Categories
ދީނީ ލިޔުން

ކަނބަލުންނަށް ފުރުޞަތުދެމާ! (4)

6- އެކަމަށް ދޭންޖެހޭވަގުތު ފުރިހަމަޔަށް ލިބުން:

ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމަކަށް ވަގުތު ހުސްކޮށްގެންނެވެ. އަދި މީހާގެ ވިސްނުމާއި ފިކުރާއި ޚިޔާލުވެސް އެކަމަށް ހުސްކޮށްގެންނެވެ. ދަރިފުޅު ހޭހަންކޮށް ބަލަހައްޓައި ތަރުބިޔަތު ކުރުމީ މަންމަގެ އަސާސީ ޒިންމާއެއްކަމުގައި ވީހިނދު އެކަމަށް ބޭނުންވާނީ ކިހާވަގުތެއް ހެއްޔެވެ؟ ނުވަތަ އެއީ ވަކި ވަގުތަކަށް ޚާއްޞަވެފައި އޮންނަ ކަމެއްހެއްޔެވެ؟ އެހެން ޢިބާރާތަކުން ދަންނަވާނަމަ އެއީ ޕާރޓް ޓައިމް ޖޮބެއްހެއްޔެވެ؟

ޝައްކެއްނެތެވެ. އެއީ ވަކި ދަންފަޅިއަކަށް ޚާއްޞަ ފަޒީފާއެއް ނޫނެވެ. އަދި ޗުއްޓީ ނެގޭ ވަޒީފާއެއްވެސް ނުމެ ނޫންމެއެވެ.  އެ މަސައްކަތަށް ޗުއްޓީއެއް ނެތެވެ. އެއީ 24 ގަޑިއިރަށް ދެމިގެންދާ ބުރަ އަދި ޒިންމާދާރު މުހިންމު މަސައްކަތެކެވެ. ޤައުމެއް ތަރައްޤީވެ ކުރިއަރާނީ ހަރުދަނާ ޖީލެއް ބިނާކޮށްގެން ކަމުގައިވީހިނދު އެޖީލު ހެޔޮގޮތުގައި ތަރުބިޔަތު ކުރުމުގެ މަސައްކަތަށްވުރެ ޤައުމަށް މުހިންމު މަސައްކަތެއް ނޯންނާނެކަން ކަށަވަރެވެ. ދަރިން ހެޔޮގޮތުގައި ބަލަހައްޓައި ތަރުބިޔަތު ކުރުމީ މުޅި ޤައުމުގެ ހުރިހާ ދާއިރާއަކަށް ބޭނުންވާ އިންސާނީ ވަސީލަތް އުފައްދާ ތަރުބިޔަތުކުރުން ކަމުގައި ވީހިނދު، އެމަސައްކަތްކުރާ މީހާ އެކަމަށް ހުސްކުރުން ލާޒިމު ނުވާނެހެއްޔެވެ؟ ޤައުމުގެ މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންނަށް ބޮޑު މުސާރަދީ، ދިރުއުޅުމުގެ ޚަރަދާއި ބޭސްފަރުވާގެ ޚިދުމަތް، ދައުލަތުން ފޯރުކޮށްދެނީ އެމީހުންގެ ހުރިހާވަގުތެއް އެކަމަށް ހުސްކުރުމަށް ޓަކައެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންކަން ފުއްދުމަށް، އެހެން ތަންތަނަށް ވަގުތު ހޭދަކުރިޔަ ނުދިނުމަށްޓަކައެވެ. އެމީހުންގެ ވިސްނުމާއި ފިކުރު، ހަވާލުކުރެވިފައިވާ ޒިންމާއަށް ހުސްކުރުމަށްޓަކައެވެ. މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންވެސް މަސައްކަތް ކުރަނީ ވަކި ވަގުތުތަކެއްގައެވެ. އަދި ޗުއްޓީވެސް ނެންގެވެއެވެ. ކަން މިހެންހުރި އިރު، އެއަށްވުރެ މާމުހިންމު، މާޒިންމާދާރު މަސައްކަތެއް ހަވާލުކުރެވިފައިވާ ފަރާތެއް، އެނޫންއެހެން ކަމެއްގައި މަޝްޣޫލުކޮށްގެން އޭނާގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރާނީ ކިހިނެއްހެއްޔެވެ؟

ޝައްކެއް ނެތެވެ. މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ގުޅެނީ ޢާއިލާތަކާއެވެ. ދަރިންގެ ތަރުބިޔަތާއެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަންކުރުމާއި، ފޭރުމާއި، ޢިއްފަތަށް އަރައިގަތުންފަދަ ހުރިހާކަމެއްގެ މައިގަނޑު ސަބަބަކީ މައިންބަފައިންގެ އިހުމާލެވެ. އޭގެ ސަބަބުން ހަލާކުވެގެންދަނީ ހަމައެކަނި އެމީހުންގެ ދަރިންނެއް ނޫނެވެ. އެދަރިންގެ އަވައިގައި ޖެހިގެން އެހެންމީހުންގެ ދަރިންވެސް ހަލާކުވެދަނީއެވެ.

މުޖުތަމަޢުގައި ހުރި މައްސަލަތަކުގެ ޙައްލަކީ ހަރުދަނާ ރަނގަޅުޖީލެއް ތަރުބިޔަތުކުރުންކަމާއި، އެއީ ޤައުމުގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ޒިންމާދާރު މަސައްކަތްކަން ބަލައިގަނަންޖެހެއެވެ. އަދި އެކަމަށްޓަކައި ދަރިންގެ މައިންނާއި ބެލެހެއްޓުންތެރިކަން ހަވާލުކުރެވިފައި އުނގުތައް އެކަމަށް ހުސްކުރެވެން ޖެހެއެވެ. ކަންމިހެން ހުރިއިރު މުޖުތަމަޢުގެ ހުރިހާކަމެއް ތަރުތީބުކުރެވެން ޖެހޭނީ އެމުހިންމު މަސައްކަތަށް ހިތްވަރުދީ އެހީތެރިވުމުގެ މައްޗަށެވެ.

ކޮންމެ ދުވަހަކު ދުރާލާ ތައްޔާރުވެގެން އެހެން މީހެއްގެ އަތަށް ދަރިފުޅު ދޫކޮށްލާފައި ވަޒީފާއަދާކުރަން މައިމީހާ ދާންޖެހޭނަމަ އެދަރިންގެ ތަރުބިޔަތަށް އެކަނބަލުން ހުސްވާނީ ކިހިނެއް ހެއްޔެވެ؟ ވަޒީފާގެ ޒިންމާއާއި ވަރުބަލިކަމުގެ އިތުރުން ވަޒީފާގެ މާޙައުލުން ދިމާވާ އެކިއެކި ކަންކަމާ ވިސްނަންޖެހުމުގެ ސަބަބުން ދަރިންގެ ކަންކަމަށް އިސްކަންދޭންޖެހޭ މިންވަރަށް އިސްކަންދޭނީ ކިހިނެއްހެއްޔެވެ؟ އޭނާއަކީވެސް އިންސާނެކެވެ. އިންސާނަކަށް ތަޙައްމަލު ކުރެވޭނީވެސް ވަކި މިންވަރެއް ނޫންހެއްޔެވެ؟ އޭނާގެ ބޮލުގައި ޢާއިލާއަށް ޚަރަދުކުރުމަށް ގެއިންބޭރުގައި މަސައްކަތްކުރުމުގެ ޒިންމާއާއި، ގޭގައި ދަރިންބެލުމާއި، ގޭތެރޭގެ ޢާއިލީ އެހެންކަންކަން ތަރުތީބު ކުރުމުގެ ޒިންމާ އަޅުވައިގެން ދަރިން ހެޔޮގޮތިގައި ތަރުބިޔަތުކުރުމުގެ ޒިންމާ ފުރިހަމަކުރާނީ ކިހިނަކުން ހެއްޔެވެ؟

ފިރިމީހާއަށް ލިބޭ އާމްދަނީއިން ޢާއިލާގެ ޚަރަދުބަރަދު ނުބެލެހެއްޓޭ ޙާލަތާއި، އަންހެނާ އޭނާގެ ޚަރަދު އަމިއްލައަށް ކުރަންޖެހޭ ޙާލަތްތަކަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުމެއްކަމުގައި އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާނެއެވެ. އެ ޙާލަތުގައި އަންހެނާ މަސައްކަތަށް ނުކުތުން ނޫން އެއްވެސް ގޮތެއް އޭނާގެ ކުރިމަތީ ނޯވެދާނެއެވެ. ހަމައެހެންމެ މުޖުތަމަޢުގެ ކަނބަލުންގެ ޙައްޤުގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކަމުގައިވާ ޑަކްޓަރުކަމާއި، ޅަދަރިންނަށް އުނގަންނައިދިނުންފަދަ މަސައްކަތްތަކުގައި ފުދޭމިންވަރަށް ކަނބަލުން މަސައްކަތްކުރުމީ ކިފާޔަތުގެ ފަރުޟުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެފަދަ ޙާލަތުގައި އެ ޙާޖަތު ފޫބެދޭ މިންވަރަށް އަންހެނުން އުޅެން ޖެހޭނެއެވެ. ނަމަވެސް އެފަދަ ޒަރޫރީ ޙާޖަތެއްނެތި މައިން އެކަނބަލުންގެ ދަރިން ދޫކޮށް، ގެއިން ބޭރުގައި މަސައްކަތް ކުރުމަށް ބާރު އެޅުމަކީ އެކަނބަލުންނަށް ދެވޭ އަނިޔާއެއްގެ އިތުރުން އެއީ، ފިރިހެނުން އެމީހުންގެ ކޮނޑުގައި އެޅިފައިވާ ޝަރުޢީ ޒިންމާ އަދާނުކުރުން ކަމުގައި ނޫނީ ނުވާނެއެވެ. އަދި ޤައުމުގެ ސިޔާސަތު އެގޮތަށް ބައްޓަންކުރުމީ ޤައުމުގެ މުސްތަޤުބަލުކަމުގައިވާ ޒުވާންޖީލު ހަލާކެއްގެ ތެރެއަށް ވައްޓާލުންކަން ކަށަވަރެވެ.

ޖަރީކުރެވިފައިވާ ޝިޢާރުތަކަށް ހެއްލިގެން ތިބެވޭކަށް ނެތެވެ! ކަން ހިނގަމުންދާގޮތާމެދު ޢިބުރަތުގެ ނަޒަރަކުން ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މައިންގެ ޙަޤީޤީ ޒިންމާ އަދާކުރުމަށް ހުރަސްއަޅައި، އެކަނބަލުން ޒިންމާވާން ނުޖެހޭ ޒިންމާތައް އެކަނބަލުންގެ ކޮނޑުގައި އަޅުވައިގެން ކުރިޔަށްދާން މަސައްކަތް ކުރަމުންދާ މުޖުތަމަޢުތަކާ ކުރިމަތިވެފައިވާ ގިލަންވެރިކަމާމެދު ވިސްނާ ފިކުރުކުރަންޖެހެއެވެ. އެމީހުންގެ ތަޖުރިބާއިން ޢިބުރަތް ޙާޞިލުކުރުމުގެ ވަގުތުއައިސް ޖެހިއްޖެއެވެ. އެ މުޖުތަޢުތަކުގައި މައިންބަފައިންގެ ބެލެހެއްޓުމުން ދަރިން ވަނީ ވީއްލިފައެވެ. ބަދުއަޚުލާޤީކަންކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އަންހެން ދަރިންގެ ޢިއްފަތާއި ކަރާމަތް ވެއްޔާ މޮޑެވި، ޖިންސީ ޝިކާރަކަށް އެކަނބަލުންވަނީ ވެފައެވެ. އޭގެ ސަބަބުން އެކަނބަލުންނަށް، ލިބެމުންދާ ޖިންސީ އަނިޔާއާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުން ސަލާމަތްކުރުމަށް ކުރަމުންދާ ދިރާސާތަކާއި، އޭގެ މައްޗަށް ހަދަމުންދާ ޤާނޫނުތަކުން، އެކަނބަލުންނަށް ލިބުނު ޙަޤީޤީ ރައްކާތެރިކަމެއް ނެތެވެ. މުޖުތަމަޢުގައި ދަރިން ތަރުބިޔަތުކޮށް ބަލަހައްޓަން ތިބި ކަނބަލުންނަކީ ޙަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖިންސީގޮތުން ނުވަތަ ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ލިބިފައިވާ އަނިޔާއެއްގެ އުނދަގޫ ތަޙައްމަލު ކުރަމުންދާ ބަޔަކަށް ވެއްޖެނަމަ އެކަނބަލުންގެ ޒިންމާ ހެޔޮގޮތުގައި އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ މައިންގެ ފަރާތުން ދަރިއަކަށް އަނިޔާއެއްދެވޭ ގިނަފަހަރުތަކަކީ އޭނާގެ ނަފްސާނިއްޔަތަށް ލިބިފައިވާ އަނިޔާއެއްގެ އަސަރުކަމުގައި ވަނީ މިހެންވެގެންނެވެ.

މި ހިތި ޙަޤީޤަތާއެކުވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ މިސްރާބަށް ނަޒަރުހިންގާލުމުން ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. ގޭގައި ދަރިންތަރުބިޔަތުކޮށް ބެލެހެއްޓުމުގެ ޒިންމާއަށް މައިންގެ ހުރިހާވަގުތެއް ހުސްކުރުމުގެ ބަދަލުގައި ފެންނަނީ އެކަނބަލުން ގެއިންބޭރުގައި މަސައްކަތްކުރުމަށް ބާރުއެޅޭ މަންޒަރެވެ. އެކަނބަލުން ބާރުވެރިކުރުމާއި، ޤައުމުގެ ތަރައްޤީގައި އެކަނބަލުންގެ ޙިއްސާ ފިރިހެނުންނާ އެއްވަރަށް އޮންނަން ޖެހޭނެކަމުގެ ޝިޢާރުގައެވެ. މިޝިޢާރުތަކަށް ބަލައިލުމުން ދަރިންގެ ތަރުބިޔަތާއި އެކުދިން ބެލެހެއްޓުމުގެ މުހިންމު މަސައްކަތަކީ ޤައުމުގެ ތަރައްޤީއާ ގުޅުންހުރި މަސައްކަތެއްކަމުގައި ނުގުނޭކަހަލައެވެ. ގޭގައި ކަނބަލުން އަދާކުރަމުންދާ ޒިންމާއަކީ އެއްވެސް އަގެއްއޮތް އެއްޗެއްކަމުގައި ނުބެލެވޭ ކަހަލައެވެ.  ވަޒީފާއަށް ނުދާކޮންމެ އަންހެނަކު ސިފަކުރެވެނީ މަސައްކަތެއް ނެތިފައި ތިބޭ ބައެއްގެ ގޮތުގައެވެ. އެކަނބަލުން ގޭގައި އަދާކުރަމުންދާ ބުރަ އަދި ޒިންމާދާރު މަސައްކަތާއެކުވެސް އެކަނބަލުންނާމެދު ދެކެވެނީ މުޖުތަމަޢުން ހަވާސާވެފައިތިބި ބައެއްގެ ގޮތުގައެވެ.

މުޖުތަމަޢުގެ ހުރިހާކަމެއް އޮމާންކަމާއެކު ތަރުތީބުން ހިނގަމުންދާނީ ފިޠުރަތުގައި ލައްވާފައިވާ ޞިފަތަކަށް ރިޢާޔަތްކުރެވިގެންނެވެ. ކޮންމެ މީހަކު އަދާކުރަން ފިޠުރީގޮތުން ލައްވާފައިވާ މަސްއޫލިއްޔަތުތައް އެމީހަކާ ޙަވާލުކުރެވިގެންނެވެ. އަދި އެކަންކަން އެތަރުތީބުން ގެންދިޔުމަށް އެހީތެރިކަން ލިބޭނެހެން މުޖުތަމަޢުގެ މުޅިނިޒާމު ބައްޓަންކޮށްގެންނެވެ. އެހެންނޫނީ މުޅި ނިޒާމު ހަމައިންނެއްޓި، ޒިންމާތަކާއި، ވާޖިބުތައް ފުށުއަރައި، ހުރިހާކަމެއް އޮޅުންބޮޅުންވެގެންދާނެކަން ކަށަވަރެވެ.

(ނުނިމޭ)

Categories
ދީނީ ލިޔުން

ކަނބަލުންނަށް ފުރުޞަތުދެމާ! (3)

4- އެކަމުގައިބައިވެރިވާ ފަރާތްތަކުގެ ޒިންމާތައް، ވަކިވެ ބަހާލެވިފައި އޮތުން:

ކޮންމެކަމެއްވެސް ރީތިކޮށް ތަރުތީބުން ހިނގާނީ ޒިންމާތައް ވަކިވެ އެނގިގެންނެވެ. މިތަރުތީބު ބިނާވާން ޖެހޭނީ ފިޠުރީގޮތުން އިންސާނާގެ ކިބައިގައި ލެއްވިފައިވާ ފިޠުރީ ހުނަރާއި، އޭނާ ލިބިގެންފައިވާ ހުނަރުތަކުގެ މައްޗަށް ރިޢާޔަތްކުރެވިގެންނެވެ. ނުވަތަ އެކަމަކަށް އެންމެ އެކަށޭނަމީހާ އާ އެކަމެއް މަތިކޮށްގެންނެވެ. އިންސާނުންގެ ފިޠުރަތު އެގޮތެއްގައި ލައްވާފައިވާ ޞިފަތަކާއި، ހުނަރުތަކަށް ރިޢާޔަތްކުރުމެއްނެތި ޒިންމާތައް ޙާވަލުކޮށްގެން އެދެވޭ ނަތީޖާއެއް ނުނެރެވޭނެކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

މި ނުކުތާއަކީ އަޅުގަނޑުމެން ވަރަށް ފުންކޮށް، ޙިކުމަތުގެ ނަޒަރަކުން ވިސްނާލަންޖެހޭ ނުކުތާއެކެވެ. ދަރިންގެ ތަރުބިޔަތުގައި ޢަމަލީގޮތުން މަސައްކަތް ކުރަންޖޭހޭ ފަރާތަކީ އެކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީގޮތުން ބަލަދުވެރިންކަމުގައި އަޅުގަނޑުމެން ޤަބޫލުކޮށްފީމުއެވެ. ދެފަރާތުގެ ޒިންމާވެސް ހަމަހަމަވާގޮތުގައެވެ. ނަމަވެސް ސުވާލަކީ އެފަރާތްތަކުން ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތުގައި އެއްވެސް ތަފާތެއް ވޭހެއްޔެވެ؟ ނުވަތަ ނުވޭހެއްޔެވެ؟ އެއްވެސް ތަފާތެއް ނުވާކަމަށް ޤަބޫލުކުރާނަމަ އޭގެ މާނައަކީ ދަރިން ފެންވަރުވާ ތެޔޮލާ ރީތިކުރުމާއި، އެދަރިންގެ ޚަރަދުބަރަދު ބެލެހެއްޓުމާއި މިހުރިހާކަމެއް ޢަމަލީގޮތުން ކުރުމުގައި މަންމައާއި ބައްޕަ ހަމަހަމައެވެ. އެހެންގޮތަކަށް ބުނާނަނަމަ، ކުރަންޖެހޭ މަސައްކަތުގެ ބާވަތާއި، މިންވަރުވެސް ހަމަހަމައެވެ. މިގޮތުގައި މިކަން އޮމާންކޮށް ހިނގާނެ ކަމަށް ބުއްދި ޤަބޫލުކުރޭ ހެއްޔެވެ؟ ނުވަތަ އެއީ އަޅުގަނޑުމެންގެ ދަރިންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެންމެ ރައްކާތެރިކަން ބޮޑުގޮތް ހެއްޔެވެ؟ އިންސާނީ ފިޠުރަތު ނިޔާކުރަނީ އެގޮތަށް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރީގައި އެހެން ސުވާލެއް ކޮށްލަމާހިނގާށެވެ! ދެމަފިރިން ވަރިވެގެންދާ ޙާލަތުގައި އެދެމީހުންގެ ތުއްތުދަރިން ތިބިނަމަ އެދަރިން، ތިބެން އެންމެ އެކަށީގެންވަނީ މަންމަގެ ގާތުގައިހެއްޔެވެ؟ ނުވަތަ ބައްޕަގެ ގާތުގައިހެއްޔެވެ؟ އާދެ ޝައްކެއްނެތެވެ. އެދަރިން ފެންވަރުވައި، ކާންދީ ބެލެހެއްޓުން އެންމެ ޙައްޤު ފަރާތަކީ މަންމައެވެ. މިއީ ސަލާމަތް ބުއްދި ލާޒިމް ކުރާގޮތެވެ. މަންމައެއްގެ ނުބައިކަމުގެ ސަބަބުން ދަރިޔަކަށް ފަހަރެއްގައި ދޭ ގެއްލުމަކީ ދަރިންގެ މައްޗަށް އެންމެ ކުލުނުވެރި ފަރާތަކީ މައިލަނގޮނޑިކަމުގައި އޮންނަ އުޞޫލު މުގުރިގެންދާނެ ކަމެއްނޫނެވެ. ދަރިން ހޭހަންކޮށް ބެލެހެއްޓުމީ މައިންގެ ކަމެއްކަމުގައި ބެލެވުމަކީ މުޖުތަމަޢުން އިންސާނާ ދަސްކުރާކަމެއް ކަމުގައި ބޭފުޅަކު ވިދާޅުވާނަމަ އެއީ ކުށްހީއެކެވެ. އަދި ކިއެއްތަ، އެއީ އިންސާނާގެ ފިޠުރަތު އެގޮތުގައި ބައްޓަންކުރައްވާފައިވާ ގޮތެވެ. މިއީ އިންސާނުން ޤަބޫލުކުރާ ތަފާތު ޢަޤީދާތަކާއި، ޘަޤާފީގޮތުން ހުރި ތަފާތުތަކާއެކުވެސް މުޅި އިންސާނިއްޔަތު ދައްކަމުންދާ ޙަޤީޤަތެވެ. ނާދިރު ޙާލަތްތަކަކީ ޢާންމު އުޞޫލުކަމަށް ބަލައި ޤިޔާސް ނުކުރެވޭކަން އެންމެން ޤަބޫލުކުރަން ޖެހެއެވެ.

އާނއެކެވެ! ބައްޕަޔަކު ދަރިޔަކު ފެންވަރުވާލުން ގޯސް ވާހަކައެއް ނޫނެވެ. އަދި ދަރިފުޅު ރީތިކޮށް ހެދުން ލައްވާ ނިންދަވާލުން ގޯސް ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެ މަސައްކަތުގެ ޙަޤީޤީ ބަލަދުވެރި ފަރާތަކީ މަންމައެވެ.

5- މާނަވީ އަދި މާލީއެހީތެރިކަން ލިބުން:

މާނަވީ އެހީތެރިކަމަކީ ވަރަށް ފުޅާމާނައެއް އޭގައި އެކުލެވޭ އެއްޗެއްކެވެ. ކަމެއްގައި މީހަކު އަދާކުރަމުންދާ ޒިންމާއަށް ވާގިދީ ހިތްވަރުދިނުމާއި، އެކަންކަން ފާހަގަކުރުމަކީ މާނަވީގޮތުން ދެވޭ އެހީތެރިކަމެކެވެ. ކަމެއްގެ ދަރުމަޔާއި ޘަވާބު އަންގައިދިނުމަކީ އެކަމަކަށް މާނަވީގޮތުން ދެވޭ އެންމެބޮޑު އެހީތެރިކަމެވެ. މުޖުތަޢުން ހެޔޮގޮތުގައި އެކަން ބަލައިގަތުމަކީވެސް މާނަވީ އެހީތެރިކަމެކެވެ.

ދަރިން ތަރުބިޔަތު ކުރުމަކީ މާލީގޮތުން އެކުދިންނަށް ޚަރަދުކުރުން ލާޒިމުކުރާކަމެކެވެ. މިކަމަކީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. ނަމަވެސް ސުވާލަކީ އެއީ ކާކުގެ ޒިންމާއެއް ތޯއެވެ؟ ޝައްކެއްނެތެވެ. އެކަމަކީ ދަރިފުޅުގެ ބައްޕަ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ ޝަރުޢީ ޒިންމާއެކެވެ. އެކަން އެހެން ފަރާތަކަށް މަތިކޮށްފައި، ބައްޕަޔަށް ނުވަތަ ބަލަދުވެރިޔާއަށް އެކަމުން ބޯދަމައި ނުގަނެވޭނެއެވެ. އެކަމަކީ ދަރިފުޅުގެ މަންމަގެ ޒިންމާއެއް ނޫނެވެ.

(ނުނިމޭ)

Categories
ދީނީ ލިޔުން

ކަނބަލުންނަށް ފުރުޞަތުދެމާ! (2)

ޝައްކެއްނެތެވެ! ރަނގަޅު ޖީލެއް ތަރުބިޔަތު ކުރެވޭނީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރެވިގެންނެވެ. މިއީ ދެމީހަކު ދެބަސްވާނެކަމެއް ނޫނެވެ. ނަމަވެސް ސުވާލަކީ އަޅުގަނޑުމެންގެ ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ނުކުރެވެނީ ކީއްވެގެންހެއްޔެވެ؟ އެކަން ކުރަން ބޭނުން ނުވާތީހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ ފައިސާނެތީމާހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ މީހުން ނެތީމާހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ ވަގުތުނެތީމާހެއްޔެވެ؟ މިބާވަތުގެ އެތައް ސުވާލެއް އުފެއްދިދާނެއެވެ. ހަމަ އެޔާއެކު އެހެން ސުވާލުތަކެއްވެސް ކޮށްލަން ޖެހެއެވެ. އެއީ ދަރިން ތަރުބިޔަތަކުރުމަކީ އެކަމަށް ބަޔަކު، ހުސްވެ ތިބެންޖެހޭވަރު ކަމެއްހެއްޔެވެ؟ ނުވަތަ އެއީ އެކަމަށް ބަޔަކު ހުސްވެގެންވެސް ކުރަންޖެހޭވަރު މުހިންމުކަމެއް ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ޝައްކެއްނެތެވެ. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަކީ ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ އަސާސްތަކެއް ހުންނަކަމެވެ. ވީމާ ދަރިން ތަރުބިޔަތު ކުރުމުގައިވެސް ފުރިހަމަވާންޖެހޭ އަސާސްތަކެއް ހުންނާނެކަމެވެ. އެގޮތުން:

1-   ތިމާގެ ދަރިން ތަރުބިޔަތުކުރަން ޤަޞްދުކުރާ ރަނގަޅު ތަޞައްވުރެއް އޮތުން:

އަޅުގަނޑުމެންނީ މުސްލިމުންކަމުގައިވުމުން އެ ތަޞައްވުރުވަނީ ދީނުގައި ކަނޑައަޅުއްވާފައެވެ. އެގޮތުން ﷲ އީ ރައްބުކަމަށް އީމާންވާ، ދީނަކީ އިސްލާމްދީން ކަމުގައި ޤަބޫލުކުރާ، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ صلى الله عليه وسلم ކަން ޤަބޫލުކޮށް، އެދީނުގެ މަތިވެރި އުޞޫލުތަކަށް ލޯބިކުރާ، މުޖުތަމަޢަށް ހެޔޮއެދޭ، ބިނާކުރަނިވި، އިޚްލާޞްތެރި ދަރިޔަކު އުފެއްދުމީ އަޅުގަނޑުމެންގެ ޠަޞައްވުރެވެ.

2-   އެމަސައްކަތް ޢަމަލީގޮތުން ކުރާނެ ފަރާތެއް ހުރުން:

ޝައްކެއް ނެތެވެ. ދަރިންބެލުމުގެ ޢަމަލީ މަސައްކަތްކުރަން ޖެހޭ އަސާސީ ފަރާތަކީ އެދަރިއެއްގެ މައިންބަފައިންނެވެ. ނުވަތަ ޝަރުޢީގޮތުން އެދަރިންގެ ބަލަދުވެރިކަން ޙަވާލުކުރެވިފައިވާ ފަރާތެކެވެ. އެކުދިންނަށް ތަޢުލީމުދިނުމާއި، އީމާނީގޮތުންނާއި، އަޅުކަމުގެ ގޮތުންނާއި، ނަފްސާނީގޮތުނާއި، ޖިސްމާނީގޮތުން އެކުދިން ދަރުބިޔަތު ކުރުމަކީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ދީނީ ވާޖިބެކެވެ. އެ މަސްއޫލިއްޔަތާ ބެހޭގޮތުން ޤިޔާމަތްދުވަހު ސުވާލުކުރެވޭނެތެވެ.

3-   އެމަސައްކަތް ޢަމަލީގޮތުން ކުރާފަރާތަކީ އެކަމުގެ ހުނަރާއި ޤާބިލުކަންހުރި ފަރާތަކަށްވުން:

ދަރިން ތަރުބިޔަތުކުރުމެ މަސައްކަތަކީ ވަރަށް ފަންނީ މަސައްކަތެކެވެ. އެކަމަކީ އުނގެނި ދަސްކުރަންޖެހޭ ކަމެކެވެ. ކޮންމެހެން ޔުނިވަރސިޓީއަކުން ކަމާބެހޭދާއިރާއިން ކޯހެއް ނުހެދިޔަސް އެހުނަރާއި ޤާބިލުކަން ހޯދިދާނެއެވެ. އެހުނަރާއި ޤާބިލުކަން ހޯދުމުގައި ފުރަތަމަ ކަމަކީ ތިމާގެ ދަރިފުޅު އެގޮތެއްގައި ހުންނަން ތިމާ ބޭނުންވާ ހުރިހާ ރިވެތި ޞިފަތައްހުރި ނަމޫނާމީހެއްކަމުގައި ތިމާވުމެވެ. އަދިއެފަދަ ހެޔޮމީހަކު ތިމާގެ ޙަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި އިޚްތިޔާރުކުރުމެވެ. އެހެނީ ތަރުބިޔަތުގައި އެންމެފައިދާ ބޮޑު ވަސީލަތަކީ ތިމާގެ ކިބައިން ދަރިންނަށް ފެންނަ ރިވެތި ނަމޫނާއެވެ. ރިވެތި ނަމޫނާ ދައްކާނަމަ ދަރިންނަށް އަނގަބަހުން ދޭންޖެހޭ އިރުޝާދުތައް ވަރަށް މަދުވާނެއެވެ. ކަންކަން ކުރަން އަމުރުކުރުމާއި، މަނާކުރުމުގެ އުސްލޫބަކީ ދަރިން އެހާ ގަޔާވާ އުސްލޫބެއް ނޫނެވެ. މިވެނި ކަމެއް ކުރާށޭ! ސީދާބުނުމުގެ ބަދަލުގައި މިވެނި ކަމެއް ކޮށްލަންވީނޫންހޭ؟ ނުވަތަ މިވެނިކަމެއް ކޮށްލާނީ ކޮން އިރަކުހޭ؟ ބުނެލުން މާފައިދާ ބޮޑެވެ. ހަމައެހެންމެ މިވެނި ކަމެއް ކޮށްގެން ނުވާނޭ ބުނުމަށްވުރެ މިވެނި ކަމެއް ކުރާކަށްރަނގަޅެއް ނޫނޭ! ނުވަތަ މިވެނި ކަމެއް ކުރުމަކީ ބައްޕަ ވަރަށް ދެރަވާކަމެކޭ ބުނެލުން މާ ފައިދާ ބޮޑެވެ. މިއިން ކޮންމެ އިރުޝާދެއްގައިވެސް ތިމާގެ ފަރާތުން ރިވެތި ނަމޫނާއެއް ނުފެންނަނަމަ އެދަރިންނަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެއެވެ.

(ނުނިމޭ)

Categories
ދީނީ ލިޔުން

ކަނބަލުންނަށް ފުރުޞަތުދެމާ! (1)

ތަފާތު ފަރާތްތަކުގެ ޙައްޤުތަކުގެ ވާހަކައަކީ މިހާރަކަށް އައިސް އެންމެ ހަރުކޮށް ފެތުރެމުންދާ އެއް ވާހަކައެވެ. އޭގެ، ތެރޭގައި އަންހެނުންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތަކާއި، މުސްކުޅިންގެ ޙައްޤުތަކާއި، ޒުވާނުންގެ ޙައްޤުތަކާއި، މައިންބަފައިންނާއި، އަނބިދަރިންގެ ޙައްޤުތައް ހިމެނެއެވެ. މިއިން ކޮންމެ ޙައްޤަކީވެސް ލިޔެލަން ވަރަށް ފަސޭހަ ދެތިން ކަލިމައެވެ. ނަމަވެސް އެކިފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކަކީ އެހެން ފަރާތްތަކެއްގެ ބޮލުގައި އެޅިފައިވާ، އަދާކުރަންޖެހޭ ޒިންމާތަކަކާއި ވާޖިބުތަކެއްކަން ހަނދާން ހުންނަނީ ކިތައް މީހުންބާވައެވެ. އެންމެ މީހަކަށް ލިބިދޭންޖެހޭ ޙައްޤުތަކެއް ފުރިހަމަވަނީ އެތައްބަޔަކު، އެތައް ވާޖިބުތަކެއް ފުރިހަމައަށް އަދާކޮށްގެންނެވެ. މިސާލަށް؛ ކުޑަކުދިންގެ ޙައްޤުތަކަށް ބަލައިލަމާހެއްޔެވެ؟ އެކުދިންގެ ޙައްޤުތައް ފުރިހަމަވާނީ އެކުދިންނާމެދު އެކުދިންގެ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ހުރިހާ ވާޖިބުތަކެއް ފުރިހަމައަށް އަދާކޮށްގެންނެވެ. އޭގެ އިތުރުން ދެފަރާތުން، އެކުއްޖާގެ މާމަޔާއި ކާފަޔާއި، އޭނާގެ އަޚުންނާއި އުޚުތުންނާއި، އޭނާގެ އަވައްޓެރިންނާއި، އޭނާ ދިރިއުޅެމުންދާ މުޖުތަމަޢުގެ އެންމެހާ އަފްރާދުންނާއި، އުނގަންނައިދެއްވާ އެދުރުންނާއި، އެދުރުންގެ ކަންކަން ބެލެހެއްޓުން މަތިކުރެވިފައިވާ ސްކޫލުގެ ވެރިންނާއި ވަޒީރުންނާއި، ޤައުމުގެ ސިޔާސަތުތައް އެކަށައަޅުއްވާ ބޭފުޅުންނާއި، ޢަދުލު އިންސާފުގެ ދާއިރާއާއި، މިހުރިހާ ފަރާތްތަކެއްގެ ބަލަދުވެރިކަން މަތިކުރެވިފައިވާ ޤައުމުގެ އެންމެ މަތީވެރިޔާ އަދާކުރަންޖެހޭ އެންމެހައި ވާޖިބުތައް ފުރިހަމަޔަށް އަދާކޮށްގެންނެވެ.

ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ ޒުވާން ޖީލުގެ މިސްރާބުހުރީ ނުރައްކާތެރި ދިމާއަކަށް ކަން ހަމަބުއްދިހުރި ކޮންމެ ފަރާތަކުންވެސް ޤަބޫލުކުރާނެއެވެ. ތަފާތު ކުށްތަކަށް އަރައިގަތުމުގައި ފަސްނުޖެހޭ ބަޔަކަށް ވަރަށްގިނަ ޒުވާނުން ވަނީ ވެފައެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުން އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. ދީނީ ވާޖިބުތަކަށް ފަރުވާކުޑަކުރުމާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަޑަށް ނުފެތޭ އެތައްކަމެއް، ޒުވާނުންގެ ފަރާތުންދަނީ ފެންނަމުންނެވެ. މިއަދުގެ ޙާލަތަކީ ކޮންމެ މީހަކުވެސް މިތިބީ އެމީހެއްގެ ދަރިފުޅު ނުބައިމަގަކުން ހިނގައިދާނެކަމުގެ ބިރުގައި، ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައެވެ. ގޭގައި ކިތަންމެ ރައްކާތެރިކޮށް ގެންގުޅުނަސް ސްކޫލުން އެކުދިންނާ ބައްދަލުވާ ބައެއް ކުދިންގެ ނުބައި އަސަރުކޮށްފާނެތީއެވެ. ކުޅެންގޮސް އުޅޭ މާޙައުލުން އެކުދިންގެ ސިކުނޑި ދޮވެލަފާނެކަމުގެ ބިރުގައެވެ. އަދި އެހިސާބުން ފުއްދޭކަށް ނެތެވެ. ފަހިވެފައިވާ މުވާޞަލާތީ ގުޅުންތަކުގެ ސަބަބުން، ދުނިޔޭގެ މާދުރު ހިސާބެއްގައި ތިބޭ ނުބައިބައެއްގެ ފިކުރަށް އެކުދިން ގޮސްފާނެކަމުގެ ބިރުވަކިން ކުޑައެއް ނޫނެވެ.

އަޅުގަނޑުގެ މަޤްޞަދަކީ ކަންބޮޑުވުން ކިޔައިދިނުމެއް ނޫނެވެ. މިކަމަކީ އެންމެން ދަންނަ ޙަޤީޤަތެކެވެ. އެހެނަސް މަޤްޞަދަކީ މިކަމުގެ ޙައްލާމެދު ވިސްނުމުގެ ނަޒަކުން ބަލައިލުމެވެ. އަމިއްލަ ތަޖުރިބާއިން ކޮންމެ ބޭފުޅަކުވެސް ވިސްނަވާލެއްވުމަށް ބާރުއެޅުމެވެ. ޖަރީކުރެވިފައިވާ، ޙައްޤުތަކުގެ ޝިޢާރުތަކާއި ގޮވެލިތަކުގެ އަވައިގައި ޖެހުމެއްނެތި، އިޚްލާޞްތެރި ނަޒަރަކުން މި މައްސަލައާމެދު ވިސްނާލުމަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މުސްލިމެއްގެ ހައިސިއްޔަތުން އަމިއްލަ ނަފްސާއި މުޖުތަމަޢަށް ފައިދާއެއް ކުރުމުގެ ނިޔަތުގައެވެ. (ނުނިމޭ)