Categories
ދީނީ ލިޔުން

އެންމެ ފުރިހަމަ ލޯބި

ދުނިޔެ މައްޗަށް އިންސާނާ އެންމެ ފުރަތަމައިނުން ވުޖޫދުވާން ފަށާ ހިސާބުން ވެސް އޭނާއަށް ލިބިގެންދާ އެންމެ ފުރަތަމަ އެއްޗަކީ ލޯތްބެވެ. އޭނާގެ މަންމަގެ ރަޙިމުގައި އަށަގަނެ ފުރާނަ އެޅުމުގެ ކުރިން ވެސް އޭނާއަށް ލިބެމުން އަންނަ އެއްޗަކީ ލޯތްބެވެ. އެއީ އޭނާ މި ދުނިޔޭގައި ދިރިހުރުމައްޓަކައި ލާން ޖެހޭ އެންމެ ފުރަތަމަ ނޭވާލުމަށް ލިބޭ ފުރުޞަތުގެ ވެސް ކުރިން މާތް ﷲ އޭނާއަށްޓަކައި މިންވަރު ކުރައްވާފައިވާ އެންމެ ފުރަތަމަ ނިޢުމަތެވެ. އެހެން އެކަން ނުވާސްވީ ސަބަބެއް ވެސް ނެތެވެ. އެއްވެސް އާރެއް ބާރެއް ނެތް އެކުޑަކުޑަ އިންސާނާއަށް ލިބިފައިވާ ހަމައެކަނި ޔާރަކީ މުޅި ކާއިނާތުގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސްވެގެންވާ ރަޙްމާނުވަންތަ އޯގާވަންތަ އިލާހެވެ. އެ އިލާހަކީ އެއިލާހުގެ ކޯފާފުޅުގެ މައްޗަށް އެއިލާހުގެ ރަޙްމަތް ކުރިހޯއްދަވައިފި ކަމަށް، އެއިލާހުގެ ޢަރްޝިކޮޅުގެ މަތީގައިވާ ފޮތްކޮޅުގައި ލިޔުއްވައި އެކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވި މާތް މަތިވެރި އިލާހެވެ.

އެކަން ބަޔާންކުރައްވައި މާތް ޞަޙާބީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިޥާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. قال رسول الله صلى الله عليه وسلم (لما قضى الله الخلق كتب في كتابه فهو عنده فوق العرش إن رحمتي غلبت غضبي) متفق عليه.

ތަރުޖަމާ: ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: “ﷲ (ތަޢާލާ) ޚަލްޤުތަކުން ޚަލްޤުކުރެއްވުމަށް ފަހު އެކަލާނގެ ޙަޟްރަތުގައި ޢަރްޝި މަތީގައިވާ އެކަލާނގެ ފޮތްކޮޅުގައި ، ‘ހަމަކަށަވަރުން ތިމަން އިލާހުގެ ކޯފާފުޅުގެ މައްޗަށް ތިމަން އިލާހުގެ ރަޙްމަތްފުޅު ކުރި ހޯދިއެވެ’ (މިފަދައިން) ލިޔުއްވިއެވެ”.

ކަންމިހެން އޮތް އިރު، ލޯބިވުމާއި ލޯބިކުރުމާއި ލޯބި ދިނުމާއި އަދި އެނޫންވެސް އެއާ ގުޅުން ހުރި އެންމެހާ ކަންކަމަކީ އަޅުގަނޑުމެންގެ ޚާއްޞަ ނަޒަރެއް އެއަށް ހުއްޓެން ޖެހޭ ކަންކަން ކަމުގައި ނުވެ ނުދާނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ދެވިފައިވާ ކަމެއްކަން ހަމައެކަނި މިޙަދީޘްއަށް ބަލާލުމުން ވެސް ހާމަވެގެން ދެއެވެ. ހަމައެފަދައިން މިޙަދީޘުން އެނގިގެން ދަނީ، މާތް ﷲ ގެ ޙަޟްރަތުގައި ޢަޛާބުގެ މައްޗަށް ޢަފޫކުރެއްވުން އިސްކުރެއްވިގެންވާ ކަމެވެ. އަދަބު ދެއްވުމުގެ މައްޗަށް މަޢާފުކުރެއްވުން އިސްވެގެންވާ ކަމެވެ. ނަފުރަތްތެރިކަމުގެ މައްޗަށް މައްޗަށް އެކުވެރިކަން އިސްކުރެވިގެންވާ ކަމެވެ. ހަރުކަށިކަމުގެ މައްޗަށް އޯގާތެރިކަން އިސްކުރެވިގެންވާ ކަމެވެ. އެއީ އެހުރިހާ ކަމަކީ ހުސްވެސް ލޯތްބާ ގުޅުން ހުރި ކަންކަން ކަމުގައި ވާތީއެވެ. އަދި ދެން އެހެރީ އެއާ އިދިކޮޅު ކަންކަން ކަމުގައިވާތީއެވެ.

ކޮންމެއަކަސް މިހާ ހިސާބުން ދެން އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމަކީ، ލޯތްބަކީ އެފަދަ މަތިވެރި މަޤާމެއް ލިބިގެންވާ ކަމެއް ކަމުގައި ވާއިރު، އަޅުގަނޑުމެންނަށް އެއާ މެދު ޢަމަލު ކުރެވެނީ ކިހިނަކުންތޯ ބަލައިލުމެވެ. އޭގެ ޙައްޤު އެއަށް އަދާ ކުރެވޭތޯ ސުވާލު ކުރުމެވެ. އޭގެ ޙައްޤުވެރިންނަށް އެ އަދާކުރެވޭތޯއެވެ. ނުވަތަ އެ ޙައްޤު ނޫން ފަރާތަކަށް އޭގެ އެއްވެސް މިންވަރެއް ހިއްސާ ކުރެވިފައި ވޭތޯއެވެ. ނުވަތަ އޭގެން ޙައްޤުވާ މިންވަރަށް ވުރެ ގިނަކޮށް ނުވަތަ މަދުން ބައިއެޅިފައި ވޭތޯއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި މިބީދައިން ބަލާއިރު، އެންމެ ފުރަތަމަވެސް ޚިޔާލަށް ގެނެވެންވާނީ އަޅުގަނޑުމެން އެންމެ ލޯބިވާންޖެހޭ ފަރާތެވެ. މަތިވެރި ލޮބުވެތި އިލާހެވެ. މާތް ﷲ އެވެ. އަދި އެއަށް ފަހު އެކަލާނގެ އެންމެ ލޯބިވާ ފަރާތްތަކެކެވެ. އަދި އެއާ ޖެހިގެން ތިބި ފަރާތްތަކެވެ. މިހެންގޮސް މިތަރުތީބުން ލިސްޓުގައި ހިމެނެން ޖެހޭ އެންމެހާ ޚަލްޤުތަކުންނެވެ. 

އަރަހުށި މާތް ރަސްކަލާނގެއަށް އަޅުގަނޑު ދޭން ޖެހޭ ލޯތްބަކީ ވަރަށްވެސް މަތިވެރި ލޯތްބެކެވެ. އެއީ އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ފަދަ މުޤައްދަސް ސާފު ޠޯހިރު ލޯތްބެކެވެ. އެނޫން އެހެން އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން އެއްފަދަވެގެން ނުވާނެ ފަދަ ލޯތްބެކެވެ. އެހެނީ، އެއީ މައިވަންތަކަމުގެ ލޯތްބާއި، ދެމަފިރިންގެ ދެމެތުގައިވާ އިޝްޤީ ލޯތްބާއި، ދަރިންނަށް އޮންނަ ލޯތްބާއި، ވެރިންނާއި އެކުވެރިންނާއި ދުނިޔެވީ އެހެނިހެން ކަންކަމާއި ތަކެއްޗަށް އޮންނަ ލޯތްބާއި އަދި އެނޫން އެއްވެސް ބާވަތެއްގެ ލޯތްބަކީ މާތް ﷲ އަށް އޮންނަން ޖެހޭ ލޯތްބާ އަޅައިކިޔޭނެ ބާވަތްތަކެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ! ފުރިހަމަ މުއުމިނު އަޅާއަށް އާޚިރަތުގައި އެކަލާނގެ ދެއްވާނެހާ ސާމާނުތަކަށް އޭނާގެ ހިތުގައި އޮންނަ ލޯތްބަށް ވުރެ ވެސް މާތް ﷲ ދެކެ އޭނާ ވާ ލޯބި މިންވެސް ނުކުރެވޭހާ ފުންވެފައި ތަނަވަސްވެގެން ވެއެވެ. ފުރިހަމަވެފައި ހައިބަތު ބޮޑުވެގެން ވެއެވެ. 

އެކަން ބަޔާންވެގެން ދަނީ އޭނާއަށް ސުވަރުގޭގައި ލިބޭހާ އަރާމާއި މަތިވެރިކަމާއި އެނޫން އެންމެހާ ކަމެއް، އޭނާގެ ލޮބުވެތި އިލާހުގެ މޫނުފުޅު ދައްކަވާ ހިނދު ހަނދާން ނެތިގެންދާ ދިއުމުންނެވެ. އެކަލާނގެ ޥަޖްހުފުޅަށް ބެލުމުން އެހިލޭ އުފާވެރިލަމާއި ލައްޒަތާ އެއްފަދަ އެހެން އެއްވެސް ކަމެއް އޭނާއަށް ޖަންނަތުގައި ނުވާތީއެވެ. އެ ލޯބީގައިވާ މުޤައްދަސްކަމާއި ކަރާމާތުގެ ތަނަވަސްކަމަކީ އިމެއް ނެތް ތަނަވަސްކަމެކެވެ.

މާތް ﷲ ދެކެ އެންމެ ހެޔޮ އަދި ފުރިހަމަ ގޮތުގައި ލޯބިވުމުގެ ތަޥްފީޤު އަޅަމެންނަށް ދެއްވާށެވެ. އާމީން.

Categories
ދީނީ ލިޔުން

މެހެމާނާ ވަކިވެ ދިއުމުގެ ކުރިން…

ޙަމްދު ހުރީ މާތް ﷲ އަށެވެ. ޞަލަޥާތްލެއްވުން އެދި ދުޢާކުރަނީ އެކަލާނގެ ލޮބުވެތި ކައުއިތުރު ނަބިއްޔާގެ މައްޗަށެވެ.

މިޢާލަމުގައިވާ ކޮންމެ ކަމަކީ ވެސް ނިމުމަކާ ދިމާލަށް ދަތުރު ކުރާ ކަންކަމެވެ. ހަމަ އެފަދައިން ކޮންމެ މީހަކީ ވެސް އެމީހަކާ ބައްދަލުކުރާ ފަރާތްތަކާ ވަކިވެ އަލްޥަދާޢު ކިޔާނެ މީހެކެވެ. ކަންމިހެން އޮތްހިނދު، މީގައި މުހިއްމުވެގެން ދަނީ އެފަރާތަކާ އެކު އަޅުގަނޑުމެން މުޢާމަލާތް ބަހައްޓާ ގޮތެވެ. ބައްދަލުވާ ހިދުން ފެށިގެން ވެސް އެފަރަތަކާ މެދު ރަނގަޅަށް ކަން ކުރެވިފައި ވާނަމަ އެއީ ވަރަށް ވެސް ބޮޑު ނިޢުމަތެކެވެ. އެހެންނަސް ފަރުވާކުޑަކޮށް މުޢާމަލާތް ކުރެވިފައި ވާނަމަ ބާކީ އޮތް ދުވަސްކޮޅުގައި ވިޔަސް، ކުރިން ފާއިތުވެގެން ދިޔަ ބައި ފޫބައްދަން ބުރަ މައްސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ އެކުރިމަތިވީ ވަރަށް ވެސް ހިތާމަވެރި ނިމުމަކާއެވެ.

އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވާ ބަރަކާތްތެރި މެހެމާނަކީ ވެސް އަޅުގަނޑުމެންނާ ވަކިވެ އަލްޥަދާޢު ކިޔާނެ މެހެމާނެކެވެ. ކިތަންމެ އެކުގައި އުޅެން ބޭނުން ވިޔަސް އެއީ ނައިސް ނުދާނެ ކަމެކެވެ. އެގޮތުން އަޅުގަނޑުމެން މިހާރު ގުނަމުން މިދަނީ މި މަތިވެރި ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކެވެ. އަޅުގަނޑުމެންނާ ކައިރިވަމުން އެއަންނަނީ އެމަހުގެ އެންމެ އަގުބޮޑު ހަދިޔާ ހިމެނިގެންވާ ޒަމާންތަކެވެ. ފަހެ، މިފަދަ ދުވަސްތަކަކީ އެއްގޮތަކަށް ވެސް ބީވެގެން ދިޔަދޭން ހެޔޮވާނެ ދުވަސްތަކެއް ނޫނެވެ. ފައިދާ އާއި ކާމިޔާބުގެ ގޮތުން ބެލިކަމުގައި ވިޔަސް މިފަދަ ފުރުޞަތުތަކަކީ މަދު ފުރުޞަތުތަކެކެވެ.

އެހެކަންކަމުން މިއީ ބަރަކާތްތެރި ލައިލަތުލްޤަދްރީގެ މޮޅުއިތުރުކަން ލިބިގަތުމައްޓަކައި މަސައްކަތްކުރަން އެދޭ މީހާ ގަދައަޅައި މަސައްކަތް ކުރަންވީ ވަގުތުތަކެވެ. މިމަހުގެ ކުރީކޮޅުގައި ފަރުވާކުޑަ ކުރެވިފައިވާ ކޮންމެ މީހަކަށް އޭނާގެ އަތުން ގެއްލިގެން ދިޔަ ދަރުމައާއި ޘަޥާބުގެ ބަދަލު އަލުން ހޯދުމައްޓަކައި ތައުބާވެ އައު ހިތްވަރަކާއެކީ ބުރަ މަސައްކަތް ކުރަން މިއީ ރަނުގެ ފުރުޞަތެކެވެ.

އެފަދަ ހިތްވަރެއްގައި މަސައްކަތް ކުރަން އެދޭނަމަ އަޅުގަނޑުމެންނަށް އަނެއްކާވެސް އޮތީ މަތިވެރި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސީރަތުގެ ޞަފުޙާތައް އަލުން ހުޅުވާލުމެވެ. އެކަލޭގެފާނު ކަންކުރެއްވި ގޮތްތައް އަލުން ކިޔައި މުރާޖާ ތަކުރާރު ކުރުމެވެ. އެ މައްސަރުގައި ކަންކުރެއްވި ގޮތްތަކުގެ މަތިން އަނެއްކާވެސް ހަނދުމަ އައުކޮށްލުމެވެ. ވަކިން ޚާއްޞަކޮށް ފަހު ދިހައެއްގައި އެކަލޭގެފާނުގެ ޢަމަލުފުޅުތައް ބެހެއްޓެވިގޮތް ހިތްމައްޗަށް ގެނައުމެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ރަމަޟާން މަހުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް ބަޔާން ކުރައްވައި އަލްއިމާމް އިބްނުލްޤައްޔިމް رحمه الله ޛިކުރު ކުރައްވާފައިވާ ކުރު އެހެނަސް ޝާމިލް ޖުމްލަކޮޅެކެވެ.

قال ابن القيم – رحمه الله تعالى -: “وكان من هديه – صلى الله عليه وسلم – في شهر رمضان: الإكثار من أنواع العبادات، فكان جبريل – عليه الصلاة والسلام – يدارسه القرآن في رمضان، وكان إذا لقيه جبريل أجود بالخير من الريح المرسلة، وكان أجـود الناس، وأجود ما يكون في رمضان، يكثر فيـه الصدقة، والإحسان، وتلاوة القرآن والصلاة والذكر، والاعتكاف. وكان يخص رمضان من العبادة ما لا يخص غيره به من الشهور، حتى إنه كان ليواصل فيه أحياناً ليوفر ساعات ليله ونهاره على العبادة” [زاد المعاد في هدي خير العباد:2/30]

އިބްނުލްޤައްޔިމް رحمه الله تعالى ވިދާޅުވިއެވެ: “އަދި އެކަލޭގެފާނު صلى الله عليه وسلم ރަމަޟާން މަހަށް (ދެއްކެވި) ހިދާޔަތުގެ ތެރޭގައި؛ އަޅުކަމުގެ އެކިބާވަތްތަކުން (އަޅުކަން ކުރެއްވުން) ގިނަކުރެއްވުން ހިމެނެއެވެ. އަދި ރަމަޟާން މަހުގައި ޖިބްރީލްގެފާނު عليه السلام ވެސް އެކަލޭގެފާނާ އެކުގައި ޤުރްއާން މުރާޖާކުރައްވާ ކަމުގައި ވިއެވެ. އަދި ފޮނުވާލެވޭ ވައިރޯޅިއަށް ވުރެ ވެސް ޖިބްރީލްގެފާނު عليه السلام އެކަލޭގެފާނާ صلى الله عليه وسلم (ޤުރްއާން މުރާޖާކުރެއްވުމަށް) ބައްދަލު ކުރައްވާ ދުވަސްވަރު، އެކަލޭގެފާނު صلى الله عليه وسلم ދީލަތިވެވަޑައިގަންނަވިއެވެ. އަދި އެކަލޭގެފާނަކީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ފަރާތް ކަމުގައިވިއެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެވަޑައިގެންނެވީ ރަމަޟާން މަހުގައެވެ. އެމަހުގައި ޞަދަޤާތް ކުރެއްވުމާއި އިޙްސާންތެރިވެ ވަޑައިގެންނެވުމާއި، ޤުރްއާން ކިޔުއްވުމާއި، ނަމާދު ކުރެއްވުމާއި، ޛިކުރު ކުރެއްވުމާއި އިޢުތިކާފަށް އިންނެވުން އެކަލޭގެފާނު ގިނަކުރެއްވިއެވެ. އެހެން މައްސަރުތަކުގައި ނުކުރައްވާ މިންވަރަށް ރަމަޟާން މަހަށް އެކަލޭގެފާނުގެ އަޅުކަމުން މިންވަރު ޚާއްޞަ ކުރެއްވިއެވެ. އަދި އެމަހުގައި ބައެއް ފަހަރު އެކަލޭގެފާނު އަޅުކަމުގައި ދެމިހުންނެވުމަށްޓަކައި ދުވާލުން ރޭގަނޑަށް ރޯދަ ގުޅުވާލައްވާ ކަމުގައި ވެސް ވިއެވެ”.

މާތް ﷲ އެކަލޭގެފާނާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަޥާތާއި ސަލާމް ލައްވާށިއެވެ. އާމީން.

والحمد لله رب العالمين. 

ނިމުނީ

Categories
ދީނީ ލިޔުން

ރޯދަވެރިޔާ ވިސްނައި ފިކުރު ހިންގާލަން ޖެހޭ ބައެއް …

މާތް ﷲ އަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ އެންމެ އޯގާތެރި އައްރަޙީމެވެ. މުއުމިނުތަކުންނަށް އެންމެ ދަރުމަވަންތަ އައްރަޙްމާނެވެ. ނެތުމުގެ ތެރެއިން މީސްތަކުން ޚަލްޤު ކުރައްވައި އެބައިމީހުންނަށް ހެޔޮ ނުބައި ވަކިކޮށްދެއްވި އަލްހާދީއެވެ. އެބައިމީހުންނަށް ސީދާވެގެންވާ ތެދުމަގު ޢަމަލާއި ބަހުން ދެއްކެވުމަށްޓަކައި އެންމެ ފުރިހަމަ ނަމޫނާ ފޮނުއްވި އަލްލަޠީފުއެވެ.

ފަހެ އެކަލޭގެފާނަކީ އެކަލާނގެ ހަވާލުކުރެއްވި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވި އަލްއަމީންއެވެ. މާތް ﷲ އެކަލޭގެފާނަށް ޞަލަޥާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އަދި އެކަލޭގެފާނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީހާ ބައެއްގެ މައްޗަށް ތަނަވަސްވެގެންވާ އެއްޗެއް ކަމުގައި އެ ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އާމީން.

މާތް ﷲ ގެ ރަޙްމަޔާއި ދީލަތިކަމުން އަޅުގަނޑުމެން މިއަހަރުވެސް މިދަނީ އެކަލާނގެ އަޅުތަކުންނަށް ދެއްވި އެންމެ ބޮޑު އެއް ނިޢުމަތުގެ ދުވަސްތަށް ހޭދަކުރަމުންނެވެ. މިފަދަ ރޯދަމަސްތަކަކީ އެކަލާނގެ ޞާލިޙު އަޅުން ތާއަބަދުމެ ލިބުމަށް އެދިއެދި ތިބޭ ނިޢުމަތެކެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ! އެބައިމީހުންގެ އެންމެ ބޮޑު އެދުމަކީ އެބައިމީހުންގެ ވެރި ރަސްކަލާނގެއާ ވީހާވެސް ބޮޑަކަށް ގާތްވެ ކުށްތަންވުމެވެ. އެފަދަ ފުރުޞަތެއް ލިބޭތޯ އެބައިމީހުން ތިބެނީ އިންތިޒާރުގައެވެ. އެއީ އެބައިމީހުންގެ ހިތްތަކުގެ ވެރި ރަސްކަލާނގެއާ ގުޅުން ބަހިކޮށް، ހެޔޮ ކަންކަމުގައި ވާދަކޮށް އެކަކަށް ވުރެ އަނެކަކު ކުރިއަރައި ދިއުމުގެ ޝައުޤު އޮންނަލެއް ބޮޑުކަމުންނެވެ. އެކަމުގު ސަބަބުން ހިތްތަކަށް ދިރުން ލިބިގެންދާތީއެވެ. މާޒީގައި ކުރެވިފައިވާ ފާފަތަކުގެ ސަސަބުން ހިތުގައި ޖެހިފައިވާ ކަޅު ލައްތައް ފިލުވައިލުމަށްޓަކައެވެ. މުޅިން އައު ސާފުޠާހިރު ނަފްސަކަށް އެބައިމީހުންގެ ނަފްސުތައް ބަދަލުކޮށްލައި އައު ސާފު ހުދު ޞަފްޙާއަކުން އަނެއްކާވެސް ޙަޔާތް ފެށުމަށްޓަކައެވެ. ކުރިއަށް ވުރެ މާ ނޫރާނީ ދުވަސްތަކެއް މި ދުނިޔެމަތީގައި ހޭދަކުރުމަށްޓަކައެވެ. ބާކީ އޮތް މަދު ދުވަސްކޮޅުގައި ދެން އިތުރު ކިލަނބުކަމެއް އެ ނަފްސަށް އެރިޔަ ނުދީ މި ޙަޔާތްގެ ފަހު ޞަފްޙާ ވީހާވެސް އުޖާލާކަން މަތީގައި ލައްޕާލެވޭތޯއެވެ.

މި ޞަފްޙާތަކުގައި އަޅުގަނޑު މި ޤަސްދު ކުރަނީ އެބޭކަލުންގެ ހެޔޮލަފާ ގިނަގުނަ ނަމޫނާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުގެ ތެރެއިން ތިޔަ ބޭފުޅުންނަށް ފައިދާ ކުރާނެ ކަމަށް ފެންނަ ބައެއް މަދު މިންވަރެކެވެ. އަޅުގަނޑުމެން ހޭދަކުރަމުން މިދާ ދުވަސްތަކުގައި އެބޭކަލުންގެ ވިސްނުންފުޅާއި ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް އެނގުމަކީ ހެވެއް އެދޭ ކޮންމެ މީހަކަށް ނުހަނު ފައިދާ ކުރާނެ ކަމެއް ކަމުގައި ޤަބޫލު ކުރެވޭތީއެވެ. މާތް ﷲ އަޅަމެންނަށް އިޚްލާޞްތެރިކަން ދެއްވައި ހެޔޮ ކަންކަމަށް ތަޥްފީޤު ދެއްވާށިއެވެ.

ޢުމަރުގެފާނު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:

“ليس الصيام ) -أي في حقيقته- ( من الطعام والشراب وحده، ولكنه من الكذب والباطل، واللغو والحلف”. ) أخرجه ابن أبي شيبة)

ތަރުޖަމާ: “ރޯދަ ހިފުމަކީ ކެއުންބުއިމަށް އެކަނި (ޚާއްޞަވެގެން)ވާ ކަމެއް ނޫނެވެ. އެކަމަކު އެއީ ދޮގާއި ބާޠިލާއި ބޭކާރު ވާހަކައާއި (ޙާޖަތެއް ނެތި) ހުވާ ކުރުމަށް ވެސް އޮތް ކަމެކެވެ”.


ޖާބިރު ބިން ޢަބްދު ﷲ رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:

“إذا صمت فليصم سمعك وبصرك، ولسانك عن الكذب والمحارم، ودع أذى الجار، وليكن عليك وقار وسكينة يوم صومك، ولا تجعل يوم صومك ويوم فطرك سواء”.

ތަރުޖަމާ: “ތިބާ ރޯދަ ހިފާ ނަމަ ތިބާގެ އިވުމާއި ފެނުމުން ވެސް ރޯދަ ހިފާށެވެ. އަދި ދޮގު ހެދުމާއި ޙަރާމް ކަންކަމުން ތިބާގެ ދޫ ވެސް ރޯދައަށް ބަހައްޓާށެވެ. އަދި އަވަށްޓެރިޔާގެ އުނދަގުލަށް ވެސް އަޅާނުލާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހު އިބާގެ ކިބައިގައި މަޑުމައިތިރި ކަމާއި ހަމަހިމޭންކަން ބަހައްޓާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހާއި ރޯދައަށް ނުހުންނަ ދުވަސް އެއްފަދަ ނުކުރާށެވެ”.


މުޖާހިދު رحمهالله ވިދާޅުވިއެވެ:

“خصلتان من حفظهما سلم له صومه: الغيبة والكذب”). أخرجه ابن أبي شيبة).

ތަރުޖަމާ: “އެ ދެ ސިފަ ރައްކާތެރިކޮށްފި މީހާގެ ރޯދަ ސަލާމަތް ކުރެވޭނެ ދެ ސިފައެއް ވެއެވެ. އެއީ ޣީބަ ބުނުމާއި ދޮގު ހެދުމެވެ”.

އަޙްނަފު ބިން ޤައިސް رحمه الله  މުސްކުޅިފުޅު ވުމުން ވިދާޅުވެވުނެވެ: 

“إنك شيخ كبير وإن الصيام يضعفك”

ތަރުޖަމާ: “ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަނީ އުމުރުފުޅުން ވަރަށް ދުވަސް ވެފައެވެ. ހަމަކަށަވަރުން (ކަލޭގެފާނު) ރޯދަ (ހިއްޕަވާނަމަ) ކަލޭގެފާނުގެ (ހަށިކޮޅު އިތުރަށް) ބަލިކަށިވެގެން ދާނެއެވެ”.

ޖަވާބުގައި ވިދާޅުވިއެވެ: “إني أعده لسفر طويل، والصبر على طاعة الله سبحانه أهون من الصبر على عذابه”.

ތަރުޖަމާ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު އެ (ރޯދަތައް މި) ތައްޔާރު ކުރަނީ ދިގުވެގެންވާ ދަތުރަކަށެވެ. މާތް ﷲ ސުބްޙާނަހޫ ޥަތަޢާލާއަށް ކިޔަމަންތެރިވުމުގެ (ހެޔޮ ޢަމަލުކުރުން) މަތީގައި ކެތްތެރިވުން އެކަލާނގެ ޢަޛާބަށް ކެތްކުރުމަށް ވުރެ ލުއިކަން ބޮޑުވެގެން ވެއެވެ”.

އިބްރާހީމް ބިން އަދްހަމް رحمه الله ވިދާޅުވިއެވެ: ” من ضبط بطنه ضبط دينه، ومن ملك جوعه ملك الأخلاق الصالحة”.

ތަރުޖަމާ: “އެމީހެއްގެ ބަނޑު (ކެއުން) އިޞްލާޙުކޮށްފި މީހާ އޭނާގެ ދީންވެރިކަން އިޞްލާޙުކޮށްފިއެވެ. އެމީހެއްގެ (ބަނޑު) ހައިކަން ހަންމަތަކޮށްފި މީހާ (ހެޔޮ ރިވެތި) އަޚްލާޤާއި ޞާލިޙުކަން މިލްކުކޮށްފިއެވެ”.

އިމާމް ބުޚާރީ رحمه الله އާ މެދުގައި ރިވާވެގެންވެއެވެ:

“ރޯދަމަހުގެ ފުރަތަމަ ރޭ އައުމާއެކު، އެކަލޭގެފާނުގެ އަޞްޙާބުން އެކަލޭގެފާނުގެ އަރިހަށް އެއްކުރެއްވުމަށް ފަހު އެބައިމީހުންނާ އެކުގައި ނަމާދު ކުރައްވައެވެ. އަދި ކޮންމެ ރަކުޢަތެއްގައި ވިހި އާޔަތް ކިޔުއްވައެވެ. އަދި ޤުރްއާން ޚަތިމު ކުރެއްވެދެން އެފަދައިން ކަންކުރައްވައެވެ. އަދި ހާރުދަމުގައި ޤުރްއާނުގެ ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި ކިޔުއްވައެވެ. އަދި ކޮންމެ ރެއެއްގެ (އިރުއްސޭއިރުގެ) ރޯދަ ވީއްލުމަކާ ހަމައަށް ޚަތިމު ކުރައްވައެވެ. އަދި ވިދާޅުވެއެވެ: “ކޮންމަ ޚަތިމަކާ އެކުގައި އިޖާބަވެގެންވާ ދުޢާއެއްވެއެވެ”. (صفة الصفوة:4/170)

ޢުމަރުގެފާނު رضي الله عنه އާ މެދުގައި ރިވާވެގެންވެއެވެ. ރަމަޟާން މަހުގައި ރޭތަކުގައި މީސްތަކުންނާއިގެން އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމަށް އުބައްޔު ބުނު ކަޢުބު އާއި ތަމީމުއްދާރީ رضي الله عنهما ، މި ދެބޭކަލުންނަށް އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައި ވެއެވެ. ފަހެ އޭގެން ކޮންމެ ބޭކަލެއް 100 އާޔަތް ކިޔުއްވާ ކަމުގައި ވެއެވެ. އެބޭކަލުން ނަމާދުގައި ކިޔަވާލެއް ދިގުކަމުންމީސްތަކުން ވާޅުވެ އެބައިމީހުންގެ އަސާތަކުގެ މައްޗަށް ބުރަވެގެން ކޮޅަށް ތިބޭ ކަމުގައި ވެއެވެ. އަދި ފަތިސް ކައިރިވުމުން މެނުވީ އެބައިމީހުންގެ ނަމާދު ނިންމާލާފައި އެނބުރި ގެއަށް ދާކަމުގައި ނުވެއެވެ. (أخرجه البيهقي)

وعن داود بن الحصين عن عبد الرحمن بن هرمز قال: كان القراء يقومون بسورة البقرة في ثمان ركعات فإذا قام بها القراء في اثنتي عشرة ركعة رأى الناس أنه قد خفف عنهم [أخرجه البيهقي].

ޢަބްދުއްރަޙްމާނު ބުނު ހުރްމުޒް ވިދާޅުވެފައިވެއެވެ: “(ރަމަޞާން މަހުގެ ރޭގަނޑު އިމާމުވެ ނަމާދު ކުރާ) ޤުއްރާއިން 8 ރަކުޢަތުން ބަޤަރާ ސޫރަތް ކިޔަވައި ނިންމާކަމުގައި ވެއެވެ. އަދި 12 ރަކުޢަތުން ނިންމައިފި ނަމަ އެބައިމީހުންނަށް ލުއިކޮށްފި ކަމުގައި މީސްތަކުން ދެކެއެވެ”. (أخرجه البيهقي).

Categories
ޚަބަރު ދީނީ ލިޔުން

އިންތިޚާބާ ބެހޭގޮތުން ބޮޑެތި ޢިލްމުވެރިން ބަސް

ތަރުޖަމާ: އައްޝައިޚް ޒަމްޒަމް ފާރިޝް

ޑިމޮކްރަސީގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި މަޖިލީހުގައި ބޮޑު މަޤާމެއްގައި މަސައްކަތް ކުރުން ނުވަތަ ޑިމޮކްރަސީ ސަރުކާރެއްގައި މަސައްކަތް ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި ގުރުއަތުލައިގެން ޑިމޮކްރެޓިކް މަގުން މީހަކު އިންތިޚާބު ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

ﷲ އަށް ޙަމްދު ހުއްޓެވެ.

އެންމެ ފުރަތަމަ:

ޑިމޮކްރަސީއަކީ ބިމަވީ ނިޒާމެކެވެ. މާނައަކީ ރައްޔިތުންނަށް ޓަކައި އޮތް ރައްޔިތުންގެ ވެރިކަމެވެ. އެހެންކަމުން އެ (ނިޒާމުވަނީ) އިސްލާމް (ދީނާ) ޚިލާފުވެގެންނެވެ. ފަހެ ޙުކުމްވަނީ މަތިވެރިވޮޑިގެންވާ އެންމެ ބޮޑު ﷲ އަށެވެ.

އެހެންކަމުން ތަޝްރީޢު ކުރުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ދެވިގެން ނުވާނެއެވެ. އެއީ ކޮންމެފަދަ މީހެއް ކަމުގައި ވީނަމަވެސް އެވެ.

ހަމަކަށަވަރުން “موسوعة الأديان والمذاهب المعاصرة” (2/1066، 1067) ގައި އައިސްފައިވެއެވެ.

“އެއްވެސް ޝައްކެއްނެތް ގޮތުގައި، ޑިމޮކްރަސީގެ ނިޒާމަކީ، ކިޔަމަންތެރިވުމާއި ، ކިޔަމަންގަތުމާއި، ތަޝްރީޢުކުރުމުގައި އަލަށް އުފައްދާފައިވާ ޝިރުކުގެ ބާވަތްތަކުގެ ތެރެއިން ހިމެނޭ ވައްތަރެކެވެ. އެއީ އެކަމުގައި ޚާލިޤުވަން ހުސްޠާހިރުވަންތަ މަތިވެރި (ﷲ ގެ) ވެރިކަމާއި އެކަލާނގެއަށް ވާ މުޠްލަޤު ތަޝްރީޢު ކުރުމުގެ ޙައްޤު ބާޠިލުކޮށް، އެއީ މަޚްލޫޤުންގެ ޙައްޤުތަކުގެ ތެރެއިން ވާކަމެއް ކަމުގައި ކަނޑައަޅާތީއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ:

( مَا تَعْبُدُونَ مِنْ دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنْتُمْ وَآَبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ) يوسف: 40

މާނައީ: “ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكم ގެ ޙައްޤެއް ނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ”.

އަދި ވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ:

( إِنِ الْحُكْمُ إِلَّا لِلَّهِ ) الأنعام: 57

މާނައީ: ” حكم ކުރެއްވުން اللَّه އަށް މެނުވީ ނުވެއެވެ”.

ދެވަނައީ:

ޑިމޮކްރަސީގެ ނިޒާމުގެ ޙާލަތާއި އޭގެ ޙުކުމް އެނގުމަށް ފަހު އެނިޒާމަށް ރުހި އިޤުރާރުވެ އޭނާގެ އަމިއްލަ ނަފްސު ނުވަތަ އެހްނެ މީހެއް އެންޑޯޒް ކޮށްގެން އެއަށް ޢަމަލު ކުރާ ނަމަ ފަހެ އޭނާ އެހުރީ ވަރަށް ބޮޑު ނުރައްކަލެއްގެ މަތީގައެވެ. އެހެނީ ކުރިން ބަޔާންވެ ދިޔަ ފަދައިން ޑިމޮކްރެސީގެ ނިޒާމަކީ އިސްލާމް ދީނާ ޚިލާފު ނިޒާމެކެވެ.

އެހެނަސް އެމީހެއްގެ އަމިއްލަ ނަފްސު ނުވަތަ އެހެން މީހަކު ވިޔަސް މިނިޒާމުގެ ދަށުން އެންޑޯޒް ކުރީ ، އެ (ޤާނޫނު ހަދާ) މަޖިލީހަށް ވަދެ އެތަނުގެ އަހުލުވެރިންގެ މައްޗަށް (ނުބައިކަންކަމަށް) އިންކާރުކޮށް، އެބައިމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމުކޮށް، ކުޅަދާނަވީ މިންވަރަކުން ނުބަޔާއި ފަސާދަ މަދުކޮށް، ފަސާދައާއި އިލްޙާދުގެ އަހުވެރިން ބިމުގައި ފަސާދަ ފަތުރައި މީސްތަކުންގެ ދުނިޔެއާއި ދީން ފަސާދަކުރަން އެބައިމީހުންނަށް (މުޅި މައިދާން ހުސްކޮށް) ދޫކޮށް ނުލާން ކަމުގައި ވާނަމަ ، އެކަމުން ޙާޞިލު ކުރެވިދާނެކަމަށް އުންމީދު ކުރެވޭ މަޞްލަޙަތެއްކަމަށް ރިޢާޔަތްކުރާއިރު މިއީ އިޖްތިހާދީ ޙާލަތެކެވެ.

އަދިކިއެއް، ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެފަދަ ޙާލަތުގައި މި އިންތިޚާބުތަކަށް ވަނުން ވާޖިބުވެގެންވެއެވެ.

އައްޝައިޚް މުޙައްމަދު ބިން ޢުޘައިމީން رحمه الله އަރިހުން އިންތިޚާބުތަކާ މެދުގައި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ:

“ތިމަން ދެކޭ ގޮތުގައި އިންތިޚާބު (ގައި ބައިވެރިވުން) ވާޖިބުވެގެންވެއެވެ. (ކުރިމަތިލާ މީހުންގެތެރެއިން) އެމީހެއްގެ ކިބައިގައި ހެވެއް ފެންނަން ހުރި މީހަކަށް އެހީތެރިވުން ވާޖިބުވެގެންވެއެވެ، އެހެނީ ހެޔޮކަމުގެ އަހުލުވެރިން (އެކަމުން) ދުރުހެލި ވެއްޖެނަމަ އެމީހުންގެ (ބަދަލުގައި) މަޤާމަށް އަންނާނީ ކޮންބައެއް ހެއްޔެވެ؟ އެމީހުންގެ މަޤާމަށް (ބަދަލުގައި) އަންނާނީ ނުބައިކަމުގެ އަހުލުވެރިންނެވެ. ނުވަތަ އެބައެއްގެ ކިބައިގައި އެއްވެސް ހެވެއް އަދި ނުބައެއް ވެސް ނެތް (ތަންދޮރު ނޭނގޭ ނާޤާބިލު ގޮފަޅު) މީހުންނެވެ. އަޑުގަދަ ކޮންމެ މީހަކަށް ތަބާވާ މީހުންނެވެ. ފަހެ އެހެންކަމުން، އަހަރަމެންނަށް ޞާލިޙުކަމަށް ފެންނަ ބަޔަކު އަހަރެމެން އިޚްތިޔާރު ކުރަން ކޮންމެހެން ވެސް އެބަ ޖެހެއެވެ.

ފަހަރެއްގައި މީހަކު ދެން ބުނެފާނެއެވެ: “އަހަރެމެން (ޞާލިޙު) މީހަކު އިޚްތިޔާރު ކުރިޔަސް މަޖިލީހުގެ ގިނަ މީހުން ތިބީ އެއާ ޚިލާފަށެވެ”.

ޖަވާބުގައި އަހަރެން ބުނަމެވެ: “އެއީ (ހެޔޮ މީހަކު އިޚްތިޔާރު ކުރުމަށް އޮތް) ހުރަހެއް ނޫނެވެ. އެ އެންމެ މީހާގެ ކިބައިގައިވެސް ﷲ ބަރަކާތް ލައްވައި، އެ މަޖިލީހަށް ޙައްޤުގެ ކަލިމަ ފޯރުކޮށްދެއްވައިފި ނަމަ އެތަނަށް އަސަރު ކުރާނެކަން ޔަޤީނެވެ. ނަމަވެސް އަހަރެމެންގެ ކިބައިގައި މަދީ މާތް ﷲ އަށް ތެދުވެރިކަމެވެ. އަހަރެމެންނަށް ބުރަވެވެނީ (ދުނިޔެވީ) މާއްދީ ހިއްސީ ކަންކަމަށެވެ. މާތް ﷲ ގެ ކަލިމަފުޅަކަށް ބަލައެއް ނުލައެވެ…. ފަހެ އެމީހަކީ ހެޔޮ މީހެއް ކަމަށް ތިޔަ ދެކޭ މީހާ އެންޑޯޒް ކުރާށެވެ. އަދި މާތްﷲ އަށް ވަކީލު ކުރާށެވެ”.

“لقاءات الباب المفتوح”

އިންތިޚާބުތަކުގައި ވޯޓުލައި އެންޑޯޒް ކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟ އަހަރެމެންގެ ޤައުމަކީ މާތް ﷲ ބާވައިލެއްވި ޝަރީޢަތަށް ޙުކުމް ކުރާ ޤައުމެއް ނޫނެވެ.

ޖަވާބުގައި ވިދާޅުވިއެވެ:

“މާތް ﷲ ބާވައިލެއްވި އެއްޗަށް ނޫން އެހެން ތަކެއްޗަށް ޙުކުމްކުރާ ، އަދި އިސްލާމީޝަރީޢަތް ނޫން ޝަރީޢަތަކަށް ޢަމަލުކުރާ ސަރުކާރެއްގެ ނިޒާމުގެ މަގު ހިފުމަށްޓަކައި އެއްވެސް މީހަކުގެ އެމީހެއްގެ އަމިއްލަ ނަފްސު އެންޑޯޒް ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.

ފަހެ މުސްލިމުންގެ ތެރެއިން އޭނާގެ އަމިއްލަ ނަފްސު އެންޑޯޒް ކުރާ މީހާ ނުވަތަ އިންތިޚާބު ކުރެވޭ އަނެއް މީހާ އެކަމުގެ ތެރެއަށް ވަންނަނީ ، އޭގެ ތެރެއަށް ވަދެގެން އެތަނުގައިވާ ވެރިކަން އިސްލާމީ ޝަރީޢަތަށް ޢަމަލު ކުރުވާނެ ގޮތް ހެދުމަށް ވާޞިލުވުމަށްޓަކައި ކަމުގައި ވެފައި ، އަދި އެގޮތް އެއީ އެތަނުގެ ވެރިކަމުގެ ނިޒާމުގެ މައްޗަށް އަޣްލަބިއްޔަތު ހޯދައި ގަދަވެގަނެވޭ ގޮތްކަމުގައި ހެދުމަށް މެނުވީ އެއްވެސް މުސްލިމަކު އޭނާގެ އަމިއްލަ ނަފްސު ނުވަތަ އެފަދަ ސަރުކާރެއްގައި މަސައްކަތްކުރާ އެހެންމީހަކުވެސް އެންޑޯޒްކުރުން ހުއްދަވެގެން ނުވެއެވެ. އަދި އެއީ އެތަނަށް ރަނގަޅަށް ވަދެވިއްޖެއްޔާ އިސްލާމީ ޝަރިޢަތާ ޚިލާފުނުވާ ކަންކަމުގައި މެނުވީ އޭނާ މަސައްކަތް ނުކުރާނެ ގޮތުގެ މަތިންނެވެ.

الشيخ عبد العزيز بن باز ، الشيخ عبد الرزاق عفيفي، الشيخ عبد الله بن غديان ، الشيخ عبد الله بن قعود”. انتهى من “فتاوى اللجنة الدائمة” (23/406، 407).