Categories
ދީނީ ލިޔުން

ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ރޯދައަކީ ވަރަށް މަތިވެރި އަޅުކަމަކެވެ. އަދި ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ރޯދަވެރިންނަށް ޚާއްޞަކޮށް ސުވަރުގޭގައި الريان ގެ ނަމުން ނަންދެއްވާފައިވާ ދޮރުކޮޅެއްވެސް ވެއެވެ. [1] ﷲ ތަޢާލާވަނީ ފަރުޟު ރޯދައާއި ސުންނަތް ރޯދަވެސް އަޅުގަނޑުމެންނަށް ޝަރުޢުކުރައްވާފައެވެ. ރޯދަ ހިފާއިރު ދެނެގަންނަން ޖެހޭ ޙުކުމްތަކަކާއި އަދަބުތަކެއް ވެއެވެ. އެގޮތުން މިލިޔުމުގައި އަލިއަޅުވާލާނީ ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތަކަށެވެ.



ފުރަތަމައީ: ޢީދުދުވަހު ރޯދަ ހިފުން


– ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހުގައި ރޯދަ ހިފުމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«وَلاَ صَوْمَ فِي يَوْمَيْنِ: الفِطْرِ وَالأَضْحَى» [رواه البخاري في صحيحه برقم: (1995)]

މާނައީ: “އަދި ދެ ދުވަހެއްގައި ރޯދަ ނުހިފާށެވެ. (އެއީ) ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ.”

– އައްނަވަވީ رحمه الله ވިދާޅުވިއެވެ.

“ހަމަކަށަވަރުން ހުރިހާ ޙާލަތެއްގައިވެސް މި ދެ ދުވަހު (އެބަހީ: ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހު) ރޯދަ ހިފުން ޙަރާމްކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ. އެއީ ނަދުރު ރޯދަ، ސުންނަތް ރޯދަ، ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް މެއެވެ.” [2]



ދެވަނައީ: އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން


އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހަކީ ޙައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ. ޢަރަބި ބަހުގައި تَشْرِيْق ގެ މާނައަކީ އަވީލުމެވެ. އެ ދުވަސްތަކަށް އެ ނަމުން ނަންދެވިފައިވަނީ، އިހު ޒަމާނުގައި ޢީދު ދުވަހު ހަދްޔުގެ ގޮތުގައި ކަތިލާ ނަޢަމް ސޫފީގެ ބާވަތްތަކުގެ މަސްތައް ހިއްކުމަށްޓަކައި އެ ތިން ދުވަހުގައި އަވީލާތީއެވެ. [3]

ޢާއިޝާ رضي الله عنها އަދި އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.

«لَمْ يُرَخَّصْ فِي أَيَّامِ التَّشْرِيقِ أَنْ يُصَمْنَ، إِلَّا لِمَنْ لَمْ يَجِدِ الهَدْيَ» [رواه البخاري في صحيحه برقم: (1997)]

މާނައީ: “އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ރޯދަ ހިފުމަށް (ނަބިއްޔާ صلى الله عليه وسلم) ހުއްދަ ނުދެއްވައެވެ. (ޙައްޖުވެރިންގެ ތެރެއިން) ކަތިލާނެ ހަދުޔެއް ނުލިބުނު މީހުންނަށް ފިޔަވައެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ» [رواه مسلم في صحيحه برقم: 144 – (1141)]

މާނައީ: “އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ކެއުން ބުއިމުގެ ދުވަސްތަކެކެވެ.”

އަދި އެ ރިވާޔަތުގެ އެހެން ލަފްޒެއްގައި އިމާމު މުސްލިމް ރިވާކުރެއްވިއެވެ.
«وَذِكْرٍ لِلَّهِ» [رواه مسلم في صحيحه برقم: (1141)]

މާނައީ: “އަދި ﷲގެ ޛިކުރުކުރުމުގެ ދުވަސްތަކެކެވެ.”

މިޙުކުމުގައި ޙައްޖުވެރިންނާއި އެނޫން މީހުންވެސް ޝާމިލުވެއެވެ. މިޙުކުމުން އިސްތިޘްނާވާ ބަޔަކީ ޙައްޖުވެރިންގެ ތެރެއިން ކަތިލާނެ ހަދުޔެއް ނުލިބިގެން ރޯދަ ހިފާ މީހުންނެވެ. އެފަދަ މީހުންނަށް އެދުވަސްތަކުގައި ރޯދަ ހިފިދާނެއެވެ.




[1] ބައްލަވާ: صحيح البخاري، رقم الحديث: (1896)

[2] ބައްލަވާ: شرح النووي على صحيح مسلم (8/15)

[3] ބައްލަވާ: شرح النووي على صحيح مسلم (8/17)

Categories
ދީނީ ލިޔުން

އެންމެ ފުރިހަމަ ލޯބި

ދުނިޔެ މައްޗަށް އިންސާނާ އެންމެ ފުރަތަމައިނުން ވުޖޫދުވާން ފަށާ ހިސާބުން ވެސް އޭނާއަށް ލިބިގެންދާ އެންމެ ފުރަތަމަ އެއްޗަކީ ލޯތްބެވެ. އޭނާގެ މަންމަގެ ރަޙިމުގައި އަށަގަނެ ފުރާނަ އެޅުމުގެ ކުރިން ވެސް އޭނާއަށް ލިބެމުން އަންނަ އެއްޗަކީ ލޯތްބެވެ. އެއީ އޭނާ މި ދުނިޔޭގައި ދިރިހުރުމައްޓަކައި ލާން ޖެހޭ އެންމެ ފުރަތަމަ ނޭވާލުމަށް ލިބޭ ފުރުޞަތުގެ ވެސް ކުރިން މާތް ﷲ އޭނާއަށްޓަކައި މިންވަރު ކުރައްވާފައިވާ އެންމެ ފުރަތަމަ ނިޢުމަތެވެ. އެހެން އެކަން ނުވާސްވީ ސަބަބެއް ވެސް ނެތެވެ. އެއްވެސް އާރެއް ބާރެއް ނެތް އެކުޑަކުޑަ އިންސާނާއަށް ލިބިފައިވާ ހަމައެކަނި ޔާރަކީ މުޅި ކާއިނާތުގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސްވެގެންވާ ރަޙްމާނުވަންތަ އޯގާވަންތަ އިލާހެވެ. އެ އިލާހަކީ އެއިލާހުގެ ކޯފާފުޅުގެ މައްޗަށް އެއިލާހުގެ ރަޙްމަތް ކުރިހޯއްދަވައިފި ކަމަށް، އެއިލާހުގެ ޢަރްޝިކޮޅުގެ މަތީގައިވާ ފޮތްކޮޅުގައި ލިޔުއްވައި އެކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވި މާތް މަތިވެރި އިލާހެވެ.

އެކަން ބަޔާންކުރައްވައި މާތް ޞަޙާބީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިޥާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. قال رسول الله صلى الله عليه وسلم (لما قضى الله الخلق كتب في كتابه فهو عنده فوق العرش إن رحمتي غلبت غضبي) متفق عليه.

ތަރުޖަމާ: ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: “ﷲ (ތަޢާލާ) ޚަލްޤުތަކުން ޚަލްޤުކުރެއްވުމަށް ފަހު އެކަލާނގެ ޙަޟްރަތުގައި ޢަރްޝި މަތީގައިވާ އެކަލާނގެ ފޮތްކޮޅުގައި ، ‘ހަމަކަށަވަރުން ތިމަން އިލާހުގެ ކޯފާފުޅުގެ މައްޗަށް ތިމަން އިލާހުގެ ރަޙްމަތްފުޅު ކުރި ހޯދިއެވެ’ (މިފަދައިން) ލިޔުއްވިއެވެ”.

ކަންމިހެން އޮތް އިރު، ލޯބިވުމާއި ލޯބިކުރުމާއި ލޯބި ދިނުމާއި އަދި އެނޫންވެސް އެއާ ގުޅުން ހުރި އެންމެހާ ކަންކަމަކީ އަޅުގަނޑުމެންގެ ޚާއްޞަ ނަޒަރެއް އެއަށް ހުއްޓެން ޖެހޭ ކަންކަން ކަމުގައި ނުވެ ނުދާނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ދެވިފައިވާ ކަމެއްކަން ހަމައެކަނި މިޙަދީޘްއަށް ބަލާލުމުން ވެސް ހާމަވެގެން ދެއެވެ. ހަމައެފަދައިން މިޙަދީޘުން އެނގިގެން ދަނީ، މާތް ﷲ ގެ ޙަޟްރަތުގައި ޢަޛާބުގެ މައްޗަށް ޢަފޫކުރެއްވުން އިސްކުރެއްވިގެންވާ ކަމެވެ. އަދަބު ދެއްވުމުގެ މައްޗަށް މަޢާފުކުރެއްވުން އިސްވެގެންވާ ކަމެވެ. ނަފުރަތްތެރިކަމުގެ މައްޗަށް މައްޗަށް އެކުވެރިކަން އިސްކުރެވިގެންވާ ކަމެވެ. ހަރުކަށިކަމުގެ މައްޗަށް އޯގާތެރިކަން އިސްކުރެވިގެންވާ ކަމެވެ. އެއީ އެހުރިހާ ކަމަކީ ހުސްވެސް ލޯތްބާ ގުޅުން ހުރި ކަންކަން ކަމުގައި ވާތީއެވެ. އަދި ދެން އެހެރީ އެއާ އިދިކޮޅު ކަންކަން ކަމުގައިވާތީއެވެ.

ކޮންމެއަކަސް މިހާ ހިސާބުން ދެން އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމަކީ، ލޯތްބަކީ އެފަދަ މަތިވެރި މަޤާމެއް ލިބިގެންވާ ކަމެއް ކަމުގައި ވާއިރު، އަޅުގަނޑުމެންނަށް އެއާ މެދު ޢަމަލު ކުރެވެނީ ކިހިނަކުންތޯ ބަލައިލުމެވެ. އޭގެ ޙައްޤު އެއަށް އަދާ ކުރެވޭތޯ ސުވާލު ކުރުމެވެ. އޭގެ ޙައްޤުވެރިންނަށް އެ އަދާކުރެވޭތޯއެވެ. ނުވަތަ އެ ޙައްޤު ނޫން ފަރާތަކަށް އޭގެ އެއްވެސް މިންވަރެއް ހިއްސާ ކުރެވިފައި ވޭތޯއެވެ. ނުވަތަ އޭގެން ޙައްޤުވާ މިންވަރަށް ވުރެ ގިނަކޮށް ނުވަތަ މަދުން ބައިއެޅިފައި ވޭތޯއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި މިބީދައިން ބަލާއިރު، އެންމެ ފުރަތަމަވެސް ޚިޔާލަށް ގެނެވެންވާނީ އަޅުގަނޑުމެން އެންމެ ލޯބިވާންޖެހޭ ފަރާތެވެ. މަތިވެރި ލޮބުވެތި އިލާހެވެ. މާތް ﷲ އެވެ. އަދި އެއަށް ފަހު އެކަލާނގެ އެންމެ ލޯބިވާ ފަރާތްތަކެކެވެ. އަދި އެއާ ޖެހިގެން ތިބި ފަރާތްތަކެވެ. މިހެންގޮސް މިތަރުތީބުން ލިސްޓުގައި ހިމެނެން ޖެހޭ އެންމެހާ ޚަލްޤުތަކުންނެވެ. 

އަރަހުށި މާތް ރަސްކަލާނގެއަށް އަޅުގަނޑު ދޭން ޖެހޭ ލޯތްބަކީ ވަރަށްވެސް މަތިވެރި ލޯތްބެކެވެ. އެއީ އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ފަދަ މުޤައްދަސް ސާފު ޠޯހިރު ލޯތްބެކެވެ. އެނޫން އެހެން އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން އެއްފަދަވެގެން ނުވާނެ ފަދަ ލޯތްބެކެވެ. އެހެނީ، އެއީ މައިވަންތަކަމުގެ ލޯތްބާއި، ދެމަފިރިންގެ ދެމެތުގައިވާ އިޝްޤީ ލޯތްބާއި، ދަރިންނަށް އޮންނަ ލޯތްބާއި، ވެރިންނާއި އެކުވެރިންނާއި ދުނިޔެވީ އެހެނިހެން ކަންކަމާއި ތަކެއްޗަށް އޮންނަ ލޯތްބާއި އަދި އެނޫން އެއްވެސް ބާވަތެއްގެ ލޯތްބަކީ މާތް ﷲ އަށް އޮންނަން ޖެހޭ ލޯތްބާ އަޅައިކިޔޭނެ ބާވަތްތަކެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ! ފުރިހަމަ މުއުމިނު އަޅާއަށް އާޚިރަތުގައި އެކަލާނގެ ދެއްވާނެހާ ސާމާނުތަކަށް އޭނާގެ ހިތުގައި އޮންނަ ލޯތްބަށް ވުރެ ވެސް މާތް ﷲ ދެކެ އޭނާ ވާ ލޯބި މިންވެސް ނުކުރެވޭހާ ފުންވެފައި ތަނަވަސްވެގެން ވެއެވެ. ފުރިހަމަވެފައި ހައިބަތު ބޮޑުވެގެން ވެއެވެ. 

އެކަން ބަޔާންވެގެން ދަނީ އޭނާއަށް ސުވަރުގޭގައި ލިބޭހާ އަރާމާއި މަތިވެރިކަމާއި އެނޫން އެންމެހާ ކަމެއް، އޭނާގެ ލޮބުވެތި އިލާހުގެ މޫނުފުޅު ދައްކަވާ ހިނދު ހަނދާން ނެތިގެންދާ ދިއުމުންނެވެ. އެކަލާނގެ ޥަޖްހުފުޅަށް ބެލުމުން އެހިލޭ އުފާވެރިލަމާއި ލައްޒަތާ އެއްފަދަ އެހެން އެއްވެސް ކަމެއް އޭނާއަށް ޖަންނަތުގައި ނުވާތީއެވެ. އެ ލޯބީގައިވާ މުޤައްދަސްކަމާއި ކަރާމާތުގެ ތަނަވަސްކަމަކީ އިމެއް ނެތް ތަނަވަސްކަމެކެވެ.

މާތް ﷲ ދެކެ އެންމެ ހެޔޮ އަދި ފުރިހަމަ ގޮތުގައި ލޯބިވުމުގެ ތަޥްފީޤު އަޅަމެންނަށް ދެއްވާށެވެ. އާމީން.

Categories
ދީނީ ލިޔުން

މެހެމާނާ ވަކިވެ ދިއުމުގެ ކުރިން…

ޙަމްދު ހުރީ މާތް ﷲ އަށެވެ. ޞަލަޥާތްލެއްވުން އެދި ދުޢާކުރަނީ އެކަލާނގެ ލޮބުވެތި ކައުއިތުރު ނަބިއްޔާގެ މައްޗަށެވެ.

މިޢާލަމުގައިވާ ކޮންމެ ކަމަކީ ވެސް ނިމުމަކާ ދިމާލަށް ދަތުރު ކުރާ ކަންކަމެވެ. ހަމަ އެފަދައިން ކޮންމެ މީހަކީ ވެސް އެމީހަކާ ބައްދަލުކުރާ ފަރާތްތަކާ ވަކިވެ އަލްޥަދާޢު ކިޔާނެ މީހެކެވެ. ކަންމިހެން އޮތްހިނދު، މީގައި މުހިއްމުވެގެން ދަނީ އެފަރާތަކާ އެކު އަޅުގަނޑުމެން މުޢާމަލާތް ބަހައްޓާ ގޮތެވެ. ބައްދަލުވާ ހިދުން ފެށިގެން ވެސް އެފަރަތަކާ މެދު ރަނގަޅަށް ކަން ކުރެވިފައި ވާނަމަ އެއީ ވަރަށް ވެސް ބޮޑު ނިޢުމަތެކެވެ. އެހެންނަސް ފަރުވާކުޑަކޮށް މުޢާމަލާތް ކުރެވިފައި ވާނަމަ ބާކީ އޮތް ދުވަސްކޮޅުގައި ވިޔަސް، ކުރިން ފާއިތުވެގެން ދިޔަ ބައި ފޫބައްދަން ބުރަ މައްސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ އެކުރިމަތިވީ ވަރަށް ވެސް ހިތާމަވެރި ނިމުމަކާއެވެ.

އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވާ ބަރަކާތްތެރި މެހެމާނަކީ ވެސް އަޅުގަނޑުމެންނާ ވަކިވެ އަލްޥަދާޢު ކިޔާނެ މެހެމާނެކެވެ. ކިތަންމެ އެކުގައި އުޅެން ބޭނުން ވިޔަސް އެއީ ނައިސް ނުދާނެ ކަމެކެވެ. އެގޮތުން އަޅުގަނޑުމެން މިހާރު ގުނަމުން މިދަނީ މި މަތިވެރި ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކެވެ. އަޅުގަނޑުމެންނާ ކައިރިވަމުން އެއަންނަނީ އެމަހުގެ އެންމެ އަގުބޮޑު ހަދިޔާ ހިމެނިގެންވާ ޒަމާންތަކެވެ. ފަހެ، މިފަދަ ދުވަސްތަކަކީ އެއްގޮތަކަށް ވެސް ބީވެގެން ދިޔަދޭން ހެޔޮވާނެ ދުވަސްތަކެއް ނޫނެވެ. ފައިދާ އާއި ކާމިޔާބުގެ ގޮތުން ބެލިކަމުގައި ވިޔަސް މިފަދަ ފުރުޞަތުތަކަކީ މަދު ފުރުޞަތުތަކެކެވެ.

އެހެކަންކަމުން މިއީ ބަރަކާތްތެރި ލައިލަތުލްޤަދްރީގެ މޮޅުއިތުރުކަން ލިބިގަތުމައްޓަކައި މަސައްކަތްކުރަން އެދޭ މީހާ ގަދައަޅައި މަސައްކަތް ކުރަންވީ ވަގުތުތަކެވެ. މިމަހުގެ ކުރީކޮޅުގައި ފަރުވާކުޑަ ކުރެވިފައިވާ ކޮންމެ މީހަކަށް އޭނާގެ އަތުން ގެއްލިގެން ދިޔަ ދަރުމައާއި ޘަޥާބުގެ ބަދަލު އަލުން ހޯދުމައްޓަކައި ތައުބާވެ އައު ހިތްވަރަކާއެކީ ބުރަ މަސައްކަތް ކުރަން މިއީ ރަނުގެ ފުރުޞަތެކެވެ.

އެފަދަ ހިތްވަރެއްގައި މަސައްކަތް ކުރަން އެދޭނަމަ އަޅުގަނޑުމެންނަށް އަނެއްކާވެސް އޮތީ މަތިވެރި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސީރަތުގެ ޞަފުޙާތައް އަލުން ހުޅުވާލުމެވެ. އެކަލޭގެފާނު ކަންކުރެއްވި ގޮތްތައް އަލުން ކިޔައި މުރާޖާ ތަކުރާރު ކުރުމެވެ. އެ މައްސަރުގައި ކަންކުރެއްވި ގޮތްތަކުގެ މަތިން އަނެއްކާވެސް ހަނދުމަ އައުކޮށްލުމެވެ. ވަކިން ޚާއްޞަކޮށް ފަހު ދިހައެއްގައި އެކަލޭގެފާނުގެ ޢަމަލުފުޅުތައް ބެހެއްޓެވިގޮތް ހިތްމައްޗަށް ގެނައުމެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ރަމަޟާން މަހުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް ބަޔާން ކުރައްވައި އަލްއިމާމް އިބްނުލްޤައްޔިމް رحمه الله ޛިކުރު ކުރައްވާފައިވާ ކުރު އެހެނަސް ޝާމިލް ޖުމްލަކޮޅެކެވެ.

قال ابن القيم – رحمه الله تعالى -: “وكان من هديه – صلى الله عليه وسلم – في شهر رمضان: الإكثار من أنواع العبادات، فكان جبريل – عليه الصلاة والسلام – يدارسه القرآن في رمضان، وكان إذا لقيه جبريل أجود بالخير من الريح المرسلة، وكان أجـود الناس، وأجود ما يكون في رمضان، يكثر فيـه الصدقة، والإحسان، وتلاوة القرآن والصلاة والذكر، والاعتكاف. وكان يخص رمضان من العبادة ما لا يخص غيره به من الشهور، حتى إنه كان ليواصل فيه أحياناً ليوفر ساعات ليله ونهاره على العبادة” [زاد المعاد في هدي خير العباد:2/30]

އިބްނުލްޤައްޔިމް رحمه الله تعالى ވިދާޅުވިއެވެ: “އަދި އެކަލޭގެފާނު صلى الله عليه وسلم ރަމަޟާން މަހަށް (ދެއްކެވި) ހިދާޔަތުގެ ތެރޭގައި؛ އަޅުކަމުގެ އެކިބާވަތްތަކުން (އަޅުކަން ކުރެއްވުން) ގިނަކުރެއްވުން ހިމެނެއެވެ. އަދި ރަމަޟާން މަހުގައި ޖިބްރީލްގެފާނު عليه السلام ވެސް އެކަލޭގެފާނާ އެކުގައި ޤުރްއާން މުރާޖާކުރައްވާ ކަމުގައި ވިއެވެ. އަދި ފޮނުވާލެވޭ ވައިރޯޅިއަށް ވުރެ ވެސް ޖިބްރީލްގެފާނު عليه السلام އެކަލޭގެފާނާ صلى الله عليه وسلم (ޤުރްއާން މުރާޖާކުރެއްވުމަށް) ބައްދަލު ކުރައްވާ ދުވަސްވަރު، އެކަލޭގެފާނު صلى الله عليه وسلم ދީލަތިވެވަޑައިގަންނަވިއެވެ. އަދި އެކަލޭގެފާނަކީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ފަރާތް ކަމުގައިވިއެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެވަޑައިގެންނެވީ ރަމަޟާން މަހުގައެވެ. އެމަހުގައި ޞަދަޤާތް ކުރެއްވުމާއި އިޙްސާންތެރިވެ ވަޑައިގެންނެވުމާއި، ޤުރްއާން ކިޔުއްވުމާއި، ނަމާދު ކުރެއްވުމާއި، ޛިކުރު ކުރެއްވުމާއި އިޢުތިކާފަށް އިންނެވުން އެކަލޭގެފާނު ގިނަކުރެއްވިއެވެ. އެހެން މައްސަރުތަކުގައި ނުކުރައްވާ މިންވަރަށް ރަމަޟާން މަހަށް އެކަލޭގެފާނުގެ އަޅުކަމުން މިންވަރު ޚާއްޞަ ކުރެއްވިއެވެ. އަދި އެމަހުގައި ބައެއް ފަހަރު އެކަލޭގެފާނު އަޅުކަމުގައި ދެމިހުންނެވުމަށްޓަކައި ދުވާލުން ރޭގަނޑަށް ރޯދަ ގުޅުވާލައްވާ ކަމުގައި ވެސް ވިއެވެ”.

މާތް ﷲ އެކަލޭގެފާނާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަޥާތާއި ސަލާމް ލައްވާށިއެވެ. އާމީން.

والحمد لله رب العالمين. 

ނިމުނީ

Categories
ދީނީ ލިޔުން

ރޯދަވެރިޔާ ވިސްނައި ފިކުރު ހިންގާލަން ޖެހޭ ބައެއް …

މާތް ﷲ އަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ އެންމެ އޯގާތެރި އައްރަޙީމެވެ. މުއުމިނުތަކުންނަށް އެންމެ ދަރުމަވަންތަ އައްރަޙްމާނެވެ. ނެތުމުގެ ތެރެއިން މީސްތަކުން ޚަލްޤު ކުރައްވައި އެބައިމީހުންނަށް ހެޔޮ ނުބައި ވަކިކޮށްދެއްވި އަލްހާދީއެވެ. އެބައިމީހުންނަށް ސީދާވެގެންވާ ތެދުމަގު ޢަމަލާއި ބަހުން ދެއްކެވުމަށްޓަކައި އެންމެ ފުރިހަމަ ނަމޫނާ ފޮނުއްވި އަލްލަޠީފުއެވެ.

ފަހެ އެކަލޭގެފާނަކީ އެކަލާނގެ ހަވާލުކުރެއްވި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވި އަލްއަމީންއެވެ. މާތް ﷲ އެކަލޭގެފާނަށް ޞަލަޥާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އަދި އެކަލޭގެފާނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީހާ ބައެއްގެ މައްޗަށް ތަނަވަސްވެގެންވާ އެއްޗެއް ކަމުގައި އެ ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އާމީން.

މާތް ﷲ ގެ ރަޙްމަޔާއި ދީލަތިކަމުން އަޅުގަނޑުމެން މިއަހަރުވެސް މިދަނީ އެކަލާނގެ އަޅުތަކުންނަށް ދެއްވި އެންމެ ބޮޑު އެއް ނިޢުމަތުގެ ދުވަސްތަށް ހޭދަކުރަމުންނެވެ. މިފަދަ ރޯދަމަސްތަކަކީ އެކަލާނގެ ޞާލިޙު އަޅުން ތާއަބަދުމެ ލިބުމަށް އެދިއެދި ތިބޭ ނިޢުމަތެކެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ! އެބައިމީހުންގެ އެންމެ ބޮޑު އެދުމަކީ އެބައިމީހުންގެ ވެރި ރަސްކަލާނގެއާ ވީހާވެސް ބޮޑަކަށް ގާތްވެ ކުށްތަންވުމެވެ. އެފަދަ ފުރުޞަތެއް ލިބޭތޯ އެބައިމީހުން ތިބެނީ އިންތިޒާރުގައެވެ. އެއީ އެބައިމީހުންގެ ހިތްތަކުގެ ވެރި ރަސްކަލާނގެއާ ގުޅުން ބަހިކޮށް، ހެޔޮ ކަންކަމުގައި ވާދަކޮށް އެކަކަށް ވުރެ އަނެކަކު ކުރިއަރައި ދިއުމުގެ ޝައުޤު އޮންނަލެއް ބޮޑުކަމުންނެވެ. އެކަމުގު ސަބަބުން ހިތްތަކަށް ދިރުން ލިބިގެންދާތީއެވެ. މާޒީގައި ކުރެވިފައިވާ ފާފަތަކުގެ ސަސަބުން ހިތުގައި ޖެހިފައިވާ ކަޅު ލައްތައް ފިލުވައިލުމަށްޓަކައެވެ. މުޅިން އައު ސާފުޠާހިރު ނަފްސަކަށް އެބައިމީހުންގެ ނަފްސުތައް ބަދަލުކޮށްލައި އައު ސާފު ހުދު ޞަފްޙާއަކުން އަނެއްކާވެސް ޙަޔާތް ފެށުމަށްޓަކައެވެ. ކުރިއަށް ވުރެ މާ ނޫރާނީ ދުވަސްތަކެއް މި ދުނިޔެމަތީގައި ހޭދަކުރުމަށްޓަކައެވެ. ބާކީ އޮތް މަދު ދުވަސްކޮޅުގައި ދެން އިތުރު ކިލަނބުކަމެއް އެ ނަފްސަށް އެރިޔަ ނުދީ މި ޙަޔާތްގެ ފަހު ޞަފްޙާ ވީހާވެސް އުޖާލާކަން މަތީގައި ލައްޕާލެވޭތޯއެވެ.

މި ޞަފްޙާތަކުގައި އަޅުގަނޑު މި ޤަސްދު ކުރަނީ އެބޭކަލުންގެ ހެޔޮލަފާ ގިނަގުނަ ނަމޫނާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުގެ ތެރެއިން ތިޔަ ބޭފުޅުންނަށް ފައިދާ ކުރާނެ ކަމަށް ފެންނަ ބައެއް މަދު މިންވަރެކެވެ. އަޅުގަނޑުމެން ހޭދަކުރަމުން މިދާ ދުވަސްތަކުގައި އެބޭކަލުންގެ ވިސްނުންފުޅާއި ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް އެނގުމަކީ ހެވެއް އެދޭ ކޮންމެ މީހަކަށް ނުހަނު ފައިދާ ކުރާނެ ކަމެއް ކަމުގައި ޤަބޫލު ކުރެވޭތީއެވެ. މާތް ﷲ އަޅަމެންނަށް އިޚްލާޞްތެރިކަން ދެއްވައި ހެޔޮ ކަންކަމަށް ތަޥްފީޤު ދެއްވާށިއެވެ.

ޢުމަރުގެފާނު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:

“ليس الصيام ) -أي في حقيقته- ( من الطعام والشراب وحده، ولكنه من الكذب والباطل، واللغو والحلف”. ) أخرجه ابن أبي شيبة)

ތަރުޖަމާ: “ރޯދަ ހިފުމަކީ ކެއުންބުއިމަށް އެކަނި (ޚާއްޞަވެގެން)ވާ ކަމެއް ނޫނެވެ. އެކަމަކު އެއީ ދޮގާއި ބާޠިލާއި ބޭކާރު ވާހަކައާއި (ޙާޖަތެއް ނެތި) ހުވާ ކުރުމަށް ވެސް އޮތް ކަމެކެވެ”.


ޖާބިރު ބިން ޢަބްދު ﷲ رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:

“إذا صمت فليصم سمعك وبصرك، ولسانك عن الكذب والمحارم، ودع أذى الجار، وليكن عليك وقار وسكينة يوم صومك، ولا تجعل يوم صومك ويوم فطرك سواء”.

ތަރުޖަމާ: “ތިބާ ރޯދަ ހިފާ ނަމަ ތިބާގެ އިވުމާއި ފެނުމުން ވެސް ރޯދަ ހިފާށެވެ. އަދި ދޮގު ހެދުމާއި ޙަރާމް ކަންކަމުން ތިބާގެ ދޫ ވެސް ރޯދައަށް ބަހައްޓާށެވެ. އަދި އަވަށްޓެރިޔާގެ އުނދަގުލަށް ވެސް އަޅާނުލާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހު އިބާގެ ކިބައިގައި މަޑުމައިތިރި ކަމާއި ހަމަހިމޭންކަން ބަހައްޓާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހާއި ރޯދައަށް ނުހުންނަ ދުވަސް އެއްފަދަ ނުކުރާށެވެ”.


މުޖާހިދު رحمهالله ވިދާޅުވިއެވެ:

“خصلتان من حفظهما سلم له صومه: الغيبة والكذب”). أخرجه ابن أبي شيبة).

ތަރުޖަމާ: “އެ ދެ ސިފަ ރައްކާތެރިކޮށްފި މީހާގެ ރޯދަ ސަލާމަތް ކުރެވޭނެ ދެ ސިފައެއް ވެއެވެ. އެއީ ޣީބަ ބުނުމާއި ދޮގު ހެދުމެވެ”.

އަޙްނަފު ބިން ޤައިސް رحمه الله  މުސްކުޅިފުޅު ވުމުން ވިދާޅުވެވުނެވެ: 

“إنك شيخ كبير وإن الصيام يضعفك”

ތަރުޖަމާ: “ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަނީ އުމުރުފުޅުން ވަރަށް ދުވަސް ވެފައެވެ. ހަމަކަށަވަރުން (ކަލޭގެފާނު) ރޯދަ (ހިއްޕަވާނަމަ) ކަލޭގެފާނުގެ (ހަށިކޮޅު އިތުރަށް) ބަލިކަށިވެގެން ދާނެއެވެ”.

ޖަވާބުގައި ވިދާޅުވިއެވެ: “إني أعده لسفر طويل، والصبر على طاعة الله سبحانه أهون من الصبر على عذابه”.

ތަރުޖަމާ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު އެ (ރޯދަތައް މި) ތައްޔާރު ކުރަނީ ދިގުވެގެންވާ ދަތުރަކަށެވެ. މާތް ﷲ ސުބްޙާނަހޫ ޥަތަޢާލާއަށް ކިޔަމަންތެރިވުމުގެ (ހެޔޮ ޢަމަލުކުރުން) މަތީގައި ކެތްތެރިވުން އެކަލާނގެ ޢަޛާބަށް ކެތްކުރުމަށް ވުރެ ލުއިކަން ބޮޑުވެގެން ވެއެވެ”.

އިބްރާހީމް ބިން އަދްހަމް رحمه الله ވިދާޅުވިއެވެ: ” من ضبط بطنه ضبط دينه، ومن ملك جوعه ملك الأخلاق الصالحة”.

ތަރުޖަމާ: “އެމީހެއްގެ ބަނޑު (ކެއުން) އިޞްލާޙުކޮށްފި މީހާ އޭނާގެ ދީންވެރިކަން އިޞްލާޙުކޮށްފިއެވެ. އެމީހެއްގެ (ބަނޑު) ހައިކަން ހަންމަތަކޮށްފި މީހާ (ހެޔޮ ރިވެތި) އަޚްލާޤާއި ޞާލިޙުކަން މިލްކުކޮށްފިއެވެ”.

އިމާމް ބުޚާރީ رحمه الله އާ މެދުގައި ރިވާވެގެންވެއެވެ:

“ރޯދަމަހުގެ ފުރަތަމަ ރޭ އައުމާއެކު، އެކަލޭގެފާނުގެ އަޞްޙާބުން އެކަލޭގެފާނުގެ އަރިހަށް އެއްކުރެއްވުމަށް ފަހު އެބައިމީހުންނާ އެކުގައި ނަމާދު ކުރައްވައެވެ. އަދި ކޮންމެ ރަކުޢަތެއްގައި ވިހި އާޔަތް ކިޔުއްވައެވެ. އަދި ޤުރްއާން ޚަތިމު ކުރެއްވެދެން އެފަދައިން ކަންކުރައްވައެވެ. އަދި ހާރުދަމުގައި ޤުރްއާނުގެ ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި ކިޔުއްވައެވެ. އަދި ކޮންމެ ރެއެއްގެ (އިރުއްސޭއިރުގެ) ރޯދަ ވީއްލުމަކާ ހަމައަށް ޚަތިމު ކުރައްވައެވެ. އަދި ވިދާޅުވެއެވެ: “ކޮންމަ ޚަތިމަކާ އެކުގައި އިޖާބަވެގެންވާ ދުޢާއެއްވެއެވެ”. (صفة الصفوة:4/170)

ޢުމަރުގެފާނު رضي الله عنه އާ މެދުގައި ރިވާވެގެންވެއެވެ. ރަމަޟާން މަހުގައި ރޭތަކުގައި މީސްތަކުންނާއިގެން އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމަށް އުބައްޔު ބުނު ކަޢުބު އާއި ތަމީމުއްދާރީ رضي الله عنهما ، މި ދެބޭކަލުންނަށް އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައި ވެއެވެ. ފަހެ އޭގެން ކޮންމެ ބޭކަލެއް 100 އާޔަތް ކިޔުއްވާ ކަމުގައި ވެއެވެ. އެބޭކަލުން ނަމާދުގައި ކިޔަވާލެއް ދިގުކަމުންމީސްތަކުން ވާޅުވެ އެބައިމީހުންގެ އަސާތަކުގެ މައްޗަށް ބުރަވެގެން ކޮޅަށް ތިބޭ ކަމުގައި ވެއެވެ. އަދި ފަތިސް ކައިރިވުމުން މެނުވީ އެބައިމީހުންގެ ނަމާދު ނިންމާލާފައި އެނބުރި ގެއަށް ދާކަމުގައި ނުވެއެވެ. (أخرجه البيهقي)

وعن داود بن الحصين عن عبد الرحمن بن هرمز قال: كان القراء يقومون بسورة البقرة في ثمان ركعات فإذا قام بها القراء في اثنتي عشرة ركعة رأى الناس أنه قد خفف عنهم [أخرجه البيهقي].

ޢަބްދުއްރަޙްމާނު ބުނު ހުރްމުޒް ވިދާޅުވެފައިވެއެވެ: “(ރަމަޞާން މަހުގެ ރޭގަނޑު އިމާމުވެ ނަމާދު ކުރާ) ޤުއްރާއިން 8 ރަކުޢަތުން ބަޤަރާ ސޫރަތް ކިޔަވައި ނިންމާކަމުގައި ވެއެވެ. އަދި 12 ރަކުޢަތުން ނިންމައިފި ނަމަ އެބައިމީހުންނަށް ލުއިކޮށްފި ކަމުގައި މީސްތަކުން ދެކެއެވެ”. (أخرجه البيهقي).

Categories
ދީނީ ލިޔުން

ނުރައްކާތެރި ޠާޢޫން ބަލި ފެތުރުނު ހިނދު ހިނގައިދިޔަ އާދަޔާ ޚިލާފު ޙާދިސާ އެއް

ދުވަސްވަރަކީ އިސްލާމީ އުއްމަތަށް ފަތަޙައާއި ކާމިޔާބީގެ އުފާވެރި ދޯދިތަކުން އަލިވިލެމުން ދިޔަދުވަސްވަރެވެ.މުސްލިމް އަބްޠާލުން ހޯދި މަތިވެރި ނަޞްރާއެކު ކާމިޔާބީގެ އުފާވެރި ހިނިތުންވުމުގައި ތިއްބައި މުޅި ޝާމްކަރަ ސިއްސުވާލި ބިރުވެރި ޚަބަރަކީ ޝާމްކަރައިގެ ޢަމްވާސް އެވެ ކިޔުނު ސަރަޙައްދުގައި ޠާޢޫނު ބަލި ފެތުރެމުންދާ ޚަބަރެވެ. 

ޠާޢޫން ބަލީގެ ނުރައްކާތެރި ބިރުވެރި ޙާލަތަކީ ދުވަހަކުވެސް އޭގެކުރިން ބަޔަކު އަޑުއަހައި ތަޖުރިބާކޮށްފައިވާކަމެއްނޫނެވެ. މީސްތަކުންގެ ތެރޭގައި މި ނުރައްކާތެރި ވަބާ އަލިފާންގަނޑެއް ފެތުރިގެންދާފަދައިން ފެތުރި އެތަކެއް އިންސާނުން މިބަލީގައި މަރުވެ ފަނާވަމުން ދިޔައެވެ. 

މުސްލިމުންގެ ޚަލީފާ ޢުމަރު ރަޟިއްޔަ ﷲ ޢަންހު މަދީނާގައި ހުންވަނިކޮށް މިޚަބަރު ލިބިވަޑައިގަތުމާއެކު ޠާޢޫން ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޝާމްކަރައިގެ ޢަމްވާސްގައި ހުންނެވި ލޮބުވެތި ޞަޙާބީ އަބޫ ޢުބައިދާ ރަޟިއްޔަ ﷲ ޢަންހުގެ ޙާލުކޮޅާއިމެދު ފިކުރުބޮޑުވާން ފެށްޓެވިއެވެ. 

އެހެންނުވާންވީ ސަބައެއް ނެތެވެ. އިސްލާމީ އުންމަތަށްޓަކައި އަބޫ ޢުބައިދާ ކުރެއްވި ޖިހާދާއި ވެވަޑައިގެންނެވި ޤުރުބާނީއަކީ ދުލަކުން 

ޤަލަމަކުން ބަޔާންކުރެވޭނެ ވާހަކަތަކެއް ނޫނެވެ. ދުނިޔޭގައިހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވާފައިވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ޢުމަރް ރަޟިއްޔަﷲ ޢަންހު އިންތިހާއަށް ލޯބިފުޅުވާ ބޭކަލެކެވެ.

ޢުމަރު ރަޟިއްޔަ ﷲ، އަބޫ ޢުބައިދާއަށް ކުއްލި ސިޓީފުޅެއް ފޮނުއްވިއެވެ. އެސިޓީފުޅުގައިވަނީ މިފަދައިންނެވެ. “އަހުރެން ތިބާގެ ކިބައިން ނުހަނު ބޮޑު ކަމަކަށް މިވަނީ ބޭނުންޖެހިފައެވެ. މިކަމަކީ ދުލުން ބަޔާންކުރެވޭނެ ކަމެއްނޫނެވެ. ވީމާ މިސިޓީ ކަލޭގެފާނުގެ އަތްޕުޅަށް ލިބިވަޑައިގެންނެވީ ރޭގަނޑުކަމަށްވާނަމަ ހެނދުނު ވުމުގެކުރިން ފުރައިގެން ތިމަންކަލޭގެފާނުގެ ގާތަށް

 ވަޑައިގަންނަވާށެވެ. މިސިޓީ ލިބިވަޑައިގެންނެވީ
 ހެނދުނުކަމަށްވާނަމަ ހަވީރު ވުމުގެކުރިން ފުރައިގެން ތިމަންކަލޭގެފާނުގެ ގާތަށް ވަޑައިގަންނަވާށެވެ”.

މިސިޓީ އަބޫ ޢުބައިދާއަށް ލިބިވަޑައިގެން ސިޓީ ވިދާޅުވެ ނިމުމުން އަމީރުލް މުއުމިނީން އެދިވަޑައިގަންނަވާ ބޭނުން ވިސްނިވަޑައިގަތެވެ. އެއީ ޠާޢޫނު ބަލި ނެތް ތަނަކަށް ފޮނުވުންކަން އެނގަވަޑައިތެވެ. އެއަށްފަހު ވިދާޅުވިއެވެ. “އަމީރުލް މުއުމިނީން އެދިވަޑައިގަންނަވާ ބޭނުން އަހުރެންނަށް ސާފުވެއްޖެއެވެ. އަހުރެން ﷲ ގެ މަގުގައި ނިކުތީ ގިނަ ދުވަހު ދުނިޔޭގައި ހުންނާކަށް ނޫނެވެ. ﷲ ގެ މަގުގައި ޤާއިމުވެހުރެ ޝަހީދެއްގެގޮތުގައި ދުނިޔެ ދޫކުރުމަށެވެ”.  

އެއަށްފަހު ސިޓީގެ ޖަވާބުގައި ލިޔުއްވިއެވެ. “އަމީރުލް މުއުމިނީން އެވެ! ކަލޭގެފާނު އަޅުގަނޑުގެ ކިބައިންއެދިވަޑައިގެންނެވި އެދުންފުޅަކީ ކޮބައިކަން އަޅުގަނޑަށް ސާފުވެއްޖެއެވެ! އަމީރުލް މުއުމިނީން އެވެ! އަޅުގަނޑަކީ އިސްލާމީ ލަޝްކަރުގެ ތެރޭގައި ހިމެނޭ ސިފައިންގެ މީހަކީމެވެ. މިފައުޖުގައި ދެންތިބި
 ސިފައިންދޫކޮށްލާފައި މިނުރައްކާތެރި މުޞީބާތުގެ ވަޤުތުގައި ހަމައެކަނި އަޅުގަނޑުގެ ނަފްސު ސަލާމަތްކުރަން އަޅުގަނޑު ބޭނުމެއް ނޫނެވެ.

އިސްލާމީ ލަޝްކަރާއި މިއަޅާއާއި މެދު ގަދަ ކީރިތިވަންތަ ﷲ ވަކިގޮތަކަށް ނިޔާކަނޑައަޅުއްވައިފުމަށް ދާންދެން މިލަޝްކަރާ ވަކިވާން އަޅުގަނޑު ނޭދެމެވެ. އަމީރުލް މުއުމިނީންއެވެ. އަޅުގަނޑުގެ މިސިޓީ ލިބިވަޑައިގެންފިނަމަ  ލަޝްކަރުގައި އަޅުގަނޑު މަޑުކޮށްދިނުމުގެ އިޒުނަދެއްވައި އަމީރުލް މުއުމިނީންގެ ނިންމެވުން އަނބުރައި ރުޖޫޢަކޮށްދެއްވުން އެދި ދެންނެވީމެވެ”.

މިސިޓީ ޢުމަރު ރަޟިޔަﷲ ޢަންހުގެ އަތްޕުޅަށް ލިބިވަޑައިގަތުމުން ލޯފުޅުން ކަރުނަފޮދު އޮހުރުނެވެ. އަދިވަރަށް ބޮޑަށް ކީރިތިކުރެއްވުނެވެ. އެލޭގެފަނަށް ކީރިތިކުރެއްވުނުލެއް ބޮޑުކަމުން ކައިރީގައި ތިބި މީހުން ސުވާލު ދެންނެވި: “އަބޫ ޢުބައިދާ އަވަހާރަވީތޯއެވެ؟” އެހިނދު ޖަވާބުގައި 

ވިދާޅުވިއެވެ: “ނޫނެކެވެ! ނަމަވެސް މަރުވަނީ އެކަލޭގެފާނާއި ވަރަށް ކައިރީގައެވެ”.

ޢުމަރު ރަޟިއްޔަﷲ ޢަންހުގެ ހީފުޅު ދޮގެއް ނުވިއެވެ. މާގިނަ ދުވަހެއް ނުވަނީސް ނުރައްކާތެރި ޠާޢޫނުބަލީގެ އަސަރު ޢަބޫ ޢުބައިދާގެ ހަށިކޮޅުން ފެނި އެބަލީގެ އާލާސްކަންފުޅު ޖެހުނެވެ. އެކަލޭގެފާނުގެ ޙަޔާތުގެ އެންމެފަހު ވަޤުތު އިސްލާމީ ލަޝްކަރު ޖަމާ ކުރައްވާ ވަރަށް އަގުރުހުރި ނަޞޭޙަތާއި ވަޞިޔަތްތައް ކުރެއްވިއެވެ. އެއަށްފަހު މުޢާޒް އިބްނު ޖަބަލް ރަޟިއްޔަﷲ ޢަންހުއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. “މުޢާޛްއެވެ. މީސްތަކުންގޮވައިގެން ނަމާދު ކުރާށެވެ”. ދެން މާގިނަ މުއްދަތެއް އެ ދެމެދުގައި ހޭދައެއް ނުވެއެވެ. އެކަލޭގެފާނުގެ ޠާހިރު ފުރާނަ މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. رضي الله عنهم أجمعين.

Categories
ދީނީ ލިޔުން

ޖިންނި ޝައިޠާނުން އުޅޭ ތަންތަން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.


ޖިންނީންގެ ޢާލަމަކީ އަޅުގަނޑުމެންގެ ލޯ މައްޗަށް ވަންހަނާވެގެންވާ ޢާލަމެކެވެ. އެސޮރުމެންގެ ޙަޤީޤީ ސޫރައިގައި އަޅުގަނޑުމެންނަކަށް ނުފެނެއެވެ. [1] އެހެންކަމުން ޝަރުޢީ ނައްޞުތަކުގައިވަނީ ޖިންނީންނާ ގުޅުންހުރި ބައެއް މުހިންމު ކަންތައްތައް އަޅުގަނޑުމެންނަށް އަންގަވާފައެވެ. އޭގެ ސަބަބުން ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ އުނގަދޫތަކުން ރައްކާތެރިވުމަށް އިންސާނުންނަށް ފަސޭހަވެއެވެ. އިންސާނުންނަށް މިކަމުގައި އެންމެ ޞައްޙަ މަޢުލޫމާތުތައް ލިބިގެންދަނީ ކީރިތި ޤުރުއާނާއި ސުންނަތުގެ ޛަރީޢާއިންނެވެ.

ފަހެ އިންސާނުންނަށް މަޢުލޫމާތު ލިބެނީ މައިގަނޑު ތިން ގޮތަކަށެވެ. އެއީ:

1. ބުއްދިން ވިސްނާ ފިރުކުކޮށްގެން

2. ޚަބަރުތަކުން

3. ބުއްދިއާއި ޚަބަރުތަކުން ލިބޭ މަޢުލޫމާތު އެއްކޮށްގެން

އިންސާނާގެ ޙިއްސާއި ބުއްދި އާއި ތަޙްލީލުތަކާއި ތަޖުރިބާ ބޭނުންކޮށްގެން ކަންތައްތައް ދެނެގަނެ އިންސާނާ ޢިލްމު ހޯދައެވެ. ހަމައެކަނި ޙިއްސާއި ބުއްދިން ދެނެނުގަނެވޭ އެތައް ބައިވަރު މަޢުލޫމާތުތައް، އިންސާނާއާ ހިސާބަށް ފޯރާ ޚަބަރުތަކުގެ ޛަރީޢާއިން އޭނާ ދެނެގަނެއެވެ. މިވާހަކަތަކުގެ މަޤްޞަދަކީ: ޙިއްސުތަކުން ދެނެގަނެވޭ ކަންތައްތަކަކީ ޣައިބުގެ ކަންތައްތަކާ އަޅާ ބަލާއިރު ކަނޑުގެ ފެންތިއްކެއްހާ ކުޑަ މިންވަރެއް ކަމެވެ. އަދި އެފަދަ ކަންތައްތައް ދެނެގަނެވޭނީ ތެދު ޚަބަރުގެ ޛަރީޢާއިންނެވެ. ޣައިބުގެ ޢާލަމުތަކުގައިވާ މިފަދަ އެތައް ވާހަކައެއް ނަބީބޭކަލުންގެ ޛަރީޢާއިން ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. [2] އެއިލާހު ވަޙީކުރެއްވިއެވެ.

﴿مَّا كَانَ اللَّـهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّـهُ لِيُطْلِعَكُمْ عَلَى الْغَيْبِ وَلَـٰكِنَّ اللَّـهَ يَجْتَبِي مِن رُّسُلِهِ مَن يَشَاءُ﴾ [سورة آل عمران ١۷٩]

މާނައީ: “ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާންދެން، ﷲ ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: މުއުމިނުންނާއި މުނާފިޤުން އެކުވެ އުޅުމުގެ މައްޗަށް) މުއުމިނުން ދުލެއް ނުކުރައްވާނެއެވެ. އަދި ޣައިބުގެ ކަންތައް ﷲ، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެއެވެ. އެހެނެއްކަމަކު، ﷲ، އެއިލާހުގެ ރަސޫލުންގެ ތެރެއިން އެއިލާހު އިރާދަކުރައްވާ ބަޔަކު އެކަމަށް ޚިޔާރުކުރައްވައެވެ.”



ޖިންނީންގެ ބާވަތްތައް

ޖިންނީންގެ މައިގަނޑު ތިން ބާވަތެއް ވެއެވެ. ޙަދީޘެއްގައިވެއެވެ.

«الْجِنُّ ثَلَاثَةُ أَصْنَافٍ صِنْفٌ لَهُمْ أَجْنِحَةٌ يَطِيرُونَ فِي الْهَوَاءِ، وَصِنْفٌ حَيَّاتٌ وَكِلَابٌ، وَصِنْفٌ يَحِلُّونَ وَيَظْعَنُونَ»[3]

މާނައީ: “ތިން ވައްތަރެއްގެ ޖިންނީން އުޅެއެވެ. ވަރަތަކެއް ލާފައިވާ، ޖައްވުގައި އުދުހޭ ޖިންނީންތަކަކާއި، ހަރުފައާއި ކުއްތާގެ ގޮތުގައި އުޅޭ ޖިންނީންތަކަކާއި، ތަނެއްގައި އުޅުމަށްފަހު އެތަން ދޫކޮށް އެހެންތަނަކަށް ދަތުރުފަތުރުކުރުމުގައި އުޅޭ ޖިންނީންތަކެކެވެ.”



ޖިންނީން އުޅޭ ތަންތަން

އެހެން މަޚްލޫޤުންނެކޭ އެއްފަދައިން ޖިންނީންނަށްވެސް އެސޮރުމެންނަށް ޚާއްޞަ ކަންތައްތަކެއް ވެއެވެ. އެސޮރުމެންގެ ދިރިއުޅުމާއި އުޅޭ ތަންތަނާ ބެހޭގޮތުން އަޅުގަނޑުމެންނަށް ޔަޤީންކަމާއެކު އެނގެން އޮތީ ކީރިތި ޤުރުއާނާއި ސުންނަތުން އެނގެންހުރި ކަންތައްތަކެވެ. ހުރިހާ ބާވަތެއްގެ ޖިންނީންވެސް އުޅެނީ ދުނިޔޭގައެވެ. [4]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ [سورة البقرة ٣٨]

މާނައީ: “ތިމަން އިލާހު (އާދަމުގެފާނުގެ ދެކަނބަލުންނާއި އިބިލީހަށް) ވަޙީކުރެއްވީމެވެ. ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން (ބިމަށް) ފައިބާށެވެ! ފަހެ، ތިޔަބައިމީހުންގެ ގާތަށް، ތިމަންއިލާހުގެ ޙަޟްރަތުން ތެދުމަގު އަތުވެއްޖެ ހިނދަކު، ތިމަން އިލާހުގެ ތެދުމަގަށް ތަބާވެއްޖެ ބަޔަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ.”

އަދި އެސޮރުމެން އުޑުން ޚަބަރުތައް ހޯދުމަށް އުޑަށް އަރާ އުޅޭކަން ކީރިތި ޤުރުއާނުގެ ނައްޞުން ޘާބިތުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا﴾ [سورة الجن ٩]

މާނައީ: “އަދި ތިމަންމެން (އެބަހީ: ޖިންނީން) އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެ އަޑުއަހަން އުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލައެކެވެ.”  

ޖާހިލިއްޔަ ޒަމާނުގައި އެކަން ވަރަށް ބޮޑަށް އޮތެވެ. ނަބިއްޔާ صلى الله عليه وسلم ރިސާލަތައިގެން ފޮނުއްވުމުން އެދުވަސްވަރު އެކަން މެދުކެނޑިގެން ދިޔައެވެ. [5] 

ޖިންނީން އުޅޭ ކަމަށް ނައްޞުތަކުން ޘާބިތުވާ ބައެއް ތަންތަނަކީ:



* ހުސް ބިންތަކުގައި

މިކަމާ ބެހޭގޮތުން ވާރިދުވެފައިވެއެވެ.

عَنْ عَامِرٍ، قَالَ: سَأَلْتُ عَلْقَمَةَ هَلْ كَانَ ابْنُ مَسْعُودٍ شَهِدَ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيْلَةَ الْجِنِّ؟ قَالَ: فَقَالَ عَلْقَمَةُ، أَنَا سَأَلْتُ ابْنَ مَسْعُودٍ فَقُلْتُ: هَلْ شَهِدَ أَحَدٌ مِنْكُمْ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيْلَةَ الْجِنِّ؟ قَالَ: لَا وَلَكِنَّا كُنَّا مَعَ رَسُولِ اللهِ ذَاتَ لَيْلَةٍ فَفَقَدْنَاهُ فَالْتَمَسْنَاهُ فِي الْأَوْدِيَةِ وَالشِّعَابِ. فَقُلْنَا: اسْتُطِيرَ أَوِ اغْتِيلَ. قَالَ: فَبِتْنَا بِشَرِّ لَيْلَةٍ بَاتَ بِهَا قَوْمٌ فَلَمَّا أَصْبَحْنَا إِذَا هُوَ جَاءٍ مِنْ قِبَلَ حِرَاءٍ. قَالَ: فَقُلْنَا يَا رَسُولَ اللهِ فَقَدْنَاكَ فَطَلَبْنَاكَ فَلَمْ نَجِدْكَ فَبِتْنَا بِشَرِّ لَيْلَةٍ بَاتَ بِهَا قَوْمٌ. فَقَالَ: «أَتَانِي دَاعِي الْجِنِّ فَذَهَبْتُ مَعَهُ فَقَرَأْتُ عَلَيْهِمُ الْقُرْآنَ» قَالَ: فَانْطَلَقَ بِنَا فَأَرَانَا آثَارَهُمْ وَآثَارَ نِيرَانِهِمْ. [6]

މާނައީ: “ޢާމިރު ވިދާޅުވިއެވެ. ޢަލްޤަމާއާ ތިމަން ސުވާލު ދެންނެވީމެވެ. ރަސޫލާ صلى الله عليه وسلم ޖިންނީންނާ ބައްދަލުކުރެއްވި ރޭ، އެކަލޭގެފާނުގެ އަރިހުގައި އިބްނު މަސްޢޫދު ހުންނެވި ހެއްޔެވެ؟

ޢަލްޤަމާ ވިދާޅުވިއެވެ. އިބްނު މަސްޢޫދާ ތިމަން ސުވާލު ދެންނެވީމެވެ. ތިމަން ދެންނެވީ: ތިޔަ ބޭކަލުން ކުރެ އެއްވެސް ބޭކަލަކު ރަސޫލާ صلى الله عليه وسلم ، ޖިންނީންނާ ބައްދަލުކުރެއްވި ރޭ އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ހެއްޔެވެ؟

ވިދާޅުވިއެވެ. ނޫނެކެވެ. އެހެނަސް އެއްރެއަކު އެކަލޭގެފާނުގެ އަރިހުގައި ތިމަން ބޭކަލުން ތިއްބަވަނިކޮށް އެކަލޭގެފާނު ގެއްލިގެން ވާދީތަކާއި މަގުތައް ތިމަން ބޭކަލުން ހޯއްދެވީމެވެ. އަދި (އެކަލޭގެފާނު ނުފެނުމުން އެކަމާ ކަންބޮޑުވެގެން) ބަޔަކު ވޭތި ކުރާނެ އެންމެ އުނގަދޫ ރޭ ތިމަން ބޭކަލުން ވޭތިކުރީމެވެ. ފަތިސްވުމުން ހިރާއާ ދިމާލުން އެކަލޭގެފާނު ވަޑަގަންނަވައިފިއެވެ.

ފަހެ ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ފަހެ ކަލޭގެފާނު ގެއްލުމުން ތިމަންބޭކަލުން ކަލޭގެފާނު ހޯދަން އުޅެގެންވެސް ނުފެނުނެވެ. އަދި (ކަލޭގެފާނު ނުފެނުމުން އެކަމާ ކަންބޮޑުވެގެން) ބަޔަކު ވޭތި ކުރާނެ އެންމެ އުނގަދޫ ރޭ ތިމަން ބޭކަލުން ވޭތިކުރީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ޖިންނީންގެ ބަޔަކު އައުމުން ތިމަންކަލޭގެފާނު އެބައިމީހުންނާ އެކުގައި ގޮސް އެބައިމީހުންނަށް ކީރިތި ޤުރުއާން ކިޔައިދެއްވީމެވެ.

ދެން އެކަލޭގެފާނު ތިމަންބޭކަލުންނާއެކު ވަޑައިގެން އެބައިމީހުން ތިބި ތަންތަނުގެ އަޘަރުތަކަކާއި އެބައިމީހުންގެ އަލިފާންތަކުގެ އަޘަރުތަކެއް ދެއްކެވިއެވެ.”

އަދި ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން ވާދީއަކަށް ފައިބައިފިނަމަ އެތަނުގައި ތިބޭ ޖިންނީންގެ ބޮޑުންގެ ކިބައިން ރައްކާތެރިކަން ހޯދާ އުޅުނެވެ. [7]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا﴾ [سورة الجن ٦]

މާނައީ: “އަދި އިންސީންގެ ތެރެއިން ފިރިހެނުން، ޖިންނީންގެ ތެރެއިން ފިރިހެނުންގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައި ވެއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރުކުރުވިއެވެ.”

އިސްލާމްދީން އައުމަށް ފަހު އެކަންވަނީ ނަހީކުރައްވާފައެވެ. އަދި އެފަދަ ކަންތައްތައް ދޫކޮށް ﷲ ތަޢާލާގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުމަށް މީސްތަކުންނަށް އަމުރުކުރެއްވިއެވެ.  

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ نَزَلَ مَنْزِلًا ثُمَّ قَالَ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، لَمْ يَضُرَّهُ شَيْءٌ، حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ» [8]

މާނައީ: މީހަކު މަންޒިލަކަށް ފައިބާފައި أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، މިފަދައިން ކިޔައިފިނަމަ އެމަންޒިލު ދޫކޮށްފައިވާ ހިނގައްޖައުމަށް ދާންދެން އެއްވެސް އެއްޗެއްގެ ފުށުން އޭނާއަށް ގެއްލުމެއް ނުވާނެއެވެ.”

މިދުޢާގެ މާނައަކީ: މާތްﷲގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް، އެއިލާޙު ހެއްދެވި އެންމެހާ މަޚުލޫޤުންގެ ނުބައިކަމުން މިއަޅާ (އެއިލާހުގެ ޙަޟްރަތުން) ރައްކާތެރިކަމަށް އެދެމެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ވާދީތަކުގައި[9] ޖިންނީން އުޅޭކަމަށް ބެލެވެއެވެ. ފަހެ އުސް ބިންތަކަށްވުރެ ގިނައިން ވާދީތަކުގައި ޖިންނީން އުޅެއެވެ. އެހެންކަމުން އިންސާނުންގެ ތެރެއިން މީހަކު ވާދީއަކަށް ފައިބާނަމަ، أَعُوذُ بِعَظِيمِ هَذَا الْوَادِي مِنْ سُفَهَائِهِ (މާނައީ: މިވާދީގެ މޮޔައިންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި މިވާދީގެ މަތިވެރި ފަރާތުގެ ކިބައިން އެދެމެވެ.) މިފަދައިން ކިޔާ އުޅުނެވެ. ފަހެ އިންސާނުން ޖިންނީންގެ ގާތުން ރައްކާތެރިކަމަށް އެދޭތަން ފެނުމުން އެބައިމީހުންގެ ނުބައިކަން އިތުރުވެއެވެ. އެހެންކަމުން ތަވީދުތަކާއި ޖިންނީންނާއި އެސޮރުމެންގެ ބޮޑުންގެ ނަންތައް ހިމެނޭ (ޝިރުކުގެ) ރުޤްޔާތައް އިންސާނުން ހަދާ އޭގެ ބޭނުން ކުރެއެވެ.

ފަހެ އެބައިމީހުން މަތިވެރިކުރާ ޖިންނީންގެ ނަންތަކުން އެބައިމީހުން ހުވާކުރެއެވެ. އޭރުން ޖިންނީންގެ ކިބައިން އިންސާނުން އެދޭ ބައެއް ކަންތައްތައް އެ ޖިންނީން ފުއްދައިދެއެވެ. މިކަމުގެ ސަބަބުން އިންސާނުންގެ މައްޗަށް ޖިންނީން މަތިވެރިވެ ޝަރަފުވެރިވެއެވެ. އެހެނެއްކަމަކު ޖިންނީންނަށްވުރެ އިންސާނުން ޝަރަފުވެރިވެގެންވާކަމާއި އެބައިމީހުންގެ ޤަދަރު މަތިވެރިވެގެންވާކަން ޖިންނީންނަށް އެނގެއެވެ. އިންސާނުން ޖިންނީންގެ ގާތުން ރައްކާތެރިކަމަށް އެދޭނަމަ އޭނާގެ މިސާލަކީ، މީސްތަކުންގެ ތެރެއިން ބޮޑުން، ނިކަމެތިންގެ ގާތުން އޭނާގެ ޙާޖަތެއް ފުއްދައިދިނުމަށް އެދުމެވެ.” [10]

ކަނޑަކީވެސް އިންސާނުން އާރާސްތުކުރާ ތަނަކަށް ނުވާތީ އެތަނުގައި ޖިންނި ޝައިޠާނުން އުޅުން އެކަށީގެންވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ، ثُمَّ يَبْعَثُ سَرَايَاهُ» [11]

މާނައި: “ހަމަކަށަވަރުން ޝައިޠާނާ އެސޮރުގެ އަރުޝި ބަހައްޓަނީ ފެންމަތީގައެވެ. ދެން އެއަށްފަހު އެސޮރުގެ ލަޝްކަތުރައް ފޮނުވައެވެ.”

އައްނަވަވީ رحمه الله ވިދާޅުވިއެވެ.

“އޭގެ މުރާދަކީ އޭނާގެ މަރުކަޒު ހުންނަނީ ކަނޑުގައިކަމެވެ.” [12]

އަދި ބައެއް ފަހަރު އިންސާނުން ދިރި އުޅޭ ގެދޮރުތަކަށް އެސޮރުމެން އައިސް އުޅެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا دَخَلَ الرَّجُلُ بَيْتَهُ، فَذَكَرَ اللهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ، قَالَ الشَّيْطَانُ: لَا مَبِيتَ لَكُمْ، وَلَا عَشَاءَ، وَإِذَا دَخَلَ، فَلَمْ يَذْكُرِ اللهَ عِنْدَ دُخُولِهِ، قَالَ الشَّيْطَانُ: أَدْرَكْتُمُ الْمَبِيتَ، وَإِذَا لَمْ يَذْكُرِ اللهَ عِنْدَ طَعَامِهِ، قَالَ: أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ» [13]

މާނައީ: “މީހަކު އޭނާގެ ގެއަށް ވަންނަހިނދު، ﷲ ތަޢާލާގެ ޛިކުރުކޮށް އަދި ކާހިނދުގައިވެސް އެފަދައިން ކިޔައިފިނަމަ ޝައިޠާނާ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނެއް އަދި ރޭގަނޑުގެ ކެއުމެއްވެސް މިތާކު ނެތެވެ.’ އަދި އޭނާ ވަންނަހިނދު، ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނެއް ލިބިއްޖެއެވެ.’ އަދި ކާހިނދު ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނަކާ އަދި ރޭގަނޑުގެ ކެއުންވެސް ލިބިއްޖެއެވެ.’ ”



* ޤަޟާ ޙާޖާ ކުރާ ތަންތަނުގައި

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ هَذِهِ الْحُشُوشَ مُحْتَضَرَةٌ، فَإِذَا دَخَلَهَا أَحَدُكُمْ فَلْيَقُلِ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ».[14]

މާނައީ: “ހަމަކަށަވަރުން ޤަޟާ ޙާޖާކުރާ މިފަދަ ތަންތަނަށް (ޝައިޠާނުން) ޙާޟިރުވެއެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު އެތަނަށް ވަންނަމުން اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ މިފަދައިން ކިޔާށެވެ.”

މިދުޢާގެ މާނައަކީ: “އޭﷲ! ނުބައިވެގެންވާ ފިރިހެން ޝައިޠާނުންނާއި ނުބައިވެގެންވާ އަންހެން ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބައިލާހުގެ ޙަޟުރަތަށް ދަންނަވަމެވެ.”

* މިޙަދީޘްގައިވާ «الْخُبُث» ގައި ޢިލްމުވެރިން ދެގޮތަކަށް ފިލި ޖައްސަވައެވެ.

ފުރަތަމައީ: الخُبُث އެވެ.

ދެވަނައީ: الخُبْث ، ގިނަ ރިވާޔާތްތައް އައިސްފައިވަނީ މިފަދައިންނެވެ.  [15]

* އަދި «الْخُبُث وَالْخَبَائِث» ގެ ދެމާނައެއް ޢިލްމުވެރިން ކުރައްވާފައިވެއެވެ.

ފުރަތަމައީ: «الْخُبُث» އަކީ ފިރިހެން ޝައިޠާނުންނެވެ. «الْخَبَائِث» އަކީ އަންހެން ޝައިޠާނުންނެވެ.

ދެވަނައީ: «الْخُبُث» އަކީ ނުރުހޭފަދަ ކަންތައްތަކެވެ. «الْخَبَائِث» އަކީ އަންހެން ޝައިޠާނުންނެވެ. [16]

* މިޙަދީޘްގައި މިވާ الْحُشُوش ގެ މުރާދަކީ ޤަޟާ ޙާޖާ ކުރާ ތަންތަނެވެ. الْحُشُوش: އަކީ الحَشّ ގެ ގިނަ ގޮތެވެ. އެއީ އިހު ޒަމާނުގައި އެފަދަ ތަންތަނަށް ކިޔާ އުޅޭ ނަމެކެވެ. އޭގެ މާނައަކީ ބަގީޗާއެވެ. އެފަދައިން ނަން ދެވިފައިވަނީ ގިފިލިތައް ހެދުމުގެ ކުރިން މީސްތަކުން އެފަދަ ބަގީޗާތަކަށް ޤަޟާޙާޖާއަށް ދާތީއެވެ. [17]

މިސަބަބަށްޓަކައި ބައެއް ގަސްތަކަކީ ނުވަތަ ގަސްތައް ގިނަ ތަންތަނަކީ ނާމާން ތަންތަންކަމުގައި ބައެއް މީހުން ޤަބޫލުކުރެއެވެ. ގަސްގަހަކީ އޭގެޒާތުގައި ނާމާން އެއްޗެއް ނޫނެވެ. އެހެނަސް އެފަދަ ތަންތަނުގައި ޝައިޠާނުން އުޅެދާނެ ޙާލަތްތަކެއް ވެއެވެ. އޭގެ ތެރޭގައި:

– ގިފިލިފަދަ ތަންތަނުގައި ހުންނަ ގަސްތައް ކައިރިއަށް ޝައިޠާނުން އަތުވެދާނެއެވެ. އިސްވެ ބަޔާންވެ ދިޔަ ޙަދީޘްގައިވަނީ:

«إِنَّ هَذِهِ الْحُشُوشَ مُحْتَضَرَةٌ»

މާނައީ: “ހަމަކަށަވަރުން ޤަޟާ ޙާޖާކުރާ މިފަދަ ތަންތަނަށް (ޝައިޠާނުން) ޙާޟިރުވެއެވެ.” ޤަޟާޙާޖާ ކުރަން ތަނަކަށް ވަންނައިރު ކިޔާ ދުޢާ ކިޔުމަށް ޝަރުޢުކުރައްވާފައިވަނީ އެހެންވެއެވެ. ގިފިލި ނުވަތަ ގޮނޑުފަދަ ނަޖިސްތަންތަނަށް ޝައިޠާނުން ގޮސް އުޅެއެވެ.

– މުންކަރާތްތައް ކުރާ ތަންތަނަށް ޝައިޠާނާ ޙާޟިރުވެއެވެ. އެގޮތުން ޝިރުކާއި ފާޙިޝް ޢަމަލުތައް ކުރާ ތަންތަނަށް ޝައިޠާނާ ޙާޟިރުވެއެވެ. [18]

– މީސްތަކުން ނުދާ އެކަހެރި ތަންތަންތަނުގައި ހުންނަ ގަސްތައްކައިރީގައި އެސޮރުމެން އުޅެދާނެއެވެ.

– ސިޙުރު ހަދާފައި ހުންނަ ގަސްތައް ކައިރީގައިވެސް ޝައިޠާނުންގެ އުނގަދޫތައް ގިނަވެއެވެ.

އަދި މިނޫން ޙާލަތްތަކުގައިވެސް ހުރިހާ ތަނެއްގައިވެސް ބައެއް ވަޤުތުތަކުގައި ޖިންނި ޝައިޠާނުން އުޅުން އެކަށީގެންވާތީ އެފަދަ ކަންތައްތަކަށް ރައްކާތެރިވުމުގެ ގޮތުން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުން އާދަކުރުމާއި – މިލިޔުމުގައި ކުރިން ބަޔާންވެ ދިޔަ ޛިކުރު – އެފަދަ ތަނަކަށް ގޮސްފައި ކިޔުން އެދެވިގެންވެއެވެ.

* އަދި ބައެއް ރަށްރަށުގައި ހުންނަ ބައެއް ގަސްތައް ނާމާންކަމަށް މީހުން ޤަބޫލުކުރެއެވެ. އެއީ އެތަންތަނާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ބިނާކޮށެވެ. ފަޅު ސަރަހައްދުތަކުގައި އެކި މުންކަރާތްތަކަށް އަރައިގަންނަ މީހުން، އެތަންތަނަށް މީހުން ދިޔަ ނުދިނުމަށް އެފަދަ ދޮގުވާހަކަތައް ހަދާ އުޅެއެވެ.

* ބައެއް މާގަސްތަކަކީ ނުވަތަ ނިކަ ގަހަކީ ނުވަތަ ބިލެތް ޅޮއްސަކީ ނުވަތަ ކަށިކެޔޮ ގަހަކީ ނާމާން ގަސްތައްކަމުގައި ބައެއް މީހުން ދެކެއެވެ. އެފަދަ ގަސްތަކާމެދު ރަނގަޅު ގޮތަކީ އެފަދައިން ނުދެކުމެވެ. އެހެނީ ޙަދީޘްގައި އައިސްފައިވެއެވެ.

«لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ» [19]

މާނައީ: “ބަދުފާލު ބަލާ މީހާއާއި ބަލުވާ މީހާ އަހަރުމެންގެ ތެރެއިން ނުވެއެވެ.”

މިތަނުގައި އެވާ ބަދުފާލަކީ އެއީ އިވޭ އަޑަކީ ނުވަތަ ފެންނަ އެއްޗަކީ ސުންޕާ އެއްޗެއްކަމަށް ދެކުމެވެ. އަދި އެއެއްޗެއް އިވުމުން ނުވަތަ ފެނުމުން، އޭ ސަބަބުން އާދަޔާ ޚިލާފު ގޮތަކަށް އެމީހަކަށް ނޭދެވޭ އަސަރެއް ކުރާނެކަމަށް ދެކުމެވެ. [20]

ޖާހިލިއްޔަ ޒަމާނުގައިވެސް މީސްތަކުން އެކިއެކި އެއްޗިއްސާ މެދު އެފަދައިން ހީކޮށް އުޅުނެވެ. ބައެއް މީހުން ދެކި އުޅުނީ ގޭގެ ފުރާޅު މަތީގައި ބަކަމޫނެއް ޖައްސައިފިނަމަ އެގޭގެ މީހަކު މަރުވާނެކަމަށެވެ. [21] އިސްލާމް ދީން އައުމަށް ފަހު މިފަދަ ހީކުރުންތަކާއި ޤަބޫލުކުރުންތައް ދޫކޮށްލުމަށް މީސްތަކުންނަށްވަނީ އަމުރުވެވިގެންނެވެ.

ކުރިން ބަޔާންވެދިޔަ ފަދައިން، ބައެއް ޙާލަތްތަކުގައި އެފަދަ ގަސްތައް ދޮށުގައި ޝައިޠާނުންގެ އުނދަގޫތައް ފާޅުވިޔަސް، އެފަދަ ގަސްތައް ކައިރިއަށްދާ ކޮންމެ ފަހަރަކު ނުވަތަ އެތަނަށް ދާ ކޮންމެ މީހަކަށް އެފަދަ ކަންތައްތައް ދިމާނުވާކަން އެއީ ޙަޤީޤަތެކެވެ.

އެހެންކަމުން އެފަދަ ގަސްތަކަކީ އޭގެ ޛާތުގައި ނާމާން ގަސްތަކެއްކަމުގައި ދެކެވޭ ވާހަކައަކީ ތެދު ވާހަކަތަކެއް ނޫނެވެ.



* ބާޒާރުތަކުގައި

ސަލްމާނު رضي الله عنه ވިދާޅުވިއެވެ.

“لَا تَكُونَنَّ إِنِ اسْتَطَعْتَ، أَوَّلَ مَنْ يَدْخُلُ السُّوقَ وَلَا آخِرَ مَنْ يَخْرُجُ مِنْهَا، فَإِنَّهَا مَعْرَكَةُ الشَّيْطَانِ، وَبِهَا يَنْصِبُ رَايَتَهُ”. [22]

މާނައީ: “ތިބާއަށް ކުޅަދާނަކަން ލިބިގެންވާނަމަ، ބާޒާރަށް އެންމެ ފުރަތަމަ ވަންނަ މީހާކަމުގައި އަދި އެންމެ ފަހުން ނުކުންނަ މީހާކަމުގައި ނުވާށެވެ. އެހެނީ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ހަނގުރާމައިގެ މައިދާނެއެވެ. އޭނާގެ ދިދަ ބަހައްޓާފައި ހުންނަނީ އެތަނުގައެވެ.”

މިބަސްފުޅުގައި ޝައިޠާނާގެ ދިދަ އެތާ ބަހައްޓާފައި ހުންނަކަމަށް ސިފަކުރައްވާފައި އެވަނީ އެތަނަށް ދާ މީހުން މަގުފުރެއްދުމަށް އޭނާ އުންމީދުކުރާލެއް ބޮޑުކަމުންނެވެ. އެއީ ހަނގުރާމައިގައި ދިދަ ބަހައްޓަނީ މޮޅުވާނެކަމަށް އުންމީދު ބޮޑުވުމުންނެވެ. [23]

ބާޒާރުތަކަކީ ދޮގުހެދުމާއި އޮޅުވާލުމާއި ދޮގު ހުވާކޮށްގެން މުދާ ވިއްކުމާއި ޢައުރައަށް ބެލުމާއި ނުބައި ބަސްތައް ކިޔައި ޒުވާބުކޮށް އުޅުމާ އަދި މިނޫންވެސް މުންކަރާތްތައް ގިނައިން ހިނގާ ތަނެކެވެ. 

އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ކީރިތި ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ މިފަދަ އިރުޝާދުތަކުން ހިދާޔަތު ލިބިގަނެ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް އިޞްލާޙު ކުރުމެވެ. ކާމިޔާބާއި ފަލާހު ވަނީ އެގޮތުގައެވެ.


[1] ބައްލަވާ: عالم الجن لد. عبدالكريم عبيدات (ص:30 – 42).

[2]  ބައްލަވާ: مختصر الصواعق المرسلة لابن الموصلي (1/119-120).

[3]  أخرجه الحاكم (3702)، والبيهقي في الأسماء والصفات (827)، وصححه الألباني في مشكاة المصابيح (4148).

[4] ބައްލަވާ: فتح المنان في جمع كلام شيخ الإسلام ابن تيمية عن الجان (ص:32).

[5] ބައްލަވާ: حاشية كتاب التوحيد لابن القاسم (ص:128) والقول المفيد لابن العثيمين (1/315).

[6] أخرجه مسلم في صحيحه، كتاب: الصلاة، باب: الجهر بالقراءة في الصبح والقراءة على الجن برقم: 150 – (450).

[7] މުޖާހިދުގެ އަރިހުން ޞައްޙަ މަގުން މިކަން ވާރިދުވެފައިވެއެވެ. ބައްލަވާ: موسوعة الصحيح المسبور من التفسير بالمأثور لــ أ. د. حكمت بشير (4/543).

[8] أخرجه مسلم في صحيحه، كتاب: الذكر والدعاء والتوبة والاستغفار، باب: في التعوذ من سوء القضاء ودرك الشقاء وغيره برقم: 54 – (2708).

[9]  ވާދީއަކީ ފަރުބަދަތަކުގެ ދެމެދުގައިވާ ހުސްތަންތަނެވެ. ބައްލަވާ: القاموس المحيط لفيروزآبادي (ص: 1342).

[10] مجموع الفتاوى لإبن تيمية (19/33-34).

[11] أخرجه مسلم في صحيحه، كتاب: صفة القيامة والجنة والنار، باب: تحريش الشيطان وبعثه سراياه لفتنة الناس وأن مع كل إنسان قرينا برقم: 67 – (2813).

[12] شرح صحيح مسلم للنووي (17/157).

[13] أخرجه مسلم في صحيحه، كتاب: الأشربة، باب: آداب الطعام والشراب وأحكامهما برقم: 103 – (2018).

[14]  أخرجه أبو داود في سننه برقم: (6) وابن ماجه في سننه برقم: (296) ، وأحمد في مسنده برقم: (19286)، برقم: (19331)، برقم: (19332) والنسائي في الكبرى برقم: (9820  – 9823) وابن خزيمة في صحيحه برقم: (69) وابن حبان في صحيحه برقم: (1406) ، برقم: (1408) والحاكم في مستدركه برقم: (668  – 669).

وأخرج مسلم في صحيحه برقم: (375) عن أنس قال: أَنَّ رَسُولَ اللهِ صلى الله عليه وسلم كَانَ إِذَا دَخَلَ الْكَنِيفَ قَالَ: «اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ». وهذا اللفظ ثابت. وأما ذكر احتضار الشياطين الحشوش اختلفوا في إثباته للإختلاف الوارد في أسانيده. قال الترمذي: “في إسناده اضطراب وسأل البخاري عنه فقال لعل قتادة سمعه من القاسم بن عوف الشيباني والنضر بن أنس عن أنس وم يقض في هذا بشيء” (2/391). وقال الحاكم: “قد احتج مسلم بحديث لقتادة، عن النضر بن أنس، عن زيد بن أرقم … وهذا الحديث مختلف فيه على قتادة” وقال الذهبي تعليقا على قول الحاكم: كلاهما – يعني الحديث (668) ورقم (669) – على شرط الصحيح (المستدرك مع تعليق الذهبي (1/297) برقم: (668)) وصحح إسناده الألباني ولم ير اضطرابا في الحديث وفصل القول في ذلك (انظر: صحيح أبي داود (1/26) والسلسلة الصحيحة له (3/58)).

[15] ބައްލަވާ: شرح صحيح مسلم للنووي (4/71) وفتح الباري لإبن حجر (1/243).

[16] ބައްލަވާ: النهاية لابن الأثير (2/6) وفتح الباري لإبن حجر (1/243).

[17] ބައްލަވާ: النهاية لابن الأثير (1/390).

[18] ބައްލަވާ: فتح المنان في جمع كلام شيخ الإسلام ابن تيمية عن الجان (ص:34).

[19] أخرجه البزار في مسنده برقم: (3578) وقال الألباني: صحيح لغيره (انظر: صحيح الترغيب والترهيب (3041)).

[20] ބައްލަވާ: حاشية كتاب التوحيد لابن القاسم (ص:212).

[21] ބައްލަވާ: فتح المجيد شرح كتاب التوحيد لعبد الرحمن (ص:309).

[22] أخرجه مسلم في صحيحه، كتاب: فضائل الصحابة رضي الله تعالى عنهم، باب: من فضائل أم سلمة أم المؤمنين رضي الله عنها برقم: 100 – (2451).

[23] ބައްލަވާ: كشف المشكل لابن الجوزي (4/19).

Categories
ދީނީ ލިޔުން

ޢާޝޫރާ ދުވަހުގެ ރޯދަ


الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين


ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. [1] އެދުވަހު ރޯދަހިފުމަކީ ސުންނަތެކެވެ. [2] އެދުވަހާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(صحيح) ((وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ))

[أخرجه مسلم , كتاب: الصيام ، باب: اسْتِحْبَابِ صِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، الرقم: ١٩٦ – (١١٦٢)]

މާނައީ: “އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”


ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި އެންމެ މޮޅުއިތުރު ގޮތް


ޢާޝޫރާ ދުވަހުގެ ރޯދަހިފުމުގައި އެންމެ ރަނގަޅު ގޮތަކީ:

މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި (ތާސޫޢާ ދުވަހާއި) 10 ވަނަ ދުވަހު (ޢާޝޫރާ ދުވަހު) ރޯދަ ހިފުމެވެ. [3]

މުޙައްރަމު މަހުގެ 9 ވަނަ ދުވަހު ރޯދަ ހިއްޕެވުމަށް ނަބިއްޔާ صلى الله عليه وسلم އުންމީދުކުރެއްވި ނަމަވެސް، އެކަލޭގެފާނު އަވަހާރަވެފައިވަނީ ޖެހިގެން އައިއަހަރު އެދުވަހާ ބައްދަލުނުވެއެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“ރަސޫލުﷲ صلى الله عليه وسلم، ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވާ އަދި އެދުވަހު ރޯދަ ހިއްޕެވުމަށް އަމުރުކުރެއްވި ހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން އެއީ ޔަހޫދީންނާއި ނަޞާރާއިން މަތިވެރިކުރާ ދުވަހެކެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.”

(صحيح) ((فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللهُ صُمْنَا الْيَوْمَ التَّاسِعَ))

[أخرجه مسلم ، كتاب: الصيام ، باب: صوم يوم عاشوراء ، الرقم: ١٣٣ – (١١٣٤)]

މާނައީ: “ފަހެ ޖެހިގެން އަންނަ އަހަރު – إِنْ شَاءَ اللهُ – ނުވަވަނަ ދުވަހު އަހަރެމެން ރޯދަ ހިފާނަމެވެ.”

އެކަލޭގެފާނު (އެބަހީ: އިބްނު ޢައްބާސް رضي الله عنهما) ވިދާޅުވިއެވެ. “ފަހެ ޖެހިގެން އައި އަހަރު އައުމުގެ ކުރިން ރަސޫލުﷲ صلى الله عليه وسلم އަވަހާރަވެއްޖެއެވެ.”


މުޙައްރަމު މަހުގެ 9، 10، 11 މި ތިން ދުވަހު ރޯދަ ހިފުން


މުޙައްރަމު މަހުގެ 9، 10، 11 މި ތިން ދުވަހު ރޯދަ ހިފުމަށް ބާރު އަޅާ ޙަދީޘްއަކީ ޞައްޙަ ޙަދީޘްއެއް ނޫނެވެ.

މިޙަދީޘްގައި އައިސްފައިވަނީ:

 (ضعيف) ((صُومُوا يومَ عَاشُورَاء وَخَالِفُوا فِيهِ الْيَهُودَ، صُومُوا قَبْلَهُ يَوْمًا وَبَعْدَهُ يَوْمًا))

[رواه احمد وابن خزيمة وابن عدي في الكامل والبيقهي بسند ضعيف [4]، وضعفه الألباني في ضعيف الجامع الصغير وزياداته برقم: (٣٦٠٥)]

މާނައީ: “ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަ ހިފާށެވެ. އަދި ޔަހޫދީންނާ ޚިލާފުމަށް އެދުވަހުގެ ކުރީދުވަހުއާއި ފަހު ދުވަހުވެސް ރޯދަ ހިފާށެވެ.”

ނަމަވެސް ހަނދުބެލުމުގައި އޮޅުމެއް އަރާފާނެކަމުގެ ބިރަށްޓަކައި ނުވަތަ ކަލަންޑަރުގައިވާ ގޮތަށް މުޙައްރަމު މަހުގެ ދުވަސްތަކަށް ބަލައިގެން ރޯދަހިފައިފިނަމަ ޢާޝޫރާދުވަހާ ދިމާނުވެދާނެކަމަށް ބިރުހީވާނަމަ ރައްކާތެރިކަމުގެ ގޮތުން 9، 10، 11 މި ތިން ދުވަހު ރޯދަ ހިފިދާނެއެވެ. އެހެނީ މުޙައްރަމު މަހަކީ ރޯދަހިފުން ގިނަކުރުމަށް ހިތްވަރުދެވިފައިވާ މަހެކެވެ. [5]

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

(صحيح) ((أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ))

[ رواه مسلم ، كتاب: الصيام ، باب: فضل صوم المحرم ، الرقم: ٢٠٢- (١١٦٣)]

މާނައީ: “ރަމަޟާން މަހަށްފަހު އެންމެ އިތުރުކަންބޮޑުވެގެންވާ ރޯދައަކީ  ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވާ މުޙައްރަމު މަހުގެ ރޯދައެވެ.”

والله أعلم.

وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.

_________________________________



[1] ބައްލަވާ: نيل الأوطار بتحقيق صبحي حلاق (8/409).

[2] ބައްލަވާ: مجموع الفتاوى لإبن تيمية (25/167).

[3] ބައްލަވާ: مجموع الفتاوى لإبن تيمية (25/167).

[4] ބައްލަވާ: نيل الأوطار بتحقيق صبحي حلاق (8/406-407).

[5] ބައްލަވާ: المغني لابن قدامة (3/178) އަދި ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله ގެ ފަތުވާ.

Categories
ދީނީ ލިޔުން

ޢަރަފާތްދުވަހުގެ މާތްކަން


1. ޢަރަފާތް ދުވަހަކީ ކޮބާ ހެއްޔެވެ؟ އެދުވަސް މާތްވީ ކީއްވެގެން ހެއްޔެވެ؟


* ޢަރަފާތު ދުވަހަކީ ކޮންމެ އަހަރަކުވެސް ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ.

* އެދުވަހަކީ ވަރަށް ގިނަ ހެޔޮކަން ޖަމާވެފައިވާ ދުވަހެކެވެ.


އެދުވަހުގެ މާތްކަމުގެ ތެރޭގައީ:


1-  އެދުވަހަކީ ދީން ފުރިހަމަކުރެއްވި ދުވަހެވެ.


ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

أَنَّ رَجُلًا، مِنَ اليَهُودِ قَالَ لَهُ: يَا أَمِيرَ المُؤْمِنِينَ، آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا، لَوْ عَلَيْنَا مَعْشَرَ اليَهُودِ نَزَلَتْ، لاَتَّخَذْنَا ذَلِكَ اليَوْمَ عِيدًا.

قَالَ: أَيُّ آيَةٍ؟

قَالَ: {اليَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا} [المائدة: 3]

قَالَ عُمَرُ: «قَدْ عَرَفْنَا ذَلِكَ اليَوْمَ، وَالمَكَانَ الَّذِي نَزَلَتْ فِيهِ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَائِمٌ بِعَرَفَةَ يَوْمَ جُمُعَةٍ» [رواه البخاري في صحيحه برقم: (45)]

މާނައީ: ހަމަކަށަވަރުން ޔަހޫދީންގެ މީހަކު ޢުމަރުގެފާނަށް ދެންނެވިއެވެ. “އޭ މުއުމިނުންގެ އަމީރެވެ. ތިޔަބޭކަލުންގެ ފޮތުން (އެބަހީ: ޤުރުއާނުން) ކިޔަވައި އުޅޭ އާޔަތެއް ވެއެވެ. އެއާޔަތް ތިމަންމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެ އާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދުދުވަހެއްކަމުގައި އަހަރުމެން ހެދީމުއެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ. “އެއީ ކޮން އާޔަތެއް ހެއްޔެވެ؟”

އޭނާ ދެންނެވިއެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)

މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމުދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެއާޔަތް ބާވައިލެއްވުނު ތަނާއި، ދުވަސް ތިމަން ބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުބިމުގައި ހުންނަވަނިކޮށް ބާވައިލެއްވުނު އާޔަތެކެވެ.”


2- އެދުވަހުގައި ކުރާ ދުޢާއަކީ އެންމެ ހެޔޮ ދުޢާއެވެ.


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 «خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ» [رواه الترمذي برقم: (3585) وحسنه الألباني في صحيح الترغيب والترهيب برقم: (1536)]

މާނައީ: “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ.”


3- ޢަރަފާތު ދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ.


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الْحَجُّ عَرَفَةُ» [رواه الترمذي برقم: (883)، والنسائي (3044)]

މާނައީ: “ޙައްޖަކީ ޢަރަފާތެވެ.”


4- އެދުވަހަކީ އެންމެ ގިނަ މީހުން ނަރަކައިން މުއްތިކުރައްވާ ދުވަހެވެ. އަދި އެދުވަހުގައި ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނާ ކުއްތަންވެވޮޑިގަންނަވާނެއެވެ.


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ، مِنْ يَوْمِ عَرَفَةَ، وَإِنَّهُ لَيَدْنُو، ثُمَّ يُبَاهِي بِهِمِ الْمَلَائِكَةَ، فَيَقُولُ: مَا أَرَادَ هَؤُلَاءِ؟ ” [رواه مسلم في صحيحه برقم: 436 – (1348)]

މާނައީ: “ޢަރަފާތް ދުވަހަކީ ﷲ ތަޢާލާގެ އަޅުތަކުންކުރެ އެންމެ ގިނަ މީސްތަކުން އެދުވަހެއްގައި ނަރައިން މުއްތި ކުރައްވާނެ ދުވަހެވެ. އަދި ހަމަކަށަވަރުން އެދުވަހުގައި އެއިލާހު ކުއްތަންވެވޮޑިގަންނަވާނެއެވެ. އަދި މަލާއިކަތުންގެ އަރިހުގައި ފަޚުރުވެރިވެވޮޑިގަންނަވާފައި ވަޙީކުރައްވާނެއެވެ. މިބައިމީހުން އެދެނީ ކޮންކަމެއް ހެއްޔެވެ؟”



2. އެދުވަހުގެ ރޯދައިން ލިބޭ ޘަވާބަކީ ކޮބާ ހެއްޔެވެ؟


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ» [رواه مسلم في صحيحه برقم: 196 –  (1162)]

މާނައީ: ”ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

ޙައްޖުވެރިން ފިޔަވައި އެހެނިހެން މުސްލިމުން އެދުވަހުގައި ރޯދަ ހިފުމަކީ ސުންނަތެކެވެ.



3. ޢަރަފާތްދުވަސް ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ ހަމައެކަނި އެދުވަހު ރޯދައަށް ހުރެވިދާނެ ހެއްޔެވެ؟


ހޮނިހިރު ދުވަހު ރޯދަހިފުމުގެ 5 ޙާލަތެއްވެއެވެ. [1]


ފުރަތަމަ ޙާލަތު: ފަރުޟު ރޯދަ ހިފުން


މިސާލަކަށް ރަމަޟާންމަހުގެ ރޯދަ އަދާއަށް ނުވަތަ ޤަޟާއަށް ހިފުން ނުވަތަ ކައްފާރާ ރޯދައެއް ހިފުން ނުވަތަ (ޙައްޖުގައި) ކަތިލާނެ ހަދްޔު ނުލިބިގެން ރޯދަ ހިފުމެވެ. ފަހެ އެދުވަހު ފަރުޟު ރޯދަ ހިފުމުގައި ޚާއްޞަކަމެއް ނެތްކަމަށް އިޢުތިޤާދުކުރާ ޙާލު އެދުވަހު މިފަދައިން ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ.


ދެވަނަ ޙާލަތު: ހުކުރުދުވަހުގައި ރޯދަ ހިފާފައި ދެން ހޮނިހިރު ދުވަހު ރޯދަ ހިފުން


މިފަދައިން ރޯދަހިފުމަކީވެސް މައްސަލައެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم، އެކަލޭގެފާނުގެ އަނބިކަނބަލެއް ހުކުރު ދުވަހު ރޯދަ ހިއްޕެވުމުން ޙަދީޘްކުރެއްވިއެވެ. “އިއްޔެ (އެބަހީ: ބުރާސްފަތި ދުވަހު) ރޯދައަށް ހުންނެވިން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. ނޫނެކެވެ. ދެން ޙަދީޘްކުރެއްވިއެވެ. “މާދަމާ (އެބަހީ: ހޮނިހިރު ދުވަހު) ރޯދައަށް ހުންނަވާނަން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(މިއަދުގެ) ރޯދަ ދޫކޮށްލައްވާށެވެ.” [2]

“މާދަމާ (އެބަހީ: ހޮނިހިރު ދުވަހު) ރޯދައަށް ހުންނަވާނަން ހެއްޔެވެ؟” މިފަދައިން އެކަލޭގެފާނު ޙަދީޘްކުރެއްވުމުން ދަލީލު ލިބެނީ ހުކުރު ދުވަހާއެކު ހޮނިހިރު ދުވަހު ރޯދަ ހިފިދާނެކަމެވެ.


ތިންވަނަ ޙާލަތު: ޝަރުޢުކުރައްވާފައިވާ ރޯދަތަކެއް ހޮނިހިރު ދުވަހުގައި ހިފުން


މިސާލަކަށް ހަނދުމަހުން ތިންދުވަހު ހިފާ ރޯދައާއި ޢަރަފާތްދުވަހުގެ ރޯދައާއި ޢާޝޫރާ ދުވަހުގެ ރޯދައާއި ރަމަޟާންމަހުގެ ރޯދަ ހިފި މީހަކު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމާ އަދި ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމެވެ. ފަހެ އެފަދައިން ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެފަދަ މީހަކު ރޯދަ އެހިފަނީ އެއީ ހޮނިހިރު ދުވަހަށްވުމުންނެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެފަދަ މީހަކު ރޯދަ އެހިފަނީ އެދުވަސްތަކަކީ ރޯދަހިފުން ޝަރުޢުކުރައްވާފައިވާ ދުވަސްތަކަކަށްވާތީއެވެ.


ހަތަރުވަނަ ޙާލަތު: ޢާދަކޮށް ހިފަމުން ދިޔަ ރޯދައަކާ ހޮނިހިރު ދުވަސް ދިމާވުން


މިސާލަކަށް ދެދުވަހުން އެއްދުވަހު ރޯދަހިފަމުންދާ މީހަކާ ހޮނިހިރު ދުވަސް ދިމާވެއްޖެނަމަ ފަހެ އެދުވަހުގައި ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އެހެނީ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ރޯދަ ހިފުން ނަހީކުރައްވަމުން ނަބިއްޔާ صلى الله عليه وسلم އެކަމުން އިސްތިޘްނާކުރައްވާފައިވަނީ އާދައިގެ މަތިން ރޯދަ ހިފަމުންދާ މީހުންނެވެ. އެފަދަ މީހަކަށް އެފަދަ ދުވަހެއްގައިވެސް ރޯދަ ހިފިދާނެއެވެ. މިއީވެސް ހަމަ އެފަދަ ކަމެކެވެ.


ފަސްވަނަ ޙާލަތު: (އެއްވެސް ސަބަބަކާ ނުލައި) ހަމައެކަނި ސުންނަތް ރޯދައެއް އެދުވަހު ހިފުން


މިކަމުގައި އައިސްފައިވާ ޙަދީޘް ޞައްޙަނަމަ މިއީ ނަހީކުރައްވާފައިވާ ކަމެކެވެ.

މިކަމުގައި ވާރިދުވެފައިވާ ޙަދީޘަކީ އަންނަނިވި ޙަދީޘެވެ.

«لَا تَصُومُوا يَوْمَ السَّبْتِ إِلَّا فِيمَا افْتُرِضَ عَلَيْكُمْ» [أخرجه أبو داود برقم: (1726) وصححه الألباني في صحيح أبي داود برقم: (2092) وأخرجه غيره أيضا]

މާނައީ: “ފަރުޟު ރޯދައެއް ފިޔަވައި ހޮނިހިރު ދުވަހު ނުހިފާށެވެ.”

މިޙަދީޘަށް ބުރަވެވަޑައިގެން ޝައިޚު ނާޞިރުއްދީން އަލްއަލްބާނީ رحمه الله ދެކެވަޑައިގަންނަވަނީ ފަރުޟުރޯދަތައް ފިޔަވައި އެހެން ރޯދައެއް އެދުވަހުގައި ނުހިފުމަށެވެ. [3]

އެހެނަސް ފަރުޟު ރޯދަތައް ފިޔަވައި އެހެން ރޯދަތައްވެސް އެކި ޙާލަތްތަކުގައި ހޮނިހިރު ދުވަހު ހިފިދާނެކަމަށް އެހެނިހެން ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ. މިގޮތަށް ބުރަވެވަޑައިގަންނަވާ ބައެއް ޢިލްމުވެރިންގެ ތެރޭގައި އަބޫ ޖަޢުފަރު އައްޠަޙާވީއާއި [4] އިބްނު ޤުދާމާއާއި [5] އައްނަވަވީއާއި [6] އިބްނުލް ޤައްޔިމު [7] رحمهم الله ހިމެނިވަޑައިގަންނަވައެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝައިޚު ޢުޘައިމީން رحمه الله ވެސް އިޚްތިޔާރުކުރައްވާފައިވަނީ މިބަސްފުޅެވެ. [8]



4. ރަމަޟާންމަހުގެ ޤަޟާ ރޯދައެއް އެދުވަހު ހިފައިފިއްޔާ ޢަރަފާތު ދުވަހުގެ ރޯދައިގެ ޘަވާބު ލިބޭނެ ހެއްޔެވެ؟


ޤަޟާ ރޯދަ ހިފުމުން ޢަރަފާތް ދުވަހުގެ ރޯދައިގެ ޘަވާބު ލިބޭނެކަމަށް އުންމީދުކުރެވެއެވެ. [9]



5. ޢަރަފާތު ދުވަހު ކުރުމަށް އެންމެ ރަނގަޅީ ކޮން ދުޢާއެއް ހެއްޔެވެ؟


ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» [رواه الترمذي برقم: (3585) وحسنه الألباني في صحيح الترغيب والترهيب برقم: (1536)]

މާނައީ: “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި  ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންވެސް އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ المُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިދުޢާއެވެ.”

ޙައްޖުވެރިން އެދުވަހުގައި ގިނައިން ދުޢާކުރުމަށް ސަމާލުކަންދޭން ވާނެއެވެ. އަދި އެހެނިހެން މުސްލިމުންވެސް އެދުވަހު ދުޢާކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުން އެދެވިގެންވެއެވެ. [10]



[1] ބައްލަވާ: مجموع فتاوى ورسائل للعثيمين (20/57 – 58).

[2] ބައްލަވާ: صحيح البخاري، رقم الحديث: (1986)

[3] ބައްލަވާ: تمام المنة للألباني (ص: 406).

[4] ބައްލަވާ: شرح معاني الآثار للطحاوي (2/80).

[5] ބައްލަވާ: المغني لابن قدامة (3/171).

[6 ބައްލަވާ: المجموع للنووي (6/440).

[7] ބައްލަވާ: زاد المعاد لابن القيم (2/76).

[8] ބައްލަވާ: مجموع فتاوى ورسائل للعثيمين (20/57 – 58).

[9] ބައްލަވާ: مجموع فتاوى ورسائل للعثيمين (20/48).

[10] ބައްލަވާ: المغني لابن قدامة (2/296).

Categories
ދީނީ ލިޔުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން


إن الحمد لله نستعينه ونستغفره، ونعوذ بالله من شرور أنفسنا وسيئات أعمالنا، فمن يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله، وأشهد أن محمدا عبده ورسوله.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴾  [1]

﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا﴾  [2]

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا [٧٠] يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا [٧١]﴾ [3] [4]

أما بعد، فإن خيرَ الحديثِ كتابُ الله، وخيرَ الهدىِ هدىُ محمدٍ، وشرَّ الأمورِ محدثاتُها، وكلَّ بدعةٍ ضلالةٌ. [5]



* ﷲ ސުބުޙާނަހޫ ވަތަޢާލާ، ބައެއް ރަށްތައް އެހެނިހެން ރަށްތަކުގެ މައްޗަށް މާތްކުރެއްވި ފަދައިން، އަދި ބައެއް އިންސާނުން އެހެނިހެން އިންސާނުންގެ މައްޗަށް މާތްކުރެއްވި ފަދައިން، އެއިލާހުވަނީ ބައެއް ދުވަސްތައްވެސް އެހެނިހެން ދުވަސްތަކުގެ މައްޗަށް މާތްކުރައްވާފައެވެ. ފަހެ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮކަމުން ފުރިގެންވާ މޫސުމެކެވެ.

* ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.  

«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللهِ مِنْ هَذِهِ الْأَيَّامِ». [6]

މާނައީ: “މި ދިހަ ދުވަހަށްވުރެ ބޮޑަށް، ﷲގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ.”

އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ ބޮޑަށެވެ.



ރަމަޟާންމަހުގެ ފަހު ދިހައަށްވުރެވެސް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަން ބޮޑު ހެއްޔެވެ؟


* ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ އަރިހުގައި މި ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ.

“ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް، ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަށް ވުރެ މަތިވެރިވެގެންވެއެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ރޭތަކަށްވުރެ މަތިވެރިވެގެންވެއެވެ.” [7]

* ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ދަރިވަރެއްކަމުގައި އިބްނުލް ޤައްޔިމު رحمه الله ‘ބަދާއިޢުލް ފަވާއިދު’ އޭ ކިޔުނު ފޮތުގައި މިކަމާ ބެހޭގޮތުން ވިދާޅުވިއެވެ.

“ވިސްނުންތެރިއަކު މިކަމާމެދު ވިސްނާލައިފިނަމަ މިޖަވާބަކީ – އެބަހީ: ޝައިޚުލް އިސްލާމް އެދެއްވާފައިވާ ޖަވާބަކީ – ހިތުގައިވާ ސުވާލުތަކަށް ޖަވާބު ލިބޭ އަދި ފުދޭ ޖަވާބެއްކަމުގައި ފެނިގެންދާނެއެވެ. އެހެނީ ޢަމަލުތައް ކުރެވޭ ދުވަސްތަކުގެ ތެރޭގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެދުވަސްތައްވަރުގެ ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ. ފަހެ އެދުވަސްތަކުގައި ޢަރަފާތް ދުވަހާއި ނަޙްރުގެ ދުވަހާ އަދި ތަރްވިޔާގެ ދުވަސްވެއެވެ. – އެއީ ޙައްޖުމަހުގެ 8 ، 9 ، 10 އެކެވެ. – އަދި ރަމަޟާންމަހުގެ ފަހު ދިހަ ރެއާމެދު ދަންނައެވެ. ފަހެ އެހުރިހާ ރެޔަކީވެސް ﷲގެ ރަސޫލާ صلى الله عليه وسلم (އަޅުކަމުގައި) އިޙްޔާކުރެއްވި ރޭތަކެކެވެ. އަދި އެރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށްވުރެ ހެޔޮ ރެއެއްވެސް ވެއެވެ. – އެއީ ލައިލަތުލް ޤަދްރިއެވެ. – މިސުވާލުގައި މިނޫން ޖަވާބެއްދެއްވައިފި ބޭކަލަކަށް މިކަމުގައި ޞައްޙަ ދަލީލުތަކެއް ނުގެނެވޭނެއެވެ.” [8]



ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ކުރަންވީ ކޮން ޢަމަލުތަކެއް ހެއްޔެވެ؟


ޖުމްލަގޮތެއްގައި ދަންނަވާނަމަ ހުރިހާ ހެޔޮ ޢަމަލުތަކެއްވެސް މިދުވަސްވަރުގައި އިތުރުކުރުން އެދެވިގެންވެއެވެ.

ތާބިޢީ ބޭކަލެއްކަމުގައިވާ ސަޢީދު ބިން ޖުބައިރު رحمه الله ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގައި ހެޔޮ ޢަމަލުތައް ކުރުމުގައި ގަދައަޅައި މަސައްކަތްކުރެއްވިއެވެ. އެކަލޭގެފާނަށްވީ އެންމެ ބޮޑަށް މަސައްކަތްކުރައްވައެވެ. އަދި އެދިހަ ރޭގައި އަޅުކަންކުރުމުގެ މައްޗަށް އެކަލޭގެފާނު ބާރުއެޅުއްވިއެވެ. އަދި ވިދާޅުވެއެވެ. “ޙައްޖުމަހުގެ ފުރަތަމަ ދިހަރޭގައި ތިޔަބައިމީހުންގެ ބައްތިތައް ނިވާނުލާށެވެ.” [9] މީގެ ތެރެއިން ބައެއް ހެޔޮ ޢަމަލުތަކަށް އެދުވަސްވަރުގައި އިތުރު ސަމާލުކަމެއް ދިނުމަށް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުގައި އެކަލޭގެފާނުވަނީ ބާރު އަޅުއްވާފައެވެ.


ފުރަތަމައީ: ޛިކުރުކުރުމާއި ޤުރުއާން ކިޔެވުމާއި ތަކުބީރު ކިޔުން އިތުރުކުރުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންކުރައްވާފައިވާ ޙަދީޘެއްގައި އައިސްފައިވެއެވެ.  

«مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ، وَالتَّكْبِيرِ، وَالتَّحْمِيدِ» [10]

މާނައީ: “މި ދިހަ ދުވަހަށްވުރެ ބޮޑަށް، ﷲގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތައް މަތިވެރިވެގެންވާ އަދި ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ މިދުވަސްތަކުގައި ގިނަގިނައިން ތަހުލީލު ކިޔައި ތަކުބީރު ކިޔައި އަދި ތަޙްމީދު ކިޔާށެވެ.”

التَّهْلِيل ކިޔުމަކީ: لا إله إلا الله ކިޔުމެވެ.

التَّكْبِير ކިޔުމަކީ:  الله أكبرކިޔުމެވެ.

التَّحْمِيد ކިޔުމަކީ:   الحمد لله ކިޔުމެވެ.

އިބްނު ޢުމަރު رضي الله عنهما އާއި އަބޫ ހުރައިރާ رضي الله عنه ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހުގައި، ބާޒާރު މައްޗަށް ނުކުމެވަޑައިގެން ތަކްބީރު ވިދާޅުވެއެވެ. އަދި މީސްތަކުންވެސް އެދެބޭކަލުން ތަކުބީރު ކިޔާ އަޑު އިވުމުން ތަކުބީރު ކިޔައެވެ. [11]

އަދި ތާބިޢީންގެ ތެރެއިން މައިމޫން ބުން މަހްރާން رحمه الله ވިދާޅުވިއެވެ. “(ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަހުގައި މީސްތަކުން ތަކުބީރު ކިޔަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެބައިމީހުން ތަކުބީރު ކިޔާލެއް ގިނަކަމުން ތިމަންކަލޭގެފާނަށް އެ ސިފަވަނީ ރާޅުބާނި ތަކެއް ގޮތަށެވެ.” [12]


ތަކުބީރު ކިޔާ ގޮތް

އެދުވަސްވަރުގައި ދެގޮތަކަށް ތަކުބީރު ކިޔުން އެދެވިގެންވެއެވެ. އެއީ: މުޠުލަޤު ތަކުބީރާއި މުޤައްޔަދު ތަކުބީރެވެ.

މުޠުލަޤު ތަކުބީރު: އެއީ ޙައްޖަމަހުގެ ހަނދު ފެނުނީއްސުރެ އައްޔާމުއް ތަޝްރީޤުގެ ތިންވަނަ ދުވަހުގެ އިރުއޮއްސިއްޖައުމަށް ދާންދެން ކިޔާ ތަކުބީރެވެ. ގޭގައާއި މަގުމަތީގައްޔާއި މިސްކިތުގައި އަދި އެނޫން ތަންތަނުގައިވެސް އެދުވަސްތަކުގައި ތަކުބީރު ކިޔުން ގިނަކުރުން އެދެވިގެންވެއެވެ.

މުޤައްޔަދު ތަކުބީރު: އެއީ ނަމާދުތަކަށް ފަހުގައި ކިޔާ ތަކުބީރެވެ. މިތަކުބީރު ކިޔާނީ ދެގޮތަކަށެވެ.

– ޙައްޖުވެރިން ފިޔަވާ އެހެނިހެން މީސްތަކުން އެ ތަކުބީރު ކިޔާނީ: ޢަރަފާތު ދުވަހުގެ ފަތިސްނަމާދުން ފަށައިގެންނެވެ. އަދި ނިންމާނީ އައްޔާމުއް ތަޝްރީޤުގެ ތިންދުވަހުގެ ފަހުދުވަހު ޢަޞުރު ނަމާދަށް ފަހު ތަކުބީރު ކިޔުމަށް ފަހުގައެވެ.

– ޙައްޖުވެރިން އެ ތަކުބީރު ކިޔާނީ: ޢީދު ދުވަހުގެ މެންދުރު ނަމާދުން ފަށައިގެންނެވެ. އަދި ނިންމާނީ އައްޔާމުއް ތަޝްރީޤުގެ ތިންދުވަހުގެ ފަހުދުވަހު ޢަޞުރު ނަމާދަށް ފަހު ތަކުބީރު ކިޔުމަށް ފަހުގައެވެ.


ތަކުބީރުގެ ޞީޣާ

ތަކުބީރު ކިޔުމުގައި ޞަޙާބީ ބޭކަލުންގެ ކިބައިން އެކި ޞީޣާތައް ވާރިދުވެފައިވެއެވެ. އެގޮތުން އަންނަނިވި ޞީޣާއަކީ ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން ޞައްޙަ މަގުން ވާރިދުވެފައިވާ ޞީޣާއެކެވެ.

عَنْ أَبِي الْأَحْوَصِ، عَنْ عَبْدِ اللَّهِ – أي: ابن مسعود – “أَنَّهُ كَانَ يُكَبِّرُ أَيَّامَ التَّشْرِيقِ: اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، اللَّهُ أَكْبَرُ، وَلِلَّهِ الْحَمْدُ” [13]

މާނައީ: “އަލްއަޙްވަޞްގެ އަރިހުން ރިވާވެގެންވެއެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ޢަބްދުﷲ ބުން މަސްޢޫދު އަންނަނިވި ތަކުބީރުކިޔުއްވައެވެ. اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، اللَّهُ أَكْبَرُ، وَلِلَّهِ الْحَمْدُ “


ދެވަނައީ: އުޟުޙިޔާ ކަތިލުން

އުޟުޙިޔާގެ ތަޢާރުފު

ޢަރަބި ބަހުގައި: أضحية މިލަފުޒު ނެގިފައިވާ މައިގަނޑު ކަލިމައަކީ ضَحْوَة އެވެ. މާނައަކީ އިރު އެރުމަށްފަހު އޮންނަ ދުވާލުގެ ވަގުތެވެ.

ޢަރަބި ބަހުގައި އުޟްޙިޔާއަށް أُضْحِيَّة ، إضْحِيَّة ، ضَحِيَّة އަދި أضْحاة ކިޔައެވެ. ލުޣަވީ ގޮތުން الأُضْحِيَّةُ ކިޔަނީ އަޟްޙާ ޢީދު ދުވަހު ކަތިލާ ކަންބަޅިއަށެވެ. އެއީ ޟުޙާ ވަގުތަށް ނިސްބަތްކޮށްފައެވެ. [14]

ޢިލްމުވެރީންގެ އިސްތިލާހުގައި:أضحية އަކީ ﷲ تعالى އަށް ކުއްތަން ވުމުގެ ގޮތުން ނަޢަމްސޫފީގެ ބާވަތްތައް أيام النحر ގެ ދުވަސްތަކުގައި ޚާއްސަ ޝަރުޠުތަކަކާއެކު ކަތިލުމެވެ. [15]

أيام النحر ގެ ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަވަނަދުވަހުން ފެށިގެން ތޭރަވަނަ ދުވަހުގެ އިރުއޮއްސުމުގެ ނިޔަލަށެވެ.


އުޟުހިޔާ ކަތިލުން ޝަރުޢުކުރައްވާފައިވާކަމުގެ ދަލީލު

ކީރިތި ޤުރުއާނުން:

﴿فَصَلِّ لِرَبِّكَ وَانْحَرْ﴾ [16]  

“ފަހެ ކަލޭގެފާނުގެ ރައްބަށް ނަމާދުކޮށް ޤުރުބާން ކުރައްވާށެވެ.”

މިއާޔަތުގައި انحر މިކަލިމައިގެ މުރާދަކީ ޤުރުބާންކަތިލުން ކަމަށް ابن عباس – رضي الله عنهما –  ގެ އަރިހުންނާއި އަދި قتادة – رحمه الله – ގެ އަރިހުން حسن ދަރަޖައަށް ދާފަދަ ސަނަދަކުން ابن جرير الطبري – رحمه الله – ރިވާކުރައްވާފައި ވެއެވެ. [17]


رسول الله صلى الله عليه وسلمގެ ސުންނަތުން:

އިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. އަނަސްގެފާނު رضي الله عنه  ވިދާޅުވިއެވެ.

«…وَضَحَّى بِالْمَدِينَةِ كَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ» [18]

މާނައީ: “އަދި ދަޅުފަޅާފައިވާ ދެ أملح ކަންބަޅި ބަކަރި، އެކަލޭގެފާނު މަދީނާގައި ކަތިލެއްވިއެވެ.”

أملح ގެ މާނައަކީ އެއްޗެއްގައި ކަޅުކުލައަށް ވުރެއް ހުދު ކުލަ ގިނަވުމުވެ.


ޢިލްމުވެރިންގެ އިޖުމާއުން:

أضحية ކަތިލުމަކީ ދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެއް ކަމުގައި ޢިލްމުވެރިންވަނީ އިޖުމާޢު ވެވަޑައިގެންފައިވެއެވެ. [19]


އުޟުޙިޔާއެއްގެ ގޮތުގައި ކަތިލުން ހުއްދަކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ބާވަތްތައް

އުޟްޙިޔާގެ ގޮތުގައި ބަކަރިއާއި ކަންބަޅި ބަކަރިއާއި ގެރިއާ އަދި ޖަމަލު ކަތިލެވިދާނެކަމަށް ޖުމްލަގޮތެއްގައި ހުރިހާ މަޛްހަބެއްގެ ޢިލްމުވެރިންވެސް އިއްތިފާގެ ވެވަޑައިގަންނަވައެވެ. [20] [21]

މިކަމާ ބެހޭގޮތުން ޒާދުލް މަޢާދުގައި ހަދުޔާއި އުޟްޙިޔާއާއި އަދި ޢަޤީޤާ ކަތިލުމާއި ބެހޭ فصل ގައި ابن القيم – رحمه الله – ވިދާޅުވެފައިވެއެވެ.

“އަންޢާމު ސޫރަތުގައި ޛިކުރު ކުރައްވާފައިވާ އަށް ވައްތަރުގެ (ނަޢަމްސޫފިއަށް) މިކަން ޚާއްޞަ ވެގެންވެއެވެ. އެކަލޭގެފާނު صلى الله عليه وسلم އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ އަރިހުން ހަދުޔާއި އުޟްޙިޔާއާ އަދި ޢަޤީޤާ ކަތިލުމުގައި މިނޫން ބާވަތަކުން ކަތިލެއްވިކަން އެނގޭކަށް ނެތެވެ.” [22]

އަންޢާމު ސޫރަތުގައި ޛިކުރު ކުރައްވާފައިވާ އަށް ވައްތަރަކީ ބަކަރިއާއި، ކަންބަޅިއާއި، ގެރިއާއި، އަދި ޖަމަލު، މިއިން ކޮންމެ ބާވަތެއްގެ ފިރިހެން އަދި އަންހެން ވައްތަރެވެ.

މިކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

﴿وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكاً لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأَنْعَامِ﴾ [23]

“އަދި ކޮންމެ އުންމަތަކަށްވެސް ޤުރުބާންކުރާނެ ތަނަކާއި ވަގުތެއް ތިމަން އިލާހު ލެއްވީމެވެ. އެއީ އެބައިމީހުންނަށްޓަކައި ނިޢުމަތެއްގެ ގޮތުގައި ނަޢަމުސޫފި ރިޒްޤުކުރެއްވި ކަމަށްޓަކައި އެބައިމީހުން ﷲގެ އިސްމުފުޅު ޛިކުރުކުރުމަށެވެ.”


* އެހެންކަމުން ކުޅަދާނަކަން ލިބިފައިވާމީހާ އުޟްޙިޔާ ކަތިލަންވާނެއެވެ.

* އަދި އުޟްޙިޔާ ކަތިލުމަށް ޤަޞްދުކުރާ މީހާ ޙައްޖުމަސް ފެށުމުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ވެއެވެ. އެއީ ނިޔަފަތި ކެނޑުމާއި ހަށިގަނޑުން ހަމާއި އިސްތަށި ވަކިކުރުމުން ދުރުހެލިވުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا دَخَلَتِ الْعَشْرُ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ، فَلَا يَمَسَّ مِنْ شَعَرِهِ وَبَشَرِهِ شَيْئًا» [24]

މާނައީ: “އުޟްޙިޔާ ކަތިލުމަށް އެދޭ މީހާ ދަންނައެވެ. (ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަސް ފެށުމުން، އޭނާގެ އިސްތަށިތަކާއި ހަމުން އެއްވެސް މިންވަރެއް ވަކި ނުކުރާ ހުށިކަމެވެ.”   

«إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ» [25]

މާނައީ: “އުޟްޙިޔާ ކަތިލުމަށް އެދޭ މީހާ ދަންނައެވެ. ޛުލް ޙިއްޖާމަހުގެ ހަނދު ފެނުމުން، އިސްތަށި ވަކިކުރުމާއި ނިޔަފަތި ކެނޑުމުން ދުރުހެލިވާށެވެ.”

* އަދި އެއް ގެއެއްގައި ދިރިއުޅޭ އެއް ޢާއިލާއަކަށް އެއް އުޟްޙިޔާއިން ފުދޭނެއެވެ. އެފަދައިން ތިރުމިޛީ ރިވާކުރައްވާފައިވާ ޙަސަން ދަރަޖައަށްދާ ޙަދީޘެއްގައި ވެއެވެ.

عَن عُمَارَةُ بْنُ عَبْدِ اللَّهِ قَالَ: سَمِعْتُ عَطَاءَ بْنَ يَسَارٍ يَقُولُ: سَأَلْتُ أَبَا أَيُّوبَ الأَنْصَارِيَّ: كَيْفَ كَانَتِ الضَّحَايَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؟ فَقَالَ: «كَانَ الرَّجُلُ يُضَحِّي بِالشَّاةِ عَنْهُ وَعَنْ أَهْلِ بَيْتِهِ، فَيَأْكُلُونَ وَيُطْعِمُونَ». [26] 

މާނައީ: “ޢުމާރާ ބުން ޢަބްދުﷲ ވިދާޅުވިއެވެ. ޢަޠާއު ބުން ޔަސާރު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. އަބޫ އައްޔޫބު އަލްއަންޞާރީގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ.

ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރުގައި އުޟްޙިޔާ ކަތިލާ އުޅުއްވީ ކިހިނެތް ހެއްޔެވެ؟

ޖަވާބުގައި ވިދާޅުވިއެވެ.    ކޮންމެ ބޭކަލަކުވެސް އެބޭކަލަކާއި އެބޭކަލެއްގެ ޢާއިލާގެ ފަރާތުން އެއް ކަންބަޅި އުޟްޙިޔާގެ ގޮތުގައި ކަތިލައްވައެވެ. އަދި އެއިން ބައެއް ކައިފައި އަނެއް ބައި މީހުންނަށް ދީ އުޅުއްވިއެވެ.”


ތިންވަނައީ: ރޯދަހިފުން

މިދުވަސްތަކުގައި ރޯދަ ހިފުމަށް ބަލާލާއިރު، ވަކިން ޚާއްޞަކޮށް ޢަރަފާތު ދުވަހުގައި ރޯދަ ހިފުމަށް ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ» [27]  

މާނައީ: “ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

ސަޢީދު ބިން ޖުބައިރު رحمه الله ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ ޚާދިމުންވެސް ޢަރާފާތު ދުވަހުގެ ރޯދަހިފުމަށްޓަކައި ހާރުކެއުމަށް ހޭލައްވާށެވެ.” [28]

* އެހެންކަމުން ޙައްޖުމަހުގެ 9 ވަނަ ދުވަހު ރޯދަ ހިފުމަކީ ޘާބިތުވެގެންވާ އަދި ސުންނަތްވެގެންވާ ކަމެކެވެ.

* 10 ވަނަ ދުވަހަކީ ޢީދު ދުވަސްކަމުގައިވާތީ އެދުވަހުގައި ރޯދަ ނުހިފާނެއެވެ. އެއީ ޢީދު ދުވަހުގައި ރޯދަ ހިފުން ނަހީކުރައްވާފައިވާތީއެވެ.

* ދެން އޮތީ ޙައްޖު މަހުގެ ފުރަތަމަ 8 ދުވަހު ރޯދަ ހިފުމެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް އޮތްކަމުގައި ވިޔަސް، މިކަމުގައި ޞައްޙަ ބަސްފުޅަކީ މި ދުވަސްތަކުގައިވެސް ރޯދަ ހިފުން އެދެވިގެންވުމެވެ.

* މިކަމުގައި ޢިލްމުވެރިން ޚިލާފުވުމަށް މެދުވެރިވެފައިވާ ސަބަބަކީ ޢާއިޝާ رضي الله عنها ވިދާޅުވެފައިވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ނަބިއްޔާ صلى الله عليه وسلم ރޯދަ ހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައި ނުގަންނަވަމެވެ.

«مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَائِمًا الْعَشْرَ قَطُّ». [29]

މާނައީ: “(ޙައްޖުމަހުގެ ފުރަތަމަ) ދިހައެއްގައި ﷲގެ ރަސޫލާ صلى الله عليه وسلم ރޯދަ ހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ.”

* އެހެނަސް އެ ދުވަސްތަކުގައި ރޯދަހިފުމަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރިން އެފަދައިން ބުރަވެވަޑައިގަންނަވާ ސަބަބުތަކެއްވެއެވެ.

1- 9 ވަނަ ދުވަހު ރޯދަ ހިފުމަށް އެކަލޭގެފާނު ބާރު އަޅުއްވާފައިވާކަން ޞަޙީޙު މުސްލިމުގައި ޘާބިވެފައިވުން.

2- އާލާސްކަންފުޅެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން އެކަލޭގެފާނު ރޯދަ ނުހިއްޕެވުން އެކަށީގެންވުން. [30]

3- އެކަމަނާއަށް އެކަން ފެނިވަޑައިނުގަތުމަކުން ނުހިއްޕަވާކަމަށް ދޭހަނުވުން. [31]

4- މީސްތަކުންގެ މައްޗަށް އެކަން ފަރުޟުވެދާނެކަމުގެ ބިރަށް އެކަލޭގެފާނު އެކަން ދޫކޮށްލެއްވުން އެކަށީގެންވުން. [32]

5- އެދުވަސްތަކުގައި ހެޔޮ ޢަމަލުތައް އިތުރުކުރުމަށް އައިސްފައިވާ ޢާންމު ޙަދީޘްތަކުގައި ރޯދަވެސް ހިމެނިގެންވުން. [33]

ދުޢާއަކީ ﷲ ތާޢާލާ އަޅަމެންނަށް އެދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމުގެ ތައުފީޤު ދެއްވައި އެކަން ޤަބޫލުކުރެއްވުމެވެ.

وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.




[1] سورة آل عمران: 102

[2] سورة النساء: 1

[3] سورة الأحزاب: 70 – 71

[4] أخرجه أبو داود في سننه برقم: (2118) والترمذي في جامعه برقم: (1105)  والنسائي في المجتبى برقم: (1404) برقم: (3277) وابن ماجة في سننه برقم: (1892) (انظر: تفحة الأشراف للمزي (7/125) برقم: (9505)). وصححه الترمذي (الجامع للترمذي برقم: (1105)).

[5] أخرجه مسلم في صحيحه، كتاب: الجمعة، باب: تخفيف الصلاة والخطبة برقم: 43 – (867).

[6]  رواه أبو داود في سننه برقم: (2438) وصححه الألباني في صحيح سنن أبي داود برقم: (2107).

[7]  مجموع فتاوى لشيخ الإسلام ابن تيمية (25/287).

[8] بدائع الفوائد لابن القيم (3/162).

[9] لطائف المعارف (ص: 263).

[10] أخرجه أحمد في مسنده برقم: (5446)، وبرقم: (6154) وعبد بن حميد في منتخبه برقم: (807)، وأبو عوانة في مستخرجه برقم: (3024) والطحاوي في شرح مشكل الآثار برقم: (2971)، والطبراني في الدعاء برقم: (871)، كلهم عن ابن عمر رضي الله عنه، وفي المعجم الكبير برقم: (11116) عن ابن عباس رضي الله عنهما وصححه البوصيري في إتحاف الخيرة المهرة برقم: (2465) والمنذري في الترغيب برقم: (1782) والهيثمي في مجمع الزوائد برقم: (5932) وأحمد شاكر في تحقيقه للمسند برقم: (5446).

[11] رواه البخاري معلقا بصيغة الجزم (2/20).

[12] فتح الباري لابن حجر (9/9).

[13] أخرجه ابن أبي شيبة في مصنفه برقم: (5651) وصححه الألباني في الإرواء برقم: (654).

[14] الصحاح للجوهري (2/1750).

[15] أحكام الأطعمة لد.وليد (ص: 138-139).

[16] سورة الكوثر: 2.

[17] التفسير الصحيح لحكمة بشير (4/675).

[18] رواه البخاري برقم: (1712).

[19] المغني لإبن قدامة (11/94).

[20] ބައްލަވާ: فقه الإسلامي وهبة الزحيلى (4/2720).

[21] ބައްލަވާ: موسوعة الفقهية الكويتية (8/163).

[22] زاد المعاد لابن القيم (2/285).

[23] سورة الحج: 34.

[24] صحيح مسلم 39 – (1977).

[25] صحيح مسلم 41 – (1977).

[26] أخرجه الترمذي برقم: (1505) وقال: هذا حديث حسن صحيح، وحسن إسناده الأرنؤوط في تحقيقه لزاد المعاد (2/295).

[27] رواه مسلم برقم: 196 – (1162).

[28] حلية الأولياء لأبي نعيم (4/281) والسير (4/326).

[29] أخرجه أبو داود (2439) وصححه الألباني في السلسلة الصحيحة برقم: (2108).

[30] انظر: شرح صحيح مسلم للنووي (8/72).

[31] المصدر نفسه.

[32] انظر: فتح الباري لابن حجر (2/460).

[33] نيل الأوطار للشوكاني (4/283).

Categories
ދީނީ ލިޔުން

“އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.”

ތަމްހީދު:


ﷲ ތަޢާލާ ޚަބަރުދެއްވާފައިވާ ގޮތުގައި، ސުވަރުގެއަކީ ނަފްސުތައް އެދޭ އެދުންތައް އެތަނުގައި ލައްވާފައިވާ ތަނެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَفِيهَا مَا تَشْتَهِيهِ الْأَنفُسُ﴾ [سورة الزخرف ٧١]

“އަދި އެތަނުގައި ނަފްސުތައް އެދޭ ހުރިހާ އެއްޗެއް ވެއެވެ.”

އަދި ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޚަބަރުދެއްވަނީ ސުވަރުގެވަންތަވެރިން ކުރެ މީހަކު އެތަނުގައި ދަނޑު ގޮވާންކުރަން ބޭނުންވާނެކަމުގައެވެ. އޭނާ އެތަނުގައި އޮށެއް އިންދާއިރަށް ދަނޑުގޮވާންކުރުމުގެ ހުރިހާ މަރުޙަލާއެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމިގެން ދާނެއެވެ.  



ޙަދީޘްގެ ނައްޞު:


އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުގައި، ރަށްފުށު ހިސާބެއްގެ މީހަކު އިންނަވަނިކޮށް ޙަދީޘްކުރެއްވިއެވެ.  

((أَنَّ رَجُلًا مِنْ أَهْلِ الجَنَّةِ اسْتَأْذَنَ رَبَّهُ فِي الزَّرْعِ، فَقَالَ لَهُ: أَوَلَسْتَ فِيمَا شِئْتَ؟ قَالَ: بَلَى، وَلَكِنِّي أُحِبُّ أَنْ أَزْرَعَ، فَأَسْرَعَ وَبَذَرَ، فَتَبَادَرَ الطَّرْفَ نَبَاتُهُ وَاسْتِوَاؤُهُ وَاسْتِحْصَادُهُ وَتَكْوِيرُهُ أَمْثَالَ الجِبَالِ، فَيَقُولُ اللَّهُ تَعَالَى: دُونَكَ يَا ابْنَ آدَمَ، فَإِنَّهُ لاَ يُشْبِعُكَ شَيْءٌ))

މާނައީ: “ހަމަކަށަވަރުން ސުވަރުގޭގެ އަހުލުވެރިންކުރެ މީހަކު ދަނޑު ގޮވާންކުރުމުގެ ހުއްދައަށް އޭނާގެ ރައްބުގެ ޙަޟްރަތުން އެދިއްޖެއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ. ތިބާ ބޭނުންވިހާ އެއްޗެއް ނުލިބޭ ހެއްޔެވެ؟ އެމީހާ ދަންނަވައިފިއެވެ. ނޫނެކެވެ. އެހެނަސް ތިމަން ވަރަށް ދަނޑުހައްދާ ހިތްވެއެވެ. (ދެން އެމީހާއަށް އެކަންކުރުމަށް އިޛުނަދެއްވުމުން) އޭނާ އެތަނުގައި އަވަސްއަވަހަށް އޮށްތައް އުކައިފިއެވެ. ފަހެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް އެސްފިޔަވެސް ޖަހާނުލެވެނީސް އެގަސްތައް ކުރިފަޅައި، ބޮޑުވުމުން، އެކަނޑައި ފަރުބަދަތަކެއްހާ ގިނަ ތަކެތި އެއިން ޖަމާވެއްޖެއެވެ. ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.”

އެތަނުގައި އިން ރަށްފުށު ހިސާބުމީހާ ދަންނަވައިފިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ތިޔަ ވާނީ ޤުރައިޝުން ނުވަތަ އަންޞާރުން ކުރެ ބޭކަލަކަށެވެ. އެހެނީ އެއީ ދަނޑުވެރި ބޭކަލުންތަކެކެވެ. ފަހެ ތިމަން ބޭކަލުންނާމެދު ދަންނައެވެ. ތިމަން ބޭކަލުން ދަނޑު ހައްދާ ނޫޅުއްވަމެވެ.”

ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަމާ ހިނިވަރުނަކުރެއްވިއެވެ.



ޙަދީޘްގެ ތަޚްރީޖު:


އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރެއްވިއެވެ.

كتاب التوحيد، باب كلام الرب مع أهل الجنة، ورقمه: 7519. وانظره في كتاب المزارعة ورقمه: 2348.



ޙަދީޘްގެ ބައެއް ލަފްޒުތަކުގެ މާނަ:


بَذَرَ (އޮށްތައް އުކައިފިއެވެ.) : ބިންމައްޗަށް އޮށްތައް އުކައިފިއެވެ.

فَتَبَادَرَ الطَّرْفَ (ފަހެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް އެސްފިޔަވެސް ޖަހާނުލެވެނީސް) :  އެ ބޮޑުވެ، އޭނާއަށް އެ ކަނޑާ މަރުޙަލާތައް ރަނގަޅަށް ނުވެސް ފެންނަނީސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަން ނިމިއްޖެއެވެ.

دُونَكَ (އޭގައި ހިފާށެވެ.)



ޙަދީޘްގެ ޝަރަޙަ:


އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުގައި ރަށްފުށު ހިސާބެއްގެ މީހަކު އިންނަވަނިކޮށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.  

ހަމަކަށަވަރުން ސުވަރުގޭގެ އަހުލުވެރިންކުރެ މީހަކު ދަނޑު ގޮވާންކުރުމުގެ ހުއްދައަކަށް އޭނާގެ ރައްބުގެ ޙަޟްރަތުން އެދިއްޖެއެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ. ތިބާ ބޭނުންވިހާ އެއްޗެއް ނުލިބޭ ހެއްޔެވެ؟ ތިބާ ބޭނުންވާހާ އެއްޗެއް އަދި އެދޭހާ އެއްޗެއް ކުރިމަތީގައި ނުވޭ ހެއްޔެވެ. އެމީހާ އެކަމަށް އިޤުރާރުވިއެވެ. އެހެނަސް އެއާއެކުވެސް އޭނާ ހަމަ ދަނޑުހައްދާ ހިތްވަނީ އެވެ.  

އެމީހާއަކީ ދުނިޔަވީ ޙަޔާތުގައި ދަނޑު ހެއްދުމުގައި އުޅުނު މީހަކަށް ވުމުން އެކަންކުރާ ހިތްވީ ކަމުގައިވެދާނެއެވެ. އެހެނީ ވަރަށް ގިނަމީހުން އެމީހުން ކުޑައިރުއްސުރެ ކުރާކަމެއް ނުވަތަ ޒުވާން ދުވަސްވަރު ކުރާ ކަންތައްތައް ކުރާހިތް ވެދާނެއެވެ.

ދެން އެމީހާއަށް އެކަންކުރުމަށް އިޛުނަދެއްވުމުން، ފަހެ އޭނާ ސުވަރުގޭގެ ބިމުގައި އޮށް އިންދައިފިއެވެ. އިސާހިތަކު އެއޮށްތަކުން ގަސްފަޅައިފިއެވެ. އަދި ގަސްގަނޑު ނުކުމެ ދޮންވެ ފައްކާވެއްޖެއެވެ. އަދި ގޮވާންކެނޑޭވަރު ވެއްޖެއެވެ. އަދި އެކަނޑައި ފަރުބަތަކެއްހާ ގިނަ ތަކެތި އެއިން ޖަމާވެއްޖެއެވެ.

ދުނިޔޭގެ ދަނޑުތައް ހެއްދުމަށް ވަރަށް ގިނަ މަރުޙަލާތަކާއި ވަގުތު ބޭނުންވެއެވެ. އެހެނަސް ސުވަރުގޭގައި އެފަދަ ބުރައެއް އުފުލާކަށް ނުޖެހޭނެއެވެ.

ދެން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! އޭގައި ހިފާށެވެ. ފަހެ ތިބާގެ ހިތެއް ނުފުރޭނެއެވެ.”

ފަހެ އެތަނުގައި އިން ރަށްފުށު ހިސާބުމީހާއަށް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެއިވުނު ވާހަކަތަކާމެދު ދަންނަވައިފިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިޔަ ވާނީ ޤުރައިޝުން ނުވަތަ އަންޞާރުން ކުރެ ބޭކަލަކަށެވެ. އެހެނީ އެއީ ދަނޑުވެރި ބޭކަލުންތަކެކެވެ. އެބޭކަލުން ވަރަށް އެކަން ކުރާ ހިތްވާނެއެވެ. އެހެނަސް އެ ރަށްފުށު ހިސާބުމީހާއާއި އޭނާގެ ޤައުމުގެ މީހުންނަކީ ދަނޑު ހައްދާ ބައެއް ނޫނެވެ. ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަމާ ހިނިވަރުނަކުރެއްވިއެވެ.

ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ މަޖިލީހުގައި އެކިޔައިދެއްވި ވާހަކައަކީ އެމަޖިލީހަށް އުފާވެރި ޖައްވެއް ގެނެސްދިން ވާހަކައެކެވެ. ފަހެ އެއީ ވަރަށް ހެއްވާ އަދި މަޖާވެސް ވާހަކައެކެވެ. އަދި އެ ރަށްފުށު މީހާ އެވާހަކައަށް އިތުރުކޮށްލި ތަންކޮޅަކީ އެކަމާމެދު ރަސޫލާ  صلى الله عليه وسلم ވެސް ހިނިވަރުނަކުރެއްވިކަމެކެވެ. އަދި އެކަމާ މެދު އެކަލޭގެފާނުގެ އުފާވެރިކަންވެސް އިތުރުވެގެން ދިޔައެވެ.



ޙަދީޘްގައިވާ ޢިބުރަތްތަކާއި ފައިދާތަކާއި ޙުކުމްތައް:


1- ސުވަރުގޭގައި އަޅާގެ ހިތާއި ނަފްސު އެދޭ ހުރިހާކަމެއް ވެއެވެ. ފަހެ އެމީހާ ސުވަރުގޭގައި އެދުނީ ދަނޑުގޮވާން ކުރާށެވެ. ފަހެ އެމީހާގެ އެދުމަށް ﷲ ތަޢާލާ އިޖާބަދެއްވާ އޭނާއަށް އެކަން ދެއްވިއެވެ.  

2- ހެޔޮކަން އިތުރުކުރުމީ ފިޠުރީ ގޮތުންވެސް ނަފްސުތަކުގައިވާ ޞިފައެކެވެ. ސުވަރުގޭގައިވެސް އެކަން ހިނގާނެއެވެ. އެމީހާ އެހުރި ހެޔޮކަމާއެކުވެސް އެމީހާ ބޭނުންވާނީ ދަނޑުގޮވާންކުރާށެވެ.

3- ސުވަރުގޭގައި ދަނޑު ހެއްދުމަށް ދުނިޔޭގައި ބޭނުންވާ ފަދައިން މާ ގިނަ އިރުތަކެއް ނުވެއެވެ. އަދި އެތަނުގައިވާ ގަސްތަކުގެ މޭވާވެސް އެފަދައެވެ. ފަހެ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއިން މޭވާ ކެނޑުމުން އެގަސްތަކުގެ ގޮފީގައި ކުރިން ހުރި މޭވާ ފަދައިން ވަގުތުން މޭވާ އަޅައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ هَـٰذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ﴾ [سورة ص ٥٤]

މާނައީ: “ހަމަކަށަވަރުން މިއީ ތިމަންއިލާހު ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއް ނުވެއެވެ.”   

4- ސުވަރުގޭގެ އަހުލުވެރިންގެ ޙަޔާތުގައި ވަރަށް އުފާ އަދި މަޖާ ކަންތައްތައް ހިނގާނެއެވެ. އަދި އެވާހަކަތައް އަޑުއަހާ މީހަކަށްވެސް އެކަމުން އުފާވެރިކަން ލިބިގެންދާނެއެވެ.

5- ރަސޫލާ صلى الله عليه وسلم ގެ މަޖްލިސްތަކަކީ އެކިއެކި އުފާވެރި ވާހަކަތައް ދެކެވުނު މަޖިލިސްތަކެކެވެ. އަޑުއަހާ މީހުންނަށްވެސް އެއިން އުފާވެރިކަން ލިބިގެންދެއެވެ. އެކަލޭގެފާނު އެމަޖްލިސްތަކުގައި ހިނިވަރުނަކޮށް އުޅުއްވިއެވެ.

6- ބައެއް ފަލްސަފާވެރިންނާއި ނަޞާރާއިން ދަޢުވާ ކުރާ ގޮތުގައި ސުވަރުގޭގެ ޙަޔާތަކީ މާއްދީ ހުރިހާ ކަމަކުން ދުރުވެގެންވާ ރޫޙާނީ ޙަޔާތެކެވެ. އެހެނަސް އެއީ ތެދުވާހަކައެއް ނޫނެވެ. ސުވަރުގޭގެ އަހުލުވެރިން ކައިބޮއި ހަދާނެއެވެ.

7- ސުވަރުގޭގައި ﷲ ތަޢާލާގެ އަޅުތަކުން އެއިލާހާ ވާހަކަ ދައްކާނެއެވެ. އަދި އެއިލާހުވެސް އެބައިމީހުންނަށް ބަސްވަޙީކުރައްވާނެއެވެ. އެއީ މިޙާދިޘާގައި ދަނޑުގޮވާންކުރަން އެދުނުމީހާ ވާހަކަދެއްކި ފަދައިންނެވެ.


މަޞްދަރު: قصص الغيب في صحيح الحديث النبوي