Categories
ދީނީ ލިޔުން

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 7


ދިހަވަނައީ: ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން


މިފަދަ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވެގެން މިކަން ތަރުތީބުކޮށްލުމެވެ. އަދި ދެމަފިރިންވެސް މިކަމުގައި ވިސްނައިގެން ގޮތް ނިންމުމެވެ.

ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ» [رواه البخاري في صحيحه برقم: (5195)]

މާނައީ: ” ގާތުގައި ފިރިމީހާ ހުއްޓާ، އޭނާގެ ހުއްދަ ނެތި ސުންނަތް ރޯދަ ހިފުން އަންހެނަކަށް ހުއްދަވެގެން ނުވެއެވެ.”

މިއީ ސުންނަތް ރޯދަތަކަށް ޚާއްޞަ ޙުކުމެކެވެ. ފިރިމީހާ ރަށުގައި ނޫޅޭނަމަ އެފަދައިން ރޯދަ ހިފޭނެއެވެ. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ. އަދި ވަކިން ޚާއްޞަކޮށް އަނެއް ރަމަޟާން މަސް ގާތްވެފައި ވަނިކޮށް ރޯދަތައް ޤަޟާ ނުކުރެވިދާނެކަމުގެ ބިރު އޮއްވާ އެފަދައިން ހުއްދައަށް އެދެން ނުޖެހޭނެއެވެ. [1]



ޚުލާޞާ:


މިލިޔުމުގެ ބަޔާންވެގެން ދިޔަ ޙުކުމްތަމުގެ ޚުލާޞާއަކީ:

1. ޢީދުދުވަހު ރޯދަ ހިފުން

ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހުގައި ރޯދަ ހިފުމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ ނަދުރު ރޯދަ، ސުންނަތް ރޯދަ، ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް މެއެވެ.

2. އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން

އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހަކީ ޙައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ރޯދަ ހިފުމަށް ނަބިއްޔާ صلى الله عليه وسلم ހުއްދަ ނުދެއްވައެވެ. ޙައްޖުވެރިންގެ ތެރެއިން ކަތިލާނެ ހަދުޔެއް ނުލިބުނު މީހުންނަށް ފިޔަވައެވެ.

3. ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން

ވަކި ޙާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ޙާލަތަކީ މިލިޔުމުގައި ބަޔާންވެދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހުކުރުދުވަސް ޚާއްޞަކުރުމެވެ. 

4. ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން

ވަކި ޙާލަތްތަކެއްގައި ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ޙާލަތަކީ މިލިޔުމުގައި ބަޔާންވެދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރުދުވަސް ޚާއްޞަކުރުމެވެ. 

5. ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން

ޝަޢުބާންމަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައިވާ ޙަދީޘެއް ވާރިދުވެފައިވެއެވެ. އެހެނަސް މި ނަހީއިން އިސްތިޘްނާވާ ޙާލަތްތަކެއް ވެއެވެ.

6. ޝައްކުގެ ދުވަހު ރޯދަ ހިފުން

ޝައްކުގެ ދުވަހަކީ ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހެވެ. ޝައްކުގެ ދުވަހުގައްޔާއި ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ހިފުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ. މިދުވަސްތަކުގައި ރޯދަ ހިފުމުގެ ޙާލަތްތަކެއް ވެއެވެ. އެގޮތުން ނަބަވީ އިރުޝާދުތަކުގައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝަޢުބާން މަހުގެ ތިރީސް ހަމަކޮށްފައި ދެން ރަމަޟާން މަހުގެ އެއް ވަނަ ދުވަހު ރޯދަ ހިފަން ފެށުމަށެވެ. މިއިރުޝާދާ ޚިލާފުވެ، ރައްކާތެރިކަމުގެ ގޮތުންކަމަށް ބުނެ ހަނދު ނުފެނުމުންވެސް ޝަޢުބާން ތިރީސްވަނަ ދުވަހު ރޯދައަށް ތިބުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އާދަވެގެން ރޯދަ ނުހިފާ މީހާ އެދުވަސްތަކުގައި ރޯދަ ހިފުންވަނީ ނަހީކުރައްވާފައެވެ.

7. އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން

ނަބިއްޔާ صلى الله عليه وسلم ވަނީ، އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަހީކުރައްވާފައެވެ.

8. ވިޞާލުކޮށް ރޯދަ ހިފުން

ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އަދި އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. އެދެވިގެންވާ ގޮތަކީ ވިޞާލުކޮށް ރޯދަ ނުހިފާ އިރުއޮއްސުމުން އަވަހަށް ރޯދަ ވީއްލުމެވެ. އަދި ޤަޞްދުގައި އެއަށްވުރެ ފަސްކުރުމަކީ އެންމެ އައުލާ ގޮތާ ޚިލާފު ކަމެކެވެ. އަދި ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސްވަންދެން ރޯދަ ހިފުމަކީ ޙަރާމްކަމެކެވެ.

9. ޙައިޟުގެ ދުވަސްވަރުގައި ނުވަތަ ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން

ޙައިޟުގެ ދުވަސްވަރުގައި އަދި ނިފާސްގެ ދުވަސްވަރުގައި އެއްވެސް ރޯދައެއް ހިފުމަކީ ހުއްދަކަމެއް ނޫނެވެ.

10. ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން

ފިރިމީހާ ގާތުގައި ހުއްޓާ ސުންނަތް ރޯދަތައް ހިފަންވާނީ ފިރިމީހާގެ އިޛުނައާ އެކުގައެވެ. އެއީ ސުންނަތް ރޯދަތަކަށް ޚާއްޞަ ޙުކުމެކެވެ. އަދި ފިރިމީހާ ރަށުގައި ނޫޅޭނަމަ އެފަދައިން ރޯދަ ހިފޭނެއެވެ. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ. އަދި ވަކިން ޚާއްޞަކޮށް އަނެއް ރަމަޟާން މަސް ގާތްވެފައި ވަނިކޮށް ރޯދަތައް ޤަޟާ ނުކުރެވިދާނެކަމުގެ ބިރު އޮއްވާ އެފަދައިން ހުއްދައަށް އެދެން ނުޖެހޭނެއެވެ.

وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.




[1] ބައްލަވާ: شرح النووي على صحيح مسلم (7/115) وفتح الباري لابن حجر (9/295) ومنح الجليل لعليش (2/162).

Categories
ދީނީ ލިޔުން

ކަނބަލުންނަށް ފުރުޞަތުދެމާ! (3)

4- އެކަމުގައިބައިވެރިވާ ފަރާތްތަކުގެ ޒިންމާތައް، ވަކިވެ ބަހާލެވިފައި އޮތުން:

ކޮންމެކަމެއްވެސް ރީތިކޮށް ތަރުތީބުން ހިނގާނީ ޒިންމާތައް ވަކިވެ އެނގިގެންނެވެ. މިތަރުތީބު ބިނާވާން ޖެހޭނީ ފިޠުރީގޮތުން އިންސާނާގެ ކިބައިގައި ލެއްވިފައިވާ ފިޠުރީ ހުނަރާއި، އޭނާ ލިބިގެންފައިވާ ހުނަރުތަކުގެ މައްޗަށް ރިޢާޔަތްކުރެވިގެންނެވެ. ނުވަތަ އެކަމަކަށް އެންމެ އެކަށޭނަމީހާ އާ އެކަމެއް މަތިކޮށްގެންނެވެ. އިންސާނުންގެ ފިޠުރަތު އެގޮތެއްގައި ލައްވާފައިވާ ޞިފަތަކާއި، ހުނަރުތަކަށް ރިޢާޔަތްކުރުމެއްނެތި ޒިންމާތައް ޙާވަލުކޮށްގެން އެދެވޭ ނަތީޖާއެއް ނުނެރެވޭނެކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

މި ނުކުތާއަކީ އަޅުގަނޑުމެން ވަރަށް ފުންކޮށް، ޙިކުމަތުގެ ނަޒަރަކުން ވިސްނާލަންޖެހޭ ނުކުތާއެކެވެ. ދަރިންގެ ތަރުބިޔަތުގައި ޢަމަލީގޮތުން މަސައްކަތް ކުރަންޖޭހޭ ފަރާތަކީ އެކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީގޮތުން ބަލަދުވެރިންކަމުގައި އަޅުގަނޑުމެން ޤަބޫލުކޮށްފީމުއެވެ. ދެފަރާތުގެ ޒިންމާވެސް ހަމަހަމަވާގޮތުގައެވެ. ނަމަވެސް ސުވާލަކީ އެފަރާތްތަކުން ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތުގައި އެއްވެސް ތަފާތެއް ވޭހެއްޔެވެ؟ ނުވަތަ ނުވޭހެއްޔެވެ؟ އެއްވެސް ތަފާތެއް ނުވާކަމަށް ޤަބޫލުކުރާނަމަ އޭގެ މާނައަކީ ދަރިން ފެންވަރުވާ ތެޔޮލާ ރީތިކުރުމާއި، އެދަރިންގެ ޚަރަދުބަރަދު ބެލެހެއްޓުމާއި މިހުރިހާކަމެއް ޢަމަލީގޮތުން ކުރުމުގައި މަންމައާއި ބައްޕަ ހަމަހަމައެވެ. އެހެންގޮތަކަށް ބުނާނަނަމަ، ކުރަންޖެހޭ މަސައްކަތުގެ ބާވަތާއި، މިންވަރުވެސް ހަމަހަމައެވެ. މިގޮތުގައި މިކަން އޮމާންކޮށް ހިނގާނެ ކަމަށް ބުއްދި ޤަބޫލުކުރޭ ހެއްޔެވެ؟ ނުވަތަ އެއީ އަޅުގަނޑުމެންގެ ދަރިންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެންމެ ރައްކާތެރިކަން ބޮޑުގޮތް ހެއްޔެވެ؟ އިންސާނީ ފިޠުރަތު ނިޔާކުރަނީ އެގޮތަށް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރީގައި އެހެން ސުވާލެއް ކޮށްލަމާހިނގާށެވެ! ދެމަފިރިން ވަރިވެގެންދާ ޙާލަތުގައި އެދެމީހުންގެ ތުއްތުދަރިން ތިބިނަމަ އެދަރިން، ތިބެން އެންމެ އެކަށީގެންވަނީ މަންމަގެ ގާތުގައިހެއްޔެވެ؟ ނުވަތަ ބައްޕަގެ ގާތުގައިހެއްޔެވެ؟ އާދެ ޝައްކެއްނެތެވެ. އެދަރިން ފެންވަރުވައި، ކާންދީ ބެލެހެއްޓުން އެންމެ ޙައްޤު ފަރާތަކީ މަންމައެވެ. މިއީ ސަލާމަތް ބުއްދި ލާޒިމް ކުރާގޮތެވެ. މަންމައެއްގެ ނުބައިކަމުގެ ސަބަބުން ދަރިޔަކަށް ފަހަރެއްގައި ދޭ ގެއްލުމަކީ ދަރިންގެ މައްޗަށް އެންމެ ކުލުނުވެރި ފަރާތަކީ މައިލަނގޮނޑިކަމުގައި އޮންނަ އުޞޫލު މުގުރިގެންދާނެ ކަމެއްނޫނެވެ. ދަރިން ހޭހަންކޮށް ބެލެހެއްޓުމީ މައިންގެ ކަމެއްކަމުގައި ބެލެވުމަކީ މުޖުތަމަޢުން އިންސާނާ ދަސްކުރާކަމެއް ކަމުގައި ބޭފުޅަކު ވިދާޅުވާނަމަ އެއީ ކުށްހީއެކެވެ. އަދި ކިއެއްތަ، އެއީ އިންސާނާގެ ފިޠުރަތު އެގޮތުގައި ބައްޓަންކުރައްވާފައިވާ ގޮތެވެ. މިއީ އިންސާނުން ޤަބޫލުކުރާ ތަފާތު ޢަޤީދާތަކާއި، ޘަޤާފީގޮތުން ހުރި ތަފާތުތަކާއެކުވެސް މުޅި އިންސާނިއްޔަތު ދައްކަމުންދާ ޙަޤީޤަތެވެ. ނާދިރު ޙާލަތްތަކަކީ ޢާންމު އުޞޫލުކަމަށް ބަލައި ޤިޔާސް ނުކުރެވޭކަން އެންމެން ޤަބޫލުކުރަން ޖެހެއެވެ.

އާނއެކެވެ! ބައްޕަޔަކު ދަރިޔަކު ފެންވަރުވާލުން ގޯސް ވާހަކައެއް ނޫނެވެ. އަދި ދަރިފުޅު ރީތިކޮށް ހެދުން ލައްވާ ނިންދަވާލުން ގޯސް ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެ މަސައްކަތުގެ ޙަޤީޤީ ބަލަދުވެރި ފަރާތަކީ މަންމައެވެ.

5- މާނަވީ އަދި މާލީއެހީތެރިކަން ލިބުން:

މާނަވީ އެހީތެރިކަމަކީ ވަރަށް ފުޅާމާނައެއް އޭގައި އެކުލެވޭ އެއްޗެއްކެވެ. ކަމެއްގައި މީހަކު އަދާކުރަމުންދާ ޒިންމާއަށް ވާގިދީ ހިތްވަރުދިނުމާއި، އެކަންކަން ފާހަގަކުރުމަކީ މާނަވީގޮތުން ދެވޭ އެހީތެރިކަމެކެވެ. ކަމެއްގެ ދަރުމަޔާއި ޘަވާބު އަންގައިދިނުމަކީ އެކަމަކަށް މާނަވީގޮތުން ދެވޭ އެންމެބޮޑު އެހީތެރިކަމެވެ. މުޖުތަޢުން ހެޔޮގޮތުގައި އެކަން ބަލައިގަތުމަކީވެސް މާނަވީ އެހީތެރިކަމެކެވެ.

ދަރިން ތަރުބިޔަތު ކުރުމަކީ މާލީގޮތުން އެކުދިންނަށް ޚަރަދުކުރުން ލާޒިމުކުރާކަމެކެވެ. މިކަމަކީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. ނަމަވެސް ސުވާލަކީ އެއީ ކާކުގެ ޒިންމާއެއް ތޯއެވެ؟ ޝައްކެއްނެތެވެ. އެކަމަކީ ދަރިފުޅުގެ ބައްޕަ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ ޝަރުޢީ ޒިންމާއެކެވެ. އެކަން އެހެން ފަރާތަކަށް މަތިކޮށްފައި، ބައްޕަޔަށް ނުވަތަ ބަލަދުވެރިޔާއަށް އެކަމުން ބޯދަމައި ނުގަނެވޭނެއެވެ. އެކަމަކީ ދަރިފުޅުގެ މަންމަގެ ޒިންމާއެއް ނޫނެވެ.

(ނުނިމޭ)

Categories
ދީނީ ލިޔުން

އިސްލާމްދީނާއި އެދީނުގެ ޢަދާވާތްތެރިން (1)

އިސްލާމީ ޝަރީޢަތަކީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ﷲ ތަޢާލާ ހަތް އުޑުގެ މަތިން އެންމެފަހުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މައްޗަށް ބާވާލެއްވި އެންމެ ފަހުގެ ރިސާލަތެވެ. ދުނިޔޭގައި އިންސާނުން އުޅެންވީ ގޮތުގެ މަންހަޖެވެ. އެންމެހައި ޚަލްޤުތަކުންގެ މަޞްލަޙަތު ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހުގެ ޙަޟްރަތުން ބާވާލެއްވުނު ޝަރީޢަތެކެވެ. ފިރިހެނުންނާއި އަންހެނުންގެ ޙައްޤުތައް އެންމެ ފުރިހަމަޔަށް ހޯދައިދީފައިވާ ޢަދުލުވެރި ޝަރީޢަތެކެވެ.

މިޒަމާނުގައި އިސްލާމީ އުންމަތަށް ކުރިމަތިވާ ގޮންޖެހުންތައް ގިނައެވެ.  އުންމަތުގެތެރެއިންނާއި ބޭރުން ކުރިމަތިވާ ގޮންޖެހުންތަކެވެ. ފިތުނަޔަކަށްފަހު ފިތުނަޔެއް އިސްލާމީ އުންމަތާ ދަނީ ކުރިމަތިވަމުންނެވެ. އިސްލާމީ ޤައުމުތަކުގެ ތެރެއިން ވަރަށް ގިނަ ޤައުމުތަކުގައި ހަމަޖެހުމާއި އަމާންކަންވަނީ ގެއްލިފައެވެ. އުންމަތުގެ ޢަދާވާތްތެރިންވަނީ އެމީހުންގެ މާއްދީ ފައިދާތަކަށްޓަކައި މުސްލިމް ޤައުމުތައް އަޅުވެތިކޮށްފައެވެ.  މިގޮތުން އަފްޣާނިސްތާނާއި، ޢިރާޤާއި، ސީރިއާ، ފަލަސްތީން އަދި އިރުމަތީ ތުރުކިސްތާން ފަދަ ޤައުމަތަކުގައި ދިރިއުޅެމުންދާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެތަކެއް އަނިޔާތަކެއްދަނީ ލިބެމުންނެވެ.

އެތަކެއް ސަބަބަކާހުރެ އިސްލާމްދީން މިވަނީ ބީރައްޓެހިވާން ފަށާފައެވެ. މިގޮތުން އިސްލާމްދީނުގެ މަތިވެރި ޙުކުމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރާ ޤައުމެއް ނެތޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ކާފަރުން ދަނީ އިސްލާމުން އެމީހުންގެ ދީނުން ބޭރުކުރުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރަމުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ اسْتَطَاعُوا ۚ))[البقرة 217] މާނައީ: “އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުން ބޭރުކޮށް ކާފިރުކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ.”

ބައެއް އިސްލާމީ ޤައުމުތަކާ ދެކޮޅަށް ސީދާ ހަނގުރާމަ ކުރަމުންދާއިރު، އަނެއްބައި އިސްލާމީ ޤައުމުތަކަށް އެމީހުން ބޮން ނޭޅިއެއްކަމަކު ފިކުރީ ހަނގުރާމައިގެ ތެރެޔަށް އެޤައުމުތައް ގަންބާލާ، އެޤައުމުތަކުގެ މުސްލިމް ޒުވާނުން އެމީހުންދަނީ ރެކްރޫޓްކުރަމުންނެއެވެ. މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމާ ކުރާނެ ބަޔެއް އެމީހުންދަނީ ތައްޔާރު ކުރަމުންނެވެ. މިގޮތުން މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢުގައިވެސް އެމީހުން ވަނީ މިކަންތައްތަކުގައި ކުރިއެރުން ހޯދާފައެވެ.

ތަފާތު ޙައްޤުތައް ހޯދުމުގެ ނަމުގައި އުފައްދާފައިވާ އެމީހުންގެ އެތަކެއް މަދަނީ ޖަމްޢިއްޔާތަކެއް މިފަސްގަނޑުގައި ރަޖިސްޓްރީކޮށް އެމީހުންދަނީ ހިންގަމުންނެވެ. ހިތާމަޔަކީ އެމީހުންގެ ބަހަށް ހެއްލިގެން އުޅޭ މީހުންނަކީ އަޅުގަނޑުމެންގެ ބަހުން ވާހަކަ ދައްކާ މުސްލިމް ދެމަފިރިންނަށް ލިބިފައިވާ ދިވެހިން ކަމަށްވުމެވެ. އެހެން ނަމަވެސް އެމީހުންނަކީ ދުނިޔެއަށްޓަކައި އާޚިރަތް ވިއްކާލައިފައިވާ ދީނާ ޤައުމަށް ޣައްދާރުވެފައިވާ ބަޔެކެވެ. އެބައިމީހުންނަކީ އަމިއްލަ އެދުންތަކަށް ތަބާވެފައި ތިބެ، ބިމުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭބަޔެކެވެ. ފާޙިޝް ކަންތައްތައް މިނިވަންކަމުގެ ނަމުގައި ފެތުރުމަށް ގަދައަޅައި މަސައްކަތްކުރަމުންދާ ބަޔެކެވެ.  ﷲ ވަޙީ ކުރެއްވިއެވެ. ((وَاللَّـهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا))[ سورة النساء 27] މާނައީ: “އަދި، اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް ތަބާވާ މީހުން އެދެނީ (ޙައްޤު މަގު ފިޔަވައި ބާޠިލްގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.”

-ނުނިމޭ-

Categories
ދީނީ ލިޔުން

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 6


އަށްވަނައީ: ވިޞާލުކޮށް ރޯދަ ހިފުން


ޢަރަބި ބަހުގައި ވިޞާލުގެ ލަފްޒީ މާނައަކީ ގުޅުވާލުމެވެ. ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އަދި އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. [1] ވިޞާލުކޮށް ރޯދަ ހިފުމުގައި ދެގޮތެއް ވެއެވެ. އެއީ:
– އިރު އޮއްސުމުން ރޯދަ ވީއްލުމުގެ އިޚްތިޔާރު އޮވެ ޤަޞްދުގައި ރޯދަ ނުވީއްލާ ފަސްކޮށްފައި ރޯދަ ވީއްލުން [2]

– ރޯދަ ނުވީއްލާ ވިދިވިދިގެން ދެ ދުވަހު ނުވަތަ އެއަށް ވުރެ ގިނަދުވަހު ރޯދައަށް ހުރުން [3]

ނަބިއްޔާ صلى الله عليه وسلم ވަނީ މިކަން ނަހީކުރައްވާފައެވެ. ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ވިދާޅުވިއެވެ.

«نَهَى رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَنِ الوِصَالِ» [رواه البخاري في صحيحه برقم: (1962)]

މާނައީ: “ﷲގެ ރަސޫލާ صلى الله عليه وسلم ވަނީ ‘ވިޞާލު’ކޮށް ރޯދަ ހިފުން ނަހީކުރައްވާފައެވެ.”

އެކަލޭގެފާނު ބާރުއަޅުއްވާފައިވަނީ އިރުއޮއްސުމުން އަވަހަށް ރޯދަ ވީއްލުމަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الفِطْرَ» [رواه البخاري في صحيحه برقم: (1957)]

މާނައީ: “(އިރު އޮއްސުމުން، ލަސްނުކޮށް) ރޯދަވީއްލުމަށް އަވަސްވެގަންނަހާ ހިނދަކު މީސްތަކުން ވާހުށީ ހެޔޮކަމުގެ މަތީގައެވެ.”

އެހެންކަމުން އެންމެ މޮޅު އިތުރު ގޮތަކީ އިރުއޮއްސުމުން އަވަހަށް ރޯދަ ވީއްލުމެވެ.

އަދި އެއަށްވުރެ ފަސްކުރުމަކީ އެންމެ އައުލާ ގޮތާ ޚިލާފު ކަމެކެވެ.

އަދި ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށް ވުރެ ގިނަދުވަސް ވަންދެން ރޯދަ ހިފުމަކީ ޙަރާމްކަމެކެވެ. [4]



ނުވަވަނައީ: ޙައިޟުގެ ދުވަސްވަރުގައި ނުވަަތަ ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން


ޙައިޟުގެ ދުވަސްވަރު އަންހެން ކަނބަލުން ޢަމަލުކުރަންވީ ގޮތާ ބެހޭގޮތުން ސުވާލު ދެންނެވުމުން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

«كَانَ يُصِيبُنَا ذَلِكَ، فَنُؤْمَرُ بِقَضَاءِ الصَّوْمِ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ» [رواه مسلم في صحيحه برقم: 69 – (335)]

މާނައީ: “ތިމަންކަނބަލުންނަށް އެކަން ދިމާވުމުން (ރޯދަ ދޫކޮށްލާފައި އެ ދުވަސްތައް) ޤަޟާ ކުރުމަށް އަމުރުވެވުނެވެ. އަދި (އެދުވަސްތަކުގައި ފާއިތުވި) ނަމާދުތައް ޤަޟާކުރުމަށް އަމުރުނުކުރައްވައެވެ.”

މިކަންކަމުގައި ނިފާސްގެ އަހުލުވެރިންގެ ޙުކުމަކީ ޙައިޟުވެރިންގެ ޙުކުމެވެ. އެކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ. [5]




[1] ބައްލަވާ: الصحاح للجوهري (5/1842) والنهاية لابن الأثير (5/193).

[2] ބައްލަވާ: منحة العلام لآل بسام (ص: 389).

[3] ބައްލަވާ: الشرح الممتع للعثيمين (6/438).

[4] ބައްލަވާ: منحة العلام لآل بسام (ص: 389 – 391).

[5] ބައްލަވާ: المجموع للنووي (2/520).

Categories
ދީނީ ލިޔުން

ކަނބަލުންނަށް ފުރުޞަތުދެމާ! (2)

ޝައްކެއްނެތެވެ! ރަނގަޅު ޖީލެއް ތަރުބިޔަތު ކުރެވޭނީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރެވިގެންނެވެ. މިއީ ދެމީހަކު ދެބަސްވާނެކަމެއް ނޫނެވެ. ނަމަވެސް ސުވާލަކީ އަޅުގަނޑުމެންގެ ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ނުކުރެވެނީ ކީއްވެގެންހެއްޔެވެ؟ އެކަން ކުރަން ބޭނުން ނުވާތީހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ ފައިސާނެތީމާހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ މީހުން ނެތީމާހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ ވަގުތުނެތީމާހެއްޔެވެ؟ މިބާވަތުގެ އެތައް ސުވާލެއް އުފެއްދިދާނެއެވެ. ހަމަ އެޔާއެކު އެހެން ސުވާލުތަކެއްވެސް ކޮށްލަން ޖެހެއެވެ. އެއީ ދަރިން ތަރުބިޔަތަކުރުމަކީ އެކަމަށް ބަޔަކު، ހުސްވެ ތިބެންޖެހޭވަރު ކަމެއްހެއްޔެވެ؟ ނުވަތަ އެއީ އެކަމަށް ބަޔަކު ހުސްވެގެންވެސް ކުރަންޖެހޭވަރު މުހިންމުކަމެއް ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ޝައްކެއްނެތެވެ. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަކީ ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ އަސާސްތަކެއް ހުންނަކަމެވެ. ވީމާ ދަރިން ތަރުބިޔަތު ކުރުމުގައިވެސް ފުރިހަމަވާންޖެހޭ އަސާސްތަކެއް ހުންނާނެކަމެވެ. އެގޮތުން:

1-   ތިމާގެ ދަރިން ތަރުބިޔަތުކުރަން ޤަޞްދުކުރާ ރަނގަޅު ތަޞައްވުރެއް އޮތުން:

އަޅުގަނޑުމެންނީ މުސްލިމުންކަމުގައިވުމުން އެ ތަޞައްވުރުވަނީ ދީނުގައި ކަނޑައަޅުއްވާފައެވެ. އެގޮތުން ﷲ އީ ރައްބުކަމަށް އީމާންވާ، ދީނަކީ އިސްލާމްދީން ކަމުގައި ޤަބޫލުކުރާ، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ صلى الله عليه وسلم ކަން ޤަބޫލުކޮށް، އެދީނުގެ މަތިވެރި އުޞޫލުތަކަށް ލޯބިކުރާ، މުޖުތަމަޢަށް ހެޔޮއެދޭ، ބިނާކުރަނިވި، އިޚްލާޞްތެރި ދަރިޔަކު އުފެއްދުމީ އަޅުގަނޑުމެންގެ ޠަޞައްވުރެވެ.

2-   އެމަސައްކަތް ޢަމަލީގޮތުން ކުރާނެ ފަރާތެއް ހުރުން:

ޝައްކެއް ނެތެވެ. ދަރިންބެލުމުގެ ޢަމަލީ މަސައްކަތްކުރަން ޖެހޭ އަސާސީ ފަރާތަކީ އެދަރިއެއްގެ މައިންބަފައިންނެވެ. ނުވަތަ ޝަރުޢީގޮތުން އެދަރިންގެ ބަލަދުވެރިކަން ޙަވާލުކުރެވިފައިވާ ފަރާތެކެވެ. އެކުދިންނަށް ތަޢުލީމުދިނުމާއި، އީމާނީގޮތުންނާއި، އަޅުކަމުގެ ގޮތުންނާއި، ނަފްސާނީގޮތުނާއި، ޖިސްމާނީގޮތުން އެކުދިން ދަރުބިޔަތު ކުރުމަކީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ދީނީ ވާޖިބެކެވެ. އެ މަސްއޫލިއްޔަތާ ބެހޭގޮތުން ޤިޔާމަތްދުވަހު ސުވާލުކުރެވޭނެތެވެ.

3-   އެމަސައްކަތް ޢަމަލީގޮތުން ކުރާފަރާތަކީ އެކަމުގެ ހުނަރާއި ޤާބިލުކަންހުރި ފަރާތަކަށްވުން:

ދަރިން ތަރުބިޔަތުކުރުމެ މަސައްކަތަކީ ވަރަށް ފަންނީ މަސައްކަތެކެވެ. އެކަމަކީ އުނގެނި ދަސްކުރަންޖެހޭ ކަމެކެވެ. ކޮންމެހެން ޔުނިވަރސިޓީއަކުން ކަމާބެހޭދާއިރާއިން ކޯހެއް ނުހެދިޔަސް އެހުނަރާއި ޤާބިލުކަން ހޯދިދާނެއެވެ. އެހުނަރާއި ޤާބިލުކަން ހޯދުމުގައި ފުރަތަމަ ކަމަކީ ތިމާގެ ދަރިފުޅު އެގޮތެއްގައި ހުންނަން ތިމާ ބޭނުންވާ ހުރިހާ ރިވެތި ޞިފަތައްހުރި ނަމޫނާމީހެއްކަމުގައި ތިމާވުމެވެ. އަދިއެފަދަ ހެޔޮމީހަކު ތިމާގެ ޙަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި އިޚްތިޔާރުކުރުމެވެ. އެހެނީ ތަރުބިޔަތުގައި އެންމެފައިދާ ބޮޑު ވަސީލަތަކީ ތިމާގެ ކިބައިން ދަރިންނަށް ފެންނަ ރިވެތި ނަމޫނާއެވެ. ރިވެތި ނަމޫނާ ދައްކާނަމަ ދަރިންނަށް އަނގަބަހުން ދޭންޖެހޭ އިރުޝާދުތައް ވަރަށް މަދުވާނެއެވެ. ކަންކަން ކުރަން އަމުރުކުރުމާއި، މަނާކުރުމުގެ އުސްލޫބަކީ ދަރިން އެހާ ގަޔާވާ އުސްލޫބެއް ނޫނެވެ. މިވެނި ކަމެއް ކުރާށޭ! ސީދާބުނުމުގެ ބަދަލުގައި މިވެނި ކަމެއް ކޮށްލަންވީނޫންހޭ؟ ނުވަތަ މިވެނިކަމެއް ކޮށްލާނީ ކޮން އިރަކުހޭ؟ ބުނެލުން މާފައިދާ ބޮޑެވެ. ހަމައެހެންމެ މިވެނި ކަމެއް ކޮށްގެން ނުވާނޭ ބުނުމަށްވުރެ މިވެނި ކަމެއް ކުރާކަށްރަނގަޅެއް ނޫނޭ! ނުވަތަ މިވެނި ކަމެއް ކުރުމަކީ ބައްޕަ ވަރަށް ދެރަވާކަމެކޭ ބުނެލުން މާ ފައިދާ ބޮޑެވެ. މިއިން ކޮންމެ އިރުޝާދެއްގައިވެސް ތިމާގެ ފަރާތުން ރިވެތި ނަމޫނާއެއް ނުފެންނަނަމަ އެދަރިންނަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެއެވެ.

(ނުނިމޭ)

Categories
ދީނީ ލިޔުން

ކަނބަލުންނަށް ފުރުޞަތުދެމާ! (1)

ތަފާތު ފަރާތްތަކުގެ ޙައްޤުތަކުގެ ވާހަކައަކީ މިހާރަކަށް އައިސް އެންމެ ހަރުކޮށް ފެތުރެމުންދާ އެއް ވާހަކައެވެ. އޭގެ، ތެރޭގައި އަންހެނުންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޙައްޤުތަކާއި، މުސްކުޅިންގެ ޙައްޤުތަކާއި، ޒުވާނުންގެ ޙައްޤުތަކާއި، މައިންބަފައިންނާއި، އަނބިދަރިންގެ ޙައްޤުތައް ހިމެނެއެވެ. މިއިން ކޮންމެ ޙައްޤަކީވެސް ލިޔެލަން ވަރަށް ފަސޭހަ ދެތިން ކަލިމައެވެ. ނަމަވެސް އެކިފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކަކީ އެހެން ފަރާތްތަކެއްގެ ބޮލުގައި އެޅިފައިވާ، އަދާކުރަންޖެހޭ ޒިންމާތަކަކާއި ވާޖިބުތަކެއްކަން ހަނދާން ހުންނަނީ ކިތައް މީހުންބާވައެވެ. އެންމެ މީހަކަށް ލިބިދޭންޖެހޭ ޙައްޤުތަކެއް ފުރިހަމަވަނީ އެތައްބަޔަކު، އެތައް ވާޖިބުތަކެއް ފުރިހަމައަށް އަދާކޮށްގެންނެވެ. މިސާލަށް؛ ކުޑަކުދިންގެ ޙައްޤުތަކަށް ބަލައިލަމާހެއްޔެވެ؟ އެކުދިންގެ ޙައްޤުތައް ފުރިހަމަވާނީ އެކުދިންނާމެދު އެކުދިންގެ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ހުރިހާ ވާޖިބުތަކެއް ފުރިހަމައަށް އަދާކޮށްގެންނެވެ. އޭގެ އިތުރުން ދެފަރާތުން، އެކުއްޖާގެ މާމަޔާއި ކާފަޔާއި، އޭނާގެ އަޚުންނާއި އުޚުތުންނާއި، އޭނާގެ އަވައްޓެރިންނާއި، އޭނާ ދިރިއުޅެމުންދާ މުޖުތަމަޢުގެ އެންމެހާ އަފްރާދުންނާއި، އުނގަންނައިދެއްވާ އެދުރުންނާއި، އެދުރުންގެ ކަންކަން ބެލެހެއްޓުން މަތިކުރެވިފައިވާ ސްކޫލުގެ ވެރިންނާއި ވަޒީރުންނާއި، ޤައުމުގެ ސިޔާސަތުތައް އެކަށައަޅުއްވާ ބޭފުޅުންނާއި، ޢަދުލު އިންސާފުގެ ދާއިރާއާއި، މިހުރިހާ ފަރާތްތަކެއްގެ ބަލަދުވެރިކަން މަތިކުރެވިފައިވާ ޤައުމުގެ އެންމެ މަތީވެރިޔާ އަދާކުރަންޖެހޭ އެންމެހައި ވާޖިބުތައް ފުރިހަމަޔަށް އަދާކޮށްގެންނެވެ.

ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ ޒުވާން ޖީލުގެ މިސްރާބުހުރީ ނުރައްކާތެރި ދިމާއަކަށް ކަން ހަމަބުއްދިހުރި ކޮންމެ ފަރާތަކުންވެސް ޤަބޫލުކުރާނެއެވެ. ތަފާތު ކުށްތަކަށް އަރައިގަތުމުގައި ފަސްނުޖެހޭ ބަޔަކަށް ވަރަށްގިނަ ޒުވާނުން ވަނީ ވެފައެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުން އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. ދީނީ ވާޖިބުތަކަށް ފަރުވާކުޑަކުރުމާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަޑަށް ނުފެތޭ އެތައްކަމެއް، ޒުވާނުންގެ ފަރާތުންދަނީ ފެންނަމުންނެވެ. މިއަދުގެ ޙާލަތަކީ ކޮންމެ މީހަކުވެސް މިތިބީ އެމީހެއްގެ ދަރިފުޅު ނުބައިމަގަކުން ހިނގައިދާނެކަމުގެ ބިރުގައި، ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައެވެ. ގޭގައި ކިތަންމެ ރައްކާތެރިކޮށް ގެންގުޅުނަސް ސްކޫލުން އެކުދިންނާ ބައްދަލުވާ ބައެއް ކުދިންގެ ނުބައި އަސަރުކޮށްފާނެތީއެވެ. ކުޅެންގޮސް އުޅޭ މާޙައުލުން އެކުދިންގެ ސިކުނޑި ދޮވެލަފާނެކަމުގެ ބިރުގައެވެ. އަދި އެހިސާބުން ފުއްދޭކަށް ނެތެވެ. ފަހިވެފައިވާ މުވާޞަލާތީ ގުޅުންތަކުގެ ސަބަބުން، ދުނިޔޭގެ މާދުރު ހިސާބެއްގައި ތިބޭ ނުބައިބައެއްގެ ފިކުރަށް އެކުދިން ގޮސްފާނެކަމުގެ ބިރުވަކިން ކުޑައެއް ނޫނެވެ.

އަޅުގަނޑުގެ މަޤްޞަދަކީ ކަންބޮޑުވުން ކިޔައިދިނުމެއް ނޫނެވެ. މިކަމަކީ އެންމެން ދަންނަ ޙަޤީޤަތެކެވެ. އެހެނަސް މަޤްޞަދަކީ މިކަމުގެ ޙައްލާމެދު ވިސްނުމުގެ ނަޒަކުން ބަލައިލުމެވެ. އަމިއްލަ ތަޖުރިބާއިން ކޮންމެ ބޭފުޅަކުވެސް ވިސްނަވާލެއްވުމަށް ބާރުއެޅުމެވެ. ޖަރީކުރެވިފައިވާ، ޙައްޤުތަކުގެ ޝިޢާރުތަކާއި ގޮވެލިތަކުގެ އަވައިގައި ޖެހުމެއްނެތި، އިޚްލާޞްތެރި ނަޒަރަކުން މި މައްސަލައާމެދު ވިސްނާލުމަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މުސްލިމެއްގެ ހައިސިއްޔަތުން އަމިއްލަ ނަފްސާއި މުޖުތަމަޢަށް ފައިދާއެއް ކުރުމުގެ ނިޔަތުގައެވެ. (ނުނިމޭ)

Categories
ދީނީ ލިޔުން

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 5


ހަވަނައީ: ޝައްކުގެ ދުވަހު ރޯދަ ހިފުން


ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހަށް އެނަމުން ނަން ދެވުނީ ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ. [1]

ޢަންމާރު ބުން ޔާސިރު رضي الله عنه ވިދާޅުވިއެވެ.

«مَنْ صَامَ يَوْمَ الشَّكِّ فَقَدْ عَصَى أَبَا القَاسِمِ صَلَّى اللهُ عَلَيْهِ وَسَلَّمَ» [رواه البخاري في صحيحه معلقا وجزم به (3/27) وراه الترمذي في سننه برقم: (686) وصححه الألباني في الإرواء برقم: (961)]

މާނައީ: “ޝައްކުގެ ދުވަހު ރޯދަ ހިފައިފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާ އަބުލް ޤާސިމު صلى الله عليه وسلم އަށް (އެބަހީ: ނަބިއްޔާ صلى الله عليه وسلم އަށް) އުރެދިއްޖެއެވެ.”

އަދި ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ހިފުން ނަހީކޮށްފައިވާ ޙަދީޘްތަކުން މިކަމަށް ބާރު ލިބެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ، فَلْيَصُمْ ذَلِكَ اليَوْمَ» [رواه البخاري في صحيحه برقم: (1914)]

މާނައީ: “ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ތިޔަބައިމީހުން ކުރެ މީހަކު ރޯދަ ނުހިފާ ހުށިކަމެވެ. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ހިފާށެވެ.”


ޝައްކުގެ ދުވަހު ރޯދަ ހިފުމުގައި ނުވަތަ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ހިފުމުގެ ޙާލަތްތަކެއް ވެއެވެ.

ފުރަތަމަ ޙާލަތު: އާދަވެގެން ރޯދަ ހިފަމުން އައި މީހަކު އެދުވަސްތަކުގައި ރޯދަ ހިފުން

އާދަވެގެން ރޯދަ ހިފަމުން އައި މީހަކު، މިސާލަކަށް ދެދުވަހުން އެއް ދުވަހު ނުވަތަ ކޮންމެ ހަފްތާއެއްގެ ހޯމަ ބުރާސްފަތީގައި ރޯދަ ހިފަމުން އައި މީހަކަށް އެދުވަސްތަކުގައި ރޯދަ ހިފިދާނެއެވެ.

އިސްވެ ދިޔަ ޙަދީޘްގައިވާ އެކަން އެވަނީ އިސްތިޘްނާ ކުރައްވައި ހުއްދަ ދެއްވާފައެވެ. “އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ހިފާށެވެ.”


ދެވަނަ ޙާލަތު: ޤަޟާ ރޯދަ ހިފުން

އާދަވެގެން ހިފަމުން އައި ސުންނަތް ރޯދަ ހިފުމަށް ހުއްދަ ދެއްވާފައިވާ އިރު ރަމަޟާން މަސް ފެށުމުގެ ކުރިން ހިފަން ހުރި ޤަޟާ ރޯދަތައް އެދުވަސްތަކުގައި ހިފުން މާ އައުލާކަން ބޮޑެވެ. [2]


ތިންވަނަ ޙާލަތު: ރަމަޟާން މަހުގެ ރޯދައަށް ރައްކާތެރިވުމުގެ ގޮތުން ޝައްކުގެ ދުވަހު ރޯދަ ހިފުން

މިފަދައިން ރޯދަ ހިފުމަކީ ހުއްދަކަމެއް ނޫނެވެ.

ނަބަވީ އިރުޝާދުތަކުގައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝަޢުބާން މަހުގެ ތިރީސް ހަމަކޮށްފައި ދެން ރަމަޟާން މަހުގެ އެއް ވަނަ ދުވަހު ރޯދަ ހިފަން ފެށުމަށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«فَإِنْ غُبِّيَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِينَ» [رواه البخاري في صحيحه برقم: (1909)]

މާނައީ: “ހަނދު ނުފެނިއްޖެނަމަ ފަހެ ޝަޢުބާންމަހުގެ ތިރީސް ދުވަސް ހަމަ ކުރާށެވެ.” 

މިޙަދީޘްފުޅާ ޚިލާފުވެ، ރައްކާތެރިކަމުގެ ގޮތުން ކަމަށް ބުނެ ހަނދު ނުފެނުމުންވެސް ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހު ރޯދައަށް ހުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. [3]



ހަތްވަނައީ: އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން


އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ. [4]

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لَا صَامَ مَنْ صَامَ الْأَبَدَ»  [رواه مسلم في صحيحه برقم: 187 – (1159)]

މާނައީ: “އަބަދު ރޯދަ ހިފާ މީހާއަށް ރޯދައެއް ނުވެއެވެ.”




[1] ބައްލަވާ: الموسوعة الفقهية الكويتية (2/270).

[2] ބައްލަވާ: المجموع للنووي (6/400).

[3] ބައްލަވާ: الشرح الممتع للعثيمين (6/479).

[4] ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (22/303).

Categories
ދީނީ ލިޔުން

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 4


ފަސްވަނައީ: ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން


ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا انْتَصَفَ شَعْبَانُ، فَلَا تَصُومُوا» [رواه أبو داود في سننه برقم: (2337) وصححه الألباني في صحيح أبي داود برقم: (2025)]

މާނައީ: “ޝައުބާން މަސް ދެބައިވުމުން ރޯދަ ނުހިފާށެވެ.”


މިޙަދީޘުގައި މިވަނީ ޝައުބާން މަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައެވެ. މި ނަހީއިން އިސްތިޘްނާވާ ޙާލަތްތަކެއް ވެއެވެ.

ފުރަތަމަ ޙާލަތް: އާދަކޮށް ރޯދަހިފަމުންދާ މީހާ

މިޘާލަކަށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އާދަކޮށް ރޯދަހިފާމީހަކަށް ޝަޢުބާން މަހުގެ ދެބައިން ފަހުބައިގަވެސް ރޯދަހިފިދާނެއެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިޘްނާ ކުރައްވާފައިވާތީއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ، فَلْيَصُمْ ذَلِكَ اليَوْمَ» [رواه البخاري في صحيحه برقم: (1914)]

މާނައީ: “ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ތިޔަބައިމީހުން ކުރެ މީހަކު ރޯދަ ނުހިފާ ހުށިކަމެވެ. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ހިފާށެވެ.”


ދެވަނަ ޙާލަތް: ޝައުބާން މަސް ދެބައިވުމުގެ ކުރިން ރޯދަ ހިފަން ފެށި މީހާ

އެފަދަ މީހަކަށްވެސް ޝައުބާންމަހުގެ ފަހުބައިގައި ރޯދަ ހިފުން ހުއްދަވެގެންވެއެވެ.

އެހެނީ ނަބިއްޔާ صلى الله عليه وسلم ޝައުބާންމަހުގެ ގިނަ ދުވަސްތަކުގައި ރޯދައަށް ހުންނަވާކަން ޞައްޙަ ޙަދީޘްތަކުން ޘާބިތުވެއެވެ. [1]


ތިންވަނަ ޙާލަތް: ރަމަޟާންމަހުގެ ޤަޟާ ރޯދަތައް ހިފާ މީހާ

ޝައުބާން މަސް ދެބައިވުމުންވެސް ޤަޟާ ރޯދަތައް ހިފޭނެއެވެ. އެހެނީ އެމީހަކު ރަމަޟާން މަސް ފެށުމުގެ ކުރިން އެރޯދަތައް ހިފަން ޖެހޭ އިރު ދެން އިތުރު ފުރުޞަތެއް އޭނާއަށް ނުވާތީއެވެ. [2]

އެހެންކަމުން ޝައުބާންމަސް ދެބައިވުމަށް ފަހުގައި އެމަހުގެ ކުރީ ކޮޅުގައި ސުންނަތް ރޯދަ ހިފަން ނުފަށާ މީހަކު އެމަސް ދެބައިވުމަށް ފަހު ސުންނަތް ރޯދަ ދެން ނުހިފާނީއެވެ. [3]




[1] ބައްލަވާ: صحيح مسلم، رقم الحديث: 175 – (1156)، وشرح النووي على صحيح مسلم (8/37).

[2] ބައްލަވާ: المجموع للنووي (6/400).

[3] ބައްލަވާ: نيل الأوطار للشوكاني (8/413).

Categories
ދީނީ ލިޔުން

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 3


ހަތަރުވަނައީ: ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا تَصُومُوا يَوْمَ السَّبْتِ إِلَّا فِي مَا افْتُرِضَ عَلَيْكُمْ، وَإِنْ لَمْ يَجِدْ أَحَدُكُمْ إِلَّا لِحَاءَ عِنَبَةٍ، أَوْ عُودَ شَجَرَةٍ فَلْيَمْضَغْهُ» [رواه أبو داود في سننه برقم: (2421) وصححه الألباني في صحيح أبي داود برقم: (2092)] [1]

މާނައީ: ”ތިޔަބައިމީހުން ހޮނިހިރުދުވަހު ރޯދަނުހިފާށެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ރޯދަ ފިޔަވައެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް (އެދުވަހު ކާނާގެ ގޮތުގައި) މޭބިސްކަދުރުގެ ތޮށިކޮޅެއް ނުވަތަ ގަހަކުން ދަނޑިކޮޅެއް ފިޔަވާ އެހެން އެއްޗެއް ނުލިބިއްޖެނަމަ ފަހެ އެ ހަފާށެވެ.” (އެބަހީ: އެހަފައިގެން ވިޔަސް އެދުވަހު ރޯދައަށް ނުހުންނާށެވެ.)

ހޮނިހިރު ދުވަހުގައިވެސް ރޯދަހިފުން ނަހީވުމާއި ހުއްދަވުން އެކި ޙާލަތްތަކުގައި ތަފާތެވެ. އެއީ ހުކުރުދުވަހާމެދު އިސްވެ ބަޔާންވެ ދިޔަ ތަފްޞީލާ އެއް ގޮތަށެވެ.


ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދަ ޙާލަތްތަކަކީ:

ފުރަތަމަ ޙާލަތު: ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ނުވަތަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރޯދަ ހިފުން

ހޮނިހިރު ދުވަހާއެކު އެހެން ދުވަހެއްގައި ރޯދަ ހިފުމަކީ ހުއްދަ ކަމެކެވެ.


ދެވަނަ ޙާލަތު: ފަރުޟު ރޯދައަކަށްވުން

އެއީ އަދާއަށް ނުވަތަ ޤަޟާއަށް ރަމަޟާންމަހުގެ ރޯދަ ހިފުމެވެ. އަދި ކައްފާރާގެ ރޯދަތައް ހިފުމެވެ. އަދި ތަމައްތުޢު ޙައްޖެއް ކުރިމީހަކު ހަދްޔުގެ ބަދަލުގައި ހިފާ ރޯދަފަދަ ރޯދަ ހިފުމެވެ. ފަހެ މިކަމުގައި މައްސަލައެއް ނެތެވެ. އެއީ މިގޮތަށް ރޯދަ ހިފާއިރު ހޮނިހިރު ދުވަހު ރޯދަ ހިފުމުގައި ޚާއްޞަކަމެއްވާކަމަށް އިޢުތިޤާދު ނުކުރާނަމައެވެ. އޭނާގެ ތާވަލު ހުންނަ ގޮތުން އެ ދުވަހުގައި ރޯދައަށް ހުންނަން ފަސޭހަ ވާތީ ހަމައެކަނި ހޮނިހިރުދުވަހު ރޯދައަށް ހުރެވިދާނެއެވެ. މިޙާލަތުގައިވެސް ބޮޑަށް ރަނގަޅީ އަދި ރައްކާތެރި ގޮތަކީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ނުވަތަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ރޯދައަށް ހުރުމެވެ.


ތިންވަނަ ޙާލަތު: ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވުމުން ހޮނިހިރު ދުވަހު ރޯދަ ހިފުން

އެއީ މިސާލަކަށް ބީޟުގެ ރޯދަ (އެބަހީ: ކޮންމެ ހަނދުމަހެއްގެ 13 14 15ގައި ހިފާ ރޯދަ) އާއި ޢަރަފާތުދުވަހުގެ ރޯދައާއި ޢާޝޫރާގެ ރޯދައާއި ޝައްވާލުމަހުގެ ހަ ރޯދަ އަދި ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފާއިރު ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ ހޮނިހިރުދުވަހު ރޯދަހިފުން މައްސަލައެއް ނެތެވެ. އެހެނީ އެ ދުވަސްތަކުގައި އޭނާ ރޯދަ އެ ހިފަނީ އެއީ ހޮނިހިރު ދުވަހަށް ވާތީއެއް ނޫނެއެވެ. އެހެނަސް އެއީ ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަސްތަކަކަށް ވާތީއެވެ.


ހަތަރުވަނަ ޙާލަތު: އާދަކޮށް ހިފާ ރޯދައަކާ ދިމާވުން

އެއީ މިޘާލަކަށް ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަ މީހާއެވެ. އޭނާ ރޯދައަށް ހުންނަ ދުވަސް ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ ފަހެ އެ ދުވަހުގައި ރޯދަހިފުން އެއީ މައްސަލައެއް ނޫނެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިޘްނާ ކުރައްވާފައިވާތީއެވެ.


ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ޙާލަތަކީ:

އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރުދުވަސް ޚާއްޞަކުރުމެވެ. [2]    




[1] ބައެއް ޢިލްމުވެރިން މިޙަދީޘް ޞައްޙަކުރައްވައެވެ.

މިޙަދީޘް ޞައްހަކުރައްވާ ޢިލްމުވެރިންގެ ތެރޭގައި:

– الترمذي، فقال: “هَذَا حَدِيثٌ حَسَنٌ” (انظر: سنن الترمذي، رقم الحديث: (744))

– الحاكم (انظر: المستدرك، رقم الحديث: (1592))

– ابن الملقن (انظر: البدر المنير (5/762))

– الألباني (انظر: صحيح أبي داود، رقم الحديث: (2092))

އަދި އަނެއްބައި ޢިލްމުވެރިން މިޙަދީޘަކީ ޞައްޙަ ނޫން ޙަދީޘެއްކަމުގައި ވިދާޅުވައެވެ.

މިޙަދީޘް ޞައްހަ ނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި:

– مالك (انظر: سنن أبي داود (2/321))

– النسائي (انظر: مختصر سنن أبي داود للمنذري (2/118)

[2] ބައްލަވާ: المغني لابن قدامة (3/52).

Categories
ދީނީ ލިޔުން

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 2


ތިންވަނައީ: ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން


ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا يَصُمْ أَحَدُكُمْ يَوْمَ الْجُمُعَةِ، إِلَّا أَنْ يَصُومَ قَبْلَهُ، أَوْ يَصُومَ بَعْدَهُ» [رواه مسلم في صحيحه برقم: 147 – (1144)]

މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާށެވެ. އޭގެ ކުރީ ދުވަހާ އެކު ނުވަތަ ޖެހިގެން އަންނަ ދުވަހާ އެކު ރޯދަ ހިފާ މީހަކު ފިޔަވައެވެ.” (އެބަހީ: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ.)

ވަކި ޙާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. އެއީ އެހެން ސަބަބެއް މެދުވެރިވެގެން ހުކުރު ދުވަހު ރޯދަ ހިފުމުން ހުކުރު ދުވަހުގައި ރޯދަ ހިފުން ޚާއްޞަކުރިކަމަށް ނުވާތީއެވެ.


ހުކުރު ދުވަހު ރޯދަ ހިފުން ހުއްދަ ޙާލަތްތަކަކީ:

ފުރަތަމަ ޙާލަތު: ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނުވަތަ ހުކުރުދުވަހާއި ހޮނިހިރު ދުވަހު ރޯދަ ހިފުން

އުންމުލް މުއުމިނީން، ޖުވައިރިޔާ ބިންތުލް ޙާރިޘް ރޯދައަށް ހުންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم އެކަމަނާގެ އަރިހަށް ވެދެވަޑައިގެން ޙަދީޘްކުރެއްވިއެވެ.

«أَصُمْتِ أَمْسِ؟»،

قَالَتْ: لاَ.

قَالَ: «تُرِيدِينَ أَنْ تَصُومِي غَدًا؟»

قَالَتْ: لاَ

قَالَ: «فَأَفْطِرِي» [رواه البخاري في صحيحه برقم: (1986)]

މާނައީ: ” ”ކަމަނާ އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ؟”

އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މާދަމާ ރޯދައަށް ހުންނެވުމަށް ކަމަނާ ޤަޞްދުކުރައްވަން ހެއްޔެވެ؟”

އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ކަމަނާ ރޯދަ ދޫކޮށްލައްވާށެވެ.” “

ފަހެ އެކަލޭގެފާނުގެ ބަސްފުޅުގައި: “މާދަމާ ރޯދައަށް ހުންނެވުމަށް ކަމަނާ ޤަޞްދުކުރައްވަން ހެއްޔެވެ؟” ދަލާލަތުކުރަނީ ހުކުރުދުވަހާ އެކު އެހެން ދުވަހަކު ރޯދަހިފުން ހުއްދަކަމެވެ.


ދެވަނަ ޙާލަތު: ފަރުޟު ރޯދައަކަށްވުން

އެއީ އަދާއަށް ނުވަތަ ޤަޟާއަށް ރަމަޟާންމަހުގެ ރޯދަ ހިފުމެވެ. އަދި ކައްފާރާގެ ރޯދަތައް ހިފުމެވެ. އަދި ތަމައްތުޢު ޙައްޖެއް ކުރިމީހަކު ހަދްޔުގެ ބަދަލުގައި ހިފާ ރޯދަފަދަ ރޯދަ ހިފުމެވެ. ފަހެ މިކަމުގައި މައްސަލައެއް ނެތެވެ. އެއީ މިގޮތަށް ރޯދަ ހިފާއިރު ހުކުރު ދުވަހު ރޯދަ ހިފުމުގައި ޚާއްޞަކަމެއްވާކަމަށް އިޢުތިޤާދު ނުކުރާނަމައެވެ. އަދި އޭނާގެ ތާވަލު ހުންނަ ގޮތުން އެ ދުވަހުގައި ރޯދައަށް ހުންނަން ފަސޭހަ ވާތީ ހަމައެކަނި ހުކުރުދުވަހު ރޯދައަށް ހުރެވިދާނެއެވެ. މިޙާލަތުގައިވެސް ބޮޑަށް ރަނގަޅީ އަދި ރައްކާތެރި ގޮތަކީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ނުވަތަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދައަށް ހުރުމެވެ.


ތިންވަނަ ޙާލަތު: ރޯދަހިފުން ޝަރުޢުކުރެވިފައިވާ ދުވަހެއް ހުކުރުދުވަހަކާ ދިމާވުމުން ހުކުރު ދުވަހު ރޯދަ ހިފުން

އެއީ މިސާލަކަށް ބީޟުގެ ރޯދަ (އެބަހީ: ކޮންމެ ހަނދުމަހެއްގެ 13 14 15ގައި ހިފާ ރޯދަ) އާއި ޢަރަފާތުދުވަހުގެ ރޯދައާއި ޢާޝޫރާގެ ރޯދައާއި ޝައްވާލުމަހުގެ ހަ ރޯދަ އަދި ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފާއިރު ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ހުކުރު ދުވަހު ރޯދަހިފުން މައްސަލައެއް ނެތެވެ. އެހެނީ އެ ދުވަސްތަކުގައި އޭނާ ރޯދަ އެ ހިފަނީ އެއީ ހުކުރުދުވަހަށް ވާތީއެއް ނޫނެއެވެ. އެހެނަސް އެއީ ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަސްތަކަކަށް ވާތީއެވެ.


ހަތަރުވަނަ ޙާލަތު: އާދަކޮށް ހިފާ ރޯދައަކާ ދިމާވުން

އެއީ މިޘާލަކަށް ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަ މީހާއެވެ. އޭނާ ރޯދައަށް ހުންނަ ދުވަސް ހުކުރުދުވަހަކާ ދިމާވެއްޖެނަމަ ފަހެ އެ ދުވަހުގައި ރޯދަހިފުން އެއީ މައްސަލައެއް ނޫނެވެ. އެއީ ރޯދަމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަހިފުން، ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއިރުވެސް އާދަވެގެން ރޯދަ ހިފާ މީހުން އިސްތިޘްނާ ކުރައްވާފައިވާތީއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ، فَلْيَصُمْ ذَلِكَ اليَوْمَ» [رواه البخاري في صحيحه برقم: (1914)]

މާނައީ: ” ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ތިޔަބައިމީހުން ކުރެ މީހަކު ރޯދަ ނުހިފާ ހުށިކަމެވެ. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ރޯދަ ހިފާށެވެ.”


ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ޙާލަތަކީ:

އިސްވެ ބަޔާންވެ ދިޔަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހުކުރުދުވަސް ޚާއްޞަކުރުމެވެ. [1]




[1] ބައްލަވާ: مجموع فتاوى ورسائل الشيخ ابن عثيمين (20/ 51- 57) وفتاوى نور على الدرب لسماحة الشيخ عبدالعزيز بن باز، ومنحة العلام للشيخ عبدالله الفوزان (5/104)