެއުރެންގެ ކުށްތައް ފުއްސަވައި، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ.”

މުސްލިމު އަޅާގެ ޢަމަލުތައް ޤަބޫލުވުމަށް އޭނާ އުންމީދު ކުރެއެވެ. އަދި އެކަން ޙާޞިލުކުރުމަށް އޭނާ މަސައްކަތް ކުރެއެވެ. ޢަމަލު ފަސާދަވެ ބާޠިލުވެދާނެތީ އޭނާ އެކަމަށް ވަރަށް ސަމާލުކަން ދެއެވެ. އެހެނީ ހަމައެކަނި ހެޔޮޢަމަލުކުރުމުން އެފުދުނީއެއް ނޫނެވެ. އެހެނަސް އެޢަމަލުތައް ބާޠިލުވާފަދަ ކަންކަމުން ރައްކާތެރިކުރަންވެސް ޖެހޭނެއެވެ. ޢަމަލުތައް ބާޠިލުކޮށްލާ އެންމެ ބޮޑު ކަމަކީ ޝިރުކުކުރުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ﴾ [سورة الأنعام 88]

މާނައީ: “އެބޭކަލުންވެސް (اللَّه އަށް) ޝަރީކުކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލުވީހެވެ.”

އާޚިރަތަށްޓަކައި ކުރާ ޢަމަލުތަކުން ދުނިޔަވީ މަންފާއެއް އެދުމަކީވެސް ޢަމަލުތައް ބާޠިލުވާކަމެކެވެ.

﴿مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ * أُولَئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ﴾ [سورة هود 15- 16]

މާނައީ: “ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ތިމަންއިލާހު އެއުރެންނަށް އެތަނުގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތަނުގައި އުނި ނުކުރައްވާ ހުށްޓެވެ. [15] އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލުވެގެންވެތެވެ. [16]”

މުރުތައްދުވުމަށްފަހު އެގޮތުގައި މަރުވުމަކީވެސް ޢަމަލުތައް ބާޠިލުކޮށްލާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ﴾ [سورة البقرة 217]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު، މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް ބާޠިލުވެފައިވާ ބަޔެކެވެ.”

އިސްލާމްދީނާމެދު ނަފްރަތުކުރުމަކީވެސް އެމީހެއްގެ ޢަމަލުތައް ބާޠިލުކޮށްލާކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ذَلِكَ بِأَنَّهُمْ كَرِهُوا مَا أَنْزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ﴾ [سورة محمد 9]

މާނައީ: “އެއީ އެއުރެން، اللَّه ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެއިލާހު އެއުރެންގެ ޢަމަލުތައް ބާޠިލުކުރެއްވިއެވެ.”

ﷲގެ އާޔަތްތަކަށް ކާފިރުވުމާއި އާޚިރަތްދުވަހު އެއިލާހާ ބައްދަލުވާނޭކަމަށް ކާފިރުވުމަކީވެސް އެމީހެއްގެ ޢަމަލުތައް ފާސިދުވެގެންދާނެ ކަމެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.  

﴿وَالَّذِينَ كَذَّبُوا بِآيَاتِنَا وَلِقَاءِ الْآخِرَةِ حَبِطَتْ أَعْمَالُهُمْ﴾ [سورة الأعراف 147]

މާނައީ: “އަދި ތިމަންއިލާހުގެ އާޔަތްތަކާއި އާޚިރަތުގެ ބައްދަލުވުން ދޮގުކުޅަ މީހުންގެ ޢަމަލުތައް، ބާޠިލުވެގެން ހިނގައްޖެއެވެ. އެއުރެން ކޮށްއުޅުނު ކަންތަކަށް މެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެ ހެއްޔެވެ!”

ﷲ ކޯފާވެގެންވާ މަގަށް ތަބާވެ އެއިލާހުގެ ރުއްސެވުމަށް ނުރުހުންތެރިވާ މީހާއަށް، އެމީހަކަށް އެކަށޭނެ ޖަޒާއެއް ﷲ ތަޢާލާ ދެއްވާނެއެވެ. ފަހެ އެފަދަ މީހުންގެ ޢަމަލުތައް އެއިލާހު ބާޠިލުކުރައްވާނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿ذَلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ﴾ [سورة محمد 28]

މާނައީ: “އެއީ، اللّه ކޯފާވެވޮޑިގެންވާ މަގަށް އެއުރެން ތަބާވީކަމަށްޓަކައެވެ. އަދި އެއިލާހު ރުއްސެވުމަށް އެއުރެން ނުރުހުންވީކަމަށްޓަކައެވެ. ފަހެ، އެއިލާހު އެއުރެންގެ ޢަމަލުތައް ބާޠިލުކުރެއްވިއެވެ.”

މުނާފިޤުންގެ ޢަމަލުތަކަކީ އަވާމެންދުރެއްފަދަ އެއްޗެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

 ﴿أُولَئِكَ لَمْ يُؤْمِنُوا فَأَحْبَطَ اللَّهُ أَعْمَالَهُمْ﴾ [سورة الأحزاب 19]

މާނައީ: “އެއުރެން އީމާނެއް ނުވެތެވެ. ފަހެ، اللَّه އެއުރެންގެ ޢަމަލުތައް ބާޠިލުކުރެއްވިއެވެ.”

ނަބިއްޔާ صلى الله عليه وسلم އާ ދެކޮޅުވެރިވުމާއި ޤަޞްދުގައި އެކަލޭގެފާނާ ޚިލާފުވެގަތުމަކީވެސް އެމީހެއްގެ ޢަމަލުތައް ބާޠިލުވެގެންދާ ކަމެކެވެ. ފަހެ އޭގެ ސަބަބުން އެކަލޭގެފާނަށް ވާނޭ ގެއްލެމެއް ނެތެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ وَشَاقُّوا الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى لَنْ يَضُرُّوا اللَّهَ شَيْئًا وَسَيُحْبِطُ أَعْمَالَهُمْ﴾ [سورة محمد 32]

މާނައީ: “ހަމަކަށަވަރުން ކާފިރުވެ އަދި ﷲ ގެ މަގުން (އެހެންމީހުން) އެއްކިބާކޮށް އަދި އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވާ މީހުންނަކަށް، އެއްވެސް ކަމަކުން ﷲއަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި އެއިލާހު އެއުރެންގެ ޢަމަލުތައް ބާޠިލުކުރައްވާނެތެވެ.”

އަދި ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގެ މައްޗަށް އަޑު އުފުލުމަކީވެސް ޢަމަލުތައް ބާޠިލުވެގެންދާ ކަމެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لَا تَشْعُرُونَ﴾ [سورة الحجرات 2]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާ ފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސް ނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ.”

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅާއި އެކަލޭގެފާނުގެ ގޮތާއި އެކަލޭގެފާނު ހިންގެވި މަގުގެ މައްޗަށް، އެހެން މީހެއްގެ ބަހާއި ގޮތާއި ދައްކާމަގު އިސްކޮށްފިމީހާގެ ހާލާ މެދު ދެންފަހެ ވިސްނަވާށެވެ.”

ދެއްކުންތެރިކަމަކީ ޢަމަލު ބާޠިލުކޮށްލާ ކަމެކެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

 ((مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِيَ غَيْرِي تَرَكْتُهُ وَشِرْكَه)) [رواه مسلم]

މާނައީ: “މީހަކު ޢަމަލެއްކުރާއިރު ތިމަންއިލާހާ އެހެން ފަރާތެއް ޝަރީކުކޮށްފިނަމަ އޭނާއާއި އޭނާ އެކުރި ޝިރުކު (އެބަހީ: އެޢަމަލު) ތިމަންއިލާހު ދޫކޮށްލަމެވެ.”

އަދި އަތްބަލާ ނުވަތަ ފާލު ބަލާމީހެއްގެ ގާތަށް ދިޔުމަކީވެސް ޢަމަލު ބާޠިލުކޮށްލާ ކަމެކެވެ. ޙަދީޘެއްގައިވެއެވެ.

((مَنْ أَتَى عَرَّافاً فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً)) [رواه مسلم]

މާނައީ: “ފާލު ބަލާ މީހެއްގެ ގާތަށް ގޮސް ކަމަކާމެދު ސުވާލުކޮށްފިނަމަ ސާޅީސް ދުވަސްވަންދެން އެމީހެއްގެ ނަމާދު ޤަބޫލު ނުވެވޭނެއެވެ.” [1]

އަދި ނަމާދު އެޅުމަކީވެސް ޢަމަލު ބާޠިލުކޮށްލާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.  

((مَنْ تَرَكَ صَلَاةَ العَصْرِ؛ فَقَدْ حَبِطَ عَمَلُه)) [رواه البخاري]

މާނައީ: “ޢަޞުރުނަމާދު އަޅައިފިމީހާ ދަންނައެވެ. އެމީހެއްގެ ޢަމަލު ބާޠިލުވެއްޖެއެވެ.”

މީހުންނާ ދިމާލަށް އެއްޗެހި ގޮވާ އަދި އަނިޔާދިނުމަކީވެސް ހެޔޮކަންތައް އުނިކޮށްލާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ القِيَامَةِ بِصَلَاةٍ، وَصِيَامٍ، وَزَكَاةٍ، وَيَأْتِي قَدْ شَتَمَ هَذَا، وَقَذَفَ هَذَا، وَأَكَلَ مَالَ هَذَا، وَسَفَكَ دَمَ هَذَا، وَضَرَبَ هَذَا؛ فَيُعْطَى هَذَا مِنْ حَسَنَاتِهِ، وَهَذَا مِنْ حَسَنَاتِهِ، فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ فِي النَّارِ)) [رواه مسلم]

މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގައިވާ ބަނގުރޫޓުވެފައިވާ މީހަކީ ޤިޔާމަތްދުވަހު ނަމާދާއި ރޯދައާއި ޒަކާތް ފަދަ ޢަމަލުތަކާއިގެން އަންނައިރު، އެހެންމީހުންނަށް އެއްޗެހި ގޮވާ، ގަޛްފުކޮށް މުދާކައި، ލޭއޮހޮރުވާލައި ތަޅާ އަނިޔާކޮށްފައިވާތީ އެމީހުންނަށް އޭނާގެ ހެޔޮކަމުން ދެވޭ މީހާއެވެ. ފަހެ އެމީހާ އެހެންމީހުންނަށް ދޭންޖެހޭ ހެޔޮކަންތައްދީ ހަމަވުމުގެ ކުރިން އެމީހެއްގެ ހެޔޮކަންތައް ހުސްވެއްޖެނަމަ، އެމީހުންގެ ފާފަތައް ގެނެސް އޭނާއާ ހަވާލުކުރެވި އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ.”

އެކަހެރިވާ ވަގުތުތަކުގައި ސިއްރުންކުރާ ފާފަތަކަކީވެސް ހެޔޮކަންތައް ނެތިކޮށްލާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لَأَعْلَمَنَّ أَقْوَاماً مِنْ أُمَّتِي يَأْتُونَ يَوْمَ القِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضاً، فَيَجْعَلُهَا اللَّهُ عز وجل هَبَاءً مَنْثُوراً، قَالَ ثَوْبَانُ رضي الله عنه: يَا رَسُولَ اللَّهِ! صِفْهُمْ لَنَا، جَلِّهِمْ لَنَا، أَلَّا نَكُونَ مِنْهُمْ وَنَحْنُ لَا نَعْلَمُ، قَالَ: أَمَا إِنَّهُمْ إِخْوَانُكُمْ، وَمِنْ جِلْدَتِكُمْ، وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ، وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ ٱنْتَهَكُوهَا)) [رواه ٱبن ماجه]

މާނައީ: “ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުގެ އުންމަތުން ބަޔަކު ތިހާމާގައިވާ ހުދުފަރުބަދަތައްހާ ގިނަ ހެޔޮކަންތައްތަކާއިގެން އަންނާނެތެވެ. ދެންފަހެ ﷲ ތަޢާލާ އެމީހުންގެ އެ ހެޔޮކަންތައްތައް ވަޔަށް ބުރައިގެންދާ ކުނޑިތަކެއްކަމުގައި ލައްވާނެތެވެ.” އެހިނދު ޘައުބާނު رضي الله عنه ވިދާޅުވިއެވެ. ”އޭ ﷲ ގެ ރަސޫލާއެވެ. ތިމަންބޭކަލުންނަށް ނޭނގި ތިބެ އެމީހުންގެ ތެރެއިން ވެވިދާނެތީ އެ މީހުންގެ ސިފަތައް ބަޔާންކޮށްދީ އެއީ ކޮން ބައެއްކަން ސާފުކޮށްދެއްވާށެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ދަންނާށެވެ. އެއީ ހަމަ ތިޔަ ބޭކަލުންގެ އަޚުންގެ ތެރޭގައިވާ ތިޔަބޭކަލުންފަދަ ބައެކެވެ. އަދި ތިޔަބޭކަލުން ކުރައްވާ ފަދައިން ދަމުނަމާދުވެސްކުރާ ބައެކެވެ. އެހެނަސް އެކަހެރިވާ ވަގުތުތަކުގައި ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެއެވެ.”

އަދި ކުއްތާ ގެންގުޅުމަކީވެސް އެމީހެއްގެ ހެޔޮކަން އުނިވެގެންދާކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنِ ٱتَّخَذَ كَلْباً، إِلَّا كَلْبَ مَاشِيَةٍ، أَوْ صَيْدٍ، أَوْ زَرْعٍ؛ ٱنْتَقَصَ مِنْ أَجْرِهِ كُلَّ يَوْمٍ قِيرَاطٌ)) [متفقٌ عليه]

މާނައީ: “ޖަނަވާރުތައް ބެލެހެއްޓުމަށް ނުވަތަ ޝިކާރަކުރުމަށް ނުވަތަ ދަނޑުބެލެއްޓުމަށް ނޫންގޮތަކަށް ކުއްތާއެއް ގެންގުޅުމަކީ އެމީހެއްގެ ދަރުމައިން ކޮންމެ ދުވަހަކު ޤީރާޠެއް [2] މަދުވެގެންދާނޭ ކަމެކެވެ.”

އަދި ރާ ބޯ މީހާގެ ސާޅީސްދުވަހުގެ ނަމާދު ޤަބޫލުނުވެވޭނެއެވެ.

((مَنْ شَرِبَ الخَمْرَ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ صَبَاحًا)) [رواه الترمذي]

މާނައީ: “ރާ ބޮއިފިމީހާ ދަންނައެވެ. އެމީހެއްގެ ސާޅީސްދުވަހުގެ ނަމާދު ޤަބޫލު ނުވެވޭ ހުއްޓެވެ.”

އަޅަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ނުބައިކަމުގެ ތެރޭގައި ހުރެވޭއިރުވެސް އޭނާ އެހުރީ ހެޔޮކަމެއްގެ މަތީގައި ކަމުގައި ހީވުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.  

﴿قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا * الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا﴾ [سورة الكهف 103 – 104]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ޢަމަލުތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ ޚަބަރު ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ. [103] އެއުރެންނަކީ ދުނިޔަވީ ޙަޔާތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލުވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ. [104]”

ފަހެ ﷲ އަށް އަޅުކަންކުރުމަކީ ދީނުގެ އެއް އަޞްލެވެ. އަދި އެކަމަށް ރައްކާތެރިވުމީ އިސްލާމްދީނުގެ އެންމެ ބޮޑު އެއް މަޤްޞަދެވެ. އަދި މަރާ ބައްދަލުވަންދެން އެގޮތުގައި ދެމިހުރުމަކީ ޝަރީޢަތުގައި އަންގަވާފައިވާ އަސާސީ އެއް ކަމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ﴾ [سورة الحجر 99]

މާނައީ: “އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ރައްބަށް އަޅުކަން ކުރައްވާށެވެ!”

މުއުމިނު އަޅާގެ މައްޗަށް އޮތީ ކިތަންމެ ކުޑަ ހެޔޮޢަމަލަކަށް ވިޔަސް އެއީ ކުޑަކަމެއްކަމުގައި ނުދެކުމެވެ. އަދި ކިތަންމެ ކުޑަ ނުބައިކަމެއްވިޔަސް އެކަމާ ދުރުހެލިވުމެވެ. އެއީ އެ ހެޔޮކަމެއްގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ރަޙުމަތް ލިބޭނީ ކޮން ހެޔޮކަމެއްގެ ސަބަބުން ކަމެއް އެމީހަކަށް ނޭނގޭނެއެވެ. އަދި އެ ނުބައިކަމެއްގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ކޯފާ ޙައްޤުވާނީ ކޮން ނުބައިކަމެއްގެ ސަބަބުން ކަމެއް އެމީހަކަށް ނޭނގޭނެއެވެ.

މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ހުރިހާ އަޅުކަމެއް އަދާކުރާއިރުވެސް އުންމީދާ ބިރުވެތިކަމާއެކު އެކަންކަން އަދާކުރުމެވެ. އަދި އޭނާގެ ހިތުގައި ﷲ ތަޢާލާ ދެކެ ލޯބިވުމާއި އެއިލާހާމެދު ހެޔޮކޮށް ހީކުރުން އަށަގެންނެވުމެވެ.

ޢަމަލުތައް ޤަބޫލުވޭތޯ ބޮޑަށް މަސައްކަތް ކުރައްވާށެވެ. އަދި އެކަން ފަސާދަކޮށްލާ އަދި އޭގެ އަޖުރު އުނިކޮށްލާ ކަންކަމުން ދުރުހެލިވާށެވެ. ހެޔޮކަމެއް ކުރެވިއްޖެމީހާ، ﷲ ތަޢާލާ އޭނާއަށް އެކަމުގެ ތައުފީޤު ދެއްވިކަމަށްޓަކައި ޙަމްދުކުރާ ހުށިކަމެވެ. އަދި އެކަމުގައި ޘާބިތުކަން ދެއްވުމަށާއި އިތުރަށް ދެއްވުމަށް އެދޭށެވެ.

ﷲ އަށް ކިޔަމަންގަތުމުގެ ޛަރީޢާއިން ނަފްސު ތަހުޒީބުކުރާށެވެ. އަދި އަޅުކަމުގައި ލާޒިމުވެ، ތެދުވެރިވެ، ތަވާޟުޢުވެރިވެ، ހިތްސާފުކޮށް އަދި ރިވެތި އަޚުލާޤުން ޒީނަތްތެރިވެ ނަފްސު ޠާހިރުކުރާށެވެ. އަދި އޭނާގެ ނަފްސަށް އެދޭ ފަދައިން އެހެން މީހުންނަށްވެސް ހެވަށް އެދޭށެވެ. އަދި ﷲގެ ރޭވުންތެރިކަމާމެދު އަމާންކަން ލިބިގެންވާކަމަށް ހީނުކުރާށެވެ. އަދި އެއިލާހުގެ ރަޙްމަތުން މާޔޫސްނުވާށެވެ.

____________________________

މަޞްދަރު


[1] އެފަދަ މީހުން ނަމާދު ކުރަން ޖެހޭނެއެވެ. އަދި އެނަމާދުތައް ފަހުން ޤަޟާކުރާކަށްވެސް ނުޖެހޭނެއެވެ. އެހެނަސް ސާޅީސް ދުވަހުގެ ނަމާދުގެ ދަރުމައާއި ސަވާބު އެފަދަ މީހުންނަށް ނުލިބޭނެއެވެ. ބައްލަވާ: المنار المنيف لابن القيم (ص: 33).

[2] ޢަރަބިބަހުގައި ޤީރާޠު ކިޔަނީ ދީނާރުގެ ބަޔަކަށެވެ. އިސްލާމީ އެކި ރަށްތަކުގައި އެމިންކުރުމުގައި ތަފާތުތަކެއް ހުރެއެވެ. ބައްލަވާ: لسان العرب لابن منظور (7/375)

މިޙަދީޘް ޝަރަޙަކުރެއްވި ގިނަ ޢިލްމުވެރިން ޝަރަޙައިގައި ބުރަވެވަޑައިގަންނަވަނީ މިޙަދީޘްގައިވާ “ޤީރާޠު” ގެ މިންވަރު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ކަމުގައެވެ.

Categories
ދީނީ ލިޔުން

“އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ! ދެން އޮތީ މަރުވުމެއް ނުވާ ދެމި ތިބުމެވެ.”

ތަމްހީދު:


ރަސޫލާ صلى الله عليه وسلم މިޙަދީޘްގައި ބަޔާންކޮށްދެއްވަނީ ޤިޔާމަތްދުވަހު ސުވަރުގެވަންތަވެރިން ސުވަރުގެއަށް ވެއްދެވުމަށްފަހު އަދި ނަރަކަވަންތަވެރިން ނަރަކައަށް ވެއްދެވުމަށްފަހު، ކަންބަޅިއެއްގެ ސިފައިގައި ‘މަރު’ ގެނެވޭނެ ކަމެވެ. އަދި އެދުވަހުން ‘މަރު’ ޛަބަޙަ ކުރެއްވޭނެ ކަމެވެ. ދެން އެއަށްފަހުގައި ސުވަރުގެވަންތަވެރިން ސުވަރުގޭގައި ދާއިމަށް ދެމި ތިބޭނެއެވެ. އަދި ނަރަކަވަންތަވެރިން ނަރަކައިގައި ދާއިމަށް ދެމި ތިބޭނެއެވެ.



ޙަދީޘްގެ ނައްޞު:


އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((يُؤْتَى بِالْمَوْتِ كَهَيْئَةِ كَبْشٍ أَمْلَحَ، فَيُنَادِي مُنَادٍ: يَا أَهْلَ الجَنَّةِ، فَيَشْرَئِبُّونَ وَيَنْظُرُونَ، فَيَقُولُ: هَلْ تَعْرِفُونَ هَذَا؟ فَيَقُولُونَ: نَعَمْ، هَذَا الْمَوْتُ، وَكُلُّهُمْ قَدْ رَآهُ، ثُمَّ يُنَادِي: يَا أَهْلَ النَّارِ، فَيَشْرَئِبُّونَ وَيَنْظُرُونَ، فَيَقُولُ: وهَلْ تَعْرِفُونَ هَذَا؟ فَيَقُولُونَ: نَعَمْ، هَذَا الْمَوْتُ، وَكُلُّهُمْ قَدْ رَآهُ، فَيُذْبَحُ ثُمَّ يَقُولُ: يَا أَهْلَ الجَنَّةِ خُلُودٌ فَلاَ مَوْتَ، وَيَا أَهْلَ النَّارِ خُلُودٌ فَلاَ مَوْتَ، ثُمَّ قَرَأَ: ﴿وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ﴾ [مريم: ٣٩]، وَهَؤُلاَءِ فِي غَفْلَةٍ أَهْلُ الدُّنْيَا ﴿وَهُمْ لَا يُؤْمِنُونَ﴾ [مريم: ٣٩] ))

މާނައީ: (ޤިޔާމަތް ދުވަހު) ހުދާއި ކަޅާ ދެކުލައިންވާ ކަންބަޅިއެއްގެ ސޫރާގައި މަރު ގެނެވޭނެއެވެ. ދެން ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ! އެހިނދު އެގޮވާލާ ފަރާތަކާ ދިމާލަށް އިސްއުފުލާ އެބައިމީހުން ބަލާނެއެވެ. ފަހެ އެފަރާތެއް ސުވާލު ކުރާނެއެވެ. މިއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ. އެމީހުން ބުނާނެއެވެ. އާނއެކެވެ. ތިޔައީ މަރެވެ. އެންމެންނަށްވެސް އެވަނީ ފެނިފައެވެ. ދެން ގޮވާލާނެއެވެ. އޭ ނަރަކަވަންތަވެރިންނޭވެ! އެހިނދު އެގޮވާލާ ފަރާތަކާ ދިމާލަށް އިސްއުފުލާ އެބައިމީހުން ބަލާނެއެވެ. ފަހެ އެފަރާތެއް ސުވާލު ކުރާނެއެވެ. މިއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ. އެމީހުން ބުނާނެއެވެ. އާނއެކެވެ. ތިޔައީ މަރެވެ. އެންމެންނަށްވެސް އެވަނީ ފެނިފައެވެ. ދެން އެ ޛަބަޙަކުރެވޭނެއެވެ. އަދި އެއަށްފަހުގައި އެފަރާތެއް ބުނާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. ދެން އޮތީ މަރުވުމެއް ނުވާ ދެމި ތިބުމެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ. ދެން އޮތީ މަރުވުމެއް ނުވާ ދެމި ތިބުމެވެ. ދެން އެއަށްފަހު އެކަލޭގެފާނު ކިޔަވާ ވިދާޅުވިއެވެ.

﴿وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ ﴾ [مريم: ٣٩]

“ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޛާރުކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ.”

މިބައިމީހުން – އެބަހީ: ދުނިޔޭގެ އަހުލުވެރިން – ވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ.

﴿وَهُمْ لَا يُؤْمِنُونَ﴾ [مريم: ٣٩]

“އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.”



ޙަދީޘްގެ ތަޚްރީޖު:


އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރެއްވިއެވެ.

كتاب التفسير، في تفسيره سورة مريم، ورقمه: 4730

އަދި އިމާމު މުސްލިމުވެސް އެކަލޭގެފާނުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރެއްވިއެވެ.

كتاب الجنة ، باب النار يدخلها الجبارون، ورقمه: 2849




ޙަދީޘްގެ ބައެއް ލަފްޒުތަކުގެ މާނަ:


ޙަދީޘްގެ ބައެއް ލަފްޒުތަކުގެ މާނަ:

كَبْش أَمْلَح: ޚާލިޞް ހުދުކުލައިގެ ކަންބަޅިއެއް [1] (ގެ ސޫރައިގައި ޤިޔާމަތްދުވަހުން މަރު ގެނެވޭނެއެވެ.)

فَيَشْرَئِبُّونَ: އެގޮވާލާ ފަރާތަކާ ދިމާލަށް އިސްއުފުލާ (އެދުވަހުން މީސްތަކުން ބަލާނެއެވެ.)



ޙަދީޘްގެ ޝަރަޙަ:


ސުވަރުގޭގެ އަހުލުވެރިން ސުވަރުގޭގައި ދާއިމަށް ދެމިތިބޭނެއެވެ. ފަހެ އެބައިމީހުން އެތަނުން ދަތުރުކޮށްފައި އެހެންތާކަށް ނުދާނެއެވެ. އަދި އެތަނުގައި މަރެއްވެސް ނުވާނެއެވެ. އަދި ނަރަކައިގެ އަހުލުވެރިންވެސް ހަމަ އެފަދައެވެ. [2]

މިކަން ކަށަވަރުކޮށްދެއްވުމަށްޓަކައި ކަންބަޅިއެއްގެ ސޫރާގައި ސުވަރުގެއާއި ނަރަކައާއި ދެމެދަށް މަރު ގެނެވޭނެއެވެ. އަދި ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ! ދެން އެބައިމީހުން އިސްއުފުލާ އެ ގޮވާލި ފަރާތަށް ބަލާނެއެވެ. އަދި އެފަރާތެއް ގޮވާލާނެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ! ދެން އެބައިމީހުންވެސް އިސްއުފުލާ އެ ގޮވާލި ފަރާތަށް ބަލާނެއެވެ. ދެން މަރަށް އިޝާރާތްކޮށް، އެ ގޮވާލި ފަރާތެއް އެބައިމީހުންނާ ސުވާލުކުރާނެއެވެ. މިއީ ކޮން އެއްޗެއްކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟

ފަހެ އެއެންމެވެސް ޖަވާބުގައި ބުނާނީ: އެއީ މަރެވެ. ދެން އެއަށްފަހުގައި އެ ޛަބަޙަކުރެވޭނެއެވެ.

އަދި އެއަށްފަހުގައި އެފަރާތެއް ބުނާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. ދެމި ތިބޭށެވެ. ދެން މަރުވުމެއް ނުވެއެވެ. އަދި އޭ ނަރަކައިގެ އަހުލުވެރިންނޭވެ. ދެމި ތިބޭށެވެ. ދެން މަރުވުމެއް ނުވެއެވެ.

އެއަށްފަހުގައި ރަސޫލާ صلى الله عليه وسلم އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ.

﴿وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ ﴾ [مريم: ٣٩]

“ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޛާރުކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ. އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.”

ދުނިޔެމަތީގައި ޣާފިލުވެ އުޅޭ މީހުންނަށް ހަމަކަށަވަރުންވެސް މިއީ ހިނގާނޭކަމެއްކަން އެނގޭނަމަ އެބައިމީހުން އެޣާފިލުކަމުން ހޭލާނެއެވެ. އަދި ހެޔޮމަގަށް ރުޖޫޢަވާނެއެވެ.

والله المستعان ولا حول ولا قوة إلا بالله.



ޙަދީޘްގައިވާ ބައެއް ޢިބުރަތްތަކާއި ފައިދާތަކާއި ޙުކުމްތައް:


1- ދުނިޔޭގައި މީސްތަކުންގެ ފުރާނަތައް ހިފައި އުޅުނު ‘މަރު’ ގެ ދަރުއު، އާޚިރަތުގައި ހަމަވާނެއެވެ. އެހެންކަމުން ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމުން އަދި ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވަނުމުން، ‘މަރު’ ޛަބަޙަކުރެވޭނެއެވެ. އެއަށްފަހު ދާއިމަށް ދެމި ތިބޭނެކަން ދެބައިމީހުންނަށްވެސް ކަށަވަރުވާނެއެވެ.

2- ‘މަރު’ ޛަބަޙަކުރެވުމުން މުއުމިނުންގެ އުފާވެރިކަން އިތުރުވެގެންދާނެއެވެ. އެއީ ދާއިމަށް ނިޢުމަތުގައި ތިބެވޭނެތީއެވެ. އަދި އެކަމުގެ ސަބަބުން ނަރަކަވަންތަވެރިންގެ ހިތާމަވެރިކަމާއި އަބާއްޖަވެރިކަން އިތުރުވާނެއެވެ. އެއީ ދާއިމަށް ނަރަކައިގައި އެބައިމީހުން ތިބެން ޖެހޭނެތީއެވެ. 

3- ސުވަރުގެއާއި ނަރަކައިގެ އަހުލުވެރިން ގިނަކަމާއެކުވެސް (ޤިޔާމަތްދުވަހު) ކަންބަޅިއެއްގެ ސޫރާގައި އެއެންމެންނަށް ‘މަރު’ ދެއްކެވުމުން، ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ހާމަވެގެންދެއެވެ.

4- މިފަދަ ޙަދީޘްތަކަކީ ނަފްސަށް އަސަރުކުރުވާ އަދި ހިތަށް މަޑުމޮޅިކަން ގެނެސްދޭ ޙަދީޘްތަކެކެވެ. ޢިލްމުވެރިންނާއި ވާޢިޡުން އެބޭފުޅުންގެ ދަރުސްތަކުގައި މިފަދަ ޙަދީޘްތައް ހިމަނުއްވާށެވެ. ފަހަރުގައި ޣާފިލުކަމުގައި ތިބި ބަޔަކަށް މީގެން ފައިދާކޮށްފާނެއެވެ.


_________________________

[1] ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ كَبْش أَمْلَح އަކީ ހުދާއި ކަޅުކުލައާއި ދެކުލައިން ހުންނަ ކަންބަޅިކަމުގައެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެފަދަ ކަންބަޅީގައި ކަޅަށް ވުރެ ހުދުކަން ގަދަވާނެއެވެ.


[2]  ނަރަކަވަންތަވެރިންކުރެ ތައުޙީދުގެ އަހުލުވެރިން އެތަނުން ނެރެ ސުވަރުގެއަށް ވެއްދެވޭނެއެވެ. ނަރަކައިގައި ދާއިމަށް ދެމިތިބޭނީ މުޝްރިކުންނެވެ.



މަޞްދަރު: قصص الغيب في صحيح الحديث النبوي

Categories
ދީނީ ލިޔުން

ރަމަޟާންމަހުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މައްސަރެކެވެ. ﷲ ތަޢާލާވަނީ ވަރަށް ގިނަ ގޮތް ގޮތުން އެމަސް މާތް ކުރައްވައި މަތިވެރިކުރައްވާފައެވެ. އެމަހަށް ލިބިގެންވާ ޚާއްޞަ ކަންކަމުގެ ތެރޭގައި އެމަހުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވުން ހިމެނެއެވެ.

ޖިންނި ޝައިޠާނުންގެ ޢާލަމަކީ ޣައިބުގެ ޢާލަމެކެވެ. އެފަދަ ޢާލަމްތަކުގެ ކަންތައްތައް ދެނެގަނެވޭނެ އެންމެ ކަށަވަރު މަގަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. އެހެނީ ސިއްރާއި ފާޅުގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ބިމުގައިވިޔަސް އުޑުގައިވިޔަސް އެއްވެސް ކަމެއް އެއިލާހަށް ވަންހަނާ ވެގެން ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ޖިންނީންނާ ބެހޭ ބައެއް ޚަބަރުތައް އަޅުގަނޑުމެންނަށް ދެއްވާފައެވެ. އެގޮތުން ރަމަޟާން މަހު ޝައިޠާނުން ކަސްތޮޅު އެޅުވޭނެކަމަށް އެކަލޭގެފާނުވަނީ ޚަބަރުދެއްވާފައެވެ.

މިކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް ޛިކުރުކޮށްލާނަމެވެ.

އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

((إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفِّدَتِ الشَّيَاطِينُ)). [1] 

މާނައީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ.”

އަދިވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވި އެހެން ރިވާޔަތެއްގައިވެއެވެ.

((إِذَا كَانَ أَوَّلُ لَيْلَةٍ مِنْ رَمَضَانَ صُفِّدَتِ الشَّيَاطِينُ مَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجِنَانِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَنَادَى مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ)). [2]

މާނައީ: “ރަމަޟާންމަހުގެ އެންމެ ފުރަތަމަ ރޭގައި ޝައިޠާނުން ކުރެ މާރިދު ޖިންނީން ކަސްތޮޅު އެޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ބަންދެއް ނުކުރެވޭނެއެވެ. އަދި ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. އަންނާށެވެ. އޭ ނުބައިކަމަށް އެދޭ މީހާއެވެ. ހުއްޓާލާށެވެ. އަދި ﷲ ތަޢާލާ، (އެ މައްސަރުގައި) ބަޔަކު ނަރަކައިން މުއްތި ކުރައްވާނެއެވެ.”

– ފުރަތަމަ ޙަދީޘްގައި އައިސްފައި އެވަނީ الشَّيَاطِينُ (ޝައިޠާނުން) ކަސްތޮޅު އެޅުވޭނެކަމެވެ.

– ދެވަނަ ޙަދީޘްގައިވަނީ ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވޭނީ مَرَدَةُ الْجِنِّ (މާރިދު ޖިންނީން) ކަމެވެ.

މި ދެ ޙަދީޘުން އެނގޭ ގޮތުގައި ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވެނީ ވަކި ބައެކެވެ. އެއީ އެސޮރުމެންގެ ތެރެއިން މާރިދުންނެވެ.

މިކަމާ ބެހޭގޮތުން ابن خزيمة  – رحمه الله –  އެކަލޭގެފާނުގެ ޞަޙީޙުގައި ބާބު ބަންނަވަމުން ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވާހަކަ އެކަލޭގެފާނު ބަޔާންކުރެއްވިއިރު، އޭގެ މުރާދަކީ ޖިންނީންކުރެ މާރިދުންކަން ބަޔާންކޮށްދިނުން. އެއީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ. … ” [3]

މާރިދުންނަކީ ނުބައިކަމުގައިވެސް ހައްދު ފަހަނައަޅާދާ ޝައިޠާނުންނެވެ. [4]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾  [5]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު، އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. [6] އަދި ކޮންމެ މާރިދު ޝައިޠާނެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ. [7]”

މިއާޔަތްތަކުގައި މިވަނީ އެސޮރުމެން ކުރެ މާރިދުން އުޑުން ޚަބަރު ހޯދަން މަސައްކަތް ކުރުމުން ގިނި ހިލަ ފޮނުއްވާ އެސޮރުމެން ހަލާކުރައްވާ ވާހަކައެވެ. [6]

ރަމަޟާން މަހުގައި އެފަދަ ޝައިޠާނުން ކަސްތޮޅު އެޅުއްވުމުގެ ޙިކުމަތަކީ އެމައްސަރުގައި ޝައިޠާނުންގެ ނުބައިކަން ކުޑަކުރެއްވުމެވެ.

ބައެއް މީހުންނަށް މިޙަދީޘުން ދެ ކަމެއް އޮޅުން އަރައެވެ.

ފުރަތަމައީ: މިޙަދީޘްތަކުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ވާހަކަ އައިސްފައިވާއިރު ރަމަޟާން މަހުގައި ބައެއް މީހުން ޖިންނި މޮޔަވަނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބުގައި ދަންނަވާލަން އޮތީ، ކުރިން ދެންނެވުނު ފަދައިން ރަމަޟާން މަހު ކަސްތޮޅު އެޅުއްވެނީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ. ކަސްތޮޅު އެޅުއްވެނީ މާރިދު ޖިންނީން އެކަންޏެވެ. އެހެން ކަމުން ރަމަޟާން މަހުގައިވެސް ޝައިޠާނުން އުޅޭނެއެވެ. [7]

ދެވަނައީ: ރަމަޟާން މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުއްވުމުންވެސް މީސްތަކުން ފާފަކުރަނީ ކީއްވެ ހެއްޔެވެ؟

ޖަވާބުގައި ދަންނަވާލަން އޮތީ، މިސުވާލުގެ ޖަވާބުގައި ޢިލްމުވެރިން މައިގަނޑު ތިން ޖަވާބެއް ދެއްވައެވެ. އެއީ:

1- ރަމަޟާން މަހު ޝައިޠާނުންގެ ކިބައިން ރައްކާތެރިވަނީ ރޯދަ ހިފަން އަންގަވާފައިވާ ގޮތުގައި ރޯދަ ހިފާ މީހުންނެވެ.  [8]

2- މީސްތަކުން ފާފަތައް ކުރަނީ ހަމައެކަނި ޝައިޠާނުންގެ ސަބަބުންނެއް ނޫނެވެ. އެކަމުގައި އެހެން ސަބަބުތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި: އަމިއްލަ ނަފްސުގެ ނުބައިކަމާއި ނުބައި އާދަކާދަ އަދި އިންސީންގެ ތެރެއިންވާ ޝައިޠާނުންވެސް ހިމެނެއެވެ.

3- – ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން – ކަސްތޮޅު އެޅުވެނީ ހަމައެކަނި މާރިދު ޖިންނީންނެވެ. ހުރިހާ ޝައިޠާނުންނެއް ނޫނެވެ.

ޚުލާޞާއަކީ ރަމަޟާން މަހުގައި އެސޮރުމެންގެ ނުބައިކަން ކުޑަވެގެންދާނެއެވެ. [9]

______________________________________


[1] أخرجه مسلم في صحيحه، كتاب: الصيام، باب: فضل شهر رمضان، برقم: 1 – (1079) من طريق على بن حجر.

[2] أخرجه الترمذي في جامعه برقم: (682) وابن ماجة في سننه برقم: (1642) وابن خزيمة في صحيحه برقم: (1883) وابن حبان في صحيحه برقم: (3435) والحاكم في مستدركه برقم: (1532). إسناده حسن، من أجل أبو بكر بن عياش وهو ثقة عابد إلا أنه لما كبر ساء حفظه (انظر: التقريب لإبن حجر (1/624) برقم: (7985) وصحيح ابن خزيمة مع تحقيق الأعظمي (2/907) برقم: (1883)).

[3] صحيح ابن خزيمة مع تحقيق الأعظمي (2/907).

[4] انظر: تفسير الطبري (14/440).

[5] سورة الصافات: ٦ – ٧

[6] تفسير ابن كثير (7/6).

[7] انظر: فتح الباري (4/114).

[8] ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާވަނީ މިމާނައަށް އިޝާރާތްކުރައްވާފައެވެ.  انظر: مجموع فتاوى لشيخ الإسلام ابن تيمية (25/246).

[9] انظر: المفهم للقرطبي (3/136).

Categories
ދީނީ ލިޔުން

“ތިމަން އިލާހު އެދިވޮޑިގެންނެވީ ތިއަށްވުރެ ވެސް ފަސޭހަ ކަމެކެވެ.”

ތަމްހީދު:


މިޙަދީޘުން ބަޔާންކޮށްދެނީ ނަރަކަވަންތަވެރިންނަށް ހުރި ޢަޛާބުގެ ބޮޑުކަމެވެ. ނަރަކަވަންތަވެރިން ކުރެ އެންމެ ލުއި ޢަޛާބު ލިބޭ މީހާއަށް، ދުނިޔެއާ އެއްވަރަށް ރަން ލިބިފައިވާނަމަ، ޤިޔާމަތް ދުވަހުގެ ޢަޛާބުން މިންޖުވުމަށްޓަކައި ފިދުޔައިގެ ގޮތުގައި އެދިނަސް އޭނާގެ ކިބައިން އެ ޤަބޫލު ނުވެވޭ ހުއްޓެވެ.



ޙަދީޘްގެ ނައްޞު:


ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަނަސް رضي الله عنه ރިވާކުރެއްވިއެވެ.

((يَقُولُ اللَّهُ تَعَالَى لِأَهْوَنِ أَهْلِ النَّارِ عَذَابًا يَوْمَ القِيَامَةِ: لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَيْءٍ أَكُنْتَ تَفْتَدِي بِهِ؟ فَيَقُولُ: نَعَمْ، فَيَقُولُ: أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا، وَأَنْتَ فِي صُلْبِ آدَمَ: أَنْ لاَ تُشْرِكَ بِي شَيْئًا، فَأَبَيْتَ إِلَّا أَنْ تُشْرِكَ بِي))

މާނައީ: “ޤިޔާމަތް ދުވަހު ނަރަކައިގައި އެންމެ ލުއި ޢަޛާބު ލިބޭ މީހާއަށް ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ދުނިޔޭގެ ތަކެތިން އެއްވެސް އެއްޗެއް (މިއަދު) ތިބާގެ އަތުގައިވީނަމަ ފިދުޔައެއްގެ ގޮތުގައި އެ ބޭނުން ކުރާނަން ހެއްޔެވެ؟ އެމީހާ ބުނާއެވެ. އާދޭހެވެ. އެއިލާހު ވަޙީކުރައްވާނެއެވެ. އާދަމުގެފާނުގެ ބުރަކަށިފުޅުގައި ތިބާ ވަނިކޮށް ތިމަން އިލާހު ތިބާގެ ކިބައިން އިރާދަކުރެއްވީ ތިއަށްވުރެ މާ ފަސޭހަ ކަމެކެވެ. އެއީ ތިމަން އިލާހާ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމަށެވެ. އެހެނަސް ތިމަން އިލާހަށް ޝަރީކުކުރުން ފިޔަވާ އެހެން ގޮތެއް ތިބާ ނޭދުނެވެ.”



ހަދީޘްގެ ތަޚްރީޖު:


އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރެއްވިއެވެ.

كتاب الرقاق، باب صفة الجنة والنار، ورقمه: 6557.

وبرقم: 3334 وبرقم: 6538



ޙަދީޘްގެ ބައެއް ލަފްޒުތަކުގެ މާނަ:


تَفْتَدِي بِهِ (ފިދުޔައެއްގެ ގޮތުގައި އެ ބޭނުން ކުރާނަން ހެއްޔެވެ؟) : ފިދުޔައަކީ އަސީރުން ބަންދުން ސަލާމަތް ވުމަށްޓަކައި ބަދަލުގައި ދޭ އެއްޗަކަށް ކިޔާ ނަމެކެވެ.

أَهْوَنُ مِنْ هَذَا (ތިއަށްވުރެ މާ ފަސޭހަ ކަމެކެވެ.) : ތިއަށް ވުރެ މާ ލުއި ކަމެކެވެ.

أَنْ لاَ تُشْرِكَ بِي شَيْئًا (ތިމަން އިލާހާ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމަށެވެ.) : އަޅުކަމުގައިވެސް (އަދި އެއިލާހުގެ ރައްބުވަންތަކަމުގައާއި އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައިވެސް) ﷲ އާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ.



ހަދީޘްގެ ޝަރަޙަ:


ޤިޔާމަތްދުވަހު އެންމެ ލުއި ޢަޛާބު ދެވޭ މީހާ ގެނެވޭނެއެވެ. އަދި ﷲ ތަޢާލާ އެމީހާއަށް ވަޙީކުރައްވާނެއެވެ. “ދުނިޔޭގެ ތަކެތިން އެއްވެސް އެއްޗެއް (މިއަދު) ތިބާގެ އަތުގައިވީނަމަ ފިދުޔައެއްގެ ގޮތުގައި އެ ބޭނުން ކުރާނަން ހެއްޔެވެ؟”

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

“ދުނިޔެ ފުރާ ރަން ތިބާއަށް ލިބިފައިވާނަމަ ފިދުޔައެއްގެ ގޮތުގައި އެ ބޭނުން ކުރާނަން ހެއްޔެވެ؟” [صحيح البخاري 6538]

ދެން އޭނާ އާނއެކޭ ދަންނަވާނެއެވެ. އަދި ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ.

“ތިބާ އާދަމުގެފާނުގެ ބުރަކަށިފުޅުގައި ވަނިކޮށް ތިމަން އިލާހު އެދިވޮޑިގެންނެވީ ތިއަށްވުރެ ވެސް ފަސޭހަ ކަމެކެވެ. އެއީ ތިމަން އިލާހާ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމަށެވެ. އެހެނަސް ތިމަން އިލާހަށް ޝަރީކުކުރުން ފިޔަވާ އެހެން ގޮތެއް ތިބާ ނޭދުނެވެ.” [صحيح البخاري 3334]

ހަމަކަށަވަރުން ﷲ ތަޢާލާގެ ޢަޛާބު ގަދަފަދައެވެ. ފާޖިރުންނާއި ކާފިރުންނަށް އެކަން ފެންނާނީ ޢަޛާބު އައިސް އެބައިމީހުން ވަށާލުމުންނެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާއި ޙަދީޘްތަކުން މިކަން އެނގިގެންދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ أُولَـٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ ﴿٩١﴾ [سورة آل عمران]

މާނައީ: “ހަމަކަށަވަރުން، ކާފިރުވެ އަދި ކާފިރެއްގެ ގޮތުގައި މަރުވި މީހުން ބިން ފުރޭހައި ރަނުން ފިދުޔަ ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން ޤަބޫލު ނުކުރައްވާ ހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި ޢަޛާބު ހުށްޓެވެ. އަދި އެއުރެންނަށް ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

وَالَّذِينَ لَمْ يَسْتَجِيبُوا لَهُ لَوْ أَنَّ لَهُم مَّا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ أُولَـٰئِكَ لَهُمْ سُوءُ الْحِسَابِ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ الْمِهَادُ ﴿١٨﴾ [سورة الرعد]

މާނައީ: “އަދި އެއިލާހަށް އިޖާބަ ނުދިން މީހުންނަށް މުޅި ބިމުގައި ވާހައި ތަކެއްޗެއް އޭގެ ދެގުނަޔަށް ލިބުނުކަމުގައިވިޔަސް، އެ ހުރިހާ އެއްޗަކުން އެއުރެން ފިދުޔަ ދިނީހެވެ. އެއުރެންނަށްހުރީ، ނުބައިކަންހުރި ޙިސާބުބެއްލެވުމެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. އަދި އެ ތަންމަތީގެހުރި ނުބައިކަމާއެވެ!”



ޙަދީޘްގައިވާ ޢިބުރަތްތަކާއި ފައިދާތަކާއި ޙުކުމްތައް


1- ނަރަކައިގެ އަލިފާނުގައި ކާފިރުން ދާއިމަށް ދެމިތިބޭނެއެވެ. އެއްވެސް ޙާލެއްގައި އެބައިމީހުން އެތަނުން ނުނެރެވޭނެއެވެ.

2- ނަރަކައިގައި އެންމެ ލުއި ޢަޛާބު ލިބޭ މީހާއަށް (އެބަހީ: ކާފިރަކަށް) ބިން ފުރާ ރަން ލިބިގެންވިނަމަ، ޤިޔާމަތްދުވަހުގެ ޢަޛާބުން ސަލާމަތްވުމަށް ފިދުޔައެއްގެ ގޮތުގައި އޭނާ އެ ދިނަސް އޭނާގެ ކިބައިން އެކަން ޤަބޫލު ނުވެވޭ ހުށްޓެވެ.

3- ޛައްރެއްގެ ގޮތުގައި ވީ ހިނދު އެ ޢާލަމުގައި ކާފިރުންވަނީ ކުފުރު ޚިޔާރުކުކޮށްފައެވެ. އެއީ ﷲ ތަޢާލާ އެބައިމީހުންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕެވި ހިނދުގައެވެ. އެހެނަސް އެބައިމީހުންގެ ކުފުރަށް ޢަޛާބު ދެއްވާނީ ރަސޫލުބޭކަލުން ފޮނުއްވެވުމަށްފަހު އަދި ފޮތްތައް ބާވައިލެއްވުމަށް ފަހު ދެން ކާފިރުވުމުންނެވެ.

4- ނަރަކައިގައި އެންމެ ލުއި ޢަޛާބު ލިބޭ މީހާގެ ޙާލަކީ މިއީ ކަމުގައިވާއިރު ފަހެ އެއަށް ވުރެ ބޮޑެތި ޢަޛާބު ލިބޭ މީހުންގެ ޙާލަކީ ކޮބާ ހެއްޔެވެ!

_________________________

މަޞްދަރު: قصص الغيب في صحيح الحديث النبوي

Categories
ދީނީ ލިޔުން

އީމާންކަން އުނިވާ ސަބަބުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.

އީމާންކަން
އުނިވާ ސަބަބުތައް ޖުމްލަގޮތެއްގައި ދެ ބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމަ ބަޔަކީ:
އިންސާނާގެ ނަފްސާ
ގުޅިފައިވާ ސަބަބުތައް

ފުރަތަމައީ: ޖާހިލުކަން

﴿وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ
الْفَاحِشَةَ وَأَنتُمْ تُبْصِرُونَ ﴿٥٤﴾ أَئِنَّكُمْ لَتَأْتُونَ الرِّجَالَ
شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ ﴿٥٥﴾ [سورة
النمل ٥٤-٥٥]

މާނައީ:
“ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު
ހަނދުމަކުރައްވާށެވެ. ތިޔަބައިމީހުން ދެކެދެނެތިބި ޙާލު ފާޙިޝް ޢަމަލުތައް ކުރަނީ
ހެއްޔެވެ. [54] ހަމަކަށަވަރުން ތިޔަބައިމީހުން ޝަހުވާނީ އެދުން ފުއްދުމަށްޓަކައި
އަންހެނުން ފިޔަވާ ފިރިހެނުންނާ ގާތްވަނީ ހެއްޔެވެ. އަދި ކިއެއް ހެއްޔެވެ.
ތިޔަބައިމީހުންނަކީ ޖާހިލު ބަޔަކީމުއެވެ.  ”[55]

ދެވަނައީ: ޣާފިލުކަމާއި
ފުރަގަސްދިނުމާ އަދި ހަނދުމަނައްތާލުން

﴿يَعْلَمُونَ ظَاهِرًا مِّنَ الْحَيَاةِ
الدُّنْيَا وَهُمْ عَنِ الْآخِرَةِ هُمْ غَافِلُونَ﴾[سورة الروم  ٧]

މާނައީ:
“ދުނިޔޭގެ ދިރިއުޅުމުން އެބައިމީހުންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި
އެބައިމީހުންވަނީ، އާޚިރަތާމެދު ޣާފިލުވެގެންވާ ބަޔަކު ކަމުގައެވެ.”

﴿وَمَنْ
أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ
الْمُجْرِمِينَ مُنتَقِمُونَ﴾ [سورة السجدة ٢٢]

މާނައީ:
“އެމީހެއްގެ ރައްބުގެ އާޔަތްތަކުން އެމީހަކަށް ހަނދާންކޮށް ދެއްވުމުން، ދެން އެ
އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ
ކާކުހެއްޔެވެ. ހަމަކަށަވަރުން ތިމަންއިލާހު، ކުށްވެރިންގެ ކިބައިން އިންތިޤާމު
ހިއްޕަވާ ހުށީމެވެ.”

﴿وَلَا تَكُونُوا كَالَّذِينَ نَسُوا
اللَّـهَ فَأَنسَاهُمْ أَنفُسَهُمْ﴾ [سورة الحشر ١٩]

މާނައީ: “އަދި
ﷲ ގެ މަތިން ހަނދާން ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ފަހެ،
އެއިލާހު އެބައިމީހުންގެ ނަފްސުތަކުގެ މަތިން އެބައިމީހުން، ހަނދާން
ނެތިކުރުއްވިއެވެ.”

ތިންވަނައީ: އުރެދުމާއި
ފާފަތަކަށް އަރައިތަގުން

﴿الَّذِينَ يَجْتَنِبُونَ كَبَائِرَ
الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ﴾[سورة النجم ٣٢]

މާނައީ: “އެބައިމީހުންނީ،
(އެބަހީ: އިޙްސާންތެރިންނަކީ) ކުދި ފާފަތައް ފިޔަވާ، ބޮޑެތި ފާފަތަކާއި، ފާޙިޝް
ކަންތަކުން ދުރުވެގަންނަ މީހުންނެވެ.”

ހަތަރުވަނައީ:
ނުބައިކަންތައްތަކަށް އަމުރުކުރާ ނަފްސު

﴿وَمَا أُبَرِّئُ نَفْسِي إِنَّ النَّفْسَ
لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّي إِنَّ رَبِّي غَفُورٌ رَّحِيمٌ﴾
[سورة يوسف ٥٣]

މާނައީ: “އަދި
ތިމަންކަލޭގެފާނުގެ ނަފްސުވެސް ބަރީއަ ނުކުރައްވަމެވެ. ހަމަކަށަވަރުން ނަފްސަކީ
ތިމަންކަލޭގެފާނުގެ ރައްބު ރަޙްމަތް ލައްވައިފި އަޅަކަށް މެނުވީ، ނުބައިކަންތަކަށް
އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން
ތިމަންކަލޭގެފާނުގެ ރައްބަކީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.”

ދެވަނަ
ބަޔަކީ: ބޭރު ތެރެއިން މެދުވެރިވާ ސަބަބުތައް

ފުރަތަމައީ: ޝައިޠާނާ

﴿…إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ﴾ [سورة يوسف ٥]

މާނައީ:
“ހަމަކަށަވަރުން ޝައިޠާނާއަކީ އިންސާނާއަށްހުރި ފާޅުވެގެންވާ ޢަދާވާތްތެރިއެކެވެ.”

ދެވަނައީ: ދުނިޔެއާއި އޭގެ
ފިތުނަތައް

﴿يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ
إِذَا قِيلَ لَكُمُ انفِرُوا فِي سَبِيلِ اللَّـهِ اثَّاقَلْتُمْ إِلَى الْأَرْضِ
أَرَضِيتُم بِالْحَيَاةِ الدُّنْيَا مِنَ الْآخِرَةِ فَمَا مَتَاعُ الْحَيَاةِ
الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ﴾ [سورة التوبة ٣٨]

މާނައީ: “އޭ އިމާންވެއްޖެ މީސްތަކުންނޭވެ.
ﷲގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް ބުނެވުނުހިނދު،
ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެން ހެއްޔެވެ. އާޚިރަތަށްވުރެ
ދުނިޔޭގެ ދިރިއުޅުމަށް ތިޔަބައިމީހުން ރުހުނީ ހެއްޔެވެ. ދުނިޔޭގެ އުފަލާއި، އަރާމަކީ
އާޚިރަތާ އަޅާބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެއެވެ.”

ތިންވަނައީ: ނުބައި
އެކުވެރިން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((الرَّجُلُ عَلَى دِينِ خَلِيلِهِ،
فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ)) [رواه أبو داود والترمذي وغيره وحسنه
الألباني في السلسلة]

މާނައީ:
“ކޮންމެ މީހަކުވެސް ވާހުށީ އެމީހެއްގެ ގާތް އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ
ތިޔަބައިމީހުންކުރެ މީހަކު، ގާތް އެކުވެރިއެއްކަމުގައި ހަދަނީ ކާކުތޯ ބަލާށެވެ.”

_____________________________________________

މިއީ أ. د. عَبْدُالرَزَّاق البَدْر ލިޔުއްވާފައިވާ زِيَادَةُ الإيمانِ وَنُقْصَانُهُ وَحُكْمُ الإستِثْنَاءِ فِيْهِ، މިފޮތުގައި ބަޔާންކުރައްވާފައިވާ ބަހުޘްއެއްގެ ޚުލާޞާއެކެވެ. ピークファンドリアとは

އީމާންކަން އިތުރުވާ ސަބަބުތައް

Categories
ދީނީ ލިޔުން

އީމާންކަން އިތުރުވާ ސަބަބުތައް

الحمد لله والصلاة والسلام على رسول الله وعلى آله
وصحبه وسلم.

އީމާންކަމަކީ އިތުރުވާ އަދި އުނިވެސްވާ
އެއްޗެކެވެ. މިކަމުގެ ސަބަބުތަކާއި ދަލީލުތައް ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކުގައި ވާރިދުވެގެން
އައިސްފައިވެއެވެ.

ފުރަތަމައީ:
ފައިދާކުރަނިވި ޢިލްމު އުނގެނުން

﴿لَّـٰكِنِ الرَّاسِخُونَ
فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ
وَمَا أُنزِلَ مِن قَبْلِكَ ۚ وَالْمُقِيمِينَ الصَّلَاةَ ۚ وَالْمُؤْتُونَ
الزَّكَاةَ وَالْمُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ أُولَـٰئِكَ
سَنُؤْتِيهِمْ أَجْرًا عَظِيمًا﴾ [سورة النساء ١٦٢]

މާނައީ: “އެހެނެއްކަމަކު
އެބައިމީހުންގެ ތެރެއިން ޢިލްމުވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި،
މުއުމިނުން ކަލޭގެފާނަށް ބާވައިލެއްވި ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލެއްވި
ފޮތްތަކަށް އީމާންވެއެވެ. (އެބައިމީހުންނާ) އަދި (ޚާއްޞަކޮށް) ނަމާދު ޤާއިމުކުރާ
މީހުންނާއި، ޒަކާތްދޭ މީހުންނާއި، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުން
(ދަންނައެވެ!) އެބައިމީހުންނަށް ތިމަންއިލާހު ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ.”

ޝަރުޢީ ޢިލްމުގެ
ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އީމާންކަން އިތުރުވާ ކަންތައްތައް

  1. ޤުރުއާން ކިޔެވުމާއި ޤުރުއާނާމެދު ވިސްނާ
    ފިކުރުކުރުން

﴿كِتَابٌ أَنزَلْنَاهُ
إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ
﴾  [سورة ص  ٢٩]

މާނައީ: “(މިއީ)
ކަލޭގެފާނަށް ތިމަންއިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ)
އެބައިމީހުން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ.
އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަސޭހަތް ލިބިގަތުމަށެވެ.”

  • ﷲގެ
    ރިވެތިވެގެންވާ އިސްމުފުޅުތަކާއި މަތިވެރި ޞިފަފުޅުތައް އުނގެނުން

ޞަޙީޙުލް ބުޚާރީއާއި ޞަޙީޙް މުސްލިމުގައި އަބޫ
ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ صلى
الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِنَّ لِلَّهِ تِسْعَةً
وَتِسْعِينَ اسْمًا، مِائَةً إِلَّا وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ))
[أخرجه البخاري ومسلم]

މާނައީ: “ހަމަކަށަވަރުން
ﷲ އަށް ނުވަދިހަ ނުވަ އިސްމުފުޅުވެއެވެ. އެއީ ސަތޭކަ ހަމަނުވެ އެންމެ
އިސްމުފުޅެކެވެ. އެ އިސްމުފުޅުތައް އިޙްޞާކޮށްފި މީހަކު (އެބަހީ: އެއިސްމުފުޅުތައް
ދަސްކޮށް، އެ އިސްމުފުޅުތަކަށް ދޭންވާ ޙައްޤުތައް ދީފިމީހަކު) ސުވަރުގެ
ވަދެއްޖެއެވެ.”

  • ނަބިއްޔާ صلى الله عليه وسلم ގެ ސިޔަރަތާ މެދު
    ވިސްނުން

﴿ وَإِنَّكَ لَعَلَىٰ
خُلُقٍ عَظِيمٍ ﴾ [سورة القلم ٤ ]

މާނައީ: “އަދި
ހަމަކަށަވަރުން ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން
ކަށަވަރެވެ.”

  • އިސްލާމްދީނުގެ ފުރިހަމަކާމެދު ވިސްނުން

﴿وَلَـٰكِنَّ اللَّـهَ
حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ﴾ [سورة الحجرات ٧]

މާނައީ: “އަދި
އެހެނެއްކަމަކު ﷲ، ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ
ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކުރެއްވިއެވެ.”

  • މިއުންމަތުގައި އިސްވެ ގޮސްފައިވާ
    ސަލަފުއްޞާލިޙުންގެ ޙަޔާތްޕުޅާ ގުޅުންހުރި ފޮތްތައް ކިޔުން

ޞަޙީޙް މުސްލިމުގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ صلى
الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 ((خَيْرُ أُمَّتِي الْقَرْنُ الَّذِينَ
بُعِثْتُ فِيهِمْ، ثُمَّ الَّذِينَ يَلُونَهُمْ)) [ رواه مسلم]

މާނައީ: “ތިމަންކަލޭގެފާނުގެ
އުންމަތުގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ، އެޤަރުނެއްގައި ތިމަންކަލޭގެފާނު
އެބައެއްގެ ގާތަށް ފޮނުވުނު މީސްތަކުންނެވެ. (އެބަހީ: ޞަޙާބީ ބޭކަލުންނެވެ.) ދެން
އެއަށްފަހު އެބައިމީހުންނާ ޖެހިގެން އައި މީހުންނެވެ.”

ދެވަނައީ: ﷲ
ތަޢާލާ ޚަލްޤުކުރައްވާފައިވާ ކައުނީ އާޔަތްތަކާމެދު ވިސްނާ ފިކުރުކުރުން

﴿إِنَّ فِي خَلْقِ
السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ
الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّـهُ
مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ
فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ
بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ﴾ [سورة البقرة ١٦٤]

މާނައީ: “ހަމަކަށަވަރުން
އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް
މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، ﷲ އުޑުން
ވެއްސެވި ވާރޭގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެވާރޭގެ ސަބަބުން ބިމަށް
ދިރުން ދެއްވައިފުމާ އަދި ހިނގައިބިނގައި އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި،
އެ ބިމުގައި ފަތުރުއްވައިފުމާ އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި
ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި،
ވިސްނާ ބަޔަކަށް ކަނޑައެޅިގެން ހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.”

ތިންވަނައީ:
އިޚްލާޞްތެރިކަމާއެކު ޞާލިޙު ޢަމަލުތައް ﷲގެ ވަޖްހުފުޅު އަދައިގެން ކުރުން

﴿قَدْ أَفْلَحَ
الْمُؤْمِنُونَ [١] الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ [٢] وَالَّذِينَ
هُمْ عَنِ اللَّغْوِ مُعْرِضُونَ [٣] وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ [٤]
وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ [٥] إِلَّا عَلَىٰ أَزْوَاجِهِمْ أَوْ
مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ [٦] فَمَنِ ابْتَغَىٰ
وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ [٧] وَالَّذِينَ هُمْ
لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ [٨] وَالَّذِينَ هُمْ عَلَىٰ
صَلَوَاتِهِمْ يُحَافِظُونَ [٩] أُولَـٰئِكَ هُمُ الْوَارِثُونَ [١٠] الَّذِينَ
يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ [١١]﴾ [سورة المؤمنون ١- ١١]

މާނައީ:
“މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. [1] އެބައިމީހުންނީ ނަމާދުގައި
މަޑުމައިތިރިވެތިބޭ މީހުންނެވެ. [2] އަދި އެބައިމީހުންނީ، ބޭކާރު ވާހަކަތަކާއި،
ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. [3] އަދި އެބައިމީހުންނީ ޒަކާތް
ދޭމީހުންނެވެ. [4] އަދި އެބައިމީހުންނީ އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރާމީހުންނެވެ.
[5] އެބައިމީހުންގެ އަނބިންގެ މައްޗަށާއި، އެބައިމީހުންނަށް މިލްކުވެގެންވާ
އަޅުންގެ މައްޗަށް މެނުވީއެވެ.  ފަހެ، ހަމަކަށަވަރުން، އެބައިމީހުންނީ
(އެކަމުގައި) ބަދުނާމެއް ލިބިގެންނުވާ މީހުންނެވެ. [6] ފަހެ، އެއިން ބޭރުގައިވާ
ކަމަކަށް އެދިއްޖެމީހާ (ދަންނައެވެ!) ފަހެ، އެއީ (ހުއްދަވެގެންވާ އިން)
ފަހަނަޅައިދާ މީހުންނެވެ. [7] އަދި އެބައިމީހުންނީ އަމާނާތްތަކަށާއި ޢަހުދުތަކަށް
ރައްކާތެރިވާ މީހުންނެވެ. [8] އަދި އެބައިމީހުންނީ ނަމާދުތަކުގެ މައްޗަށް
ރައްކާތެރިވާ މީހުންނެވެ. [9] ވާރުތަވާ މީހުންނީ، ހަމަ އެބައިމީހުންނެވެ. [10]
އެބައިމީހުންނީ ފިރުދައުސް އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެބައިމީހުން
އެތަނުގައި ދެމިތިބޭ ހުށްޓެވެ. [11]”

_____________________________________________

މިއީ أ. د. عَبْدُالرَزَّاق البَدْر ލިޔުއްވާފައިވާ زِيَادَةُ الإيمانِ وَنُقْصَانُهُ وَحُكْمُ الإستِثْنَاءِ فِيْهِ، މިފޮތުގައި ބަޔާންކުރައްވާފައިވާ
ބަހުޘްއެއްގެ ޚުލާޞާއެކެވެ. ピーク ファンドリア

Categories
ޚަބަރު ދީނީ ލިޔުން

ޢުމަރު ބުން ޢަބްދުލްޢަޒީޒު ދެއްވި އެންމެ ފަހު ޚުޠުބާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޢުމަރު ބުން ޢަބްދުލްޢަޒީޒު ދެއްވި އެންމެ ފަހު ޚުޠުބާގައި ޙަމްދުޘަނާއަށްފަހު ވިދާޅުވިއެވެ.

“އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޚަލްޤުކުރެއްވުނީ ބޭކާރު ގޮތުގައެއް ނޫނެވެ. އަދި އަޅާނުލާ ތިޔައިބައިމީހުން ދޫކޮށްލެވިފައި ނުވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އަލުން އިޢާދަކުރެވޭނެއެވެ. އެދުވަހުން ތިޔަބައިމީހުންގެ ޙިސާބު ބައްލަވައި ޙުކުމްކުރެއްވުމަށް ﷲ ތަޢާލާ ފައިބާވޮޑިގަންނަވާނެއެވެ. ފަހެ ގެއްލެނިވެ ހަލާކުވެގެންވަނީ ﷲ ގެ ރަޙުމަތުން ބޭރުވި މީހެކެވެ. އަދި އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެ ތަކުން މަޙްރޫމުވި މީހެކެވެ.

މިއަދު ރައްކާތެރިވެ ބިރުވެތިވި މީހަކު މެނުވީ މާދަމާ އަމާންކަން ނުލިބޭނެކަން ތިޔަބައިމީހުންނަށް ނޭނގެނީ ހެއްޔެވެ! އަދި ފަނާވެދަނިވި އެއްޗެއް ވިއްކާ ދެމިހުންނަނިވި އެއްޗެއް ގަތް މީހަކު މެނުވީއެވެ. އަދި މަދު އެއްޗަކުން ގިނަ އެއްޗެއް ގަތް މީހަކު މެނުވީއެވެ. އަދި ބިރުވެރިކަމުން އަމާންކަން ހޯދި މީހަކު މެނުވީއެވެ.

ފަހެ ތިޔަބައިމީހުން އެތަނަކުން ނުކުމެގެން އައި ބުރަކަށިތައް ހަލާކުވެއްޖެއެވެ. އަދި ބަޔަކަށް ފަހު، ބަޔަކު އަންނާނެއެވެ. އެއީ ވާރުތަވެރިންކުރެ އެންމެ ހެޔޮ ވާރުތަވެރިޔާގެ ޙަޟްރަތަށް ތިޔަ އެންމެން ރުޖޫޢަކުރެއްވުމަށް ދާންދެނެވެ.

ދެން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ﷲ ޢައްޒަ ވަޖައްލަގެ ޙަޟްރަތަށް ދާ ބަޔަކާ ތިޔަބައިމީހުން އަލްވަދާޢު ކިޔާނެއެވެ. އެއީ އެބައެއްގެ އަޖަލު ހަމަވެ، މުއްދަތު ހަމަވެފައިވާ ބައެކެވެ. ފަހެ ތިޔަބައިމީހުން، އެމީހުން ގެންގޮސް، ބިމުގައި ވަޅުލާނެއެވެ. އެވަޅަކީ ތަންމައްޗެއް އެޅިފައި ނުވާ، ބާލީހެއް ނުވާ ތަނެކެވެ. ލޯބިވި މީހުން ދޫކޮށް އެވަނީ ވެއްޔާ އެކުވެފައެވެ. އަދި ޙިސާބުބެއްލެވުމާ އެވަނީ ކުރިމަތިލާފައެވެ. އޭނާގެ ޢަމަލުން އެވަނީ ރަހީނުކުރެވިފައެވެ. އޭނާ ދޫކޮށްފައި ދިޔަ އެއްޗަކަށް ބޭނުމެއް ނުވާ، އިސްކޮށްފައިވާ އެއްޗަކަށް ފަޤީރުވެފައިވާ މީހެކެވެ.

ފަހެ ﷲ ގެ އަޅުތަކުންނޭވެ! ޢަހުދު ކަށަވަރުތައް ހަމަވުމުގެ ކުރިން އެއިލާހަށް ބިރުވެތިވާށެވެ. އެއީ ތިޔަބައިމީހުންގެ ގާތަށް މަރު އައުމުގެ ކުރިންނެވެ.”

އެއަށްފަހު އެކަލޭގެފާނުގެ ރިދާކޮޅު މޫނުގައި އަޅުއްވާ ކީރިތި ކުރެއްވިއެވެ. އަދި ވަށައިގެން ތިއްބެވި ބޭކަލުންވެސް ކީރިތި ކުރެއްވިއެވެ.

______________________________________________________

މަޞްދަރު: مختصر فقه الأسماء الحسنى / أ.د. عبدالرزاق بن عبدالمحسن البدر (ص: 57) Bohem Rendost

Categories
ޚަބަރު ދީނީ ލިޔުން

صلى الله عليه وسلم ލިޔުމުގެ ބަދަލުގައި ص ނުވަތަ SAW ލިޔުމުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ލިޔުންތައް ލިޔުމުގައި ވަރަށް ގިނަ ފަހަރަށް ރަސޫލާ صلى الله عليه وسلم ގެ ނަންފުޅުގަނެވެއެވެ. އަދި ޗެޓްކޮށް މެސެޖްކުރުމުގައި، ދީނީ ވާހަކަތައް ދެކެވޭއިރު އެކަލޭގެފާނުގެ ނަންފުޅުގަނެވެއެވެ.  ރަސޫލާ صلى الله عليه وسلم ގެ ނަންފުޅުގަނެވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުމަކީ ކީރިތި ޤުރުއާނުގައި އަމުރުކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّ اللّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴾ [سورة الأحزاب ٥٦]

މާނައީ: “ހަމަކަށަވަރުން، ﷲ އާއި، އެއިލާހުގެ މަލާއިކަތުން، ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުންއެދި ގިނަގިނައިން ދުޢާ ކުރާށެވެ.”

އަދި އެކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު ޞަލަވާތް ނުކިޔާ ގަސްދުގައި ދޫކޮށްލުމަކީ ވަޢީދު ބަސްފުޅު އައިސްފައިވާކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(صحيح) «الْبَخِيلُ مَنْ ذُكِرْتُ عِنْدَهُ، ثُمَّ لَمْ يُصَلِّ عَلَيَّ» [رواه أحمد في المسند في مسند على بن حسين رقم: ١٧٣٦ وصحح إسناده أحمد شاكر في تحقيق المسند / جزء: 2 / ص: 352 / طبعة: دار الحديث]

މާނައީ: “ދަހިމީހަކީ އޭނާގެ ގާތު ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވުމުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔާ މީހާއެވެ.”

އަދި އެހެން ޙަދީޘެއްގައި ވެއެވެ.

(صحيح) «رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ» [رواه الترمذي / كتاب: الدعوات / باب: قول رسول الله صلى الله عليه وسلم رغم أنف رجل / رقم: 3545 وصححه الألباني في الإرواء الجزء: 1 / ص: 36 / طبعة: المكتب الإسلامي]

މާނައީ: “މީހެއްގެ ގާތު ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވި، ތިމަންކަލޭގެފާނުގެ މައްޗަށް އެމީހަކު ޞަލަވާތް ނުކިޔައިފިނަމަ، ފަހެ އެމީހެއްގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ.”[1]

ތަކުރާރުކޮށް އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ބުރައަކަށް ވެގެން ނުވަތަ މިނޫން ބައެއް ސަބަބުތަކާހުރެވެސް ބައެއް މީހުން صلى الله عليه وسلم ލިޔުމުގެ ބަދަލުގައި ކުރު ޢިބާރާތްތައް ބޭނުންކުރެއެވެ. މިގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ص ނުވަތަ SAW ވަރަށް ގިނައިން ބޭނުންކުރެއެވެ. މިކަމުގެ ޙުކުމާ ބެހޭގޮތުން ކުރީގެ ޢިލްމުވެރިންނާ އަދި ފަހުގެ ޢިލްމުވެރިންވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

މިގޮތުން ރަސޫލާ صلى الله عليه وسلم  ގެ މައްޗަށް ޞަލަވާތް ލިޔެ އުޅޭއިރު، صلى الله عليه وسلم  ގެ ބަދަލުގައި ބައެއް މުޙައްދިޘުން ރަމްޒުތައް ބޭނުންކުރައްވާތީ، އެކަމަށް އަލިއަޅުވާލައްވަމުން އިމާމް އައްސަޚާވީ رحمه الله  “ފަތްޙުލް މުޣީޘް” އޭކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ.

“އޭ ލިޔާމީހާއެވެ. އެއަށް ރަމްޒު ބޭނުންކުރުމުން ތިބާ ދުރުހެލިވާށެވެ. އެބަހީ: ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރުމަށް އެފަދައިން ބޭނުންނުކުރާށެވެ. ތިބާ އަތުލިޔުމުން ލިޔާއިރު އެ ކުރުކޮށް، ދެއަކުރަށް ބަދަލުކުރުންފަދަ ކަންކަން ކުރުމުން ދުރުހެލިވާށެވެ. ފަހެ އޭގެ ސަބަބުން އޭގެ ޞޫރައަށް އުނިކަމެއް އަންނާނެއެވެ. އެއީ “އަލްކިސާއީ” ކުރާ ކަމެކެވެ. އަދި އެއީ ކިޔަވާކުދިންގެ ތެރެއިން ގިނަ ކުދިންނާއި ޢަޖަމީންގެ ތެރެއިން ގިނަކުދިންތަކެއް އާންމުކޮށް ކުރާކަމެކެވެ. صلى الله عليه وسلم ގެ ބަދަލުގައި އެބައިމީހުން ލިޔަނީ ص ނުވަތަ صم ނުވަތަ صلم ނުވަތަ صلعمއެވެ. ލިޔުމުގައި ގެނެވޭ މިއުނިކަމުގެ ސަބަބުން އަޖުރު މަދުވެވެގެންދާނެއެވެ. އަދި މިއީ އައުލާގޮތާ ޚިލާފުކަމެކެވެ.”[2]

އަދި “ތަދްރީބުއްރާވީ” މިފޮތުގައި އައްސުޔޫޠީ رحمه الله ވިދާޅުވެފައިވެއެވެ.

“އަދި ލިޔުމުގައި އެދެކަމަށް (އެބަހީ: ޞަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރުމަށް) ރަމްޒު ބޭނުން ކުރުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. އެއީ އެއް އަކުރު ނުވަތަ ދެ އަކުރު ބޭނުންކޮށްގެން صلعم ލިޔާ ފަދައިންނެވެ.”[3]

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله އާ މިމައްސަލާގައި ސުވާލު ދެންނެވުނެވެ.

ސުވާލު: އަޅުގަނޑުމެންގެ އުސްތާޒާ ވިދާޅުވިއެވެ. صلى الله عليه وسلم ކުރުކޮށްލާފައި ص އަކުރުގެ ގޮތުގައި ނުވަތަ صلعم ގެ ގޮތުގައި ލިޔުން ހުއްދަނުވާނެއެވެ. ފަހެ މިއީ ތެދެއްހެއްޔެވެ؟ އަދި މިކަމުގެ ދަލީލެއްވޭ ހެއްޔެވެ؟

ޖަވާބު: “އާއެކެވެ. އެއީ ކުރުން އެކަށީގެންވާކަމެއް ނޫނެވެ. އެކަމުގެ އެންމެ ދަށުދަރަޖައަކީ މަކުރޫހަކަމަކަށް ވުމެވެ. އެހެނީ އެދެވިގެންވާ ގޮތަކީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމެވެ. އެކަމަށް އިޝާރަތްކުރުމެއް ނޫނެވެ…

ހަމައެކަނި ص، މިފަދައިން ލިޔުމުން ކިޔާމީހާއަށް ނުވިސްނި ދާނެއެވެ. ދެން ފަހެ ކަންނެތްކަމާއި ނުކުޅެދުންތެރިވެގަތުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ޛިކުރުކުރެވިއްޖެނަމަ ފުރިހަމައަށް صلى الله عليه وسلم ކިޔާށެވެ.  އަދި ލިޔާނަމަވެސް صلى الله عليه وسلم މިފަދައިން ފުރިހަމައަށް ލިޔާހުށިކަމެވެ. ص ނުވަތަ صلعم  ނުލިޔާށެވެ. މިކަމުގެ އެންމެ ދަށުދަރަޖައަކީ މަކުރޫހަކަމަކަށްވުމެވެ.”[4]

އަދި ﷲ އަށް ޘަނާ ދެންނެވުމުގެ ގޮތުން ބޭނުން ކުރާ ޢިބާރާތްތައް (މިސާލަކަށް: (عَزَّ وَجَلَّ)، (تَبَارَكَ وَتَعَالَى)) އާއި، ދުޢާގެ ޢިބާރާތްތަކާ އަދިވެސް މިފަދަ ޝަރުޢީ އެހެނިހެން ޢިބާރާތްތައް ކުރުކޮށް ލިޔުން އެކަށީގެން ނުވެއެވެ. [5]

ޚުލާޞާ

صلى الله عليه وسلم ކުރުކޮށް ލިޔުމަކީ މަކުރޫހަކަމެއްކަމުގައި އިތުބާރުހިފޭ ޢިލްމުވެރިންތަކެއް ވިދާޅުވެފައިވާތީވެ އަޅުގަނޑުމެން މިފަދަ ޢަމަލުތަކުން ދުރުހެލިވާން ޖެހޭނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޗެޓްކުރާއިރު ދިގުވާހަކަތައް ނަކަލުކޮށް އުޅެއެވެ. އަދި ޓީވީ ސީރީސްތަކާއި ފިލްމުތަކުގައިވާ ކަންތައްތައްވެސް ތަފުޞީލުކޮށް ބަޔާންކުރެއެވެ. އަދި ސިޔާސީ މަސްރަހުގައި ހިނގާ ކަންތައް އެއްވެސް އުނިކަމެއް ނުގެނެސް ފުރިހަމައަށް ލިޔެއުޅެއެވެ. ނަމަވެސް ބައެއް ޝަރުޢީ ޢިބާރާތްތައް ބޭނުންކުރުމުގައި ކަންނެތްވެ ބުރަކަން އިޙުސާސް ކުރެވެއެވެ. ފަހެ އަޅުގަނޑުމެންނީ މުސްލިމުންނަށް ވީހިނދު، ޝަރުޢީ ނައްސުތަކަށް ސަމާލުކަންދިނުން މާމުހިންމުކަން ބޮޑެވެ.

ހެޔޮބަސްބުނެ އެއާ އެއްގޮތަށް ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާނދޭވެ. އާމީން.

_______________________________________

[1] މިޢިބާރާތަކީ އެފަދަމީހުން ނިކަމެތި ކޮށްދެއްވުމަށް އެދި އެބައިމީހުންގެ މައްޗަށް ކުރައްވާފައިވާ ބަދު ދުޢާއެކެވެ.  ބައްލަވާ:  طلبة الطلبة في الإصطلاحات الفقهية للنسفي / كتاب : الصوم / ص: 22 / طبع في المطبعة العامرة.

[2] فتح المغيث للسخاوي / مجلد 3 / ص: 47 / طبعة: مكتبة دار المنهاج.

[3] تدريب الراوي للسيوطي / مجلد: 2 / ص: 22  / طبعة: دار العاصمة.

[4] މަޞްދަރު 

[5] ބައްލަވާ: مقدمة ابن الصلاح (ޞ: 188). Peluxiv

Categories
ޚަބަރު ދީނީ ލިޔުން

ރަވާތިބު ސުންނަތްތަކަކީ ކޮބާ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަބިއްޔާ صلى الله عليه وسلم ވަނީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައްވެސް ކުރާނެ ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ސުންނަތް ނަމާދުތަކެއް އެކަލޭގެފާނުގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތައް ހިމެނެއެވެ. ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެއް ނޫނެވެ.

رَوَاتِب އަކީ رَاتِبَة ގެ ގިނަ ގޮތެވެ. މާނައަކީ: ދާއިމީ ގޮތެއްގައި ކަމެއް ކުރުމެވެ.[1]

“ރަވާތިބު ސުންނަތްތަކުގެ ޢަދަދަކީ ބާރައެވެ. އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތެވެ.[2]

މިހުރިހާ ނަމާދެއްވެސް ކުރާނީ ދެރަކުޢަތުން ސަލާމްދެމުންނެވެ. ނަބިއްޔާ صلى الله عليه وسلم ރަށުގައި ޤާއިމުވެ ހުންނަވާއިރު މި ނަމާދުތަކަށް ރައްކާތެރިވެވަޑައިގަންނަވައެވެ. އަދި ޙަދީޘްކުރެއްވިއެވެ.

((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [أخرجه مسلم]

މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ.”

މިބާރަ ރަކުޢަތުގެ ތަފްސީރު އުންމު ޙަބީބާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ. އޭގައި ވަނީ އެއީ މި ބާރަ ރަކުޢަތްކަމުގައެވެ. ފަހެ، މިނަމާދުތަކަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާ އެހުރީ ވަރަށް ބޮޑު ހެޔޮކަމެއްގެ މަތީގައެވެ. މިޙަދީޘްގައިވާ ގޮތުން އެނަމާދުތައް ކުރާ މީހާއަށް އެވަނީ ސުވަރުގެއިން ގެއެއް ލިބޭނެކަމުގައި ވަޢުދުވެވޮޑިގެންނެވެ.

އެއީ ކުރިންވެސް ދެންނެވި ފަދައިން މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބުނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސްނަމާދުގެ ކުރިން ދެ ރަކުޢަތެވެ. ރަވާތިބު ސުންނަތްތަކޭ މިކިޔަނީ މިނަމާދުތަކަށެވެ.

ފަހެ މެންދުރު ނަމާދުގެ ފަހުން (ސުންނަތް) ހަތަރު ރަކުޢަތްކުރުން މޮޅު އިތުރުވެގެންވެއެވެ. ޙަދީޘްގައިވެއެވެ.

((مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ)) [رواه الترمذي وصححه الألباني]

މާނައީ: “މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި މެންދުރުނަމާދުގެ ފަހުން ހަތަރު ރަކުޢަތަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲ ވަނީ ނަރަކަ ޙަރާމްކުރައްވާފައެވެ.”

މެންދުރުނަމާދު ފަހުން ކުރާ ހަތަރު ރަކުޢަތަކީ ރަވާތިބު ސުންނަތެއް ނޫނެވެ. ރަވާތިބު ސުންނަތުގެ ގޮތުގައި ކުރާނީ ދެ ރަކުޢަތެވެ. ނަމަވެސް މިޙަދީޘްއަށް އަމަލުކުރުމަށްޓަކައި އިތުރު ދެރަކުޢަތް (އެބަހީ: މެންދުރު ނަމާދުގެ ފަހުން ޖުމްލަ ހަތަރު ރަކުޢަތް) ކުރުމަކީ މޮޅުއިތުރުކަމެކެވެ. އެއީ އިސްވެ ބަޔާންކުރެވުނު އުންމު ޙަބީބާ ބިންތު އަބީ ސުފްޔާނުގެ ޙަދީޘްގައިވާ ފަދައިންނެވެ…

ޢަޞުރުނަމާދުގެ ކުރިންވެސް ހަތަރު ރަކުޢަތްކުރުމަކީ މުސްތަޙައްބުކަމެކެވެ. ނަމަވެސް އެއީވެސް ރަވާތިބު ސުންނަތްތަކެއް ނޫނެވެ. އެހަތަރު ރަކުޢަތްކުރާނީވެސް ދެރަކުޢަތުން ސަލާމްދެމުންނެވެ.

ޙަދީޘްގައިވެއެވެ.

((رَحِمَ اللَّهُ امْرَأً صَلَّى قَبْلَ العَصْرِ أَرْبَعًا)) [رواه أحمد والترمذي والجماعة بسند صحيح عن ابن عمر رضي الله عنهما]

މާނައީ: “ޢަޞުރުނަމާދުގެ ކުރިން ހަތަރު ރަކުޢަތްކޮށްފިމީހަކަށް ﷲ ރަޙުމަތްލައްވާށިއެވެ.”

ހަމައެފަދައިން ކޮންމެ ބަންގިއަކާއި ޤަމަތަކާއި ދެމެދު ނަމާދެއްކުރުން ސުންނަތްވެގެންވެއެވެ. އެގޮތުން މަޣްރިބުނަމާދުގެ ބަންގިއާއި ޤަމަތާ ދެމެދުގައްޔާއި ޢިޝާނަމާދުގެ ބަންގިއާއި ޤަމަތުގެ ދެމެދުގައި އެފަދައިން ކުރެވިދާނެއެވެ. އެހެނީ ޙަދީޘްގައިވެއެވެ.

((بَيْنَ كُلِّ أَذَانَيْنِ صَلاَةٌ، بَيْنَ كُلِّ أَذَانَيْنِ صَلاَةٌ))، ثُمَّ قَالَ فِي الثَّالِثَةِ: ((لِمَنْ شَاءَ)) [رواه البخاري ومسلم]

މާނައީ: “ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ.” – ދެން ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((صَلُّوا قَبْلَ صَلاَةِ المَغْرِبِ))، قَالَ: ((فِي الثَّالِثَةِ لِمَنْ شَاءَ)) [رواه البخاري]

މާނައީ: “މަޣްރިބުނަމާދުގެ ކުރިން (ސުންނަތް) ނަމާދު ކުރާށެވެ.” – ދެން އެއަށްފަހު ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.”

އެގޮތުން ޞަޙާބީ ބޭކަލުން މަޣްރިބު ނަމާދުގެ ފަހުން (ސުންނަތް) ދެރަކުޢަތް ކުރައްވައެވެ. އަދި މަޣްރިބުނަމާދުގެ ބަންގީގެ ފަހުން، ޤަމަތްދިނުމުގެ ކުރިންވެސް ދެ ރަކުޢަތް ކުރައްވައެވެ. މި ސުންނަތް ނަމާދަކީ އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ނަމަވެސް ސުންނަތް ނަމާދެކެވެ. މެންދުރު ނަމާދުގެ ފަހުން ހަތަރު ރަކުޢަތްކުރުމަކީވެސް ސުންނަތެކެވެ. ނަމަވެސް އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ރަވާތިބު ސުންނަތުގައި ހިމެނެނީ މެންދުރުނަމާދުގެ ފަހުން ދެރަކުޢަތެވެ. ޢަސުރުނަމާދުގެ ކުރިން ދެރަކުޢަތުން ސަލާމްދެމުން ކުރާ ހަތަރު ރަކުޢަތަކީވެސް ސުންނަތެކެވެ. ނަމަވެސް އެއީ ރަވީތިބު ސުންނަތެއް ނޫނެވެ…

ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅަށް ޢަމަލުކުރުމުގެ ގޮތުން ޢަޞުރުނަމާދުގެ ކުރިން އެހަތަރު ރަކުޢަތަށް ރައްކާތެރިވުން މޮޅުއިތުރުވެގެންވެއެވެ. މަޣްރިބުނަމާދު ބަންގިއާއި ޤަމަތާ އަދި ޢިޝާނަމާދު ބަންގިއާއި ޤަމަތާދެމެދު ސުންނަތް ދެރަކުޢަތްކުރުންވެސް މޮޅުއިތުރުވެގެންވެއެވެ…”[3]

 

[1]  ބައްލަވާ: الشرح الممتع لابن عثيمين (4/68).

[2]  ރަވާތިބުގެ ސުންނަތުގެ ޢަދަދާމެދު ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް އުފެދިފައިވެއެވެ. އެގޮތުން ރަވާތިބު ސުންނަތުގެ ޢަދަދު މިއަށްވުރެ މަދުކަމުގައިވެސް ބައެއް ޢިލްމުވެރިން ވިދާޅުވާ އިރު އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ މިއަށްވުރެ ގިނަކަމުގައެވެ.

[3]  من فتاوى نور على الدرب لابن باز، بترتيب الشويعر (10/289 – 294). Szczyt Luxerise